ތިލަމާލެ ބްރިޖު އަޅާތާ ތިން އަހަރު | ނިމުނީ 35 ޕަސެންޓް

ބްރިޖަކީ 500 މިލިއަން ޑޮލަރުގެ ލޯނަކުން އަޅާ ބްރިޖެކެވެ، ބްރިޖު އަޅަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

އިންޑިއާގެ އެފްކޮންސް ކުންފުނި އަޅަމުން ގެންދާ ތިލަމާލެ ބްރިޖުގެ މަސައްކަތް މިވަގުތު ހުރީ ތާވަލަށްވުރެ އެއް ޕަސެންޓް ކުރީގައި ހުރިއިރު މިހާތަނަށް ނިމިފައިވަނީ 35 ޕަސެންޓް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ. 

ޗައިނާއިން ދެ އަހަރުތެރޭ ނިންމި ސިނަމާލެ ބްރިޖުގެ މަރާމާތުގެ މަސައްކަތް ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު މުއްތޮލިބު ވިދާޅުވީ މާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލުމަށް އަޅާ ބްރިޖުގެ މިހާތަނަށް ނިމިފައިވަނީ 35 ޕަސެންޓް މަސައްކަތް ކަމަށެވެ. މިވަގުތު މަސައްކަތް ކުރިއަށްދާ ދުވެއްޔަށް ބަލާއިރު ސްޕީޑް ހުރީ ތާވަލަށްވުރެ 1.11 ޕަސެންޓް ކުރީގަ އެވެ. 

ނޫސްވެރިންގެ ބައްދަލުވުމުގައި މި މަސައްކަތުގެ ޕްރެޒެންޓޭޝަނެއް ވަނީ މިނިސްޓަރު ދެއްވާފަ އެވެ. 

ބްރިޖުގެ މިހާރު މަސައްކަތް ހުރި ހިސާބު

  •  މުޅި ބްރިޖުގެ 35.53 ޕަސެންޓް ނިމިފައި
  •  ތަނބުތަކުގެ ޕައިލިންގެ 58 ޕަސެންޓް ނިމިފަ
  •  ޕައިލް ކެޕިންގެ 43 ޕަސެންޓް މަސައްކަތް ނިމިފައި
  •  ޕިއާ ކޮލަމްގެ ނުވަތަ ދިގުކޮށް ޖަހާފައި ހުންނަ ކޮލަމްތަކުގެ 40 މަސައްކަތް ނިމިފައި
  •  ސުޕަ ސްޓްރަކްޗާގެ ޕްރީ ކާސްޓިންގެ 24 ޕަސެންޓް ނިމިފަ

އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ބްރިޖު އެއްކޮށް ނިމޭނެ ކަމަށް ބެލެވެނީ 30، ސެޕްޓެމްބަރު 2026 ގަ އެވެ. ނަމަވެސް ބްރިޖު އަވަސް ކުރަން މަސައްކަތް ކުރައްވަމުން ގެންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 

ބްރިޖުގެ މަސައްކަތުގެ އަޕްޑޭޓް ސަރުކާރުން ދެމުން ގެންދާއިރު ބްރިޖުގެ މަސައްކަތް ފެށި މިދިޔަ ސަރުކާރުން ބްރިޖުގެ މައުލޫމާތު ގެންގުޅުނީ ސިއްރުކޮށްގެންނެވެ. އޭރު މައުލޫމާތު ދެނީ ހަމައެކަނި އިންޑިއާ އެމްބަސީއިންނެވެ. 

ތިލަމާލެ ބުރިޖްގެ މައުލޫމާތު ކުރުކޮށް

  •  ތިލަމާލެ ބްރިޖް އަޅަން އެފްކޮންސްއަށް ދިނީ އޮގަސްޓް 26، 2021 ގައި
  •  ކޯޒްވޭ ތަކާއެކު ބްރިޖްގެ ދިގު މިން 6.7 ކިލޯ މީޓަރު
  •  ސުޕަ ބްރިޖްގެ ދިގު މިނަކީ 3.6 ކިލޯ މީޓަރު
  •  ބްރިޖަށް 400 މިލިއަން ޑޮލަރުގެ ލޯނު ދެނީ އިންޑިއާގެ އެގްޒިމް ބޭންކުން
  •  މުޅި މަޝްރޫއުގެ އަގަކީ 500 މިލިއަން ޑޮލަރު
  •  އިންޑިއާގެ ހިލޭ އެހީގައި 100 މިލިއަން ޑޮލަރު
  •  220،000 ކިއުބިކް މީޓަރުގެ ސަރަހަދެއް ހިއްކާ ތޮށިލާން
  •  ބްރިޖާ ގުޅިފައިވާ ތިން ކިލޯމީޓަރުގެ މަގާއި ފާލަން ހިމެނޭ
  •  މަޝްރޫއުއަށް ލޯނު ދިނީ އިންޑިއާގެ އެގްޒިމް ބޭންކުން
ބްރިޖު އަޅާ އެފްކޮންސް - ގްރޭޓާ މާލޭ އޭރިއާގެ ކަނެކްޓިވީޓީއެއެއްގެ ގޮތުގައި ތިލާމާލެ ބްރިޖް އަޅަން ހަވާލުވެފައިވާ އިންޑިއާގެ އެފްކޮންސް އަކީ މަސައްކަތުގެ ތަޖުރިބާގައި ބައި ގަރުނަށްވުރެ ދިގު މާޒީއެއް އޮތް އަދި ދުނިޔޭގައި މަސައްކަތުގެ ވަރުދަ ނެޓްވޯކެއް އުފައްދައި ރަނގަޅު ޓްރެކް ރިކޯޑެއް ވެސް އޮތް ބްރިޖް / މެރިން ޕޯޓް ފެސިލިޓީ ކުންފުންޏެކެވެ. ޕޯޓް ފެސިލިޓީގައި ދުނިޔޭ ހަ ވަނައިގައި އޮތީ އެފްކޮންސް އެވެ. ބްރިޖު އެޅުމުގައި ރަނގަޅު މަގާމެއް ހޯދާފައި ވެ އެވެ. އިންޑިއާގެ ބިލިއަނަރު ޝަޕޫރު މިސްޓްރީގެ ޝަޕޫރުޖީ ޕަލޮންޖީ (އެސްޕީ) ގްރޫޕުގެ ދަށުން ހިންގާ އެފްކޮންސް ކުންފުނީގެ ބައެއް އެސެޓް ވިއްކާލުމުގެ ގޮތުން ބާޒާރަށް ނުކުމެ އެ ކުންފުނިން ވަނީ ބޮޑެތި ކުންފުނިތަކާއެކު މަޝްވަރާތަކެއް ވެސް ފަށާފަ އެވެ. މި ބަދަލާއެކު އެފްކޮންސްގެ މައި ކުންފުނި އެސްޕީ ގްރޫޕުގައި އޮތް އެފްކޮންސްގެ ހިއްސާގެ އަދަދު މަދުވެގެން ދާނެ އެވެ. އެފްކޮންސް ކުންފުނިން ވިއްކަން ތައްޔާރުވާ އެސެޓްތަކުގެ ތެރޭގައި އެ ކުންފުނިން އިންޑިއާގެ އިރުމަތީ އައްސޭރީގައި އޮންނަ ގޯޕަލްޕޫރުގައި ތަރައްގީ ކޮށްފައިވާ ބަނދަރު ހިމެނެ އެވެ. އެ ކުންފުނިން މި ފައިސާ ހޯދަން ނުކުމެފައި ވަނީ ދައްކަން ޖެހޭ ދަރަނީގެ ބައެއް އަދާ ކުރާށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.