ހަފުތާގެ ދައުލަތުގެ ހިސާބު | ހަރަދުގެ 10 ޕަސެންޓަކީ ވާރުތަވާ ލޯނު

ސަރުކާރުން ހަރަދު ކުޑަ ކުރުމުގެ ގިނަ ފިޔަވަޅުތަކެއް ދަނީ ތަންފީޒު ކުރަމުންނެވެ. އެކަމަކު މިހާރު ބަޖެޓަށް އޮތް އެންމެ ބޮޑު ބުރައަކީ ލޯނުތައް މަތިވެފައިވުމެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި ޓީމް -- ފިނޭންސް

ހަރަދު ކުޑަކުރަން ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާއެކު ހަރަދު ކުޑަވަމުންދާތަން ފެނެ އެވެ؛ އެކަމަކު ހިސާބު ފޮތުގެ އެންމެ ފަހުގެ ނަންބަރުތަކުން ދައްކާ ގޮތުގައި ލިބުނު އާމްދަނީއަށްވުރެ ހަރަދު ވަނީ މަތިވެފަ އެވެ. 

މިއީ ކީއް ވެގެން އައި ބަދަލެއް ހެއްޔެވެ؟ މަތިވެގެން އުޅެނީ ކޮން ހަރަދެއް ހެއްޔެވެ؟ މިއީ ސާފުވާން ޖެހޭ ދެ ސުވާލެވެ.

ސަރުކާރުގެ ހަފުތާގެ މާލީ ރިޕޯޓް ބަލާލާއިރު އެއިން ދައްކާ ގޮތުގައި މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ޖުމްލަ ހަރަދު ހުރީ 7,454.9 ބިލިއަން ރުފިޔާގަ އެވެ. އެކަމަކު މިއީ މިދިޔަ އަހަރު 9,494.5 ބިލިއަން ރުފިޔާގައި ހުރި އަދަދެކެވެ. 

މި ނަމްބަރަކީ ދެ ބިލިއަން ރުފިޔާ ހަރަދު ކުޑަ މިންވަރެވެ. ސަރުކާރުން މިވަގުތު ހިންގަމުން ގެންދަނީ ކޮންމެހެން ހިންގަން ޖެހޭ ޕްރޮޖެކްތްތަކެވެ. މިއީ ވެސް ސަރުކާރުގެ ހަރަދު ކުޑަވުމުގެ އެއް ސަބަބެވެ. ޕީއެސްއައިޕީ ހޭދަ މިހާރު ހުރީ އެއް ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރު ދެ ބިލިއަންގައި ހުރި ހޭދަ އެކެވެ. 


އާމްދަނީއަށް ވުރެ ހަރަދު މަތި - މިދިޔަ މަހު ލިބުނު 7,239.7 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާ ކިޔާނަމަ ހަރަދު ވަނީ 7,454.9 ބިލިއަން މަތިވެފަ އެވެ. މިއީ މި ސަރުކާރު އައި ފަހުން އަލަށް އައި ބަދަލެކެވެ. ކުރިން މި އަހަރު ފެށުނު ހިސާބުން ފެށިގެން ފެނިގެން ގޮސްފައި ވަނީ ހަރަދު އާމްދަނީ އަށް ވުރެ ކުޑަކޮށް ހުރި ތަނެވެ.

