"ހަތަރު މަހުން އެއްލައްކަ ބަންގްލަދޭޝް މަސައްކަތްތެރިން ހަމަވާނެ"

މި އަދަދުތައް މިހެން ހުއްޓަސް، ތަފާސްހިސާބުތަކަށް ބަލާއިރު މިވަގުތު ރާއްޖޭގައި 135،149 ބަންގްލަދޭޝް މީހުންގެ ވޯކް ޕާމިޓް އެކްޓިވް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު މަޖިލީހުގައި: ބިދޭސީންގެ މައްސަލަ ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވަނީ ވިދާޅުވެފައި

ކުރިއަށް އޮތް ހަތަރު މަސް ނިމެންވާއިރަށް ރާއްޖޭއަށް 100،000 ބަންގްލަދޭޝްގެ އަންސްކިލްޑް ލޭބަރުން ހަމަވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިބި ބިދޭސީންނާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމުން، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވެފައި ވަނީ މިވަގުތު ރާއްޖޭގައި ތިބީ 90،624 ބަންގްލަދޭޝް މަސައްކަތްތެރިން ކަމަށެވެ.

ބަންގްލަދޭޝްގެ އަންސްކިލްޑް ލޭބަރުން ގެނައުން ކުރީ ސަރުކާރުން މަނާކޮށްފައި އޮތް އޮތުމަށް ނިމުން ގެނެސް، އަލުން އެ ގައުމުގެ މީހުންނަށް ރާއްޖެ އައުމުގެ ހުއްދަ ދިން ފަހުން މިހާތަނަށް 5400 މީހުންނަށް ވޯކް ޕާމިޓްގެ ހުއްދަ ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރެއިން ރާއްޖެ އައިސްފައި ވަނީ 4000 މީހުން ކަމަށެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 65 ވަނަ މާއްދާ ގައި ބުނާ ގޮތުން ރާއްޖޭގައި ބިދޭސީ މަަސައްކަތްތެރީން ވަޒީފާ އަދާ ކުރުމަށް އެއް ގައުމަކުން އެންމެ ގިނަ ވެގެން ގެނެވޭނެ އަދަދަކީ 100،000 އެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ބަންގްލަދޭޝް މީހުން އިތުރުވަމުން އަންނަ ރޭޓަށް ބަލާއިރު ކުރިއަށް އިތް ހަތަރު މަހުން އެއް ލައްކަ މީހުން ހަމަވާނެ ކަމަށެވެ.

މި އަދަދުތައް މިހެން ހުއްޓަސް، ތަފާސްހިސާބުތަކަށް ބަލާއިރު މިވަގުތު ރާއްޖޭގައި 135،149 ބަންގްލަދޭޝް މީހުންގެ ވޯކް ޕާމިޓް އެކްޓިވް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެއަދަދު އެހާ މަތީގައި އުޅެނީ، އޭގެ ތެރޭގައި މުސާރަ ކުޑަވުން ފަދަ ކަންކަމުގެ ސަބަބުން ފިލައިގެން ދާ މީހުންނާއި އަދި އެ ނޫންވެސް ސަބަބުތަކާ ހުރެ ފިލައިގެންދާ މީހުންގެ ވޯކް ޕާމިޓް، އެމީހުން މަސައްކަތް ކުރާ ކުންފުނިތަކުން ކެންސަލް ނުކުރާތީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ [135،149 މީހުންގެ] ތެރެއިން ގަވާއިދުން ލާރި ދައްކަމުން އަންނަ ވެލިޑް އެކްޓިވް ވޯކް ޕާމިޓަކީ 39،004 [މީހުން]. ބާކީ މިތިބަ ހުރިހާ ވޯކް ޕާމިޓަކީ ވެސް މިވަގުތަށް ގާނޫނީ ގޮތުން ބަލާއިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށް ބެލެވިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންތަކެެއް: ހަތަރު މަހުން 100،000 މީހުން ހަމަވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި --

މިދިޔަ ސަރުކާރުން ބަންގްލަދޭޝް އިން މީހުން އެތެރެކުރުން ހުއްޓާލުމުން ސަރުކާރުން އެ ނިންމުން ބާތިލުކުރީ ކީއްވެތޯ ބައެއް މެމްބަރުން ސުވާލު ކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ އެހެން ގައުމުތަކުން ގެންނަ މީހުން ބަންގްލަދޭޝް މީހުން ކުރާ މުސާރައިގައި، އެމީހުން ކުރާވަރަށް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާތައް ލިބެމުން ދިޔަ ކަމަށެވެ. އަދި އެހެން ގައުމުތަކުގެ މީހުން އަވަހަށް ފިލައިގެން ދިއުމުގެ މައްސަލަ ވެސް ބޮޑުވުމުން ކަމަށެވެ.

"މި މައްސަލަތަކާ ހެދި އަޅުގަނޑުމެންގެ އެއް އަމާޒަކަށްވީ އެ ފުރުސަތު އޮވެއްޖެކަމަށްވާނަމަ، އެ އަންސްކިލްޑް ލޭބާ ކެޓެގަރީއަށް އެ ލޭބާ މާކެޓް އޯޕަން ކުރުން. އެގޮތުން އަޅުގަނޑުމެން އެންމެ ފުރަތަމަ އެނގިވަޑައިގަންނަވާނެ އެއް މަސް ނެގިން ބަލަން ޖެހޭ ކަންކަން ބަލަން. ބަލާފަ އަޅުގަނޑުމެންނަށް ގާނޫނީ ގޮތުން ބޯޑަރު ހުޅުވެން އޮތީމަ އެ އަދަދަށް ބަލާފަ [އެ ފުރުސަތު ދިނީ]،" މިނިސްޓަރު ވިދާޅުވި އެވެ.

އޭރު ބެލިއިރު ރާއްޖޭގައި ތިބީ 90،000 ބިދޭސީންނަށްވެފައި، އެ ހުއްދަ ދިނީ އިތުރު 10،000 މީހުން ގެނެވޭނެތީ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެއަށްވުރެ އިތުރުވިޔަ ނުދޭން ޓާސްކް ފޯސް އެއް ހަދައިގެން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފައި ހައްޔަރުކޮށް، ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ހާމަކުރި މައުލޫމާތުތަކުން ރާއްޖޭގައި ބަންގަލްދޭޝްގެ 130،000 ވުރެ ގިނަ މަސައްކަތްތެރީން އެބަ ތިއްބެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 66،000 ވުރެ ބޮޑުތަނުން އިތުރެވެ. އޭގެ ތެރޭގައި ވެސް ގިނައީ ބަންގަލްދޭޝް މީހުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.