ދުނިޔޭގެ އެންމެ ބޮޑު ތިންވަނަ މިސްކިތް

898 މިލިޔަން ޔޫރޯ ހޭދަކޮށްގެން ޖަޒާއިރުން ބިނާކުރި މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށުނީ ރައީސް ޢަބްދުލް ޢަޒީޒު ބޫ ތަފްލީޤާގެ ވެރިކަމުގައި 2013 ވަނަ އަހަރުގައެވެ.

ޖަޒާއިރުން ބިނާކޮށްފައިވާ ބޮޑު މިސްކިތް، އަލްމަސްޖިދުލް އަޢުޡަމު

ދުނިޔޭގައި ތިންވަނައަށް އެންމެ ބޮޑު މިސްކިތް ޖަޒާއިރުން ބިނާކޮށްފިއެވެ. މި މިސްކިތަށް ދީފައިވާ ނަމަކީ އަލްމަސްޖިދުލް އަޢުޡަމު އެވެ. މިއީ އެފްރިކާ ބަރޫދުގެ އެންމެ ބޮޑު މިސްކިތެވެ. މި މިސްކިތުގެ އޭރިޔާއަކީ 200 ހާސް އަކަ މީޓަރެވެ. މި މިސްކިތުގައި އެއްވަގުތެއްގައި 120 ހާސް މީހުންނަށް ނަމާދު ކުރެވޭނެއެވެ. މިސްކިތުގެ މުންނާރުގެ އުސްމިނަކީ 265 މީޓަރެވެ.

ޖަޒާއިރުގެ ރައީސް ޢަބްދުލްމަޖީދު ތައްބޫން މި މިސްކިތް ރަސްމީކޮށް ހުޅުއްވާ ދެއްވީ މި ދިޔަ ފެބްރުވަރީމަހުގެ 25 ވަނަ ދުވަހުއެވެ. މި މިސްކިތް ބިނާ ކޮށްފައި ވަނީ އަލްމުޙައްމަދިއްޔާ ނަމަކަށް ކިޔާ ރަށުގައެވެ. އެއީ ވެރިރަށުގެ އައްސޭރިފަށުގައި އޮންނަ ރަށެކެވެ. އިސްތިޢުމާރީ ޒަމާނުގައި މި ރަށުގެ ނަމަކީ "ލަ ވަރޖީ" އެވެ. އެއީ ޖަޒާއިރުގައި ނަޞާރާދީނަށް ގޮވައިލައި އެ ދީން ފެތުރުމަށް އިސްނަގައިގެން ޖަމްޢިއްޔާއެއް އުފެއްދި ކާރޑިނަލް ޝަރލް މާރްސިޔޭލް އަލްމާން ލަ ވަރޖީއަށް ނިސްބަތްކޮށެވެ.
މި މިސްކިތުގައި ނަމާދުކުރުމަށް ހަދައިފައިވާ ބޮޑު މާލަމުގައި އަޅައިފައިވަނީ ފީރޯޒީ ނޫކުލައިގެ ދޫލައެކެވެ. މި މާލަމުގެ އޭރިޔާއަކީ 20 ހާސް އަކަ މީޓަރެވެ.

މި މިސްކިތަށް އަލްމަސްޖިދުލް އަޢުޡަމު ކިޔާ ގޮތަށް "ޖާމިޢުލް ޖަޒާއިރު" (ޖަޒާއިރު މިސްކިތް) ވެސް ކިޔައެވެ. މި މިސްކިތް ހިމެނޭ އެކުވެނީގައި 12 ޢިމާރާތް ވެއެވެ. އެތާނގައި އެއް މިލިޔަން ފޮތުގެ ކުތުބުޚާނާއަކާއި ތަޤްރީރު ކުރުމަށް ޚާއްޞަ މާލަމަކާއި އިސްލާމީ ތާރީޚާއި ފަންނުގެ ދާރުލްއާސާރަކާއި އިސްލާމީ ޢުލޫމުތަކުގެ ދާއިރާތަކުން ޕީއެޗްޑީ ހަދަން ބޭނުންވާ ދަރިވަރުންނަށް ޚާއްޞަ މަދުރަސާއެއް ވެއެވެ.

898 މިލިޔަން ޔޫރޯ ހޭދަކޮށްގެން ޖަޒާއިރުން ބިނާކުރި މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށުނީ ރައީސް ޢަބްދުލް ޢަޒީޒު ބޫ ތަފްލީޤާގެ ވެރިކަމުގައި 2013 ވަނަ އަހަރުގައެވެ. މި މިސްކިތުގައި ނަމާދުކުރާ ބައި 2020 ގައި ވަނީ ހުޅުވައިފައެވެ. 

