ވާހަކަ

ނޭނގި ޔާރު ވަކިވީ - އެޕިސޯޑް 12

ޝަރާ ބަލައިލީ އަޔާޒްގެ މޫނަށެވެ. އަޔާޒް އެކަން އޭނާގެ މައިންބަފައިންނަށް އެކަން ހިއްސާ ނުކުރަނީތޯ އަހާ ބީދައަކުންނެވެ.

- އެޕިސޯޑް 12 –

ޒީމާގެ ސުވާލާއެކު އަޔާޒަށް ތެޅެގަނެވުނީ، އަޔާޒްއާ ދިމާލަށް ޝަރާ ބަލައިލުމުންނެވެ. އަޔާޒް ފުން ނޭވާ އެއް ދޫކޮށްލަމުން ޒީމާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.

"މަންމާ.. އަދި އަހަންނަށް މިވާހަކަ ނުބުނެވެ ދޯ މިއުޅެނީ.. ޝަރާގެ މައިންބަފައިން ދުނިޔޭގަ ނެތް.." އަޔާޒް އެހެން ބުނުމާއެކުގައި ޒީމާގެ ހިތުގައި ނުރުހުން އުފެދިގެން ދިޔައެވެ. ޔޫސުފް ވަގުތުން ޝަރާއަށް ހިތްވަރު ދިނެވެ. އަޔާޒް އާއި ޝަރާ ދެމީހުން ވެގެން ޝަރާގެ ޢާއިލާގެ މައުލޫމާތު ތަކާއި، ޝަރާގެ ޙަޔާތުގެ އެތައް ކަމެއް އަޔާޒްގެ މައިންބަފައިންނަށް ހިއްސާ ކުރިއެވެ.

ޝަރާގެ ޙަޤީޤަތް އެނގުމުން ޒީމާ އާއި ޔޫސުފްގެ ވިސްނުން ވަރަށް ބޮޑަށް ތަފާތު ވިއެވެ. ޝަރާގެ ޙާލަތަކީ ޔޫސުފަށް އެއްވެސް މައްސަލައަކަށް ނުވި އިރު އެކަން ޒީމާއަށް ވީ ވަރަށް ބޮޑު މައްސަލަ އަކަށެވެ. ނަމަވެސް ޒީމާގެ ކޮޅުގައި އެއްވެސް މީހެއް ނެތްކަން އެނގޭތީީ، މަޑުން އެއްޗެއް ނުބުނެ، އިޙްސާސްތައް ފޮރުވައިގެން ހުންނަން ޒީމާއަށް މަޖުބޫރު ވީއެވެ.

ޒީމާގެ މޫނުމަތިން އޭނާ ކިތަންމެ ހެޔޮކަން ދައްކަން ބޭނުން ވިޔަސް، އެ މޫނު މަތީގައި އެއްވެސް ތާޒާ ކަމެއް ނެތެވެ. މުޅި މޫނު ހުރީ ފާޑަކަށް "ކުނި" ވެފައެވެ. ޒީމާ ޤަބޫލު ކުރީ ޝަރާ އަކީ އަޔާޒް ދެކެ ލޯބިން އުޅޭ ކުއްޖެއް ނޫން ގޮތުގައެވެ. ޝަރާގެ މަޤުޞަދަކީ މުދަލާއި ފައިސާ އެވެ. އެގޮތަށް ތަނަވަސްކަމެއް ނެތި، ޙާލުގައި އުޅެވުނީމަ މުއްސަނދި ކަަމަށް ވަރަށް ދަހިވެތި ވާނެއެވެ. މި ޢާއިލާގެ ތަނަވަސްކަން ފޭރިގަންނަން ޝަރާ އަކީ އޭނާގެ ބޮޑުދައިތަ ފޮނުވި އެޖެންޓެއްގެ ގޮތުގައި ޒީމާއަށް ސިފަ ކުރެވިގެން ދިޔައެވެ.

