އިބްރާހިމް ރަޝީދު މޫސާގެ ލިޔުއްވުމެއް؛ ޞިހްޔޫނިއްޔަތު | ޒަމާނީ އިސްތިޢުމާރުގެ އަނެއް ފުށް

ޞިހްޔޫނީ އިސްތިޢުމާރުގެ އެންމެ ވަރުގަދަ ދެ ޢުންޞުރަކީ ވަޒަންވެރިގަތުމާއި އޭޖެންޓުކަން ކޮށްދިނުމެވެ. އިސްރާއީލުގެ ކިބައިން ފެންނަމުން ދަނީ މި ދެ ސިފައެވެ.

އިސްލާމީ އަގު ބޮޑު ބިމެއްކަމުގައިވާ ފިލަސްޠީނުގެ ބިމަށް ވެރިވެގަތްފައިވާ ޞިހްޔޫނިއްޔަތަށްވުރެ ދުޝްމަނުކަން ބޮޑު ، މަކަރުވެރިކަން ގަދަ، ހިންސަވެރި ޖަމާޢަތެއް، މި ޒަމާނުގެ ތާރީޚު ދެކެފައެއްނުވެއެވެ. އެ ޖަމާޢަތުން ވަނީ އަދި މިއަދު ވެސް ދަނީ ޢާންމު ރައުޔަށް ޙަޤީޤަތާއި ކަން އޮތް ގޮތް އޮޅުވައިލުމަށް ޓަކައި ހުރިހާ ބާވަތެއްގެ ޙީލަތްތަކަކާއި ވަސީލަތްތަކެއް ބޭނުން ކުރަމުންނެވެ.

ޞިހްޔޫނިއްޔަތުން ފިލަސްޠީނުގެ ބިމުން ބައެއް ފޭރިގަތުމަށްފަހު އަވަށްޓެރި ޢަރަބި ޤައުމުތަކާ ދެކޮޅަށް ދަނީ ޢުދްވާނީ ހަނގުރާމަތައް ކުރަމުން އެ ޤައުމުތައް ބިރުގަންނަވަމުން އެ ޤައުމުތައް ހަލަބޮލިކުރަމުންނެވެ. 1948 ގެ ހަނގުރާމައާއި 1956ގެ ސުވޭސް ހަނގުރާމައާއި 1967ގެ ޖޫން ހަނގުރާމައަކީ ފާހަގަކުރެވޭ ހަނގުރާމަތަކެކެވެ. މި ހަނގުރާމަތަކުގެ އިތުރަށް ފިލަސްޠީނުގެ ބިންތަކަށް ވެރިގަތުމަށް ޓަކައި އެ ބިންތަކުގެ އަސްލު ވަޒަންވެރިން ބޭރުކޮށް ޞިހްޔޫނީ އާބާދީތައް ހަދައި އެ ބިންތަކުގައި ޞިހްޔޫނީން ވަޒަންވެރިކުރުވުމާއި ބިންތަކުގެ އަސްލު ވަޒަންވެރިން ނައްތައިލުމަށާއި އެމީހުން އެ ތަންތަނުން ބޭރަށް ލުމަށް ޓަކައި ޤަތުލުޢާންމުތަކާއި ނަސްލުހޭދުގެ ޖަރީމާތައް މެދުނުކެނޑި ދަނީ ހިންގަމުންނެވެ.

ޞިހްޔޫނީ ކިޔާނުން ( އެންޓިޓީ ) ހިންގަމުންދާ މި ޖަރީމާތަކާ ދެކޮޅަށް ފާސްކުރެވޭ ބައިނަލްއަޤްވާމީ އެއްވެސް ޤަރާރަކަށް މި ކިޔާނުން ބޯލަނބައިފައެއް ނުވެއެވެ. ސަލާމަތީ މަޖިލީހުގައި އެމެރިކާއާއި އިނގިރޭސިވިލާތުގެ ވީޓޯތަކުން ރައްކައުތެރިކަން ހޯދައިގެން މި ކިޔާނު ދަނީ މުޅި ދުނިޔެއަށް ގޮންޖަހަމުންނެވެ.
​ރޫސީވިލާތުގެ ލިޔުންތެރިއެއްކަމުގައިވާ ޔޫރީ އިވަނޯވް ވިދާޅުވިއެވެ. 

