ވާހަކަ

ނޭނގި ޔާރު ވަކިވީ - އެޕިސޯޑް 11

"އެހަށް ސުހާ ގާތު ނުބުނޭ! އަހަރެން ގޮތެއް ހަދާނަން.." ޒީމާ އެހެން ބުނުމާއެކުގައި ނަޒީރާއަށް ސިހިފައި ބަލައިލެވުނީ ޒީމާގެ މޫނަށެވެ.

- އެޕިސޯޑް 11 –

"ކީއްކުރަން ތިއުޅެނީ؟"

ނަޒީރާގެ ހަތަރު ކަޅި އަމާޒު ވެފައިވަނީ ސީދާ ޒީމާގެ މޫނަށެވެ. ޒީމާ ދެކޮނޑު އަރުވާލީ ނޭނގެއޭ ބުުނާ ފަދަ ބީދައަކުންނެވެ.

"އަނެއްކާ އެއްވެސް ގޯސް ކަމެއް ނުކުރާތި! އަހަރެމެންމީ އެހާނުބައި ބައެއް ނޫން.." ނަޒީރާ އެހެން ބުނުމާއެކުގައި ޒީމާ އަވަސްކޮށް ވާހަކަދައްކަން ފެށިއެވެ.

"ނޫން! ނޫން! އަހަރެން ނޫޅެން އެއްވެސް ކަމެއް ކުރާކަށް.. އަކަމު އަހަރެންގެ ޟަމީރު ޤަބޫލު ނުކުރަނީ މިހާ އަވަހަށް، މިހާ ފަސޭހައިން އަހަރެން ދުށް ހުވަފެން ބިލާހަކަށް ވެދާނެކަމަށް. އެކަމު ވެސް އަހަރެން ކެތްކުރާނަން!" ޒީމާގެ އަޑުގައި އަސަރު ހުއްޓެވެ.

"ޒީމާ.. އަހަރެން އެހެން ނޫނަސް މިވާހަކަ ސުހާއަކަށް ކިޔައެއް ނުދޭނަން! އެ ހިތްވަރެއް އަހަރެންގެ ނެތް.. އެފަކީރަށް އަނެއްކާ އަނެއް ހިތްދަތިކަމެއް.. އޭރުން ސުހާ ހީކުރާނީ އޭނަގެ ޙަޔާތުގަ އޭނާއާ ގުޅޭނެ އެންމެ ނޭނގި ހުއްޓާ ވަކިވަނީއޭ.. އަހަރެން ބޭނުމެއް ނޫން ސުހާއަށް އިތުރު ޚިޔާލު ތަކެއް ދޭކަށް.." ނަޒީރާ ވާހަކަދެއްކީ އިސްދަށަށް ޖަހައިގެން ހުރެގެންނެވެ. އެގޮތުގައި އެދެމީހުން ވަރަށް ވާހަކަދެއްކިއެވެ.

މުޅިން އައު ދުވަހަކަށް ދުނިޔެއަށް އިރު މަރުޙަބާ ކިޔައިފިއެވެ. ޝަރާގެ މުޅި މޫނުމަތިން ފެންނަނީ އުފާވެރި ކަމެވެ. އޭނާގެ ހިތާއި ސިކުނޑިއަށް ދޭތެރެ ދޭތެރެއިން ވަންނަ އުފާވެރި ޚިޔާލުތަކުން އޭނާއަށް އަމިއްލައަށް ހުރެ ހިނިތުންވެވެއެވެ. މިއަދަކީ އަޔާޒްގެ މައިންބަފައިިންނާ ބައްދަލު ވެވޭ ދުވަސްކަމުން އެކަމުގެ އުފާވެރިކަން ޝަރާގެ ކޮޅުނެތްކޮޅަށް އޮވެއެވެ.

ކޮންމެވެސް ވަރަކަށް ޖެހިލުންވުމެއް އޮތްނަމަވެސް، އަޔާޒްގެ ވާހަކައިން އަޔާޒްގެ މައިންބަފައިންގެ ހެޔޮކަން ޝަރާއަށް ވަނީ ސިފަކުރެވިފައެވެ. ޝަރާއާ ދޭތެރޭގައި ވަރަށް ހެޔޮކޮށް އަޔާޒްގެ މައިންބަފައިން ކަންތައް ކުރާނެކަމާ މެދުގައި ޝަރާގެ އެއްވެސް ޝައްކެތް ނެތެވެ.

ދުވަހުގެ ހަވީރުގެ ފިނިކަން މުޅި މާލެއަށް ހަނާ އަޅަމުން ދިޔަ އިރު ޝަރާ ތައްޔާރު ވެގެން ހުރީ އަޔާޒްގެ ގެއަށް ދިޔުމަށެވެ. އަޔާޒް ކާރުގައި މިސްރާބު ޖަހާފައި ވަނީ ޝަރާ ދިރިއުޅޭ ގެސްޓު ހައުސްއާ ދިމާލަށެވެ. ވަގުތު ކުޑަތަންވާ ވަރަކަށް ޝަރާގެ ހިތުގެ ހިނގުން އަވަސް ވަމުން ދިޔައެވެ. ޝަރާ ޤަބޫލު ކޮށްގެން ހުރީ މީ އޭނާގެ ހަޔާތުގައި އަންނާނެ ވަރަށް އުފާވެރި ދުވަހަކަށެވެ.

***

"ޒީމާ..."

ޔޫސުފް ބަލައިލީ ޒީމާއާ ދިމާލަށެވެ. އެވަގުތު އެދެމީހުން ތިބީ ގޭގެ ސިޓިންގރޫމްގައެވެ.

