މިފްކޯގެ ސީއީއޯގެ ބޮޑު ތުހުމަތެއް ؛ މިފްކޯއިން ވަގަށް ތެޔޮ ވިއްކާ، ފޫނެއް ބޯޓު ގަނެފަ އެބަހުރި

ސީއީއޯ ސަމާހު ވިދާޅުވީ ތިން މަސްތެރޭ ވައިގެ މަގުން މަސް އެކްސްޕޯޓް ކުރުމުގެ އަގުވެސް ހެޔޮކޮށްފައިވާނެ ކަމަށާ އެކަމަކު ސަސްޕެންޑް ކުރުމަށްފަހު ބަދަލު ގެންނަމުންދާ ކަމަށް ވިދާޅުވެފައެވެ.

މިފްކޯގެ ސީއީއޯ / އެމްޑީ އަހުމަދު ސަމާހު ރަޝީދު މަޖިލީހުގައި މައުލޫމާތު ދެއްވަނީ

މިފްކޯގެ ތެރޭގައި ނުގަވާއިދުން ގިނަ ކަންތައްތަކެއް ހިނގާ ކަމަށާ،އެ ކުންފުނިން ވަގަށް ތެޔޮ ވިއްކުމާއި މަސް ގަންނަން "ފޫނެއް" ބޯޓު ގަނެފައިވާ ކަމަށް ސީއީއޯ / އެމްޑީ އަހުމަދު ސަމާހު ރަޝީދު ތުހުމަތު ކުރައްވައިފި އެވެ.

މިފްކޯގެ މިހާރުގެ ސީއީއޯ އެ ކުންފުނީގެ ހިންގުމާ ހިލާފަށް އަމަލު ކުރާ ކަމަށް ބުނެ ޕީސީބީން ސަސްޕެންސް ކޮށްފައިވާ މައްސަލާގައި މަޖިލީހުގެ ކޮމެޓީގައި ދިފާއުގައި ވާހަކަ ދައްކަމުން ސަމާހު ވިދާޅުވީ އެ ކުންފުނީގެ އިންޓާނަލް އޮޑިޓަރު / ޗީފް އޮޑިޓަރު ޝައުން ޝަރީފު ސަސްޕެންޑް ކުރީ ސަބަބު ތަކެއް ހުރެގެންނެވެ. 

އެއް ސަބަބެއް ގޮތުގައި ވިދާޅުވީ އެ ކުންފުންޏަށް "ފޫނެއް" ބާ ބޯޓެއް ގަތުމެވެ. އެކަމަކު އޮޑިޓުން އެކަން ވެސް ކޮށްފައި ވަނީ ރަނގަޅަށް ކަމަށް ދައްކަން ބަދަލު ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެޓީގައި ސަމާހު ވިދާޅުވީ އެ ކުންފުނީގެ އިންޓާނަލް އޮޑިޓަރުގެ އަނބިކަނބަލުންނަކީ ޕީސީބީގެ ޗީފް ފައިނޭންޝަލް އޮފިސަރު ކަމަށާ އޭނާ ސަސްޕެންޑް ކުރުމުގެ ފަހަތުގައި އޮތީ ނުފޫޒު ކަމަށެވެ. އަދި އެ ނިންމުމުގައި މަސްތަހަތު ފުށޫއަރާ ކަން ވެސް ފާހަގަ ކުރެއްވި އެވެ.

އިތުރަށް ވިދާޅުވީ ވިސުލް ބްލޯވް ކަށިގަނޑު ފުމުމުން އެ އަޑުއިވެނީ އޮޑިޓަރުގެ އަނބިކަނބަލުންނަށް އެކަނި ކަމަށާ މީގެ އިތުރު ކަށިގަނޑެއް ނެތް ކަމަށެވެ.

ސަމާހު މިހެން ވިދާޅުވީ ޕީސީބީން މި ކޮމެޓީގައި ދެއްކި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށެވެ. ޕީސީބީން ބުނީ ސަމާހް ސަސްޕެންޑް ކުރުމާއި ގުޅޭ މައްސަލަ އަކީ ޕީސީބީގެ ވިސުލްބްލޯ ސިސްޓަމަށް ކާކުކަން ނޭނގޭ ގޮތަށް މިފްކޯއިން ފޮނުވި މައްސަލައެއް ކަމަށެވެ. 

