މިފްކޯގެ އެތެރެ އޮތީ މަސްވެރި ވައްކަމުގެ އަނދިރި ކަނޑެއްގައި

ސަމާހު ވަނީ އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ވަމުންދާ މަސް އެކްސްޕޯޓުގެ ރިޖެކްޓްސް މަދު ކުރަން މަސައްކަތް ފައްޓަވާފަ އެވެ. އެކަމަކު މި މަސައްކަތްވީ އުނދަގޫ ބޮޑު ގޮންޖެހުން ގިނަ ކަމަށެވެ.

މިފްކޯގެ އެމްޑީ ސަމާހް: އެތެރޭގެ ބައެއް ވާހަކަތައް އޭނާ ވަނީ ތިލަކޮށްފައި

މިފްކޯގެ ތެރޭގައި އަބަދު ވެސް މައްސަލަ އޮވެ އެވެ؛ އަދި އަބަދުވެސް އެއީ ކޮރަޕްޝަންގެ ހާއްޔެކެވެ. ތަކެތި ގަތުމާއި މަސް ވިއްކުމުގެ ތެރޭހައި ނުކިއްސަރު އެތައްކަމެއް އަބަދު ހިނގަ ހިނގާ އޮވެއެވެ. މަސްވެރިންނަށް ދޭން ރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވި އެތައް މިލިއަން ރުފިޔާއެއް މީގެ ކުރިން ވީނުވީއެއް ނޭނގި ގެއްލިފައި ވެސް އެބަހުއްޓެވެ. ހަގީގަތުގައި މިފްކޯ ހަމަނޭވާ ނުލެވިގެން އުޅެނީ މި މައްސަލަތަކުގެ ސަބަބުންކަން ނޭނގޭ މީހަކު ނެތެވެ. 

މަސްވެރިކަމާ ގުޅުން ހުރި މި މައްސަލަތަކުގެ ވާހަކަ އެންމެ ގިނައިން ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި އެއް މެންބަރަކީ މާފަންދު މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. ބޮންޑޭ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މަސްވެރިކަމާ ބެހޭ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މި މައްސަލާގައި މަޖިލީހަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފަ އެވެ. ބޮންޑޭގެ މައިގަނޑު ކަންބޮޑުވުމަކީ މިފްކޯގައި އޮންނަ "ސަގާފީ ރިޖެކްޓް" ގެ މައްސަލަ ސާފު ކުރުމުވެ. އެކަން ހިންގާ ގޮތް ބެލުމެވެ. އެކަމުން މަންފާ ލިބޭ ބަޔަކު ހޯދުމެވެ. 

އެކަމަކު އެކަމެއް މިހާތަނަށް ވެފައެއް ނެތެވެ. އޭރުގެ މިނިސަޓަރު މި މައްސަލާގައި މަޖިލީހަށް ހާޒިރު ކުރުމުން ވެސް މިނިސްޓަރަށް އެނގޭ އެއްޗެއް ނެތް ކަމަށް ވިދާޅުވި އެވެ. މިކަމާ މަޖިލީހުގެ އޭރުގެ ރައީސް މުހައްމަދު ނަޝީދު ކޯފާ އިސްވެ ތަޅުމުގައި މިނިސްޓަރު ޑރ. ހުސެއިނަށް "ފޮޅާ" ލެއްވި އެވެ. އެ ދުވަސް މާޒީވެ ދިޔަ ނަމަވެސް މިހާތަނަށް ވެސް މިފްކޯގެ ބޮޑު މި މައްސަލަ އޮތީ ސިއްރުވެފަ އެވެ. 