މި މަޝްރޫޢު ބައިނަލްއަޤްވާމީ ބީލަމަށްލުމުން ކާމިޔާބު ކުރީ ޗައިނާގެ ކުންފުންޏަކުންނެވެ. މި މަޝްރޫޢު ފަރަންސޭސިވިލާތާ ޙަވާލު ނުކޮށްގެން މި މިސްކިތާ ދެކޮޅަށް ފަރަންސޭސިވިލާތުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. ރައީސް ބޫތަފްލީޤާގެ ވެރިކަމުގައި މިހާރު ރައީސް ޢަބްދުލްމަޖީދު ތައްބޫނު ހުންނެވީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަބެހޭ ވަޒީރުކަމުގައެވެ. އެހެންކަމުން މި މަޝްރޫޢު ބަލަހައްޓަވައިފައި ވަނީ އޭނާއެވެ. 

ދުނިޔޭގެ އެންމެ ބޮޑެތި މިސްކިތްތައް

އަލްމަސްޖިދުލް ޙަރާމް - ގެފުޅުގެ ވަށައިގެން ބިނާކޮށްފައިވާ އަލްމަސްޖިދުލްޙަރާމަކީ ދުނިޔޭގެ އެންމެ ބޮޑު މިސްކިތެވެ. މި މާތް ހަރަންފުޅުގެ ބޮޑުމިނަކީ 400 ހާސް 800 އަކަ މީޓަރެވެ.

މި ޙަރަމުގައި އެއްވަގުތެއްގައި 2 މިލިއަން މީހުންނަށް ނަމާދު ކުރެވެއެވެ. މިއީ އެންމެ މާތް މިސްކިތެވެ. މި ބިންމަތީގައި މާތްﷲއަށް އަޅުކަންކުރުމަށް ޓަކައި ބިނާކުރެވުނު ފުރަތަމަ މިސްކިތަކީ ގެފުޅެވެ. ބުރަވެވޭ ގޮތުގައި ގެފުޅު ބިނާކުރެއްވީ މަލާއިކަތް ބޭކަލުންގެ އެހީފުޅާއެކު އާދަމުގެފާނެވެ. އާދަމުގެފާނު އެޅުއްވި ބިންގާމަތީގައި އިބްރާހީމުގެފާނު ގެފުޅު ބިނާ ކުރެއްވި އެވެ. އެކަލޭގެފާނަށް މި ކަމުގައި އެހީވެދެއްވީ އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނެވެ. 

ޠަވާފު ކުރަން ފަށަންވީ ހިސާބު ފާހަގަ ކުރެއްވުމަށް ޓަކައި ގެފުޅުގައި ހަރުކުރައްވައިފައިވާ އަލްޙަޖަރުލްއަސްވަދަކީ މާތް ﷲ ސުވަރުގެއިން ފޮނުއްވި ހިލަފުޅެކެވެ. މަޤާމު އިބްރާހީމަކީ ގެފުޅު ބިނާ ކުރެއްވިއިރު އިބްރާހީމުގެފާނުގެ އަތްޕުޅު ނުފޯރާ ހިސާބަށް ދިޔުމުން އަރައިވަޑައިގެން ހުންނެވި ހިލައެވެ.

އަލްމަސްޖިދުއްނަބަވީ - ކީރިތި ރަސޫލާ މަދީނާއަށް ހިޖްރަ ކުރެއްވުމަށްފަހު ފުރަތަމަ ބިނާކުރެއްވި މިސްކިތަކީ ނަބަވީ ޙަރަންފުޅެވެ.

މި ޙަރަންފުޅުގެ ބޮޑުމިނަކީ 400 ހާސް 500 އަކަ މީޓަރެވެ. ހިޖްރައިން 654 ވަނައަހަރު ޢައްބާސީންގެ ވެރިކަމުގައި މި ޙަރަންފުޅު އަނދައިގެން ދިޔައެވެ. ޢަރަބިކަރައިގައި ކަރަންޓުން ދިއްލުނު ފުރަތަމަ މިސްކިތަކީ އަލްމަސްޖިދުއްނަބަވީއެވެ. އެއީ ހިޖްރައިން 1327 (މީލާދީން 1909) ގައެވެ. ދަތުރުކުރުމުގެ ބުރަ އުފުލައިގެން ދިޔުމަށް އަންގަވައިފައިވާ ތިން މިސްކިތަކީ އަލްމަސްޖިދުލް ޙަރާމާއި އަލްމަސްޖިދުއްނަބަވީއާއި އަލްމަސްޖިދުލް އަޤްޞާއެވެ. އަލްމަސްޖިދުލްޙަރާމުގައި ކުރެވޭ ނަމާދު އެހެން މިސްކިތެއްގައި ކުރެވޭ އެއްލައްކަ ނަމާދާ އެއްފަދަވެގެންވާ ކަމަށް ކައު ރަސޫލާ އަންގަވައިފައި ވެއެވެ. އަލްމަސްޖިދުއްނަބަވީގައި ކުރެވޭ ނަމާދު އެއްހާސް ނަމާދާ އެއްވަރުވެގެން ވެއެވެ. އަލްމަސްޖިދުލް އަޤްޞާގައި ކުރެވޭ ނަމާދު 500 ނަމާދާ އެއްވަރުވެގެން ވެއެވެ.

