"ސަރުކާރު މެމްބަރުން މަސައްކަތް ނުކުރަންޏާ ހޮވާކަށް ނުޖެހޭ"

ހަސަން ވިދާޅުވީ މިހާރު ވެސް ސަރުކާރު މެމްބަރުންގެ ފަރާތުން ސަރުކާރުން ބޭނުންވާ ކަންކަން ނުވާތީ، އެ މެމްބަރުން މަޖިލީހަށް ހޮވުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް --

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާ ގުޅޭ ބިލު މަޖިލީހަށް ބަލައިގަތުމާމެދު ގޮތެއް ނިންމަން އިއްޔެ ވޯޓް ނެގި ގަޑީގައި ސަރުކާރަށް ނިސްބަތްވާ އެއްވެސް މެމްބަރަކު ތަޅުމުގައި ނެތުމުން އެކަމުގެ ޒިންމާ އިދިކޮޅު މެމްބަރުގެ ބޮލުގައި ނާޅުވާ، ސަރުކާރު މެމްބަރު މަސައްކަތް ކުރޭތޯ ބެއްލެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިދިކޮޅު މެމްބަރުން ގޮވާލައްވައިފި އެވެ.

ދައުލަތުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަކުރަން އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓު ފަންޑާ ގުޅޭ ބިލަށް އިއްޔެ ވޯޓަށް އެހި ގަޑީގައި ސަރުކާރަށް ނިސްބަތްވާ އެންމެ މެމްބަރަކު ވެސް ތަޅުމުގައި ހާޒިރުވެވަޑައިގެން ނެތެވެ. އެ ވަގުތު ތަޅުމުގައި 28 މެމްބަރުން ތިބި ނަމަވެސް ވޯޓު ދިނީ ދެ މެމްބަރުންނެވެ.

އެ ދެ މެމްބަރުންގެ ތެރެއިން އެއް މެމްބަރު ވޯޓް ދެއްވީ ބިލު ބަލައިގަތުމަށެވެ. އަނެއް މެމްބަރު ވޯޓް ދެއްވީ ބިލު ބަލައިނުގަތުމަށެވެ. އެހެންވެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ސަލީމް ނިންމެވީ ބިލު ބޭރުކޮށްލާށެވެ.

ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ބިމާ ބެހޭ ބިލު މިއަދު މަޖިލީހަށް ހުށަހަޅުއްވަމުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވަނީ އެކަން ފާހަގަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ދަރަނީގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެއީ ވަރަށް މުހިންމު ބިލެއް ކަމަށެވެ. އެ ބިލަށް ވޯޓަށް އެހީ ސަރުކާރުގެ މެމްބަރުން ބޭރުގައި އެންޓި ޑިފެކްޝަން ބިލާ ގުޅޭ އިހުތިޖާޖެއްގައި ތިއްބައި، އެ މެމްބަރުންނަށް ނޭންގި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ ރައްޔިތުން ވަރަށް ބޮޑަށް މިކަމުގަ ސަމާލުވާން ޖެހޭ ކަމެއް އެއީ މިދެންނެވި ދިވެހިރާއްޖޭގަ މިވަގުތަށް މުހިންމު ވެފައިވާ އެއް ކަމަކީ ދަރަނީގެ މައްސަލައަށް ހައްލެއް ހޯދުން. ގައުމީ ބޮޑު މައްސަލައަކަށް ހުށަހެޅިފައިވާ [ބިލެއް]،" މޫސާ ވިދާޅުވި އެވެ.

މައިނޯރިޓީ ލީޑަރު މޫސާ ސިރާޖް: އޭނާ ވިދާޅުވެފައި ވަނީ އިއްޔެ ވޯޓް ގަޑީގައި ސަރުކާރު މެމްބަރުން ތިއްބެވީ އިހުތިޖާޖެއްގައި ކަމަށް --

މޫސާ އެވާހަކަ ފާހަގަކުރެއްވުމުން އެންމެ ފުރަތަމަ ނިޒާމީ ނުކުތާއެއް ނެންގެވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ޝަހީމެވެ. އޭނާ ވިދާޅުވީ ސަރުކާރުން އަގުބޮޑުކޮށް އެމްޑީޕީގެ 13 މެމްބަރަކު ގަތް ނަމަވެސް، ބިލު ހުށަހަޅުމަށްފަހު އެ ބޭފުޅުން ތިއްވަނީ ގޭގައި ކަމަށެވެ.