ޔޫސުފްގެ ހުއްޓުމެއްނެތް ތަޢުރީފްތައް އަޑު އަހަން އެމީހުންގެ ތެރޭގައި ޒީމާ އިނީ ވަރަށް ފޫހިވެފައެވެ. ދޭތެރެ ދޭތެރެއިން ނިދި އައިސްގެން އުޅޭ ގޮތަކަށް ޒީމާ އުޅެމުން ދިޔައެވެ.

"ދަރިފުޅާ! އަޔާޒް. މަންމަމެން ވަރަށް އުފާވެއްޖެ! އުއްމީދުކުރަން ޝަރާ ވެގެން ދާނީ އަޔާޒްގެ ޙަޔާތައް ލިބޭނެ ބޮޑު ނިއުމަތަކަށް ކަމަށް.." މަޖުބޫރީ ރާގެއްގައި، މޫނު މައްޗަށް ހިނިތުންވުމުގެ "ފޮޓޯގަނޑެއް" ތަތް ކޮށްގެން ހުރެ ޒީމާ ވާހަކަދައްކަން ފެށީ ކޮޅަށް ތެދުވަމުންނެވެ.

"މަންމަ މިގަޑީ މި ވަންނަނީ ޖައްސާލަން.. ވަރަށް ނިދި އެބަ އާދޭ.. ދަރިފުޅާ ޝަރާ.. މަންމަ ދާނަން މާދަން ޝަރާ އުޅޭ ގެއަށް.. ޝަރާއާ ބައްދަލު ކޮށްލަން.. އިނގޭ!" ޝަރާގެ ބޮލުގައި ފިރުމާލަމުން ޒީމާ ބުނެލިއެވެ.

***

ރޭގަނޑުގެ ދަންވަރު ވަގުތެވެ. މުޅި ގޭތެރެއިން ފެންނަނީ ހިމޭން ކަމެވެ. ސިޓިންގރޫމްގެ ސޯފާގައި ޒީމާ އެކަނި އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ. ޒީމާގެ ހިތާއި ސިކުނޑީގައި ވަނީ އޭނާގެ ދަރިފުޅު، ޝަރާގެ ކިބައިން ސަލާމަތް ކުރާށެވެ. އަޔާޒް އަށް ދެރައެއް ލިބޭނެ އެއްްވެސް ކަމެއް ޔޫސުފް ކިތަންމެ ނުޤަބޫލު ވިޔަސް، ކަމެއް ނުކޮށް ހަށަން ބަދެލައިގެން ހުންނަން ޒީމާއަކަށް ހަޖަމެއް ނުވެއެވެ. އެތައް ޕްލޭނެއް ޒީމާގެ ބޮލަށް ވަދެ، އޭނާ ކަންތައް ކުރާނެ ގޮތް އެންމެ ފަހުން ޒީމާ އޭނާގެ ބޮލުގެ ތެރޭގައި ރާވާލިއެވެ.

***

އެނދުގައި ދެފަރާތަށް ފުރޮޅެމުން ޝަރާ ގެންދިޔައީ އޭނާގެ ލޮލަށް އެއްްވެސް ވަރަކަށް ނިދީގެ އަސަރެއް ނުކުރާތީއެވެ. އަޔާޒްގެ ގެއިން އައިސް ފެންވަރާލައިގެން އެނދުގައި ޖައްސާލި ވަގުތުން ފެށިގެން ޝަރާގެ ބޮލުގައި ރިހުމެއް ވެއެވެ. މިއީ ޝަރާއަށް ކުރިން ވެސް ކުރެވުން އިޙްސާސެކެވެ. 