މިފްކޯގެ މިހާރުގެ ސީއީއޯ / މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު ޕީސީބީން ސަސްޕެންޑް ކުރުމާއެކު މިފްކޯގެ ގިނަ މައްސަލަ ތަކެއް ވަނީ ފެންމަތިވާން ފަށާފަ އެވެ. ޕީސީބީން "ސަޕްރައިޒް" ފިޔަވަޅެއްގެ ގޮތުގައި ފެނުނު ފިޔަވަޅާއެކު މަޖިލީހުގެ ކޮމެޓީއަށް ހާޒިރުވެ އެމްޑީ ސަމާހު ނިއުޅާލެއްވީ މިފްކޯގެ ކަޅު ސަފުހާ ތަކެވެ. މިފްކޯ އިން ކުރާ މަސްވެރިކަމުގެ އަނދިރި ވާހަކަ ތަކެވެ.

އެ ވާހަކައިގައި ހަގީގަތެއް އޮތްކަމަށް އެއް ބަޔަކު ބުނެ އެވެ. އަނެއް ބައެއްގެ ނަޒަރުގައި އެމްޑީ ކުޅުއްވަނީ ސިޔާސީ ގޭމެކެވެ.

މަސް ކުންފުނީގެ ތެރޭން ނުކުތް ވާހަކަތަކާއެކު އެންމެ ކަންބޮޑުވާނެ ބަޔަކީ މަސްވެރިންނެވެ. މަސްވެރިން ތިބި އެކަމާ ކަންބޮޑުވެފަ އެވެ. 

"ވަރަށް ސީރިއަސް ވާހަކަތަކެއް މިފްކޯގެ ތެރޭން އިވިގެން މިދިޔައީ. މީގެ ހަގީގަތް ރައްޔިތުންނަށް އެނގެން އެބަޖެހޭ،" ހުވަދުއަތޮޅަށް ނިސްބަތްވާ ޒުވާން މަސްވެރިއަކު މިފްކޯގެ އެމްޑީ ކޮމެޓީގައި ދެއްކެވި ވާހަކަތަކާ ބެހޭ ގޮތުން ކޮށްފައިވާ ކޮމެންޓެއްގައި ލިޔެފައިވެ އެވެ. 

ޕްރައިވެޑައިޒޭޝަން ބޯޑުން މިފްކޯގެ އެމްޑީ 14 ދުވަހަށް ސަސްޕެންޑް ކުރީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އެމްޑީގެ ގައިގައި ޕީސީބީން އަތްތުލުމުގެ ކުރީގައި 21 ތުހުމަތެއް ހިމެނޭ "ފައިލެއް" ގެންގުޅުނެވެ. އެކަމަކު ފަހުން އެ ފައިލްގައިވާ ތުހުމަތުތައް ފަހަކަށް ކުޑަވި އެވެ. 

ސަމާހު ސަސްޕެންޑް ކުރުމުގެ ކުރީގައި މިފްކޯގެ އެތެރެ ރަނގަޅަށް އޮތީ ހިލުވާލާފަ އެވެ. އަލަށް އައި މެނޭޖުމަންޓުން އެ ކުންފުނީގެ އެތެރޭގައި ތިބި ގިނަދުސްވެ ގާފޮރިޖަހާފައި ތިބި މުވައްޒަފުންތަކެއްގެ މަގާމު އެފުށް މިފުށް ޖެހި އެވެ. މި މުވައްޒަފުންގެ ކުޅިބައިގެ އެތުރުން ބަދަލު ކުރިއިރު ބަދަލުކުރި އެންމެ މުހިންމު ދެ މަގާމަކީ އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އިލްޔާސް ހަނީފު އާއި ޗީފް އޮޑިޓަރު ޝައުން ޝަރީފެވެ. މިއީ މި ކުންފުނީގައި އެންމެ މުހިންމު ދެ މަގާމެވެ. މި ދެމަގާމާ ހަމައަށް މިހާތަނަށް މިފްކޯގެ އެއްވެސް ވެރިއެއް ގޮސްފައެއް ނެތެވެ. އަދި އާއްމުކޮށް މިފްކޯ މިއިން ޒަމާނެއްގައި ވެސް އޮނިގަނޑުގެ ރީސްޓްރަކްޗާއެއް ކޮށްފައެއް ނެތެވެ. މިހާތަނަށް މިކަން ނުވުމުގައި ގިނަ ސަބަބުތަކެއް ވެސް ތަޖުރިބާކާރުން ފާހަގަ ކުރައްވަ އެވެ.

