މި މައްސަލަ ބަލާ: ހުޅުމާލޭން ހާހެއްހާ ގޯތި ކަނޑަން އޮތީ ހާހުން ގޯސް ހަދާފައި

ގިނަ ގޯތިތަކެއް ހުރީ މަގުތަކާއި ނަރުދަމާ އާއި ކަރަންޓު ވިއުގައިގެ މަތީގަ އެވެ. ބައެއް ގޯތިތައް ހުރީ ކޮންޓްރަކްޝަން ސައިޓުތަކާއި މައި މަގުތަކަށް އަރާ ގޮތަށެވެ. ގޯތި ހެދުމުގެ ކުރިން ބައެއް މަގު ބަންދުކޮށް އާ މަގު ހަދަން ޖެހެ އެވެ.

ހުޅުމާލެއިން ގޯތިދޭ ސަރަހައްދު ހިއްކަނީ: މާސްޓާޕްލޭން ދޫކޮށްލުމަށްފަހު ކުރީ ސަރުކާރުން ވަނީ ރަށުގެ އާބަން ޕްލޭން ހަލާކުކޮށް ނިޒާމް ގެއްލުވާލާފައި - އާބަންކޯ

ހުޅުމާލެއަށް "ސިޓީ އޮފް ހޯޕް" އާއި "ޔޫތު ސިޓީ" ފަދަ ރީތި ނަންތައް ކިޔައި އުޅުނެވެ. އެ ނަންތަކުން އޭރު މުހާތަބު ކުރީ އ ރަށުގެ މާސްޓަ ޕްލޭންގައި ހުރި ހާއްސަ ސިފަތަކާއެކު ރަށް ނިމިގެން ދާއިރު އޮންނާނެ ފުރިހަމަ ކަމަށް ބަލާފަ އެވެ. ރަށް ފުރިހަމަ ވެގެންދާއިރު ފެންނާނީ ކުޑަކުޑަ ރީތި ހޮންކޮންގްއެއްގެ ގޮތުގައި ކަމަށް އޭރު ބެލެވުނެވެ. 

އެކަމަކު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާކަމެއް ބަދަލުކޮށްލައި ހަރާބުގެ މަގަށް ރަށް ގެންދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގަސްތުގައި އެޅި ފިޔަވަޅުތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. އެ ސަރުކާރުން މާލެ ރައްޔިތުންނަށްވީ ބޯހިޔާވަހިކަމުގެ ވައުދު ނުފުއްދުމުގެ ނަތީޖާއަކީ ކުރު މަގަކުން ގޮސް ހުޅުމާލެ ގުރުބާން ކޮށްގެން ނަމަވެސް އެ އެދުން ފުއްދޭނެ މަގެއް ހޯދުމެވެ. 

ރައީސް ސޯލިހާއި އެ ސަރުކާރުގެ ވެރިންނަށް ފެނިވަޑައިގަތް އެންމެ ކުރު މަގަކީ ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ކެނޑުމެވެ. އެ ނޫން ޗޮއިހެއް ނެތެވެ. އެކަން ކުރަން ހުޅުމާލެ މަޝްރޫއު ދެކޮޅު ޖައްސަން ހެދި ކްރޫޒްލައިން ޓާމިނަލް އާއި ކްރޫޒްލައިން ހޮޓާތައް ހުންނަ ސަރަހައްދު ހިއްކައި ގޯތި ދޭން ނިންމި އެވެ. މި ވަރުން ނިމުނީއެއް ނޫނެވެ. ސަރުކާރު އޮފީސްތައް ބަދަލުކޮށް ބިޒްނަސް ޑިސްޓްރިކްޓްތަކާއި އައިޓީ ޕާކްތަކާއި ނޮލެޖް ޕާކުތައް ހަދަން އޮތް ވިޔަފާރީގެ ސަރަހައްދުން ހިލޭ ގޯތިދޭން ނިންމީ އެވެ. ނަތީޖާއަކީ ސިންގަޕޫރުން ޕްރޮފެސަރުން ގެނެސްގެން އެތައް މިލިއަން ރުފިޔާއެއް ހަރަދު ކޮށްގެން ހެދި ވަރުގަދަ މާސްޓަ ޕްލޭން އެފުށް މިފުށަށް ޖެހިގެން ދިއުމެވެ. 