"ޞިހްޔޫނިއްޔަތުގެ ދަޢުވަތުގެ އަސާސަކީ އިސްރާއީލުގެ ދައުލަތް ޤާއިމުކޮށް ދެމެހެއްޓުމެއް ނޫނެވެ. އަދި ކިއެއްތަ! އޭގެ އަސާސަކީ އިސްތިޢުމާރާ ގުޅިފައިވާ ޞިހްޔޫނީ މަރްކަޒުގެ އެދުންތަކަށް ޢާލަމީ ޞިހްޔޫނިއްޔަތު ބޯލެންބުވުމަށް ޓަކައި މެދުނުކެނޑި މަސައްކަތްކުރުމެވެ."

މި ވާހަކަތަކުން އެނގެނީ ތަފާތު ޒަމާންތަކުގައި ޢާލަމީ ޞިހްޔޫނިއްޔަތު އަދި އޭގެ މުލުން ޞިހްޔޫނީ ކިޔާން ވުޖޫދަށް އައިސް ދެމިއޮންނަނީ އިސްތިޢުމާރީ ބޮޑެތި ބާރުތަކާއެކު އޮތް އެއްބާރުލުމުގެ ސަބަބުންކަމެވެ.

ޢާލަމީ ޞިހްޔޫނިއްޔަތާ އިސްތިޢުމާރާ ދެމެދުގައިވާ ގުޅުމަކީ ކޮބައިހެއްޔެވެ؟

މި ސުވާލަށް ޖަވާބު ދިނުމަށް ޓަކައި އެތައް ޢުންޞުރުތަކަކަށް ބަލައިލަން ޖެހެއެވެ. އެއީ؛

- ޞިހްޔޫނިއްޔަތަކީ ކޮބާ؟

- ޞިހްޔޫނިއްޔަތު އުފަންވީ 1897ގެ ބާޒްލް މަހާސިންތާއިން ހެއްޔެވެ؟

- ޢާލަމީ ޞިހްޔޫނިއްޔަތާ ގުޅިފައިވާ އިސްތިޢުމާރީ ބާރުތަކަކީ ކޮބައިހެއްޔެވެ؟

ޢާލަމީ ޞިހްޔޫނިއްތުގެ މަފްހޫމަށް ބަލާއިރު ދިރާސާކުރައްވާ ބޭފުޅުންގެ ރައުޔު ތަފާތެވެ. ގިނަ ދާރިސުން ޤަބޫލުކުރައްވާ ގޮތުގައި ޞިހްޔޫނިއްޔަތަކީ އިބްރާހީމުގެފާނުގެ ކަލާނގެ އެކަލޭގެރފާނަށް ކުރައްވައިފައިވާ ވަޢުދުތަކާ ގުޅިފައިވާ ދީނީ ޙަރަކާތެކެވެ.

އަނެއް ބައި ދާރިސުން ވިދާޅުވާގޮތުގައި "އެއީ މުޅި ދުނިޔޭގައި ވެރިކަން ކުރުމަށް ޓަކައި ފިލަސްޠީނުގައި ޔަހޫދީ ދައުލަތެއް ޤާއިމުކުރުމަށް ޓަކައި އުފެއްދުނު ނަސްލީ އިމްތިޔާޒުގެ ހައްދުފަހަނަޅައިފައިވާ ސިޔާސީ ޙަރަކާތެކެވެ."

ބައެއް ބޭފުޅުން ސިފަކުރައްވާ ގޮތުގައި "އެއީ ނަސްލީ އިމްތިޔާޒުގެ ދީނީ ސިޔާސީ ޙަރަކާތެކެވެ."

އެއީ ސްވިޒަރލެންޑްގެ ބާޒިލްގައި 1897 ގައި ބޭއްވުނު މަހާސިންތާއިން ވިހޭ ޚިޔާލެއް ނޫނެވެ. އެހެނެއް ކަމަކު އެ ކަން​ ރުޖޫޢަވަނީ ރޯމަން އިމްބަރާޠޫރު ޓީޓަސް މީލާދީން 70 ވަނަ އަހަރު ޔަހޫދީންނާ ދެކޮޅަށް ހިންގި ޤަތުލުޢާންމާއި ނަސްލުހޭދުއަށެވެ. އޭނާގެ މި ޙަމަލާގައި ޤުދުސް ތަޅައިލިއެވެ. ޔަހޫދީން ވިއްސިވިހާލިކޮށްލިއެވެ. އެމީހުންގެ ތެރެއިން ސަލާމަތްވި ގިނަ ބަޔަކު ދިޔައީ އަވަށްޓެރި ސޫރިޔާއަށާއި މިޞްރަށެވެ.