އެއް ސަބަބަކީ މިފްކޯގެ އެމްޑީގެ މަގާމަށް މިދިޔަ 15 އަހަރުތެރޭގައި ވެސް ވަޑައިގެންފައި ވަނީ މިފްކޯގެ އެތެރޭން ބޭފުޅެކެވެ. އެންމެފަހުން އެމްޑީގެ މަގާމުން ރިޓަޔާ ކުރެއްވި ފައުޒީއަކީ ވެސް މިފްކޯގެ އެތެރޭގެ ބޭފުޅެކެވެ. އަދި މިފްކޯގެ ތެރޭން އެންމެ ގިނަ ހެލުވުންތަކެއް ގެނެސް ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ކަންތައްގަނޑެއް ގެންނެވި އަދްލީއަކީ ވެސް އެ ކުންފުނީގައި މަސައްކަތް ކުރައްވަނިކޮށް އެމްޑީގެ މަގާމު ލިބުނު ބޭފުޅެކެވެ. އެހެންވެ މިހާތަނަށް މިފްކޯގެ އެންމެ ބޮޑު ދެ މަގާމުގައި އަތް ލުމުގެ ފުރުސަތެއް އެއްވެސް ވެރިއަކަށް ލިބިފައެއް ނެތެވެ. އެކަމަކު ސަމާހު ވަަޑައިގެން މިދެ މަގާމުގައި އަތްލުމާއެކު މައްސަލަ ގޯސްވެގެން ދިޔަކަމަށް މިފްކޯގައި މަސައްކަތް ކުރައްވި ބައެއް ސީނިއާ މުވައްޒަފުން ބުނެ އެވެ.

"ހަގީގީ މައްސަލަ ނުކުތީ ބޮޑެތި މަގާމުތަކާ ކުޅުމުން،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ކުރީގެ ވެރިއަކު ބުންޏެވެ. 

ރިޖެކްޓުގެ އަންދާޒާއެއް އަހަރަކު 60 މިލިއަން ޑޮލަރު

އަލަށް މިފްކޯގެ ފްލީޓަށް އިތުރު ކުރި ބޯޓް، "ޖަޒީރާ 103"

އެމްޑީ ސަމާހު މި ބަދަލު ގެނައުމުގެ ކުރީގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިހާތަނަށް ނޭނގި އޮތް މިފްކޯގެ އަދަދެއް ހާމަ ކުރެއްވި އެވެ. އެކަން މިހާތަނަށް އޮތީ ބޮޑު ސިއްރެއްގެ ގޮތުގަ އެވެ. އެއީ މިފްކޯއިން ކޮންމެ އަހަރަކު ރާއްޖޭން އެކްސްޕޯޓް ކުރާ މަހުގެ ރިޖެކްޓުގެ ނަމްބަރެވެ. 

މިނިސްޓަރު ވިދާޅުވީ މިފްކޯ ރިޖެކްޓުގެ އަދަދު ފަސް ޕަސެންޓަށްވުރެ މަތި ކަމަށެވެ. މާނައަކީ ރާއްޖޭން އަހަރެއްގެ މައްޗަށް 80،000 ޓަނުގެ މަސް އެކްސްޕޯޓް ކުރާނަމަ 40000 ޓަނުގެ މަސް ރިޖެކްޓަށް އުކާލަން ނަގާނެ އެވެ. ކުޑަ ހިސާބެއް ހަދާމާނަމަ މަސް ޓަނެއް 1،700 ޑޮލަރުގެ އަގުން ހިސާބު ކުރި ނަމަވެސް 60 މިލިއަން ޑޮލަރުގެ މަސް ރިޖެކްޓަށް "އުކާލާނެ" އެވެ. 