"ފުރަތަމަ ހައުސިން މިނިސްޓަރު އަސްލަމް ދިމާކުރީ އެޗްޑީސީއަށް ރެވެނިއު ލިބެން އޮތް ހަމައެކަނި ސަރަހައްދު ޓޫރިޒަމް ޒޯން ވެސް ގޯތި ދޭން ނަގަން. ވަރަށް ހާލުން ނަސީބަކުން އެކަން ނުވީ. އެކަމަކު މިހާރު ގޯތިތައް ދިން ގޮތުން ހުޅުމާލޭގެ މުޅި ޕްލޭން ގޯސްވެ، މުޅި ރަށް މުސްތަބަލު ގެއްލިއްޖެ،" އެޗްޑީސީގެ އިސް މަގާމު އަދާކުރެއްވި ވެރިއަކު ކުރީ ސަރުކާރުން ކަންތައް ކުރިގޮތް ވިދާޅުވެ ދެއްވި އެވެ.

ފްލެޓު ނޭޅުމުން ވައުދު ފުއްދަން ގުރުބާންކުރީ ހިޔާއަވަށް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދަން ހުޅުމާލެ ގުރުބާން ކުރިގޮތަކީ ދިރާސާކޮށް މުސްތަގުބަލަށް ފިލާވަޅު ހޯދަން ޖެހޭ ކަމެކެވެ. މީގައި މައްސަލައަކީ ބަޔަކަށް ގޯތިދިނުމެއް ނޫނެވެ. މައްސަލައަކީ ގޯތި ދިން ތަނާއި ވިޔަފާރީގެ އަގު ބޮޑު ބިންތަކުން ހިލޭ ގޯތިދީ މުޅި ނިޒާމު ހަރާބުގެ މަގަށް ގެންދިޔަ ގޮތެވެ. ހުޅުމާލެއަކީ ބިމުގެ އަގު މަތި ހައި އެންޑް ރިއަލް އެސްޓޭޓް ބިމެކެވެ. އެކަމަކު އެ ބިމުގެ އަގު ވައްޓާލީ ސިޔާސީ ގޮތުން މަންފާ ހޯދުމަށެވެ. އެކަމަށް ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނަކީ މާލެ ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދުމެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ވައުދުވީ ހުޅުމާލޭން 1،000 ގޯތި ދިނުމަށެވެ. އެކަމަކު ހުޅުމާލެ ދެވަނަ ފިޔަވަހިން އެވަަރަށް ފުރަތަމަ ގޯތި ދެވޭނެ ބިމެއް ނެތެވެ. އެކަން ކުރަން އޮތް ހަމައެކަނި ގޮތަކީ އެޗްޑީސީއަށް އާމްދަނީ ލިބޭ އަދި ހުޅުމާލޭގެ އާއްމު ހިދުމަތްތަކަށް ބޭނުން ވާނެ ބިންތަކެއް ނެގުމެވެ. އެކަމާ އެންމެ ނުރުހުންވި އެއް ބޭފުޅަކީ އެޗްޑީސީގެ އޭރުގެ އެމްޑީ ޝުހައިލް ކަމަށްވެ އެވެ. އޭނާ "ރިޓަޔާ" ކުރެއްވުމުގައި ވެސް ފޮރުވިފައިވާ ވާހަކައަކީ މިއެވެ.

އެޗްޑީސީގައި އޭރު މަސައްކަތް ކުރެއްވި އިސް މުވައްޒަފަކު ވިދާޅުވި ގޮތުގައި 1000 ގޯތި ކަނޑާނެ ގޮތެއް ނެތިގެން ބަލަމުން ގޮސް ހަމަވީ 800 ގޯއްޗެވެ. އެކަމަކު އޭރުގެ ހައުސިން ވަޒީރުގެ އަސްލަމް އާއި ނައިބު އަކްރަމް ކަމާލުއްދީންގެ ޕްރެޝަރާ ހެދި 1،000 ހަމަކުރަން މަޖުބޫރުވި އެވެ. 

މި ހުރިހާ ކަމެއް ކުރަން ކުރިމަތީގައި އޮތްއިރު އެޗްޑީސީއަށް ކުރިމަތިވި އަނެއް މައްސަލައަކީ އެ ކުންފުނީގެ އިސް އެތައް މުވައްޒަފުނެއްނެއް އެ ކުންފުނި ދޫކޮށްލުމެވެ. އެމީހުން މަގާމު ދޫކޮށް ދިޔައީ ޕްރެޝަރާއެކު ހަދަން މަޖުބޫރުކުރި ގޯސްތަކުގެ ނަތީޖާއެއެއްގެ ގޮތުންނެވެ.

