"ސިޔާސީ ލީޑަރުން ހައްޔަރު ކުރުމުގެ ތައްޔާރީތައް ފަށައިފި"

"ސިޔާސީ ލީޑަރުން ހިފާ ހައްޔަރު ކުރަން ތައްޔާރުވަމުން އެދަނީ. އަދި އެހިސާބަކުން ނުނިމޭ. ފަނޑިޔާރުންނާ ހިސާބަށް ވެސް ދާނެ. ޕޮލިސް ކޮމިޝަނަރުން ވެސް ގެންގޮސް ހައްޔަރު ކުރާނެ. މިނިވަން މުއައްސަސާތައް މުށުތެރެޔަށް ލާނެ،"

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ސިޔާސީ ލީޑަރުން ހިފާ ހައްޔަރު ކުރަން ސަރުކާރުން ތައްޔާރު ވަމުންދާ ކަމަށް ވަނީ ވިދާޅުވެފައި --

އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓުންތަކެއްގެ ކެމްޕޭނު ޖަލްސާއެއްގައި ރޭ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެކި ގޮތް ގޮތުން ސަރުކާރުން ހުރަސްތައް އަޅަމުންދާ ކަމަށެވެ. އެކަމާހުރެ ސިޔާސީ ހަރަކާތެއް ވެސް ހިންގޭކަށް ނެތް ކަމަށެވެ. މިހާރު ސިޔާސީ ލީޑަރުންނާ ދިމާކުރަން ފަށާފައިވާ ކަމަށެވެ.

"ސިޔާސީ ހަރަކާތެއް ހިންގޭކަށް ނެތް. ސިޔާސީ ލީޑަރުން ހިފާ ހައްޔަރު ކުރަން ތައްޔާރުވަމުން އެދަނީ. އަދި އެހިސާބަކުން ނުނިމޭ. ފަނޑިޔާރުންނާ ހިސާބަށް ވެސް ދާނެ. ޕޮލިސް ކޮމިޝަނަރުން ވެސް ގެންގޮސް ހައްޔަރު ކުރާނެ. މިނިވަން މުއައްސަސާތައް މުށުތެރެޔަށް ލާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އޭގެ އެއް މިސާލަކީ މިހާރު ހިނގަމުންދާ މަޖިލީސް ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގަތީއްސުރެ މަޖިލީހުގެ ބާރު ކަނޑުވާލަން އެކި ގޮތްގޮތުން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

ސަރުކާރު ހިންގާ ގޮތަށް ފާޑުވިދާޅުވަމުން އެމަނިކުފާނު ވިދާޅުވީ މިހާރު ގައުމު ދަނީ ފަހަތަށް ކަމަށެވެ. މީގެ 20 އަހަރު ފަހަތަށް ގައުމު ހިނގައްޖެ ކަމަށާއި ރައްޔިތުން އެގޮތަށް ދޫކޮށްލައިގެން ތިބެއްޖެނަމަ ބިރުވެރިކަން ދާނީ އިންތިހާޔަށް ބޮޑުވަމުން ކަމަށެވެ.

ސިޔާސީ ލީޑަރުން ހައްޔަރު ކުރަން ތައްޔާރުވެފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއިރު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ފުލުހަށް ހާޒިރުވާން އޮތީ ޗިޓު ފޮނުވާފަ އެވެ. އޭނާ ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލައިގައި ސުވާލު ކުރުމަށެވެ. 

އެއީ އެއްވެސް އަސާސެއް ނެތް ކަންތައްތަކެއްގެ މައްޗަށް ހިންގާ ތަކުގީގެއް ކަމަށް ފައްޔާޒް ވިދާޅުވެފައިވާއިރު، ރައީސް ސޯލިހު ވެސް ވަނީ އޭނާ ދިފާއު ކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.