މަސްވެރިކަން އެންމެ ރަނގަޅު ހަތަރު މަހަށް ބަހާލާނަމަ މަހެއްގެ މައްޗަށް 15 މިލިއަން ޑޮލަރުގެ ބޮޑު އަދަދެކެވެ. މި އަދަދު ކުޑަކޮށް ބެލި ނަމަވެސް 10 މިލިއަން ޑޮލަރުގެ މަސް މި "ކަޅު ވިޔަފާރީ" ގައި އެނބުރޭނެ އެވެ. އެހެންވެ މިއީ ތައިލެންޑުގެ މަސް ގަންނަ މީހުން ހިންގާ ކަޅު ބޮޑު ވިޔަފާރި އެކެވެ. އެ ގައުމުގެ "ފިޝިން މާފިއާ" ގްރޫޕްތަކުން ހިންގާ މި ކަންތައްތައް ގަނޑުގައި ދިވެހިންގެ ބައެއްގެ ބައިވެރިވުން އޮތްކަމުގެ އަޑުތައް ޒަމާނުންސުރެއް ފެށިގެން ވެސް އިވެ އެވެ. މިފްކޯގެ ކޮންމެ މަސް ޝިޕްމަންޓަކާއެކު އެ ކުންފުނީގެ އިސްވެރިންގެ ޓީމެއް ތައިލެންޑަށް ދާ ކަމުގެ ވާހަކައަކީ ކުރިން އިވުނު އަޑެވެ.

މި ވާހަކަ މިފްކޯ އިން އެންމެ ފަހުން މަޖިލީހުގެ ކޮމެޓީގައި ވަނީ ކިޔައިދީފަ އެވެ. މިގޮތަށް ތައިލެންޑަށްދާ ޓީމުގައި އަބަދުވެސް ތިބެނީ އެއްބައެއްގެ ކަމަށް "މިރާ" އަށް ޔަގީން ވެފައި ވެއެވެ. މި ވާހަކަ "މިރާ" ގިނަ ފަރާތްތަކުން ކަށަވަރު ކޮށްދީފައި ވެއެވެ.

ތައިލެންޑުގެ ބާޒާރުން މަސް ގަންނަ ކުންފުނިތަކުން ރާއްޖޭގެ މަސް ރިޖެކްޓަށް އުކާލަން ދައްކާ ބަހަނާއަކީ ހިސްޓަމިން ހުންނަން ޖެހޭ ވަރަށްވުރެ މަތިވުމެވެ. މިއީ ވެދާނެ ގޮތެކެވެ. އެކަމަކު މިހާތަނަށް މިކަން ހައްލު ކުރަން މިފްކޯއިން ކަމެއް ނުކޮށް އޮތީ ކީއް ވެގެން ހެއްޔެވެ؟

ތައި މަސްވެރި އަނދިރި ބާޒާރާ ގުޅުމެއް

ހިސްޓަމިންއަކީ ހަމައެކަނި މަސްވެރިންގެ ސަބަބުން މަހުގަ އަޅާ "ފަންޏެއް" ގެ ގޮތުގައި ބަލައި އެކަން މަސްވެރިންގެ ބޮލަށް ކަނޑާލުން ނޫންކަމެއް މިފްކޯއަކުން ނުކުރެ އެވެ. ސުވާލަކީ މި ރިޖެކްޓް މަހަށް ހަދާ ގޮތެވެ. ތަފާތު އެކި މަސްދަރުތަކުންނާއި ކޮމެޓީގައި މިފްކޯ އިން ދެއްކި ވާހަކައިން އެނގޭ ގޮތުގައި މި މަސް އުކައެއް ނުލަ އެވެ. މި މަސް ކޮންމެ ވެސް ގޮތެއް ހަދައިގެން ތައިލެންޑުގެ ބަޔަކު ގަނެވެ. މިހާރު ތުހުމަތު ކުރެވޭ ގޮތުގައި މިކަމުގެ އަޑީގައި ތިބީ މިފްކޯގެ ދުވަސްވީ މުވައްޒަފުންނާއި އިސްވެރިންގެ ބައެކެވެ.