މާލެ އަންނަން އޮތް ދުވަހު ވެސް ބޮލަށް ވީ ތަދުން ވެއްޓުނީއެވެ. އޭގެ ފަހުން ދޭތެރެ ދޭތެރެއިން ޝަރާގެ ބޮލަށް އާދަޔާ ޚިލާފު ރިހުމެއް އަރައެވެ. މާބޮޑު ކަމަކަށް ނުހަދާ، ޝަރާ އެކަމާ އަޅާ ނުލީ އެއީ އޭނާއަށް މިދުވަސް ކޮޅު އުޅެން ޖެހޭ ގޮތުން ކަމަށް ބަލައިގެންނެވެ. ކައިވެނީގެ ކަންތައް ތަކާ ވެސް ޝަރާއަށް ވަރަށް ވިސްނެއެވެ. މާ ބޮޑަށް ވިސްނާ، ކަންކަންކަމާ އެކްސައިޓް ވެގެން ރަނގަޅަށް ނުނިދޭތީ ވާގޮތަކަށް ވެސް ވެދާނެ ކަމަށް ޝަރާ ނިންމިއެވެ.

އައު ދުވަހަކަށް އިރު ދުނިޔެއަށް މަރުޙަބާ ކިޔައިފިއެވެ. ޒީމާ އަންނާތީ ޝަރާ ހުރީ ވަރަށް ބޮޑަށް ތައްޔާރު ވެލައިގެންނެެވެ. ކޮޓަރި ތެރެ އިތުރަށް ސާފުކޮށް، އެއްޗެހި ވަރަށް ތަރުތީބު ކޮށްލައިގެންނެވެ. އަޔާޒް ބުނެފައިވާ ގޮތުން ޒީމާ އެ އަންނަނީ ޝަރާއާ ބައްދަލުކޮށްލާ، ޝަރާއާ އެކުގައި ރަނގަޅު ގުޅުމެއް ބަދަހިކޮށްލާށެވެ. އެކަމާ ޝަރާ އިނީ އިންތިހާއަށް އުފާކޮށްގެންނެވެ. 

ރަނގަޅު، ގުޅޭ މައިދައިތަ އަކީ އަންހެނަކަށް ކައިވެންޏަށްފަހު ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތެކެވެ. އެ ނިއުމަތް އެންމެ ފުރިހަމަ ގޮތުގައި ޝަރާ އަށް ޒީމާގެ ފަރާތުން ލިބޭނެ ކަމާ މެދުގައި އެނާ ޝައްކެތް ނުކުރެއެވެ.

ދޮރުގައި ޓަކި ދިނުމާއެކުގައި ޝަރާ ވަރަށް އަވަސްކޮށް ދޮރު ހުޅުވާލިއެވެ.

"މަންމާ.." ޝަރާ ހިނިތުންވުމަކާއެކުގައި ޒީމާއަށް މަރުޙަބާ ކިޔަމުން ދޮރު ބޮޑަށް ހުޅުވާލިއެވެ. އެއްވެސް އެއްޗެއް ނުބުނެ ޒީމާ ވަނީ ކޮޓަރިއަށެވެ. އަދި ވަށައިގެން ކޮޓަރި ތެރެ ބަލަމުން ދިޔައެވެ.

"މީ ހުވަފެނުން ވެސް ޝަރާއަށް ފެނިފައި ނުވާ ފަދަ ކޮޓަރިއެއް ދޯ؟" ޒީމާ ވިހަ ގޮތަކަށް ހީނލަމުން ބަލައިލީ ޝަރާއާ ދިމާލަށެވެ.

"ތިބުނީ؟" ޝަރާއަށް ހައިރާން ކަމާއެކުގައި އަހާލެވުނެވެ.

"މިބުނީ.. ތިކަހަލަ ނިކަމެތިން.. މިފަދަ ޒަމާނީ، މޮޅު ކޮޓަރިއެއް ފެނުނީމަ ވެސް.. އަދި އުޅެލަން ލިބުނީމަ... އެ ވާނެތާ ދުނިޔެ އެކީ އެކައްޗަކަށް ލިބުނީ ކަމަށް.." ޒީމާގެ ދުލުން ނުކުތް ބަސްތަކުން ޝަރާގެ ދެލޯ ވަގުތުން ފެންކަޅި ވިއެވެ. އަދި ދެލޯ ބޮޑު ކޮށްލެވުނެވެ. އެއްވެސް އެއްޗެއް ނުބުނެ ޝަރާއަށް ބަލަން ހުރެވުނީ ޒީމާގެ މޫނަށެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.