"ސިފައިން މަސްދޯނިތަކަށް އެރީ އޮޅުމަކުން، އުޅުނީ ސެޓެލައިޓް ފޯނު ހޯދަން"

އެގޮތުން، މަސްދޯނިތައް ބަލައި، އެމީހުންގެ ފޯނުތައް ޗެކުކޮށްފައިވާ ކަމަށާއި، އެމީހުން އެރި ވަގުތު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ޑިލީޓް ކުރުވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން: އިންޑިއާ ސިފައިން ދިވެހި މަސްދޯނިތަކަށް އެރީ އޮޅުމަކުން ކަމަށް ވަނީ ވިދާޅުވެފައި

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ތިން މަސް ދޯންޏަކަށް އިންޑިއާ ސިފައިން އަރައި ބަލައި ފާސްކޮށްފައި ވަނީ މައުލޫމާތުގެ އޮޅުމަކުން ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ހއ. ކެލާގެ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ ތިން ދޯންޏަކަށް ހަރިޔާރާއެކު އިންޑިއާ ސިފައިން އަރާފައި ވަނީ މިދިޔަ ޖެނުވަރީ މަހު އެވެ. ބޭރު ސިފައިން އަރާފައި ވަނީ "މާހޯރާ 3"، "އަސުރުމާ 3" އަދި "ނިރު 7" ކިޔާ ތިން މަސް ދޯންޏަށެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމަށް މިއަދު މަޖިލީހަށް ހާޒިރު ކުރުމުން މިނިސްޓަރު ޣައްސާން ވިދާޅުވީ އެކަން ހިނގާފައި ވަނީ މަސްދޯނިތަކުން ސެޓެލައިޓް ފޯނުގެ ސިގްނަލް ލިބުމުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފަވާ ގޮތުގަ އެދުވަހުގެ ބޯޑިން ހަރަކާތް ހިނގީ މިސްކޮމިއުނިކޭޝަނަކާ ހެދި ކަމަށް ރަސްމީ މަސްދަރުތަކުން މައުލޫމާތު ދެއްވާފަ އެބަ އޮތް. އެއީ ދިވެހިރާއްޖޭގެ ކޯސްޓްގާޑަށް އެ މައުލޫމާތު ނުދީ އެކަން ހިންގުނީ މިސްކޮމިއުނިކޭޝަނެއްގެ ތެރެއިން،" ޣައްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންޑިއާގައި ސެޓެލައިޓް ފޯނު ބޭނުން ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. މަސްދޯނިތަކަށް އަރާފައި ވަނީ ދިވެހި އަސްކަރިއްޔާއަށް އެކަމުގެ މައުލޫމާތު ހިއްސާ ނުކޮށް ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ އެމީހުން ގަބޫލުކުރާ ގޮތުގަ ގަވާއިދާ ހިލާފު ކަމެއް ކަމަށް ބުނެ ބޯޑުކުރީ. އެހެން ނަމަވެސް އެއީ އިންޑިއާގެ ސަރަހައްދު ތެރޭގަ ސެޓެލައިޓް ފޯނު ބޭނުން ކުރުން، އިންޑިއާގެ ގަވާއިދަކަށް ނޫނީ ގާނޫނަކަށް ގެނެވުނު ބަދަލަކުން އޮތީ މަނާކުރެވިފަ. އެހެން ނަމަވެސް ރާއްޖޭގަ އެއީ ބޭނުން ކުރެވޭ ފޯނެއް. އަދި އަޅުގަނޑުމެންގެ ގަވާއިދުން މިހާރު ވަކިވަރަކަށްވުރެ ބޭރަށް މަސްވެރިކަން ކުރަން ނުކުންނަ ކަމަށްވަންޏާ ގެންގުޅުން ލާޒިމް ކުރާ ފޯނެއް،" ދިވެހި މަސްވެރިން ތިބީ ގަވާއިދާ އެއްގޮތަކަށް ކަން ފާހަގަކުރައްވަމުން ޣައްސާން ވިދާޅުވި އެވެ.

މަސްދޯނިތަކަށް އަރާ ބޯޑިން ޓީމުން ކޮށްފައި ވަނީ އާދައިގެ ސާޗެއް ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ. އެގޮތުން، މަސްދޯނިތައް ބަލައި، އެމީހުންގެ ފޯނުތައް ޗެކުކޮށްފައިވާ ކަމަށާއި، އެމީހުން އެރި ވަގުތު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ޑިލީޓް ކުރުވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިފަދަ ހާދިސާތައް ހިނގުމުގެ މައިގަނޑު އެއް ސަބަބަކީ ދިވެހި ކަނޑުގެ ސަރަހައްދު ބޮޑުވެފައި، ބަލަހައްޓަން ބޭނުންވާ ޒަމާނީ ވަސީލަތްތައް ދިވެހި ދައުލަތުގަ މަދުވުން. މިފަދަ ހާދިސާތައް ކުރުން ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ދިވެހިރާއްޖޭގެ އިމުގެ އެތެރޭގެ ސަރަހައްދު ރަގަޅަށް ބެލެހެއްޓޭނެ ގާބިލްކަން ދިވެހި އަސްކަރިއްޔާގަ ގާއިމްކުރުން،" ޣައްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޭގެ އިތުރަށް ރާއްޖޭގެ ސަރަހައްދު ދިވެހި ދައުލަތަށް ބެލެހެއްޓޭކަމުގެ ޔަގީންކަން އެހެން ގައުމުތަށް ދިނުން ވެސް މުހިންމު ކަމަށެވެ. ރާއްޖެއަކީ މިނިވަންކަމާއެކު އިގްތިސޯދީ ނަފާ ސަލާމަތްތެރިކަމާއެކު ދޭނެ ތަނެއްގެ ގޮތުފައި ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ފައްޓަވާފައިވާ ކަމަށް ވެސް ޣައްސާން ވިދާޅުވި އެވެ.

ރާއްޖޭގެ ތިން މަސްދޯންޏަކަށް އިންޑިއާގެ ކޯސްޓްގާޑުން އެރުމުން މަސްވެރިން ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އެކަން ހިނގާފައި ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ވެސް ސަރުކާރުން ފަށާފައި ވަނިކޮށެވެ. ނަމަވެސް ރާއްޖޭގައި ތިބި ސިފައިންނާ މިހާދިސާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް މިނިސްޓަރު މިއަދު ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.