ހޮސްޕިޓަލްތައް އަޅަން ނުފެށިގެން އުޅެނީ ފަންޑިން ހަމަނުޖެހެނީސް ކޮންޓްރެކްޓް ކޮށްފަ ހުރުމުން: މިނިސްޓަރު

"2023 ވަނަ އަހަރު އާދަޔާ ހިލާފަށް ގިނައިން ޕްރޮޖެކްޓްތަކެއް ކޮންޓްރެކްޓްކޮށްފަ ހުރީ. އެއީ އަޅުގަނޑުމެންގެ ވަރަށްބޮޑު ކަންބޮޑުވުމެއް. އަޅުގަނޑުމެން ބަލައިލިއިރު އަގު ގާތްގަނޑަކަށް ޖުމްލަ ހުރިހާ ޕްރޮޖެކްޓަކަށް ބަލާއިރު 2 ބިލިއަނަށްވުރެ ބޮޑު،"

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

ކުރީ ސަރުކާރުން ރަށްރަށުގައި އަޅަން ހަވާލުކޮށްފައިވާ ގިނަ ހޮސްޕިޓަލްތަކުގެ މަސައްކަތް ހުއްޓިފައި ވަނީ ފަންޑިން ހަމަނުޖެހެނީސް މަޝްރޫއުތައް ކޮންޓްރެކްޓް ކޮށްފައިވާތީ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅަން ފަށާފައިވާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒިތަކުގެ މަސައްކަތް މިވަގުތު ހުއްޓިފައި ވަނީ ފައިސާ ނެތުމުގެ ސަބަބުން ކަމަށެވެ. އޭގެ ތެރެއިން ބައެއް ޕްރޮޖެކްޓްތައް ކޮންޓްރެކްޓަރާ ވާހަކަދައްކައިގެން ފަށާފައިވާ ކަމަށެވެ.

"2023 ވަނަ އަހަރު އާދަޔާ ހިލާފަށް ގިނައިން ޕްރޮޖެކްޓްތަކެއް ކޮންޓްރެކްޓްކޮށްފަ ހުރީ. އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. އަޅުގަނޑުމެން ބަލައިލިއިރު އަގު ގާތްގަނޑަކަށް ޖުމްލަ ހުރިހާ ޕްރޮޖެކްޓަކަށް ބަލާއިރު 2 ބިލިއަނަށްވުރެ ބޮޑު،" މިނިސްޓަރު ވިދާޅުވި އެވެ.

އަގުބޮޑެތި ގިނަ ޕްރޮޖެކްޓްތަކެއް ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވީ ނަމަވެސް، މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ހެލްތު މިނިސްޓްރީގެ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ހިމަނާފައި ވަނީ 380 މިލިއަން ރުފިޔާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ބޭރުގެ ފަންޑު ހަމަނުޖެހުމުން ބަޖެޓުން އެ މަސައްކަތްތައް ކުރަން ނިންމިޔަސް، ބަޖެޓުގައި ފައިސާނެތި ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޓެންޑާ ކޮށްފައި ހުރި ޕްރޮޖެކްޓްތައް އަވަސްކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ފަންޑު ހޯދަން މަސައްކަތް ކުރާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން އެ ޕްރޮޖެކްޓްތަކުގެ ފަންޑު ހަމަޖައްސާފައިވާނަމަ މި މައްސަލަތައް ދިމާނުވާނެ ކަމަށެވެ.

"ދެންމެއަކު ތި ވިދާޅުވީ ވިލުފުށީގަ ބިނާކުރަން ހަމަޖެހިފަވާ ހޮސްޕިޓަލުގައި ވެސް ދިމާވެފަ އޮތް މައްސަލައަކީ ފައިނޭންސްގެ މައްސްލަތައް. އެއީ ބޭރުގެ ފަންޑިންއަކުން ފަންޑުކުރާ ގޮތަށް އޮވެ، އެ ފަންޑިން ހަމަނުޖެހެނީސް ވަކި ގޮތަކަށް ހަވާލުކުރުމުގެ ނަތީޖާ އަޅުގަނޑުމެންނަށް މި ފެންނަނީ،" ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބޭރުގެ ފަންޑު ހަމަނުޖެހެނީސް ކޮންޓްރެކްޓްގައި ސޮއިކުރުމުން ދެން އެ ފަންޑު ދޭން އެފަރާތްތަކުން ދެކޮޅު ހަދާ ކަމަށެވެ. ހަތް ހޮސްޕިޓަލެއް އަޅަން ފަންޑު ދޭން ނިންމި ކުވޭތު ފަންޑަށްވެސް ވީ އެހެންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިވެލުއޭޝަން މައްސަލަތަކެއް ހުރުމުން އެ ފަންޑު ވެސް މިހާރު ނުދޭން ނިންމާފައިވާ ކަމަށެވެ.

"ސޮއިކުރުމަށްފަހުގަ، ބަޔަކަށް އެވޯޑު ކުރުމަށްފަހުގަ އާންމުކޮށް އެކަހަލަ ފަންޑިންތަކުން ފައިސާއެއް ހަމައެއްނުޖައްސާ. ދެން އެ ފަންޑިން ބޭނުންކުރަން ޖެހޭނީ ކޮންމެސް އެހެން ކަމަކަށް. ދެންމެއަކު އަޅުގަނޑު ދަންނަވާލިހެން އޭރުގަ އެ ދިމާވި، އެވޯޑުކުރުމުގަ ދިމާވި ބައެއް މައްސަލަތަކާ ހުރެ ޕްރޮޖެކްޓްތަކަށް ފައިނޭންސް ކުރުން ހުއްޓާލީ. އެހެންވީމަ މިހާރު ކޮންމެވެސް އެހެން ގޮތަކަށް އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ، ފަންޑިން ސެކުއާ ކުރުމުގެ މަސައްކަތްތައް އަޅުގަނޑުމެން މި ކުރިއަށް ގެންދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ހުއްޓިފައިވާ ޕްރޮޖެކްޓްތަކުގެ މަސައްކަތަށް އެހެން ސޯސްތަކުން ފަންޑު ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކުރީ ސަރުކާރުން ވަނީ ހާއްސަކޮށް މިދިޔަ އަހަރު ރިޔާސީ އިންތިހާބާ ދިމާކޮށް ވަރަށް ގިނަ ރަށްރަށުގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ގާއިމްކުރަން ކުންފުނިތަކަށް އެވޯޑްކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.