ހިސްޓަމިންގެ މައްސަލަ ހައްލު ކުރަން މިހާރުގެ މެނޭޖުމަންޓުން ތައިލެންޑުގެ ބަޔަރުންނާއެކު މަޝްވަރާތަކެއް ވެސް ވަނީ ކޮށްފަ އެވެ. އެކަމަކު އެކަން ނިމިގެން ގޮސްފައިވަނީ ކޮޅަކު ނުޖެހި އެވެ. ރާއްޖޭގެ މަސް ގަންނަ ތައިލެންޑުގެ ކުންފުނިތަކުން އެކަމާ ދެކޮޅު ހަދަ އެވެ.

ބަަޔަރުންގެ ހަމައެކަނި ޗޮއިން މަސް އެކްސްޕޯޓް

ސީއީއޯ ސަމާހު ވިދާޅުވި ގޮތުގައި މަސް ރިޖެކްޓްވުމަކީ މިފްކޯއަށް އެންމެ ބޮޑު ގެއްލުމެއް ވަމުންދާ ދާއިރާ އެވެ. އެހެންވެ މިކަން މަދުކުރަން ތައިލެންޑަށް ޒިޔާރަތްކޮށް ރާއްޖޭގެ މަސް ގަންނަ ބަޔަރުންނާ ބައްދަލު ކޮށްފައިވެ އެވެ. މި ބައްދަލުވުމަށް ފަހު ގްރޭޑަރުން ފޮނުވާ ރާއްޖޭގެ މަސް ރިޖެކްޓް ކުރުން ހުއްޓާލަން ޖެހޭ އަންގާފައިވާނެ އެވެ.

"ބަޔަރުން [މަސް ގަންނަ ކުންފުނިތަކާ] ބައްދަލުކޮށް އަޅުގަނޑުމެން ބުނިން ރާއްޖެއަށް ކިރުވާ މަސް ގްރޭޑް ކުރަން ތިޔަ ބޭފުޅުން މީހުން ފޮނުވާ ދޭށޭ. އެ މީހެއްގެ ހުރިހާ ހަރަދުތަކެއް ބަލަހައްޓާނަމޭ. އެކަމަކު އެފަރާތްތައް [ބަޔަރުން] ބުނީ ތިޔަހެން ނުވާނެއޭ. ތިޔަގޮތަށް ރާއްޖޭގެ މަސް ގަންނާނެ ބަޔަކު ނުވާނެއޭ. އަޅުގަނޑު ދެންނެވިން އަޅުގަނޑު ހުންނާނީ މި ސްޓޭންޑްގައޭ،" ސަމާހު ވިދާޅުވި އެވެ