ދައުލަތުގެ ހަރަދު ހުރި ގޮތް

  •  ރިކަރަންޓް ހަރަދު - މިއަހަރު 6.9 ބިލިއަން | މިދިޔަ އަހަރު 6.2 ބިލިއަން
  •  މުސާރަ ދޭން - މި އަހަރު 2.1 ބިލިއަން | މިދިޔަ އަހަރު ދެ ބިލިއަން
  •  އެޑްމިން އެންޑް އޮޕަރޭޝަނަލް ހަރަދުތައް - މި އަހަރު 3.7 ބިލިއަން | މިދިޔަ އަހަރު 4.1 ބިލިއަން
  •  ކެޕިޓަލް ހަރަދު - މި އަހަރު 1.4 ބިލިއަން | މިދިޔަ އަހަރު 3.2 ބިލިއަން
  •  ފައިނޭންޝަލް ކޯސްޓް - މި އަހަރު 732.7 މިލިއަން | މިދިޔަ އަހަރު އެއް ބިލިއަން
ދަރަނި ހުރީ މަތީގައި - މިދިޔަ އަހަރު ފެށުނުއިރު ރާއްޖޭގެ ބޭރުގެ ދަރަނި ހުރި ކަމަށް ދައްކަނީ 47 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިހާރު މި އަދަދު ވަނީ 51 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ބޭރުގެ ދަރަންޏަށް މިދިޔަ އަހަރުގެ ތިން ކުއާޓަރަށް ބަލާނަމަ އެވްރެޖުކޮށް ތިން ބިލިއަން ރުފިޔާ ވަނީ އިތުރު ކޮށްފަ އެވެ. އެތެރޭގެ ދަރަންޏަށް ވެސް އެއްރެޖުކޮށް ތިން ބިލިއަން ރުފިޔާ އަށްވުރެ ބޮޑު އަދަދެއް އިތުރު ކޮށްފައިވެ އެވެ. މި ހިސާބުތަކުން ރާއްޖޭގެ އެތެރޭގެ ދަރަންޏަށްވުރެ ބޭރުގެ ދަރަނި ކުޑަ ކަމަށް ދެއްކި ނަމަވެސް އެތެރޭގެ ދަރަނީގެ ބޮޑު ބައެއްވެސް ހިއްސާ ކުރަނީ ބޭރުގެ ފަރާތްތަކުންނެވެ. ސަބަބަކީ އެތެރޭގެ ދަރަނީގެ ބޮޑު ބައެއް ޓީ ބިލް ހިމަނާފައި ވުމެވެ. ޓީބިލްގެ ސަބަބުން ތިންވަނަ ކުއާޓަރާ ހަމައަށް ބަލާނަމަ އެކްސްޓާނަލް ބޮންޑްހޯލްޑާގެ އައުޓްސްޓޭންޓިން ހަތް ބިލިއަން ރުފިޔާއަށް ވުރެ މަތިވެފައިވާ ކަމަށް ދައްކަ އެވެ. މި އަހަރުގެ މިހާތަނަށް ބަލާއިރު ރާއްޖޭގެ ލޯނުތަކުގެ ޖުމްލަ އަދަދު އުޅެނީ 113 ބިލިއަން ރުފިޔާގަ އެވެ. އަދި ސަރުކާރު ކުންފުނިތަކުގެ ދަރަނި ހިމަނައިގެން ބަލައިފިނަމަ މި ދަރަނި 130 ބިލިއަން ރުފިޔާ ފަހަނަ އަޅާދެ އެވެ.

މިހާރު ދައުލަތުގެ ހަރަދުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މުސާރައާއި ހިންގުމުގެ ހަރަދު ހިމެނޭ ރިކަރަންޓް ހޭދައެވެ. ރިކަރަންޓް ހޭދަ މިހާރު ހުރީ 6.9 ބިލިއަން ރުފިޔާގަ އެވެ. މިހަރަދު ފިޔަވައި މިހާރު އެއް ކަމަށް އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ލޯނުތައް ދެއްކުމަށެވެ. ދަަރަނި އަދާކުރުމުގެ ހަރަދުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 732.7 މިލިއަން ވަނީ ހޭދަވެފަ އެވެ. މިދިޔަ ސަރުކާރުން ނެގި ލޯނުތަކުން ވާރުތަވީ މި ދަރަނި ޖުމްލަ ހަރަދުގެ 10 ޕަސެންޓަށް އަރަ އެވެ. 

ބަޖެޓް 2024 - މި އަހަރަށް ފާސް ކުރި ބަޖެޓުގެ ޖުމްލަ ހަރަދަކީ 49.8 ބިލިއަން ރުފިޔާ އެވެ. ޖުމްލަ ހިލޭ އެހީ އާއި އާމްދަނީއަކީ 33.5 ބިލިއަން ރުފިޔާ އެވެ. އަދި ބަޖެޓް ޑެފިސިޓް ހުންނާނެ ކަމަށް އަންދާޒާކޮށްފައިވަނީ 13.8 ބިލިއަން ރުފިޔާގަ އެވެ. ދަރަންޏަށް ނަގަން ޖެހޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 17.2 ބިލިއަން ރުފިޔާ އެވެ. ބޭރުގެ ފަރާތްތަކުން ބަޖެޓް ސަޕޯޓަށް ހޯދަން ޖެހޭނެ މިންވަރަކީ 6.9 ބިލިއަން ރުފިޔާ އެވެ. މި އަހަރު ގްރީން ނުވަތަ ބްލޫ ބޮންޑެއް ބޭރަށް ވިއްކައިގެން 771 މިލިއަން ރުފިޔާ ހޯދަން ބަޖެޓު ކުރި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.