އަލްމަސްޖިދުލްއަޤްޞާ - މި މިސްކިތުގެ ބޮޑުމިނަކީ 144 ހާސް އަކަ މީޓަރެވެ. އެއީ މުޅި ބައު ޤުދުސް ސަހަރުގެ ހަ ބައިކުޅަ އެއްބައެވެ. މި މިސްކިތުގައި އެއް ވަގުތެއްގައި 250 ހާސް މީހުންނަށް ނަމާދުކުރެވެއެވެ.

މިސްކިތް ބިނާ ކުރެވިފައިވަނީ ދިގު އަކައަކާ އެއްވައްތަރު ގޮތަކަށެވެ. ހުޅަނގު ފަރާތު ބިތްކޮޅުގެ ދިގުމިނަކީ 491 މީޓަރެވެ. އިރުމަތީ ފަރާތު ބިތްކޮޅުގެ ދިގުމިނަކީ 462 މީޓަރެވެ. އުތުރު ފަރާތު ބިތްކޮޅުގެ ދިގުމިނަކީ 310 މީޓަރެވެ. ދެކުނު ފަރާތު ބިތްކޮޅުގެ ދިގުމިނަކީ 281 މީޓަރެވެ. މި މިސްކިތުގައި 11 ދޮރުކޮޅު ހުރެއެވެ. އުތުރުފަރާތުގައި 7 ދޮރުކޮޅު، އިރުމަތީ ފަރާތުގައި ދޮރުކޮޅަކާއި ހުޅަނގު ފަރާތުގައި ދެ ދޮރުކޮޅާއި ދެކުނު ފަރާތުގައި ދޮރުކޮޅެކެވެ. އަޤްޞާ މިސްކިތުގެ ގޯތިތެރޭގައި މީރުފެނުގެ 25 ވަޅުކޮޅު ހުރެއެވެ. މީގެ އިތުރަށް ވުޟޫ ކުރުމަށް ޚާއްޞަ ތަންތަން ވެސް ހުރެއެވެ. ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އެނގޭގޮތުގައި މި ބިމުގައި ދެވަނައަށް ބިނާކުރެވުނު މިސްކިތަކީ އަޤްޞާ މިސްކިތެވެ. މުއައްރިޚުން ވިދާޅުވާގޮތުގައި މި މިސްކިތް ބިނާ ކުރެއްވީ އާދަމުގެފާނެވެ. އަނެއްބައި މުއައްރިޚުން ވިދާޅުވާގޮތުގައި މި މިސްކިތް ބިނާ ކުރެއްވީ ނޫޙުގެފާނުގެ ދަރިކަލުން ސާމުގެފާނެއެވެ. ތިންވަނަ ރައުޔެއް ބުނާގޮތުގައި މި މިސްކިތް ބިނާކުރެއްވީ އިބްރާހީމުގެފާނެވެ

މަސްޖިދުލް ޢަތަބަތިއް ރިޟަވިއްޔަތި - މިއީ އީރާނުގެ މަޝްހަދު ސަހަރުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތުގެ ބޮޑުމިނަކީ 600 ހާސް އަކަ މީޓަރެވެ.

މި މިސްކިތުގައި ނަމާދުކުރެވޭ މީހުންގެ ޢަދަދަކީ 700 ހާހެވެ. ޢަތަބަތުލް ރިޟަވިއްތަކީ ޝީޢީންގެ އަށްވަނަ އިމާމު ޢަލީ ބިން މޫސާ އައްރިޟާ ގެ ޒިޔާރަތަށް ޝީޢީން ކިޔާ ނަމެވެ.

އައްސުލްޠާން ޤާބޫސް މިސްކިތް - މި މިސްކިތް ބިނާކޮށްފައިވަނީ ޢުމާނުގެ ކުރީގެ ރަސްގެފާނު ޤާބޫސުގެ އަމުރުފުޅަށް 1992 ވަނަ އަހަރުއެވެ. މިސްކިތް ބިނާ ކޮށްފައި ވަނީ ވެރިރަށް ޢުމާނުގެ މެދުތެރެއަށް ދެވެން އޮންނަ ބޮޑުމަގުގައެވެ.