"ކިހިނެއްވީ؟"

ޒީމާއަށް ގޮވައިލުމަށްފަހު، ޔޫސުުފް އެއްވެސް އެއްޗެއް ނުބުނެ ޒީމާއަށް ބަލަން އިނުމުން އޭނާ އަހައިލިއެވެ.

"ޒީމާ.. ޝަރާ އަންނަ އިރު، އަހަރެން ބޭނުން ޒީމާގެ ފަރާތުން އަހަރެން ހިތްހަމަޖެހޭނެ ކަންކަން ފެންނަން... އެއްވެސް ވަރަކަށް ޒީމާގެ ފަރާތުން އަހަރެން ހިިތްހަމަ ނުޖެހޭނެ ކަމެއް ފެނެއްޖިއްޔާ، އަހަރެން ވަރަށް ރުޅި އަންނާނެ އިނގޭ! އަހަރެމެންގެ ދަރިފުޅުގެ އަގު ވެއްޓޭނެ ކަމެއް ޒީމާ ނުކުރާނެ ކަމަށް އުއްމީދު ކުރަން.." ޔޫސުފް އެހެން ބުނުމާއެކުގައި ޒީމާ ފުންކޮށް ނޭވާއެއް ލިއެވެ.

"ޕިސް ޕިސް.. ބަލަ އަހަރެން އެބަ އުޅެންތަ ކަމެއް ކުރަން.. އަހަރެންގެ އަޔާޒް ލަދުގަންނާނެ ކަމެއް އަހަރެން ނުކުރާނަން.. އެހެން ނޫނަސް، އެއީ އަޔާޒްގެ އުފަލަކަށް ވާތީ އެ އުފަލަށް އަހަރެން މިހާރު އިޙުތިރާމް ކުރާނަން.. ކުރިން ވީ ކަމެއް ވީ. އެއީ ނުވިސްނުނީމަ.." ޒީމާގެ ވާހަކަތަކުން ޔޫސުފް ވަރަށް ބޮޑަށް އުފާވިއެވެ. އަދި ވަރަށް ލޯބިން ޒީމާގެ އަތުގައި ހިފައިލިއެވެ.

ދޮރުގައި ޓަކިި ދިނުމާއެކުގައި ދޮރު ހުޅުވަން ހިނގައިގަތީ ޒީމާއެވެ.

"އަވަހަށް ވަދޭ ދެކުދިން.."

ދޮރު ކުރިމަތީގައި ހުރި އަޔާޒް އާއި ޝަރާއަށް ބަލައިލަމުން ޒީމާ ބުނެލިއެވެ. މަޑު ހިނގުމެއްގައި އައިސް އަޔާޒް އާއި ޝަރާ ގޮސް އިށީންނީ ސޯފާގައެވެ.

ޒީމާ އާއި ޔޫސުފަށް ބަލަން ތިބެވުނީ ޝަރާއާ ދިމާލަށެވެ. އެރީތި ކަމާއި، އެ މައުސޫޫމް ދެލޮލުން ވެސް ޔޫސުފްގެ ހިތުގެ ތެރޭގައި ޝަރާއަށް ޚާއްޝަ މަޤާމެއް ދެވުނެވެ. އެއީ ސީދާ އަޔާޒްއާ ގުޅޭފަދަ ރިވެތި އަޚްލާޤުގެ ކުއްޖެއް ކަމުގެ އިޝާރާތް ޔޫސުފަށް ލިބުނެވެ.

ޝަރާއަށް ބަލަން ޒީމާ އިން އިރު އޭނާގެ ސިކުނޑި ތެރެއަށް ލައްކަ އެއްޗެހި ވަންނަމުން ދިޔައެވެ. ޝަރާ އަކީ ސުހާއާ ބަލާފައި ބަލައިލަން މާރީތި ކުއްޖެކެވެ. ނަމަވެސް ޒީމާގެ ހިތުގައި އުފެދެމުން ދިޔައީ އުނދަގޫ އިހްސާސެކެވެ. ޝަރާގެ ކުރިމަތީގައި އިން އިރު ޒީމާއަށް ޝަރާ ފެންނަމުން ދިޔައީ އެއީ އޭނާގެ ދަރިފުޅު ފޭރިގަތް މީހެއްގެ ގޮތުގައެވެ.

"މަންމާ.. ބައްޕާ.. މީ ޝަރާ.." ތަނުގެ ހިމޭންކަން ނަގައިލަމުން އަޔާޒް ބުނެލިއެވެ.

"އިނގޭ ދަރިފުޅާ! ބައްޕައަށް އިނގޭ ދަރިފުޅުގެ ޗޮއިސް ހަމަ ވަރަށް ރަނގަޅު ވާނެކަން. ބައްޕަ ވަރަށް އުފާވެއްޖެ.." އަޔާޒްގެ ކޮނޑުގައި ޖަހައިލަމުން ޔޫސުފް ވާހަކަދެއްކީ ހިނިތުންވުމަކާއެކުގައެވެ.

"ކޮބާ ޝަރާގެ މަންމަ އާއި ބައްޕަ؟" ޒީމާ ޝަރާއަށް ބަލައިލަމުން އެންމެ ފުރަތަމަ ކޮށްލީ އެ ސުވާލެވެ. ޝަރާ ބަލައިލީ އަޔާޒްގެ މޫނަށެވެ. އަޔާޒް އެކަން އޭނާގެ މައިންބަފައިންނަށް އެކަން ހިއްސާ ނުކުރަނީތޯ އަހާ ބީދައަކުންނެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.