ފިލަސްޠީނުގެ ރަށްތަކަށް ވިއްސިވިހާލިވި ޔަހޫދީން ބަރްކޯޚުބާ (ތަރީގެ ދަރި) ގެ ޒަޢާމަތުގެ ދަށުގައި ރޯމަން ސަރުކާރާ ދެކޮޅަށް ތެދުވެ ނުކިޔަމަންތެރިކަން ފާޅުކޮށް ބަޣާވަތްކުރިއެވެ. މިކަމުގެ ސަބަބުން ރޯމަން ގަވަރުނަރު ހެޑްރިޔަން އެމީހުންނަށް ޙަމަލާދެއްވައި ފިލަސްޠީނުގައި ތިބި ޔަހޫދީންގެ ނަސްލު ނައްތައިލެއްވި އެވެ. މީލާދީން 135 ވަނަ އަހަރު ވެގެން ދިޔައީ ފިލަސްޠީނުގެ ބިމާ ޔަހޫދީންނާ އޮތް ސިޔާސީ އަދި އާބާދީ ގުޅުން މުޅިން ނިމުމަކަށް އައި ތާރީޚަށެވެ.

އެހިސާބުން ފެށިގެން ބައެއް ޔަހޫދީންގެ ވިސްނުމުގައި ޞިހްޔޫނިއްޔަތުގެ ފިކްރު އަށަގަތްފި އެވެ. ކަލާނގެ އެމީހުންނަށް ދެއްވަން ވަޢުދުކުރެއްވި ބިމޭ ކިޔައިފާ ފިލަސްޠީނަށް އެނބުރި އައުމާ ބެހޭގޮތުން ވާހަކަދައްކަން ފަށައިފިއެފެ. ޞިހްޔޫނީ ޙަރަކާތުގެ ޅަދޮޅު ފިޔަވަހީގައި ފާހަގަކުރެވޭ އިސްވާރުންނަކީ މޫސާ އަލްކުރީތީގެ ޙަރަކާތާއި ޑޭވިޑް ރޮބިންގެ ޙަރަކާތާއި ސޮލޮމަން މޮލޯޚްގެ ޙަރަކާތާއި ،މަންޝާ ބިން އިސްރާއީލު ގެ ޙަރަކާތާއި ޝަބްތާއި ތުސާވީގެ ޙަރަކާތާއި، ޔަހޫދީ މަހްޖަނުންގެ (ރޮޗަލްޑް ފަދަ) ޙަރަކާތް ފާހަގަ ކުރެވެއެވެ.

ހާޓްޒެލްގެ ކުރިން މި ފިކްރަށް ގޮވައިލި މުހިއްމު ޝަޚްޞިއްޔަތު ތަކުގެ ތެރޭގައި މި ދަންނަވާ މީހުން ވެއެވެ.

  •  ޙާޚާމު ޔަހޫދާ އަލްޤާލީ
  •  ޙާޚާމު ޒެނީ ހަރޝް
  •  މުސޭ ހެސް
  •  މޫޝޭ ލައި

ޞިހްޔޫނީ ޙަރަކާތް ފިކްރީ ދާއިރާއިން ޢަމަލީ ދާއިރާއަށް ނެރުނީ މި ޙަރަކާތުގެ ބައްޕަކަމުގައި ދެކޭ ތިޔަޑޯރ ހާޓްޒެލް (THEODOR HERZL) އެވެ. އޭނާ މި ކަމަށް ޓަކައި ސްވިޒަރލެންޑްގެ ބާޒްލް ގައި 1897 ވަނަ އަހަރު ޞިހްޔޫނީ ޙަރަކާތުގެ ފުރަތަމަ މަހާސިންތާ ބޭއްވިއެވެ.

މި މަހާސިންތާގެ ލަޑުދަނޑިއަކީ ފިލަސްޠީނުގައި ޔަހޫދީ ރައްޔިތުންނަށް ވަޠަނެއް ޤާއިމުކުރުމެވެ. މި ކަމަށްޓަކައި ތަފާތު ސަރުކާރުތަކުގެ އެއްބަސްވުމާއި ތާއީދު ހޯދުމަށް މަސައްކަތް ފެށުމަށް ނިންމިއެވެ.