މަޖިލީހުގެ ކޮމެޓީގައި މިފްކޯގެ ސީއީއޯ ބިއުރޯގެ ސެކްރެޓޭރިއަޓް އިބްރާހިމް ސައީދު ވިދާޅުވި ގޮތުގައި ތައިލެންޑުން ރިޖެކްޓް ކުރާ މަހުން މިފްކޯގެ މުވައްޒަފުންނަށް މަންފާ ލިބޭ ކަމަށް މިހާރު ތުހުމަތު ކުރެވެ އެވެ. އަދި ތައިލެންޑުގެ "އަނދިރި މަސްވެރި" ކަމުގެ ވެރިންގެ ޕޭރޯލްގައި އެ ކުންފުނީގެ މުވައްޒަފުން ތިބި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މި ފަހަރު މިފްކޯގެ އާ އެމްޑީ ސަމާހު ވައުދުވީ މި މަހުގެ ނިޔަލަށް މިފްކޯ ރިޖެކްޓުގެ މައްސަލަ ހައްލު ކުރާށެވެ. މައްސަލަ ގޯސްވި އެއް ސަބަބަކީ މިއެވެ. މި ސަބަބު މިހެން އޮއްވައި ޕީސީބީ އާއި މިފްކޯ އިން މަޖިލީސް ކޮމެޓީގައި ދެއްކި ވާހަކަތަކުން ދެ ފަރާތުގެ ބަސްމަގު ހުރި ގޮތުން މިކަމުގައި އަޑި ނޭނގޭ ކަންތައްތައްގަނޑެއް އޮތް ކަމުގެ ތުހުމަތު ވަނީ އުފެދި އެވެ. މިފްކޯގެ އެމްޑީ ވަނީ އެ ކުންފުނީގެ ތެރޭގައި ހުރި ގިނަ މައްސަލަ ތަކެއް ކިޔައިދެއްވާފަ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި މިފްކޯގެ ތެރޭގައި ނުގަވާއިދުން ގިނަ ކަންތައްތަކެއް ހިނގަ އެވެ. އެ ކުންފުނިން ވަގަށް ތެޔޮ ވިއްކުމާއި މަސް ގަންނަން "ފޫނެއް" ބޯޓު ގަނެ އެވެ. މި ހުރިހާ ތުހުމަތެއް އޮތީ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އިލްޔާސް ހަނީފަށެވެ. އަދި އެ ތުހުމަތުގެ ބޮޑުބައެއް އެ ކުންފުނި އޮޑިޓް ކުރާ ޗީފް އޮޑިޓަރު ޝައުން ޝަރީފާ ދިމާލަށް ވެސް ދެ އެވެ. މި އިންޓާނަލް އޮޑިޓަރު ޝަހުމްގެ އަނބިކަނބަލުންނަކީ އެމްޑީ ސަމާހުގެ މައްސަލަ ބަލާ ޕީސީބީގެ އިސްވެރި އެކެވެ. ކަން މިހެން ހުރި ނަމަވެސް މައްސަލައަށް ނުފޫޒެއް ނޯންނާނެ ކަމަށް މަޖިލީހުގައި ޕީސީބީން ވަނީ ބުނެފަ އެވެ.

މި ހުރިހާ ތުހުމަތު ތަކެއް އެ ކުންފުނީގެ އެންމެ އިސްވެރިޔާ އެންމެ ސީނިޔަ ވެރިންނަށް ކޮށްފައި ވަނިކޮށް ކުންފުނި ހިންގަން ޕީސީބީން މިފްކޯގެ ހުންގާނު ދީފައިވަނީ ސީއެފްއޯގެ އަތަށެވެ. އަދި އޭގެ ދަށުން މިހާރު އިސްކޮށް ހުންނެވީ ކުންފުނީގެ ޗެއާމަން އަހުމަދު ޝަރީފެވެ. އޭނާއަކީ އެމްޑީ އަދްލީގެ ޒަމާނުގައި މިފްކޯގެ ތެރޭގައި އެންމެ ނުފޫޒު ގަދަ އެއް ވެރިޔާ އެވެ. އަދި އެ ކުންފުނީގައި ގިނަ ދުވަސް ތަކެއް ވަންދެން މަސައްކަތް ކުރެއްވި ވެރި އެކެވެ.

މައްސަލަ ފުންޏެއްގެ ގޮތުގައި އޮތް ސަރުކާރު މަސް ކުންފުނީގެ ތެރޭން މިފަހަރު ހިލުނު ބޮޑު މައްސަލައަކީ ސީރިއަސް މައްސަލައެކެވެ. މިއީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސޯދާ ގުޅުންހުރި ބޮޑު މައްސަލައެކެވެ. މިކަން އަވަހަށް ހައްލުކޮަށް މިފްކޯ ހިންގައިގަންނާނެ ގޮތެއްވާން ޖެހެ އެވެ. ސަރުކާރުން މިފްކޯގައި މަސްވެރިންގެ ބައިވެރިވުން ހިމަނަން ބޯޑުން ގޮނޑިއެއް ދީގެން މިހާރު ހަމައެކަނި ފުއްދާލެވޭކަން ނެތެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.