"މި މަސައްކަތް ކުރުމާ ހަމައައަށް އައިރު އެޗްޑީސީގަ ނެތް އާބަން ޕްލޭނިންގެ މީހެއް. އެކަން ރަނގަޅަށް އެނގޭ މީހެއް. ކުންފުނިން ބޭރުން މީހަކު ހަޔާ ކުރުމުގެ ވިސްނުމެއް ނެތް. ދެން ހެދެން ފެށީ ބޮޑެތި ގޯސްތަކެއް،" މި މައުލޫމާތު އެނގި ވަޑައިގަންނަވާ އެ ކުންފުނީގެ ކުރީގެ އިސް ވެރިޔަކު ވިދާޅުވި އެވެ.

ގޯތިތައް މަގުމައްޗާއި ނަރުދަމާ މަތިން

ސަރުކާރުން ބުނެގެން 1000 ގޯތި ހަމަކުރީ އެވެ. ހެދި ގޯސްތައް މިހާރު ފެންނަން އެހުރީ އެވެ؛ މި ގޯތިތައް ހަމަކުރިއިރު ގިނަ ގޯތިތަކެއް ހުރީ ނަރުދަމާ އާއި ކަރަންޓު ލައިންގެ މަތީގަ އެވެ. ބައެެއް ގޯތިތައް ހުރީ މަގަށް އަރާފަ އެވެ. ގިނަ ގޯތިތަކެއް ހުޅުމާލޭގައި މަސައްކަތް ކުރާ ބޮޑެތި ކޮންޓްރެކްޓަރުންގެ މަސައްކަތު ސައިޓް ތަކުން ދީފައި ވެއެވެ. އެ މީހުންގެ މުވައްޒަފުން ބައިތިއްބާ ލޭބަކުއާޓަރުގެ ގޯތި ތެރޭން ވެސް ގޯތި ކަނޑާފައި ވެއެވެ. މި މީހުންނަކީ ކުރިއަށް އޮތް ހަތަރު އަހަރު ވެސް އެތަނުގައި މަސައްކަތް ކުރަން ތިބި މީހުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަސައްކަތް ކުރަން ތިބި ކޮންޓްރެކްޓަރުންގެ ބިންތައް ހުސް ކޮށްގެން އެ ތަނުގައި މަސައްކަތް ކުރާނީ ކިހިނެއް ހެއްޔެވެ؟ އެ މީހުނަށް ދޭނީ ކޮން ބިމެއް ހެއްޔެވެ؟

ގައުމީ ކޮންޓްރަކްޝަން ޖަމިއްޔާގެ ސެކްރެޓެރީ ޖެނެރަލް އަދުނާން ހަލީމް ވިދާޅުވި ގޮތުގައި އެޗްޑީސީގައި ޗާޓުތައް ހިތުދަސް މީހުން ތިއްބައި އެކަން އެހެންވީ ސަބަބާމެދު ބުނާނެ އެއްޗެއް އެނގިވަޑައި ނުގަންނަވަ އެވެ.

"އަޅުގަނޑު ހިތައް އަރަނީ ކަރަންޓާއި ނަރުދަމާގެ މަތިން ގޯތި ދިން އިރު ކޮބައިހޭ މި ކުންފުނީގައި ތިބި ޕްރޮޕެޝަނަލް މި ދާއިރާއިން ކިޔަވައިގެން ތިއްބެވި ބޭފުޅުން؟ އެ ބޭފުޅުންގެ ޒިންމާއެއް ނެތީބާއޭ؟ ޕްރޮފެޝަނަލުން ބޮޑެތި މުސާރަ ދީފައި ތިޔަ ތަނެއްގައި ތިބެނީ ކަމަކު ނޫންހޭ،" އަދުނާން ވިދާޅުވި އެވެ.

މިކަމުގައި އޭރު ވެސް އުޅުއްވީ މިހާރު ވެސް އުޅުއްވާ ބޭފުޅުންނެވެ. ގިނަ ބޭފުޅުން މިހާރު ވެސް ތިއްބެވީ ހަމަ އެ ގޮނޑީގަ އެވެ. އެ ގޮނޑީގައި ތިއްބަވައިގެން މިހާރުގެ އެމްޑީ ފަޒުލް ރަޝީދުއަށް ގޮތް ވިދާޅުވެ ދެއްވައި ލަފާ އަރުވަނީ ހަމަ އެބޭފުޅުންނެވެ. އެކަމަކު މި ގޯސް ހެދިއިރު އެކަމަށް ބަސް ވިދާޅު ނުވެ ތިއްބެވުމަކީ ޒިންމާވާން ޖެހޭނެ ކަމެކެވެ.