​އެ ހިސާބުން އެމީހުން މަސައްކަތް ފެށީ އެމީހުންގެ މި ޤަޟިއްޔާއަށް ވާގިވެރިވެ އެހީވެދޭނެ އިސްތިޢުމާރީ ބޮޑު ބާރެއް ހޯދުމަށެވެ. ފިލަސްޠީނުގެ ބިމުގައި ޔަހޫދީން ވަޒަންވެރިކޮށް އެ ބިމާ އެމީހުންނާ ދީނީގޮތުންނާއި ތާރީޚީ ގޮތުން ގުޅުން އޮތްކަން ދެއްކުމަށް ތާރީޚީ ދޮގު ފުލޯކު ވާހަކަތައް އުފެއްދިއެވެ. ހާޓްޒެލް އެންމެ ފުރަތަމަ އެނބުރިގަތީ ޢުޘްމާނީ ޚަލިފާއާ ދިމާއަށެވެ. ފިލަސްޠީނު އޮތީ އެ ވެރިކަމުގެ ދަށުގައި ކަމަށްވާތީއެވެ. އޭނާ ސުލްޠާން ޢަބްދުލް ޙަމީދު (2 ވަނަ) ގެ އަރިހަށް ގޮސް ރިޝްވަތާއި ހަދިޔާތައް އަރުވައި އެ ސުލްޠާނު ހައްލައިލެވޭތޯ މަސައްކަތް ކުރިއެވެ.

ފަލަސްޠީނުގައި ޔަހޫދީންނަށް ޤައުމީ ވަޠަނެއް ޤާއިމުކޮށްދިނުމަށްޓަކައި ސުލްޠާނުގެ ޚާއްޞަ ފިރަމާނެއް (ޚާއްޞަ އަމުރުފުޅެއް) ލިބޭތޯ އޭނާ މަސައްކަތް ކުރިއެވެ. ސުލްޠާން ޢަބްދުލް ޙަމީދު ކަނޑައެޅިގެން މިކަމާ ދެކޮޅު ހެއްދެވުމުން ދެން އޭނާ ދިޔައީ ޖަރްމަނަށެވެ. ޖަރްމަނާ ތުރްކީއާ ދެމެދުގައި އޮތް ބަދަހި ގުޅުމާ ހެދި ޖަރްމަނުން އެކަމާ ދެކޮޅުހެދިއެވެ.

ހާޓްޒެލް އާއި އޭނާގެ އެކުވެރިން މާޔޫސެއް ނުވެއެވެ. ދެން އެމީހުން ދިޔައީ އިނގިރޭސިވިލާތަށެވެ. މެދުއިރުމަތީގެ މަޞްލަޙަތުތަކުގައި އިނގިރޭސި އިސްތިޢުމާރާއި ޞިހްޔޫނީ ޙަރަކާތް އެއްގަލަކަށް އެރިއެވެ. ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެ ވިލަރެސް ކޮމެޓީއެއް އެކުލަވައިލިއެވެ. 1907ވަނަ އަހަރު އިނގިރޭސި އިސްތިޢުމާރީ ކޮމެޓީން އިނގިރޭސި ސަރުކާރަށް ރިޕޯޓެއް ހުށައެޅިއެވެ. މި ރިޕޯޓުގައި އަސާސީ ދެ މަޤްޞަދަކަށް ގޮވައިލައިފާ ވެއެވެ.

1- ޢަރަބި ދުނިޔެ ބައިބައިކުރުމަށާއި ޢަރަބި ޤައުމުތަކުގެ މެދުގައި ދީނީ ، މަޒްހަބީ ނަސްލީ ތަޢައްޞުބުތައް ފަތުރައި އެ ޤައުމުތައް އެކަތިގަނޑަކަށް ވިޔަ ނުދީ ވަކިވަކި ޤައުމުތަކެއްގެ ގޮތުގައި ދެމެހެއްޓުން،

2- ޢަރަބި ދުނިޔޭގެ މެދުތެރޭގައި ޚާއްޞަކޮށް ފިލަސްޠީނުގެ ބިމުގައި ބީރަށްޓެހި ޤައުމެއް އިންދާ ހައްދައި ބޮޑުކޮށް ފެތުރުން. މިޞްރާއި ޝާމުކަރަ އެއްބައިވަންތަ ދައުލަތަކަށް ވިޔަ ނުދިނުމަށް ޓަކައި ފިޔަވަޅުތައް އެޅުން.

މި ހިސާބުން އިނގިރޭސި ވިލާތް ޞިހްޔޫނީ ކިޔާން ފިލަސްޠީނުގެ ބިމުގައި ޤާއިމުކޮށްދިނުމުގެ މަސައްކަތް ފަށައިގަތެވެ.

