ބިލް ތަސްދީގު ކޮށްފި، ތިނަދޫއަށް ސިޓީއެއްގެ ގާނޫނީ ހައިސިއްޔަތު ލިބިއްޖެ

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ރައީސް މުއިއްޒު އިއުލާނު ކުރެއްވުމުން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ތިނަދޫ ސިޓީއަކަށް ބަދަލު ކުރައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ގާނޫނު ތަސްދީގު ކުރައްވަނީ -- ރައީސް އޮފީސް

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ. މި ބިލަކީ މި މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިން ފާސްކުރި ބިލެކެވެ.

މި ބިލުގައި އިސްލާހު ހުށަހަޅާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ށ އިން ފެށިގެން ކ އާ ހަމައަށެވެ. މި ބިލުގައި ވާގޮތުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާއިރު އެ ރަށް ނުވަތަ ރަށްތައް ތަމްސީލުކުރާ ކައުންސިލްގެ ދައުރު ހަމަވުމަށް އެއް އަހަރު ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ އަލަށް އެކުލަވާލެވޭ ކައުންސިލްގެ އިންތިހާބަށް ފަހު އެވެ.

ނަމަވެސް އެ ކައުންސިލްގެ ދައުރު ހަމަވުމަށް އަހަރަކަށް ދުވަހަށް ވުރެ ދިގު މުއްދަތެއް އޮތްނަމަ މި އިސްލާހު ގައި ވާގޮތަށް އެ ރަށް ނުވަތަ ރަށްތަކަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި ސިޓީއަކަށް ބަދަލުވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ސިޓީއެއް އުފައްދަނީ އިދާރީ ދާއިރާއެއް ގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ކަމުގައިވާނަމަ އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލް އެހިނދުން ފެށިގެން އުވުނީ ކަމަށާ އަދި އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއި ދެމުން ގެންދިޔަ ހިދުމަތްތައް ކުރިއަށް ގެންދާނީ އެގޮތުން އުފެދޭ ސިޓީ ކައުންސިލުންކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. 

މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ މި ގާނޫނު ފާސްވެ ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.  

މި އިސްލާހުތަކަކީ ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އޮތް ހުރަސްތައް ނައްތާލުމަށް ގެނެސްފައިވާ އިސްލާހެކެވެ. އެ ރަށު ކައުންސިލްގެ މިހާރު ހިނގަމުންދާ ދައުރުގައި ބާކީ އަހަރަކަށް ވުރެ ދިގު މުއްދަތެއް އޮތުމުން މިއަދުން ފެށިގެން ތިނަދޫއަށް ގާނޫނޫ ގޮތުން ސިޓީއެއްގެ ދަރަޖަ ލިބުނީ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ރައީސް މުއިއްޒު އިއުލާނު ކުރެއްވުމުން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ތިނަދޫ ސިޓީއަކަށް ބަދަލު ކުރައްވާފައެވެ. ނަމަވެސް ގާނޫނީ ފުށުއެރުންތައް އޭރު ހައްލު ކުރައްވާފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.