އެޗްޑީސީއާއި ސަރުކާރަށް ބޮޑު ބުރައެއް

ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ގޯއްޗާއި ފްލެޓް ދިނުމަށް އެކުލަވާލި ކޮމެޓީގެ ޗެއާ އަކްރަމް ކަަމާލުއްދީން

ގޮތެއްފޮތެއް ނުބަލައި ހުޅުމާލޭން ގޯތި ބަހާލުމުން ގިނަ ބަޔަކު އެތިބީ މިހާރު ކަރުގައި މަޅި ބެދިފަ އެވެ. ސަބަބަކީ 1،000 ގޯތީގެ ތެރޭން ގިނަ ގޯތިތަކެއް ހުރީ މިއިން ދުވަހަކު ހަދަން ފެށޭ ހިސާބަކު ނޫނެވެ. ބައެއް ގޯތިތައް ހުރީ ނަރުދަމާ އާއި ކަރަންޓު ކޭބަލްގެ މަތީގަ އެވެ. މިއީ ރެސިޑެންސް ސިޓީއެއްގައި ގާއިމްކޮށްފައި ހުންނަ އެންމެ ކްރިޓިކަލް އިންފްރާސްޓްރަކްޗާ އެވެ. މި ކްރިޓިކަލް އިންފްރާސްޓްރަކްޗާގެ މަތީގައި ގޯތިތައް ހުރުމުން ދެން އޮތް ގޮތަކީ ނަރުދަމާ އާއި ކަރަންޓު ސިސްޓަމް ނެގުމެވެ. 

މިއީ ކިހާވަރެއްގެ ބުރަ މަސައްކަތެއްކަން އެނގޭ ހެއްޔެވެ؟ މި ތަންތަނުގެ މަތިން ގޯތިދިންއިރު އެޗްޑީސީގައި މިކަން އެނގޭނެ ބަޔަކު ނެތީ ހެއްޔެވެ؟ މި ކަމަކީ މަޖިލީހުން ކޮންމެހެން ބަލަން ޖެހޭ މައްސަލައެކެވެ.

މިކަމަކީ ހަމަހުރެ ގާކޮޅެއް އެއްފަރާތް ކޮށްލާ ގޮތަށް ކޮށްލެވެވެން އޮތްކަމެއް ނޫނެވެ. މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ގޯތިދީފައި ހުރި ގޮތުން ދެވަނަ ފިޔަވަހީގެ މުހިންމު ހައެއްކަ މަގު ބަންދު ކުރަން ޖެހެ އެވެ. އަދި އިތުރު މަގުތަކެއް އެ މަގުތައް ބުރިބުރިކޮށް ފޮތިފޮތި ކުރަން ޖެހެ އެވެ. އަދި އާ ގިނަ މަގުތަކެއް ހަދަން ވެސް ޖެހެ އެވެ. މާނައަކީ ހުޅުމާލޭގެ މުޅި ޕްލޭންއެއްކޮށް ކަހަލަ ގޮތަކަށް ބަދަލު ކުރަން ޖެހޭނެ އެވެ.

އެޗްޑީސީން އިއްޔެ ބުނެފައިވާ ގޮތުގައި ގޯތިތައް ހުރި ތަންތަނުން ގޯތިދޭން އެ ސަރަހައްދަށް އަރާ ގޮތަށްހުރި ނަރުދަމާ އާއި ކަރަންޓު ވިއުގަ ބަދަލު ކުރަން ވަނީ ނިންމާފަ އެވެ. އެކަމަކު އެއީ އެ ބުނާހާ ފަސޭހަ ކަމެއް ނޫން ކަމަށް މިކަމުގެ އިލްމާއި ތަޖުރިބާ ލިބިވަަޑައިގެން ތިއްބެވި އެކްސްޕާޓުން ވިދާޅުވެ އެވެ.