ދެވަނަ ނިޒާމީ ނުކުތާއެއް ނަންގަވައި ހެންވޭރު ހުޅަނދު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު ހަސަން ލަތީފް ވެސް ވަނީ ސަރުކާރު މެމްބަރުންނަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ސަރުކާރުގެ ޕާޓީ، ޕީއެންސީގެ އެންމެ މެމްބަރެއް ވެސް ވަޑައިގެން ނެތް. އެހާ މުހިންމު ބިލެއް ނަމަ ރައީސުލްޖުމްހޫރިއްޔާ ވެސް އެބަ ބަލަން ޖެހޭ މި މަޖިލީސް ހިނގާ ގޮތް ވެސް. މިތަނަށް ބިލުތަކެއް ފޮނުއްވާފަ ދެން ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުން ނުވަތަ ސަރުކާރު ތަމްސީލު ކުރާ ޕާޓީގެ މެމްބަރުން މިތަނަށް ވަޑައިގަންނަވާތޯވެސް އެބަ ބަލަން ޖެހޭ،" ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ މިހާރު ވެސް ސަރުކާރު މެމްބަރުންގެ ފަރާތުން ސަރުކާރުން ބޭނުންވާ ކަންކަން ނުވާތީ، އެ މެމްބަރުން މަޖިލީހަށް ހޮވުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"ވަރަށް ބޮޑު އަގު ދީފަ ގަނެގެން ގެންދިޔަ 13 މެމްބަރަކުވެސް އެބަ ތިބި. އެއިން ބޭފުޅަކު ހައްދަވާ ގޮތެއް ވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަނީއެއް ނޫން. ދެން މީޑިއާގަ އެ ދައްކަވާ ވާހަކަފުޅަކީ މިހާރު ސަރުކާރުން އެ ހުށަހަޅާ ބިލްތަކަށް މިހެން ހަދާތީ މަޖިލީސް އިންތިހާބުގަ ވޯޓް ދޭންވީ މީހުން ވަރަށް ސާފުކޮށް ވިސްނަން ޖެހެއޭ، އާދެ ވިސްނަން ޖެހޭ، ސަރުކާރަށް ތާއީދު ކުރާ މެމްބަރުން މިތަނަށް ވަޑައިގެން މަސައްކަތް ނުކުރަންޏާ ވޯޓް ދޭކަށް ނުޖެހޭ،" ހަސަން ވިދާޅުވި އެވެ.

ރޭ ބޭއްވި ޕީއެންސީގެ މަޖިލީސް ކެމްޕޭނު އިވެންޓެއްގައި ރައީސް ވަނީ އެސްޑީއެފް ބިލުގެ ވާހަކަ ފާހަގަކުރައްވާފަ އެވެ.

"ފަންޑު ބަދަލުކޮށް އަޅުގަނޑުމެން ވައުދުވީ ގޮތަށް އެފަންޑު ހިމާޔަތްކުރުމަށްޓަކާ ބިލެއް ހަދާ މަޖިލީހަށް ފޮނުވީ. މިހާރު އެއޮތީ ބިލު ބޭރުކޮށްލާފަ. ކޮބައިތޯ ސަބަބަކީ؟ އެއްވެސް ސަބަބެއް ނެތް. އެއޮތީ އެކަން ވެސް ކުރެއްވި ގޮތް ފެންނަން. ދެން ކީއްކުރަންތޯ މިވިސްނުމުގަ ތިބި ބަޔަކު ކުރިއަށް އޮތް ފަސް އަހަރަށް މި މަޖިލީހަށް ހޮވަންވީ؟" ރައީސް ރޭ ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.