މާލޭގެ ހުރިހާ މަގެއް ޗައިނާގެ އެހީގައި ހިލޭ ހަދައިދޭން ނިންމައިފި

"ވަރަށް އުފުލާ އެކީގައި ދަންނަވާލަން ބޭނުން ޗައިނާ ސަރުކާރުން ހިލޭ އެހީ ގައި މުޅި މާލެ ސިޓީގެ ހުރިހާ މަގެއް ހަދާ ގޮތަށް ވަނީ ހަމަޖެހިފައި،" ރައީސް މިރޭ އިއުލާނު ކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ޗައިނާއަށް ކުރެއްވި ފުރަމަނާ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ފަސްޓް ލޭޑީ މެޑަމް ޕެންގް ލިޔުއާން ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދަންނަވަނީ -- ފައިލް ފޮޓޯ

ދިވެހީންގެ އެކުވެރި ޗައިނާ ސަރުކާރުގެ ހިލޭ އެހީ ގައި މާލެ ސިޓީގެ ހުރިހާ މަގުތަކެއް ހަދައިދޭން އެ ގައުމުން ނިންމައިފި އެވެ. ޗައިނާ ސަރުކާރުގެ އެ ނިންމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވަނީ ހާމަކުރައްވާފައެވެ.

މައްޗަންގޮޅީ މެދު ދާއިރާއަށް ވާދަ ކުރައްވާ މާލެ ސިޓީ ކައުންސިލްގެ މެންބަރު އަހްމަދު ޒަމީރުގެ ކެމްޕެއިން ހަރަކާތު ގައި މިރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މާލެ ސިޓީގެ މަގުތައް ހެދުމަށް ކުރީ ސަރުކާރުން ފެށި މަޝްރޫއު ހުއްޓާލީ އެ ސަރުކާރުން ކަމަށެވެ. މާލޭގެ މޭޔަރު ކަމަށް އެމަނިކުފާނު އިންތިހާބު ވުމުން އޭރު ހިނގަމުން އައި މަޝްރޫއު ކެންސަލް ކުރީ ކައުންސިލާއި އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަަމަށް ވިދާޅުވި އެވެ.

މަގުތަކުގެ މައްސަލަ އަކީ މާލެ ސިޓީއަށް އޮތް ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އޭރު ފަށާފައި އޮތް މަޝްރޫއު ކުރިއަށް ގެންދެވޭތޯ މޭޔަރު ކަމުގައި ހުންނަވާ ވަަށް ގިނަ މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ފަހުން އެ މަސައްކަތް ކުރިއަށް ގެންދެވޭނެ އެއްވެސް މަގެއް އޭރުގެ ސަރުކާރުން ފަހިކޮށް ނުދިން ކަމަށެވެ.

ރައީސް ވިދާޅުވީ މާލޭގެ ހުރިހާ މަގުތަކެއް އަލުން ހެދުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޗައިނާ ސަރުކާރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.

"ވަރަށް އުފުލާ އެކީގައި ދަންނަވާލަން ބޭނުން ޗައިނާ ސަރުކާރުން ހިލޭ އެހީ ގައި މުޅި މާލެ ސިޓީގެ ހުރިހާ މަގެއް ހަދާ ގޮތަށް ވަނީ ހަމަޖެހިފައި،"

ރައީސް ވިދާޅުވީ އެ މަސައްކަތަށް ޗައިނާގެ ކަމާބެހޭ ޓީމު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިހާރު ހިނގަނީ ފަންނީ މަސައްކަތްތައް ކަމަށް ވިދާޅުވެ އެ މަސައްކަތް ނިމުމުން އަމަލާ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވި އެވެ.

މި އަހަރު މާލޭގެ ހުރިހާ މަގުތައް ހަދަން ފެށުމަކީ ޓާގެޓެއް ކަމަށާ މި މަޝްރޫއުގެއަގު 100 މިލިއަން ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޕްލޭނިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ކުރީން ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.