"އާސަންދައިން ކުރީ އިސްރާފު، ބޭހުގެ އަގު 70 ގުނަ ބޮޑު"

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ލިބެން ހުރި ބޭހުގެ އަގުތައް މި ސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު 70 ގުނަ ބޮޑުއިރު، ދުނިޔޭގެ ބާޒާރަށްވުރެ ބޭހުގެ އަގު 1.5 ގުނަ ބޮޑު ކަމަށް ވޯލްޑް ބޭންކުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް

ރާއްޖޭގައި ލިބެންހުރި ބޭހުގެ އަގުތަކަކީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު 70 ގުނަ ބޮޑު އަގުތަކެއް ކަމަށާއި، ވޭތުވެދިޔަ ފަސް އަހަރު ވަރަށް ބޮޑަށް އާސަންދައިން އިސްރާފު ކޮށްފައިވާ ކަމަށް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޔޫއޭއީ އަދި ތައިލެންޑުން އާސަންދަ ދިނުމާ ގުޅޭ ގޮތުން ސުވާލުކުރަން މިއަދު މަޖިލީހަށް ހާޒިރުކުރުމުން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ މިއަހަރަށް ބަޖެޓްކޮށްފައިވާ އަދަދުގެ ތެރެއިން މެނޭޖް ކުރެވޭނެ ގޮތަކަށް އެ ގައުމުތަކުން އާސަންދަ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ނަމަވެސް އާސަންދަ ނިޒާމް މިހާރު ހިނގަމުން އަންނަ ގޮތުން ވަރަށް ބޮޑު އިސްރާފުތަކެއް ހުރިކަން ފާހަގަވޭ. އެގޮތުން 2023 ވަނަ އަހަރު މުޅި އާސަންދަ ސްކީމަށް ބަޖެޓްކޮށްފައި ވަނީ އެއް ބިލިއަން ރުފިޔާ. އެހެންނަމަވެސް އަހަރު ނިމިގެން ދިޔައިރު، 2023 ވަނަ އަހަރު 2.3 ބިލިއަން ރުފިޔާ ހިނގާފައިވާއިރު، މީގެ ތެރެއިން އެއް ބިލިނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރެވިފަ ވަނީ ބޭހަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހިދުމަތް ދޭނެ މޮޑެލްތަކާއި، ކަވަރު ކުރަނެ ހިދުމަތްތަކުގެ އިތުރުން ހަރަދު ހަމަޖައްސާނެ ގޮތާ މެދު މަޝްވަރާތައް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ވޭތުވެދިޔަ އަހަރުތަކުގައި އާސަންދައިންކުރާ ހޭދަ އެހާ ބޮޑުވެފައި ވަނީ ބޭހުގެ އަގު އިންތިހާޔަށް ބޮޑުވެފައިވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ލިބެން ހުރި ބޭހުގެ އަގުތައް މި ސަރަހައްދުގެ ގައުމުތަކާ އަޅާބަލާއިރު 70 ގުނަ ބޮޑުއިރު، ދުނިޔޭގެ ބާޒާރަށްވުރެ ބޭހުގެ އަގު 1.5 ގުނަ ބޮޑު ކަމަށް ވޯލްޑް ބޭންކުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

އާސަންދައިގެ އިސްވެރިން: ވޭތުވެ ދިޔަ ފަސް އަހަރު އާސަންދައަށް ކުރި ހޭދަ 61 ޕަސެންޓް އިތުރު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި --

"އަހަރަށްވުރެ އަހަރެއް އާސަންދައަށް ކުރާ ހަރަދު ބޮޑުވަމުން ގޮސްފައިވާއިރު، 2023 ވަނަ އަހަރު ނިމުނުއިރު އާސަންދައިގެ ހަރަދުތައް ހުރީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 40 އިންސައްތަ އިތުރުވެފަ. އަދި ފާއިތުވި ފަސް އަހަރު އާސަންދަ ސްކީމްގެ ހަރަދުތައް އެވްރެޖްކޮށް 61 އިންސައްތަ ވަނީ އިތުރުވެފަ،" މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ، ޖީޑީޕީގެ ނިސްބަތަށް ބަލާއިރު މުޅި ޖުމްލަ ސިއްހީ ދާއިރާއަށް ދައުލަތުން ކުރާ ހޭދަ ހުރީ ތަރައްގީވެފައިވާ ގައުމުތަކާ ދާދި އެއް މިންވަރެއްގައި ކަމަށާއި، އެއީ މި ސަރަހަދުގެ ގައުމުތަކާ އަޅާ ބަލާއިރު ދެ ގުނަ ބޮޑު މިންވަރެއް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުން އެންމެ އެދޭ ގޮތަށް ސިއްހީ ފަރުވާ ހޯދޭނެ ނިޒާމްތައް ނެތްކަން ގަބޫލުކުރައްވާ ކަމަށެވެ.

އޭގެ އެއް މިސާލެއް ކަމަށް ފާހަގަކުރެއްވީ ބަލިމީހާ ނުވަތަ ބަލިމީހާގެ އާއިލާއިން ސޯޝަލް މީޑިއާ މެދުވެރިކޮށް މާލީ އެހީތެރިކަން ހޯދާ މިންވަރު އިތުރުވުމެވެ. މިނިސްޓަރު ވިދާޅުވީ ބޭރުގެ ތަޖުރިބާ ކާރުންނާއި ރާއްޖޭގެ ކަމާބެހޭ އެންމެހާ ފަރާތްތައް ގުޅިގެން އެ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތަކާއެކު ވަށައިޖެހޭ ނިޒާމެއް ގާއިމްކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި، ޔޫއޭއީ އަދި ތައިލެންޑް ފަދަ ގައުމުތަކުން އަގު ބޮޑު ނުވާނެހެން، އަދި މިހާރު ހިދުމަތްދޭ މީހުންގެ އަދަދަށް ބަދަލު ނާންނާނެހެން ހިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކުރަމުން ދިޔަ އިސްރާފުތައް ހުއްޓާލުމުން ބަޖެޓުން އެކަން ކަވަރު ވާނެކަމަށް ވެސް ވިދާޅުވި އެވެ.

އާސަންދައިގެ ދަށުން ވަކި ގައުމަކުން ބޭސްފަރުވާ ހޯދުން ނިމުމަކަށް ގެނެސް، ކުރިއަރާފައިވާ އެހެން ގައުމުތަކުން އާސަންދަ ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.