"މިހާ ވަރަށް ކާކުކަން ނޭނގޭނީ. ޗީފް އޮޑިޓަރު [ޝަހުމް] .. [މިފްކޯ] ގެ އެޗްއާރަށް ފޮނުވި ލިޔުންތަކުގެ ޕޮއިންޓްތައް އެ ތަރުތީބުން ޕީސީބީ އަށް ފޮނުވާފަ އެ ހުރީ،" ސަމާހު ވިދާޅުވި އެވެ.

ޕީސީބީން ވަނީ ސީއީއޯ ސަމާހު މި މައްސަލާގައި 14 ދުވަހަށް ސަސްޕެންޑް ކުރުމަށްފަހު އެ ކުންފުނީގެ ހިންގުން ސީއެފްއޯ އަށް ވަގުތީ ގޮތުން ހަވާލުކޮށްފަ އެވެ. 

ސީއީއޯ ސަމާހު ވިދާޅުވީ އޭނާ ސަސްޕެންޑް ކުރުމާ ހަމައަށް ތިން މަސްތެރޭ އެ ކުންފުނީގެ ގިނަ ކަންތައްތަކަށް ބަދަލު ގެނެސް އިސްލާހު ކޮށްފައިވާނެ ކަމަށެވެ.

"އެއް ކަމަކީ [މަސް އެކްސްޕޯޓް ކުރާ އަގު] 240 ޑޮލަރުން 205 ޑޮލަރަަށް ކުޑަކޮށްފިން. މަސް ގެންދިއުމުގެ އަގު 100،000ރ. އިން 75،000ރ. އަށް ކުޑަކޮށްފިން. އެހެންވެ ކޮންމެ ފިޔަވަޅެއް ވެސް އަޅާފައިވާނީ ކުންފުންޏަށް ފައިދާ އަށް،" ސަމާހު ވިދާޅުވި އެވެ.

ސީއީއޯ ސަސްޕެންޑްކޮށް ކޮރަޕްޝަން ހިނގާ

މި ކޮމެޓީގައި މިފްކޯގެ ސީއީއޯ ބިއުރޯގެ ސެކްރެޓޭރިއަޓް އިބްރާހިމް ސައީދު ވިދާޅުވީ ސީއީއޯ ސަސްޕެންޑް ކުރުމަށްފަހު ބޮޑެތި ކޮރަޕްޝަނަށް ތުހުމަތުވާ ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ. މީގެތެރޭގައި ކުރީގެ ސީއީއޯ ރިޓަޔާ ކުރި މެމޯގައި ސޮއިކުރީ އޭނާގެ ކޮއްކޮ ކަން ފާހަގަ ކުރި އެވެ. އަދި ބޮޑެތި އަގުތަކެއްގެ މުދާ ގަތުމުގެ ޕްރޮކިއުމެންޓްތަކެއްގެ މަސައްކަތް ވެސް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައި އެބައޮތް ކަމަށެވެ.

"މީގެ ތެރޭގައި ޖަޒީރާ 104 ބޯޓުގެ މަރާމާތެއްގެ ޕްރޮކިއުމެންޓެއް ހިމެނޭ. މަސްދަޅު ބަންދު ކުރުމަށް ބޭނުންވާ ފޮށީގެ ދެ މިލިއަން ރުފިޔާގެ ޕްރޮކިއުމެންޓެއް ހިމެނޭ. މަސް ދަޅަށް އަޅާ ތެޔޮ [ސޯޔާ ބީން] ގެ ޕްރޮކިއުމެންޓެއް ހިމެނޭ،" އިބްރާހިމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖޭން ގެންދާ މަސް ތައިލެންޑުގެ ބާޒާރުން ރިޖްކްޓް ކުރަނީ ތައިލެންޑުގައި މަހުގެ ވިޔަފާރީގައި ތިބި ބަޔަކާ ގުޅިގެން ކަމަށެވެ.

"މި ހަމަލާ [ސީއީއޯ ސަސްޕެންޑް ކުރުން] އެބަ ތުހުމަތު ކުރެވޭ ތައިލެންޑުގެ މި ވިޔަފާރީގައި ތިބި ބައެއްގެ ޕޭރޯލްގައި މިފްކޯގެ މުވައްޒަފުންތަކެއް ތިބިކަން. ބަލަން އެބަޖެހޭ އެކަމުގައި ޕީސީބީ ވެސް އޮތީ ގުޅިފައިތޯ،" އިބްރާހިމް ވިދާޅުވި އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.