މި މިސްކިތުގެ ބޮޑުމިނަކީ 416 ހާސް އަކަ މީޓަރެވެ.މި މިސްކިތުގައި އެއް ވަގުތެއްގައި 40 ހާސް މީހުންނަށް ނަމާދު ކުރެވެއެވެ.

އަލްއިމާމުޢަލީގެ މިސްކިތް - މިއީ ޢިރާޤުގެ ނަޖަފު ސަހަރުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. ޢައްބާސީ ޚަލީފާ ހާރޫނުއް ރަޝީދު މި މިސްކިތް ބިނާކުރައްވައިފައިވަނީ ޢަލީގެފާނުގެ ޒިޔާރަތް މިސްކިތުގެ ގޯތިތެރޭގައި ހިމަނުއްވައިގެންނެވެ.

މި މިސްކިތުގެ ބޮޑުމިނަކީ 300 ހާސް އަކަމީޓަރެވެ. މި މިސްކިތުގައި އެއް ވަގުތެއްގައި 700 ހާސް މީހުންނަށް ނަމާދު ކުރެވެއެވެ.

އައްޞާލިޙު މިސްކިތް - ޔަމަނުގެ ވެރިރަށް ޞަންޢާގައި މި މިސްކިތް ބިނާކޮށްފައިވަނީ 224 ހާސް 821 އަކަ މީޓަރުގެ ބިމެއްގައެވެ. މި މިސްކިތުގައި އެއް ވަގުތެއްގައި 45 ހާސް މީހުންނަށް ނަމާދު ކުރެވެއެވެ.
އިސްތިޤްލާލު މިސްކިތް - މިއީ އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި ބިނާކޮށްފައިވާ ދެކުނު އިރުމަތީ އޭޝިޔާ ސަރަޙައްދުގެ އެންމެ ބޮޑު މިސްކިތެވެ. މި މިސްކިތުގެ ބޮޑުމިނަކީ 97 ހާސް އަކަމީޓަރެވެ. މި މިސްކިތުގައި އެއްވަގުތެއްގައި 200 ހާސް މީހުންނަށް ނަމާދު ކުރެވެއެވެ. މި މިސްކިތް ބިނާކުރެވުނީ 1978ވަނަ އަހަރުގައެވެ.
ދެވަނަ ޙަސަން ރަސްގެފާނު މިސްކިތް - މި މިސްކިތް ބިނާކޮށްފައި ވަނީ މަޣްރިބުގެ އައްދާރުލް ބައިޟާއުގައި 90 ހާސް އަކަމީޓަރުގެ ބިމެއްގައެވެ. މި މިސްކިތުގައި އެއްވަގުތެއްގައި 105 ހާސް މީހުންނަށް ނަމާދުކުރުމުގެ ތަނަވަސްކަން ލިބިފައި ވެއެވެ. މި މިސްކިތް ބިނާކުރެވުނީ 1993ވަނަ އަހަރުއެވެ.
ފައިޞަލް ރަސްގެފާނު މިސްކިތް - މި މިސްކިތް ބިނާކުރެވިފައި ވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި 54 ހާސް އަކަމީޓަރުގެ ބިމެއްގައެވެ.މި މިސްކިތުގައި އެއްވަގުތެއްގައި 300 ހާސް މީހުންނަށް ނަމާދު ކުރެވެއެވެ.

މި މިސްކިތް ބިނާކުރެވުނީ 1986ވަނަ އަހަރުގައެވެ. މިސްކިތް ފަރުމާކޮށްފައި ވަނީ އަރަބި ބަދަވީ ފޭލިގެއެއްގެ ސިފައިގައެވެ. މި މިސްކިތް ފަރުމާކުރެއްވި މޭސްތެރިއަކީ ތުރްކީގެ އިންޖިނޭރެއް ކަމުގައިވާ ވިދާދު ދަލޫކާއި އެވެ. މި މިސްކިތަށް ފައިޞަލް ރަސްގެފާނު މިސްކިތުގެ ނަން ދެވުނީ މި މިސްކިތް ބިނާކުރުމަށް ޚަރަދު ކުރެއްވީ ސުޢޫދީ އަރަބިއްޔާގެ އޭރުގެ ރަސްގެފާނު ފައިޞަލް ރަސްގެފާނު ކަމުގައިވާތީއެވެ. މި މިސްކިތް ބިނާކުރުމުގެ މަޝްރޫޢުގެ ތަޞައްވުރު ވުޖޫދަށް އައީ އެ ރަސްގެފާނު 1966ގައި ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.