މިދިޔަ އަހަރު ޓޫރިޒަމަށް 4.2 ބިލިއަން ޑޮލަރު، ހަ ޕަސެންޓް ދަށް

ޓޫރިސްޓުން މަޑުކުރާ މުއްދަތު ވަނީ ދަށްވެފަ އެވެ. މިހެން ދިމާވި އެއް ސަބަބަކީ ޔޫރަޕު މާކެޓު ހީނަރުވެ އިންޑިއާ މާކެޓު އިތުރުވުމެވެ.

ވީއައިއޭގައި ޓޫރިސްޓުންތަކެއް : ޓޫރިޒަމް އާމްދަނީ ވަނީ ދަށްވެފަ -- ޔާމީން މުހައްމަދު

މިދިޔަ އަހަރު ރާއްޖެ އަށް ރެކޯޑް އަދަދެއްގެ ޓޫރިސްޓުން އައިސްގެން މުޅިން ދެއްކީ އެ ވާހަކަ އެވެ. ކެނޑީ އެ ފޮންޏެވެ. އެކަމަކު މިދިޔަ މުޅި އަހަރު ދުވަހަށް ބަލާއިރު ޓޫރިޒަމަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާނަމަ ވަނީ ގާތްގަނޑަކަށް 6.3 ޕަސެންޓް ދަށްވެފަ އެވެ. 

ދައުލަތުގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ޓޫރިޒަމަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 4.2 ބިލިއަން ޑޮލަރެވެ. ނަމަވެސް އޭގެ ކުރީ އަހަރު އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ 260 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އަދި ޕަސެންޓޭޖުން ބަލާނަމަ މިއީ 6.3 ޕަސެންޓުގެ ދަށްވުމެކެވެ. 

ޓޫރިސްޓުންވީ އިތުރު - މިދިޔަ އަހަރު ރާއްޖެ އަށް 1.8 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އަދި އޭގެ ކުރީ އަހަރު 1.6 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. މިކަންކަން ސަރުކާރުން ވަރަށް ކުލަގަދަކޮށް ފާހަގަކޮށް އެ ވާހަކަ ދެއްކި އެވެ. 

ޓޫރިޒަމް އާމްދަނީ ފަސް އަހަރު

  •  2019 - 3,157.06 ބިލިއަން
  •  2020 - 1,397.87 ބިލިއަން
  •  2021 - 3,508.36 ބިލިއަން
  •  2022 - 4,498.00 ބިލިއަން
  •  2023 - 4,230.29 ބިލިއަން

މިދިޔަ ފަސް އަހަރު އާމްދަނީ އެންމެ ބޮޑަށް ދަށްވެފައިވަނީ 2020 ވަނަ އަހަރު އެވެ. ކޮވިޑާއެކު ބަންދު ކުރި އަހަރު އާމްދަނީއަށް ލިބުނީ 1.3 ބިލިއަން ޑޮލަރެވެ. ނަމަވެސް އޭގެފަހުން އާމްދަނީ ވަނީ އިތުރުވެފަ އެވެ. 

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވީއައިއޭގައި މަޑުކޮށްލައިގެން : -- ޔާމީން މުހައްމަދު

ޓޫރިސްޓުން މަޑުކުރާ މުއްދަތު ދަށް

ޓޫރިޒަމް އާމްދަނީ ދަށްވިއިރު ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ވަނީ ކުޑަ އިތުރުވުމެއް އައިސްފަ އެވެ. މިދިޔަ އަހަރު ރާއްޖޭގެ ޓޫރިސްޓުން 12.90 މިލިއަން ރޭ ވަނީ ހޭދަކޮށްފަ އެވެ. މިއީ 2022 ވަނަ އަހަރު ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި 12.26 މިލިއަން ރެއާ އަޅާބަލާނަމަ 5.2 ޕަސެންޓުގެ އިތުރުވުމެކެވެ. ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ކުޑަކޮށް އިތުރުވިނަމަވެސް އެވްރެޖު ގޮތެއްގައި މިދިޔަ އަހަރު ޓޫރިސްޓެއް ރާއްޖޭގައި މަޑުކޮށްފައިވަނީ 7.59 ދުވަހު އެވެ. މި އަދަދަކީ 2022 ވަނަ އަހަރު ޓޫރިސްޓުން އެވްރެޖު ގޮތެއްގައި މަޑުކުރި 8.02 ދުވަހާ އަޅާބަލާބަނަމަ ނިސްބަތުން ދަށް އަދަދެކެވެ. 