އިސްތިޢުމާރާ ޞިހްޔޫނީ ޙަރާކާތުގެ ގުޅުން

ހުޅަނގުގެ އިސްތިޢުމާރަކީ ޔޫރަޕްގެ އިޤްތިޞާދީ އަދި އިޖްތިމާޢީ މަސްއަލަތައް ޙައްލު ކުރުމަށް ޓަކައި ޤާއިމުކުރި ނިޒާމެކެވެ. މި ގިއުގަނޑުގެ ތެރޭގައި އެ މަސްއަލަތައް ޙައްލުކުރުމަށް ޓަކައި އިސްތިޢުމާރަށް ލިބުނު އެންމެ ވަރުގަދަ އެއް ޢުންޞުރަކީ ޞިހްޔޫނީ ޙަރަކާތެވެ. ހުޅަނގުގައި އުފައްދާ ދޭސީ ހުރިހާ މުދާތައް ވިއްކުމަށް ބޭނުންވާ ބާޒާރު އިރުމަތީގެ ޤައުމުތަކުން ހޯދައިދިނީ މި ނިޒާމެވެ.

ތެދުތެދަށް ދަންނަވާނަމަ ދުނިޔޭގެ ތާރީޚުގައި ޔޫރަޕްގެ ތަންތަނުން އެއްވެސް ބިމެއް އިސްތިޢުމާރު ކުރެވިފައެއް ނުވެއެވެ. 

ޖިބްރޯލްޓަރ އާއި މޯލްޓާއާއި ސައިޕްރަސްފަދަ އިސްތިރާޖީ ތަންކޮޅެއް ފިޔަވައެވެ.

ޖަމާލް ޙަމްދާން ވިދާޅުވާގޮތުގައި އިސްތިޢުމާރަކީ ޔޫރަޕްގެ އުފެއްދުމެކެވެ. އެހެނަސް މި އުފެއްދުމަކީ ބޭރަށް އެކްސްޕޓުކުރުމަށް އުފައްދައިފައިވާ އެއްޗެކެވެ. އެއީ ޔޫރަޕްގެ ފަސްގަނޑުގައި ބޭނުންކުރުން މަނާ ޞިނާޢަތެކެވެ. ޔަހޫދީންގެ މަސްއަލަ ލަންޑަނަށް ނުވަތަ ޕެރިހަށް އެކްސްޕޯޓު ކުރުމާބެހޭ ގޮތުން އެކަކުވެސް ވިސްނައިފައެއް ނުވެއެވެ. ހޮލޯކޯސްޓަށް ފަހުގައި ޔަހޫދީންގެ ޤައުމީ ވަޠަނެއް ބިނާކުރުމަށް ޖަރްމަނުން ތަންކޮޅެއް ދިނުމާމެދު އެއްވެސް މީހަކު ވިސްނައިފައެއް ނުވެއެވެ. އެބައިމީހުންގެ ވިސްނުން ދަތުރުކޮށްފައި ވަނީ މިޞްރާއި ކެންޔާއާއި ސައިޕްރަސްއާއި ކޮންގޯއާއި މޮޒަންބީގާއި އާރޖެންޓީނާއާއި ޢިރާޤާއި ލީބިޔާއަށެވެ. އެންމެފަހުން އެމީހުން ނިންމީ ފިލަސްޠީނަށެވެ. ޞިހްޔޫނީ އިސްތިޢުމާރުގެ ބަހާތަކާ ފިލަސްޠީނާ ގުޅޭތީއެވެ.

​ޔަހޫދީންގެ މަސްއަލައިގެ ޙައްލަކީ އިސްތިޢުމާރީ ޙައްލެއްކަމަށް ޞިހްޔޫނީ ޙަރަކާތް ޤަބޫލުކުރެތެވެ. ޞިހްޔޫނިއްޔަތަކީ ކުރިމަގު ކަނޑައެޅުމުގެ ބާރު ރައްޔިތުންނަށް ލިބިގެންވާ ކަން ޤަބޫލުކުރާ ޙަރަކާތެއްނޫނެވެ. އިސްތިޢުމާރީ ބާރުތަކުން އިސްތިޢުމާރުކުރާ ރަށްރަށުގެ ރައްޔިތުން އެމީހުންގެ ކުރިމަގާމެދު ދެކޭގޮތަކީ ކޮބައިތޯ ސުވާލުކޮށްފައެއް ނުވެއެވެ. އެ ރައްޔިތުންކުރެ މީހަކާ އެ ސުވާލުކޮށްފިނަމަ އިސްތިޢުމަރީ ބާރުތަކަށް ރަށްރަށެއް ނުހިފޭނެއެވެ. ޞިހްޔޫނީ އިސްތިޢުމާރު ފިލަސްޠީނު މީހުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ ދޮންމީހުން ރެޑް އިންޑިއަނުންނާ ދެކޮޅަށް ނުވަތަ އެންކާ މީހުންނާ ދެކޮޅަށް ނުވަތަ އެބޮރަޖިނިންނާ ދެކޮޅަށް ކޮށްފައިވާ ހަނގުރާމަތަކާ އެއްފަދަ ހަނގުރާމައެއްކަމަށް ޑޭވިޑް ބެންގޯރިއަން ސިފަކުރީ މިހެންވެގެންނެވެ.

