"ނަޝީދަށް ހަމަލާ ދިން މައްސަލައިގެ އިތުރު މައުލޫމާތު ލިބިފަ އެބަހުރި"

"އެހެން ނަމަވެސް އެ މައުލޫމާތު އަޅުގަނޑުމެންނަށް ހިއްސާ ކުރެވޭނީ ތިބޭފުޅުން އެ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވީމަ،" ވަރަށް ކުރުކޮށް ދެއްވި ޖަވާބުގައި ގައްސާން ވިދާޅުވި އެވެ.

ނަޝީދަށް ހަމަލާ ދިން ސަރަހައްދު: މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައި --

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅޭ އިތުރު މައުލޫމާތު ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

މޭ 6، 2021 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދީފައި ވަނީ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެންނެވެ. އައިއީޑީ ގޮއްވާލާފައި ވަނީ އެމަނިކުފާނު ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް ރިމޯޓެއް ބޭނުންކޮށްގެންނެވެ.

އެމަނިކުފާނަށް ހަމަލާ ދީފައި ވަނީ ވަރަށް ބޮޑަށް ފާރަލައި އޭގެ ކުރިން ދެ ފަހަރަކު އައިއީޑީ ގޮއްވާލަން މަސައްކަތް ވެސް ކުރުމަށްފަހު އެވެ. އެކަމުގެ ފަހަތުގައި ތިބީ ހަރުކަށިފިކުރުގެ މީހުން ކަމަށް ބުނެ 10 މީހަކަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ.

މި މައްސަލައިގައި ރައީސް ނަޝީދަށް އިންސާފު ލިބޭނީ ކޮންއިރަކުންތޯ ސުވާލު ކުރެއްވީ މިއަދު މަޖިލީހަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ހާޒިރުކުރުމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ. އޭނާ ވިދާޅުވެފައި ވަނީ މި ހާސިދާ ނުވާ ކަމެއްގެ ގޮތުގައި މިހާރު ހަދާފައިވާ ކަމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ގައްސާން ވިދާޅުވީ އެ މައްސަލަ ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށެވެ. އަދި، އެ މައްސަލައާ ގުޅޭ ގޮތުން ލިބިފައި ހުރި ބައެއް އިތުރު މައުލޫމާތު ހިއްސާ ކުރަން އެބަހުރި ކަމަށެވެ،

"އެހެން ނަމަވެސް އެ މައުލޫމާތު އަޅުގަނޑުމެންނަށް ހިއްސާ ކުރެވޭނީ ތިބޭފުޅުން އެ މައުލޫމާތު ހޯއްދަވަން މަސައްކަތް ކުރެއްވީމަ،" ވަރަށް ކުރުކޮށް ދެއްވި ޖަވާބުގައި ގައްސާން ވިދާޅުވި އެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ގައްސާން ނުދެއްވަ އެވެ. އިތުރަށް ދެއްވީ ދިފާއީ ބާރުން ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ އެއްވެސް ބޭފުޅެއްގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ވާޖިބު ފުރިހަމައަށް އަދާކުރާނެ ކަމުގެ ޔަގީން ކަމެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންނަކީ މއ. ފޭރުގެ މުޖާޒް އަހްމަދާއި، އ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމްގެ އިތުރުން ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ އާއި، އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ އިސްހާގެވެ.

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދާއިރު، މިހާރު ނަގަމުން ދަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހެވެ. މައްސަލަ މާބާރަކަށް ކުރިއަކަށް ނުދެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.