އެއްވެސް ގައުމަކުން ހިލޭ ޑްރޯން ދޭން ހުށަހަޅާފައެއް ނުވޭ: ޣައްސާން

"އެއްވެސް އަވަށްޓެރި ގައުމަކުންނެއް ހިލޭ ޔޫއޭވީއެއް ދިވެހިރާއްޖެއަށް ހަދިޔާ ކުރުމުގެ އެއްވެސް ކަމެއް ހިނގާފައެއް ނެތް،" ޔައުގޫބު ވިދާޅުވި ވާހަކަތައް ދޮގު ކުރައްވަމުން ޣައްސާން ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައިގެ ބާރުގެ ޑްރޯން ކައިރީގައި: ހިލޭ ޑްރޯން ދޭން އެއްވެސް ގައުމަކުން ހުށަހަޅާފައި ނުވާ ކަމަށް ޑިފެންސުން ވަނީ ބުނެފައި --

ރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ތުރުކީ ވިލާތުން ތިން ޑްރޯން ގެނެސްފައި ވަނީ އަވަށްޓެރި ގައުމަކުން ހިލޭ ޑްރޯން ދޭން ވާހަކަ ދައްކާފައި ވަނިކޮށް ކަމަށް އިދިކޮޅު އެމްޑީޕީން ދެއްކި ވާހަކަތައް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މިއަދު ދޮގު ކުރައްވައިފި އެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިއަދު މަޖިލީހަށް ހާޒިރު ކުރުމުން، އެކަމާ ގުޅިގެން މިނިސްޓަރާ ސުވާލު ކުރައްވާފައި ވަނީ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބު އަބްދުﷲ އެވެ. އޭނާ ވިދާޅުވެފައި ވަނީ އަންނަ މޭ މަހުގެ އެއްވަނަ ދުވަހަށް ދައުލަތުން ދައްކަން ޖެހޭ 50 މިލިއަން ރުފިޔާގެ ދަރަންޏެއް ވެސް އޮއްވާ، އަވަށްޓެރި ގައުމަކުން ހިލޭ ލިބެން އޮތް އެއްޗެސް ބޮޑު ހަރަދު ކޮށްގެން ގަތީ ކީއްވެގެންތޯ އެވެ. 

"އަވަށްޓެރި ގައުމެކޭ ތިޔަ ވިދާޅުވަނީ ދުނިޔޭގެ ކޮންމެ ގައުމަކަށްތޯ، ހިލޭ ޑްރޯންއެއް ދެއްވާނެ ވާހަކަ އިވިވަޑައިގެންފަ އޮތީ އަވަށްޓެރި ކޮން ގައުމަކުންތޯ، އެއީ ކިހިނެއް ލިބުނު މައުލޫމާތެއްތޯ ވެސް އަޅުގަނޑުމެން ބަލާލަން ބޭނުން. އެއްވެސް އަވަށްޓެރި ގައުމަކުންނެއް ހިލޭ ޔޫއޭވީއެއް ދިވެހިރާއްޖެއަށް ހަދިޔާ ކުރުމުގެ އެއްވެސް ކަމެއް ހިނގާފައެއް ނެތް،" ޔައުގޫބު ވިދާޅުވި ވާހަކަތައް ދޮގު ކުރައްވަމުން ޣައްސާން ވިދާޅުވި އެވެ.

ޣައްސާން ވިދާޅުވީ ވޭތުވެ ދިޔަ އަށެއްކަ އަހަރުތެރޭގައި އެފަދަ ޔޫއޭވީއެއް ހޯއްދަވަން ސިފައިންގެ އިސް ބޭފުޅުން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އެ މަސައްކަތުގެ ކުލަ ޖައްސަވައިދެއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

އެމްޑީޕީން ބުނެފައި ވަނީ އެ ޕާޓީގެ ވެރިކަން ނިމުނީ ރާއްޖެއަށް ޔޫއޭވީ ހޯދަން ދެފަހަރެއްގެ މަތިން އެކުވެރި އަވަށްޓެރި ގައުމަކާއެކު މަޝްވަރާކޮށްފައި ވަނިކޮށް ކަމަށެވެ. އެބުނާ އަވަށްޓެރި ގައުމަކީ އިންޑިއާ ކަމަށް ބެލެވެ އެވެ. ތުރުކީން އެ ތިން ޑްރޯން ގަނެފައި ވަނީ 30 މިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހަރަދުކޮށްގެން ކަމަށް ވެސް އެޕާޓީން ތުހުމަތު ކޮށްފައިވެ އެވެ.

ހަރަދާ ގުޅޭ ގޮތުން މެމްބަރުން ސުވާލު ކުރެއްވުމުން ޣައްސާން ވިދާޅުވެފައި ވަނީ ދިވެހި ދައުލަތުން ހަރަދުތަކެއް ކޮށް އަދި ހިލޭ ބައެއް ތަކެތި ލިބިފައިވާ ކަމަށެވެ. އެކަމުގެ ތަފްސީލް 241 ކޮމެޓީގައި ދެވިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި އެއާ ކޯގެ ހިދުމަތް ތައާރަފްކޮށް، ތިން އަސްކަރީ ޑްރޯން އެ ހިދުމަތާ ހަވާލުކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.