ޞިހްޔޫނީ ޙަރަކާތުގެ ބާނީ ހާޓްޒެލް ޞިހްޔޫނީ ފިކްރާއި ވިސްނުން ސިފަކޮށްފައިވާ ގޮތުގައި އެއީ އިސްތިޢުމާރީ ފިކްރެކެވެ. މިހެންވެ އޭނާ ޞިހްޔޫނީ ފިކްރު ސަރ ސިސެލް ރޯޑްސްއަށް ފޮނުވިއެވެ. އިނގިރޭސިވިލާތް ބަލައިގަންނަކަމުގެ ތައްގަނޑު އެ މަޝްރޫއުގައި ޖައްސުވަން ވެގެންނެވެ.
​ޞިހްޔޫނީ ޙަރަކާތަކީ އޭގެ ތަރަހައަށް ބަލާއިރު އިސްތިޢުމާރީ ފިކްރެކެވެ. ޞިހްޔޫނިއްޔަތުގެ މުއަސްސިސުން ތަޞްވީރުކޮށްދީފައިވާ ގޮތުގައި ޞިހްޔޫނިއްޔަތަކީ އިނގިރޭސި އިމްބަރާޠޫރިއްޔަތުގެ ކުޑަ ނަމޫނާއެކެވެ. (ހާޓްޒެލްގެ ޢިބާރާތުންނަމަ ކުޑަ އިނގިރޭސިވިލާތެކެވެ.) އައު ޞިހްޔޫނިއްޔަތުގެ ތަނބުތައް ޤާއިމުކޮށްފައި ވަނީ އިސްތިޢުމާރީ ހަންފެތުރުމާއި ބިންތައް ހިފުމުގެ އުޞޫލުތަކުގެ މަތީގައެވެ.

އެއީ އެކްސްޕޯޓުކޮށްގެން ޔަހޫދީ މަސްއަލަ ޙައްލުކުރުމެވެ. ކެންޔާގެ ކެލިމަންޖާރޯ ފަރުބަދަތަކުން ފެށިގެން ފިލަސްޠީނާ ހަމައަށެވެ. ޔަހޫދީ ދައުލަތުގެ އަމާޒަކީ ނުވަތަ މަޤްޞަދަކީ ހުޅަނގުގައި ދިރިއުޅޭ ހުރިހާ ޔަހޫދީން އެ ދައުލަތަށް ގެންގޮސް ވަޒަންވެރިކުރުވުމެއްނޫނެވެ. އެހެނަސް މި ދައުލަތަށް ގެނެވޭނީ ހުޅަނގުގައި އެމީހުންނަށް އާރާއި ބާރު ހޯދައިގަތުމުގައި ނުކުޅެދުންތެރިވެފައިވާ " ދޯހަޅީ" ޔަހޫދީންނެވެ.


ޔަހޫދީ މަސްއަލައިން ބޭރަށް ނުކުތުމަށް ބޭނުންވާ ދޯހަޅި ޔަހޫދީން އިރުމަތީގެ ބިމަކަށް ގެންގޮސް ވަޒަންވެރިކުރުވުމެވެ. މި ދައުލަތް ވާނީ އެ ދައުލަތް ޙިމާޔަތްކޮށްދީ ބަލަހައްޓާ ބޮޑު ބާރުގެ އޭޖެންޓަކަށެވެ.

ޞިހްޔޫނީ އިސްތިޢުމާރުގެ އެންމެ ވަރުގަދަ ދެ ޢުންޞުރަކީ ވަޒަންވެރިގަތުމާއި އޭޖެންޓުކަން ކޮށްދިނުމެވެ. އިސްރާއީލުގެ ކިބައިން ފެންނަމުން ދަނީ މި ދެ ސިފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.