ސަބަބަކީ މި ސިސްޓަމް ގުޅިފައިވަނީ ހުޅުމާލޭގެ އެންމެ ބޮޑު އާބާދީގެ ދިރިއުޅުމާ ކަމަށްވުމެވެ. މިކަމަކީ ކުރަން ފަށައިފިނަމަ ސަރުކާރަށް "ސުއިސައިޑް" މިޝަނަކަށްވުމާއި ގާތް ކަމެކެވެ. މި ވިއުގަ ގުޅިފައި ވަނީ ހިޔާ ފްލެޓުގައި އުޅޭ 35،000 މީހުންގެ އާބާދީއާ އެވެ. އެ 7،000 ފްލެޓަށް ކަރަންޓު ދޭ ކޭބަލް އޮތީ މި ސަރަހައްދުގެ އަޑީގަ އެވެ. އެ ކޭބަލް ނަގަން މަސައްކަތް ފަށައިފިނަމަ 7،000 ފްލެޓުން ކަރަންޓު ކެނޑޭނެ އެވެ. އަނެއްކާ މުޅި މި މަސައްކަތަކީ ހަރަދުގެ ގޮތުން ވެސް ބެލި ނަމަވެސް ބޮޑު ކަމެކެވެ.

މަގުތައް ބަންދުކޮށް އާ މަގު ހަދަން 250 މިލިއަން

ހުޅުމާލެ ދެވަނަ ފިޔަވަހި

މި ވަގުތުގެ އަންދާޒާއަކީ މި މަސައްކަތް ކުރުމަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހަރަދު ވާނެ އެވެ. މި ފައިސާ ހޯދާނީ ކިހިނެއް ހެއްޔެވެ؟ އެޗްޑީސީ އޮތީ ފައިނޭންޝިއަލީ އެހާ ރަނގަޅު ހާލެއްގައެއް ނޫނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު އެޗްޑީސީގައި ދަރަނި އޮތުމުން ރަނގަޅު ކުރަން ހަވާލުވި މިދިޔަ ސަރުކާރު ނިމުނު އިރު އެ ކުންފުނީގެ މާލީ ހާލަތު އޮތީ ކުރިއަށްވުރެ ވެސް ގޯސްކޮށެވެ. ދެން އޮތީ ކޮންމެވެސް ފަންޑަކުން ފައިސާ ހޯދައިގެން އެކަން ކުރުމެވެ. އެކަމަށް ވަގުތުތަކެއް ނަގާނެ އެވެ. އަނެއްކާ ސަރުކާރުގެ ބަޖެޓުން މިކަމަށް ފައިސާ ހަރަދު ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. ދައުލަތުގެ މާލީ ހާލަތު ވެސް ސްޓޭބަލްއެއް ނޫނެވެ. އެންމެ ފަހުން މަސްވެރިންނަށް 200 އެހާ މިލިއަން ދޭން ސަރުކާރުން އުޅުނު ހާލުން އެކަން އެނގެ އެވެ.

މިގޯސް މިހެން އޮއްވައި ހުޅުމާލޭން ގޯތި ދޭން ހިއްކާ ބިމާއެކުވެސް އިތުރު މައްސަލަތަކެއް ކުރިމަތިވާނެ އެވެ. އެތަން ހިއްކަން ފެށި ގޮތުގެ ސަބަބުން ވަރަށް ބޮޑެތި މައްސަލަތަކެއް ނުކުންނާނެ އެވެ. މި ވާހަަކަ އަދިފަހުން ދައްކާނެ އެވެ. މި ހުރިހާ ކަމަކާއެކު ކުރިން "އުންމީދުގެ ސަހަރު" ގެ ގޮތުގައި ބެލި ހުޅުމާލޭގެ މުސްތަގުބަލް މިވަނި ވެއްޔާ މޮޑެލާފަ އެވެ. މިއީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ދިން ބޮޑު ގެއްލުމެކެވެ. މިކަން ވެގެން ދާނީ ގަރުނެއްގެ ކޮޅުންވެސް ސަލާމަތް ނުވާނެ ބޮޑު ގޯހަކަށެވެ. 

ކޮމެންޓް

1
450
އަނގޮޅިތީމު ތަކުރު
1 month ago

ކިނބޫ ސަރުކާރުގަ ތިބީ ލާދީ ބުރާންތިން ތަންތަނަށް ލާފަ، ވާނުވާއެއް ނޭންގޭ، ހެދޭ ނުހެދޭއެއް ނޭންގޭ......މުޅި ޤައުމު ދަވާލާފަ ރައްކާވީ..

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.