ހަސަންގެ ކެންޑިޑެސީ މައްސަލަ މާދަމާގެ ތާވަލަށް ލައިފި

ދައުވާ ގައި ބުނަނީ ސާބިތު ދަރަންޏެއް އޮވެ ކޯޓް ހުކުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ ހަސަންގެ ކިބައިގައި ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާނެތީ ކެންޑިޑެސީ ބާތިލުކޮށް ދިނުމަށެވެ.

މެދު ހެންވޭރު ދާއިރާއަށް ވާދަކުރާ ހަސަން ޝިޔާމް

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރާ ހަސަން ޝިޔާމް (ވީބީ ހަސަން) ގެ ކެންޑިޑެސީއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް އެ ކޯޓުގެ ޝެޑިއުލް ގައި ހިމަނައިފި އެވެ.

ވީބީގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހަސަން، މަޖިލީސް އިންތިހާބު ގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރަނީ އަމިއްލަ ގޮތުންނެވެ. އޭނާގެ ސާބިތު ދަރަންޏެއް އޮވެ ކޯޓް ހުކުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާ ކަމަށް ބުނެ ކެންޑިޑެސީ ބާތިލުކޮށް ދިނުމަށް އެދި މައްސަލަ ހުށައަޅާފައި ވަނީ ހެންވޭރު، ކްއީން އިލްޔާސް އަހްމަދެވެ.

އޭނާ އަކީ މެދު ހެންވޭރު ދާާއިރާގެ މިހާރުގެ މެންބަރު އަލީ އާޒިމްގެ ކޮއްކޮ އެވެ. އާޒިމް މި ފަހަރު ވެސް އެ ގޮނޑިއަށް ވާދަ ކުރެ އެވެ. އިންތިހާބު ގައި އާޒިމަށް އެންމެ ބޮޑު ޗެލެންޖަކަށް ވާނެ އެއް ކެންޑިޑޭޓަކީ ވެސް ހަސަން އެވެ.

ދައުވާ ގައި ބުނަނީ ސާބިތު ދަރަންޏެއް އޮވެ ކޯޓް ހުކުމާއި އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ ހަސަންގެ ކިބައިގައި ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާ ކަމަށާ އެހެން ކަމުން އޭނާގެ ކެންޑިޑެސީ ބާތިލުކޮށް ދިނުމަށެވެ. މައްސަލައިގެ އަޑުއެހުން މާދަމާއަށް މިހާރު ވަނީ ތާވަލު ކޮށްފައެވެ.

މެދު ހެންވޭރު ދާއިރާއަށް އެންމެ ވަރުގަދަ ކެމްޕެއިނެއް މިހާރު ވެސް ހިނގަނީ ހަސަންގެ ކެމްޕެއިން ޓީމުންނެވެ. ހަސަން ފުރަތަމަ ނިންމީ ޕީޕީއެމް / ޕީއެންސީގެ ޓިކެޓް ގައި ވާދަ ކުރުމަށެވެ. ނަމަވެސް އެ ޕާޓީއަށް އެކަށީގެންވާ ހިދުމަތެއް ކޮށްދީފައި ނުވާ ކަމަށް ނިންމާ ޕްރައިމަރީން ފުރުސަތު ނުދޭން ކަނޑައަޅާ ސިޓީ ފޮނުވި ބޭފުޅުންގެ ތެރޭގައި ހަސަން ހިމެނުމުން އޭނާ ވަނީ ޕީއެންސީން ވަކިވެ އަމިއްލަ ގޮތުން ވާދަ ކުރަން ނިންމާފައެވެ. ޕްރައިމަރީ ފުރުސަތު ދޭން ފަހުން ނިންމުމުން ވެސް އެ ފުރުސަތު އޭނާ ގަބޫލެއް ނުކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.