އެނދުގެ އަދަދު 29 ޕަސެންޓް އިތުރު

ރާއްޖޭގެ ޓޫރިޒަމަށް ލިބޭ އާމްދަނީ ދަށްވިނަމަވެސް ޓޫރިސްޓު ބެޑް ކެޕޭސިޓީ ދަނީ ހަލުވި ކަމާއެކު އިތުރުވަމުންނެވެ. ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތްދޭން 2019 ވަނަ އަހަރު 48،000 އެނދު ހުރިނަމަވެސް މިދިޔަ އަހަރު އެނދުގެ އަދަދު ވަނީ  62،000 އަށް އިތުރުވެފަ އެވެ. މިއީ ފަސް އަހަރު ދުވަހަށް ބަލާނަމަ ޓޫރިސްޓު އެނދުގެ އަދަދު 29 ޕަސެންޓުގެ އިތުރުވުމެކެވެ. 

އޮކިއުޕެންސީ ކިހިނެއް ؟ - ޓޫރިސްޓު ފެސިލީޓީތަކުގެ އޮކިއުޕެންސީ ނުވަތަ އެ ތަންތަނަށް ހިދުމަތް ހޯދަން އަންނަ މެހުމާނުންނާއެކު އެތަން ބުކްވާ މިންވަރު ރާއްޖޭގެ ޓޫރިޒަމްގައި ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. ޓޫރިޒަމް އޮކިއުޕެންސީ 2022 ވަނަ އަހަރު ހުރީ 58.9 ޕަސެންޓުގަ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ވަނީ 57.6 ޕަސެންޓަށް ދަށްވެފަ އެވެ. މި އަދަދަކީ މީގެ ފަސް އަހަރު ކުރިއަށް ބަލާނަމަ 62.3 ޕަސެންޓުގައި ހުރި ނަމްބަރެކެވެ. 

އާމްދަނީ ދަށްވުމުގައި ގިނަ ސަބަބުތަކެއް

ޓޫރިޒަމް އާމްދަނީ ދަށްވުމުގައި ގިނަ ސަބަބުތަކެއް ތަޖުރިބާކާރުން ފާހަގަ ކުރައްވަ އެވެ. މީގެ ބައެއް ސަބަބުތަކުގެ ތެރޭގައި ޓޫރިސްޓު އެނދުގެ އަދަދު އިތުރުވަމުން ދިޔަ ވަރަކަށް ރާއްޖެ މާކެޓު ކުރުން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެނުން ހިމެނެ އެވެ. މިކަމަށް އެމްއެމްޕީއާރުސީން އެވްރެޖުކޮށް 154 މިލިއަން ރުފިޔާ ހަރަދު ކުރިނަމަވެސް އެނދު އިތުރުވަމުން ދިޔަ ވަރަށް އެކަން ކުރެވިފައެއް ނެތެވެ. އަނެއް ސަބަބަކީ ވީއައިއޭގައި ކެޕޭސިޓީ ނެތުމުން އެރަވައިވަލް އިތުރު ކުރަން އޮތް ހުރަސްތަކެވެ. އެއާލައިން އިތުރު ކުރެވޭނެ ގޮތެއް ނެތުމެވެ. މީގެ އިތުރުން ޔޫރަޕާއި މެދުއިރުމަތި ފަދަ ބޮޑު ހޭދައެއް ކުރާ މާކެޓު ތަކުން ޓޫރިސްޓުން އިތުރު ކުރަން އެކަށީގެންވާ މަސައްކަތް ތަކެއް ރާއްޖޭން ނުކުރުން ވެސް ހިމެނެ އެވެ. އަދި އިންޑިއާ މާކެޓަށް ރާއްޖޭގެ މާކެޓިން އާއި މުޅި ޓޫރިޒަމްގެ ސިސްޓަމް ފޯކަސްކޮށް ބޮޑު ނަމްބަރެއް ގެންނަން ހިފުމުގެ ނަތީޖާއަކީ އަގުތައް ދަށްވެގެން ދިއުމުގެ ސަބަބެކެވެ. މިކަމުގެ ސަބަބުން ޓޫރިސްޓުންގެ ބޯ އިތުރުވިނަމަވެސް ޓޫރިޒަމް އާމްދަނީ ވަނީ ބޮޑުތަނުން ދަަށްވެފަ އެވެ. މިހެންވި ސަބަބަކީ އިންޑިއާ މީހުންނަކީ އާއްމުކޮށް ޝޯޓް ސްޓޭކޮށް ހަރަދު ކުރުން މަދު ބަޔަކަށްވުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.