"އޯލެވެލުން ކުދިން ފާސްވާ މިންވަރު ދަށް، ޓާގެޓް ހާސިލެއް ނުވޭ"

"ހަގީގަތުގަ ރާއްޖޭގަ އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ވެސް އަޅުގަނޑުމެންގެ ނޭޝަނަލް ޓާގެޓް، 65 އިންސައްތަ، ފަސް މާއްދާއިން ފާސްވުމުގެ ޓާގެޓާ ހަމައަކަށް އަޅުގަނޑުމެންނަކަށް އަދި ހަގީގީ މާނައިގައި ރީޗް ވެފައެއް ނެތް،"

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު: ރާއްޖޭގައި އޯލެވެލް އިން ގައުމީ ޓާގެޓާ އެއްވަރަށް ދަރިވަރުން ފާސްވާ މިންވަރު ދަށް ކަމަށް ވަނީ ވިދާޅުވެފައި --

ރާއްޖޭގައި ކަނޑައަޅާފައިވާ ގައުމީ ޓާގެޓާ އެއްވަރަށް، އޯލެވެލް އިން ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ ނިސްބަތް މަދު ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ވާހަކަ ދެއްކެވީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ވޯލްޑް ބޭންކްގެ ހިއުމަން ކެޕިޓަލް ރިވިއު ރިޕޯޓްގައި ރާއްޖޭގެ ތައުލީމީ ނިޒާމާ ގުޅިގެން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލު ކުރެއްވީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ދިވެހި ދަރިވަރުން ތައުލީމު ހާސިލްކުރުމަށް ނިސްބަތުން 12.4 އަހަރު ސްކޫލްގައި ކުރާއިރު، އެ މުއްދަތުގެ ތެރޭގައި އެ ކުދިންނަށް ލިބެނީ ނިސްބަތުން 8.17 އަހަރުގެ ތައުލީމު ކަމަށެވެ. އެކުދިން ވަޒީފާގެ މައިދާނަށް ނުކުންނައިރު ރާއްޖޭގެ އުފެއްދުންތެރިކަން ހުރި މިންވަރު 23 ޕަސެންޓް ދަށަށް ދާނެ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ އޭޝިއާ ސަރަހައްދުގައި އިންޓަނޭޝަނަލް ކަރިކިއުލަމްގައި ޔުނިވާސަލް ލެވެލެއްގައި އޯލެވެލް އަދި އޭލެވެލް ކިޔައިދޭ މަދު ގައުމުތަކުގަ ހިމެނޭ ގައުމެއް ކަމަށެވެ. ޔުނިވާސަލް ގޯލް އޮފް ޕްރައިމަރީ އެޑިއުލޭޝަނަށް ބަލާއިރު ރާއްޖެއަކީ މި ސަރަހައްދުން ލަނޑުދަނޑިތައް ހާސިލްކުރި ފުރަތަމަ ގައުމު ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނަމަވެސް، ތައުލީމުގެ ފެންވަރަށް ބަލާއިރުގައި ރާއްޖޭން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އޯލެވެލް އިން ފާސްވާ ދަރިވަރުންގެ އަދަދު އަޅުގަނޑުމެންނަށް ދަށް. ހަގީގަތުގަ ރާއްޖޭގަ އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ވެސް އަޅުގަނޑުމެންގެ ނޭޝަނަލް ޓާގެޓް، 65 އިންސައްތަ، ފަސް މާއްދާއިން ފާސްވުމުގެ ޓާގެޓާ ހަމައަކަށް އަޅުގަނޑުމެންނަކަށް އަދި ހަގީގީ މާނައިގައި ރީޗް ވެފައެއް ނެތް،" މިނިސްޓަރުގެ ކަންބޮޑުވުން ހިއްސާކުރެއްވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު: ރާއްޖޭގައި އޯލެވެލް އިން ގައުމީ ޓާގެޓާ އެއްވަރަށް ދަރިވަރުން ފާސްވާ މިންވަރު ދަށް ކަމަށް ވަނީ ވިދާޅުވެފައި --

މިނިސްޓަރު ވިދާޅުވީ އެ ޓާގެޓަށް އެކަނި ބެލި ނަމަވެސް ގައުމީ ލެވެލްގައި ކަނޑައެޅިފައި ހުރި ލަނޑުދަނޑިތައް ރާއްޖޭގައި ހާސިލް ނުވާ ކަމަށެވެ. އޭގެ ސަބަބުން އުނގެނުމުގައި ގެއްލުންތަކެއް ވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"އެއީ އަޅުގަނޑުމެން ކަންބޮޑުވާކަމެއް. އަދި އެކަން ހައްލުކުރަން އަޅުގަނޑުމެން މަސައްކަތް ވެސް ކުރަން ޖެހޭ ކަމެއް، ގައުމީ ލެވެލްގަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެއް އެކަމަކީ،" މިނިސްޓަރި ވިދާޅުވި އެވެ.

އޭގެ އިތުރުން، ދަރިވަރުންގެ ހުނަރު އިތުރުކުރަން ބަލާއިރު ރާއްޖޭގެ ސްކޫލްތަކުގައި އެކަށީގެންވާ ވަސީލަތްތައް ގާއިމް ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ. މިސާލަކަށް ސްޓެމް ލެބެއް ނުވަތަ ވޮކޭޝަނަލް ލެބެއް ސްކޫލެއްގައި ގާއިމްކުރަން ބަލާއިރު، އެތަން އިމާރާތްކޮށްފައި ހުރި ގޮތުން އެފަދަ ވަސީލަތެއް ގާއިމް ކުރަން ދަތިވާ ކަމަށް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ހިތާމައަކީ ރާއްޖޭގެ ސްކޫލްގެ އިންފްރާސްޓްރަކްޗާ ބައްޓަން ކުރެވިފަ މިވަނީ ސްކިލްސްތަކަށް ކޭޓާ ކުރެވޭ ފަދަ ގޮތަކަށް، ކުދިންނަށް ފެސިލިޓޭޓް ކުރެވޭ ގޮތަކަށެއް ނޫން ހަގީގަތުގަ ދަންނަވަނީނަމަ. އަޅުގަނޑުމެންގެ ސްކޫލްތައް އެގޮތަކަށެއް ބައްޓަން ނުކުރެވޭ، މާލެ އޭރިއާ އަދި އެހެނިހެން އާބަން ސަރަހައްދުތަކަށް ބެލިޔަސް ސްކޫލްތައް މިހުންނަނީ ވަރަށް ޓްރެޑިޝަނަލް ގޮތަކަށް އަސްލުގަ އިންފްރާސްޓްރަކްޗާ ބިލްޑު ކުރެވިފަ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއީ އެޑިއުކޭޝަން ޕޮލިސީ އެންޑް ޕްލޭނިން ހަރުދަނާކޮށްގެން އަދި ދުރު ރާސްތާގެ ޕްލޭނަށް ވެސް ލައިގެން ކުރަން ޖެހިފަ އޮތް ކަމެއް ކަމެއް ކަމަށެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި، ކޮންމެ ރަށެއްގެ ކޮންމެ ކުއްޖަކަށް ތަފާތު ނުކށް އެއް ހަމައެއްގައި ތައުލީމު ހާސިލް ކުރެވޭނެ ފުރުސަތު ފަހިކޮށްދޭން ވޯލްޑް ބޭނުންގެ ރިޕޯޓުގައި ވަނީ ލަފާދީފަ އެވެ.

އަދި، ތައުލީމީ މަންހަޖާއި ޓީޗަރުން ތަމްރީނުކުރުމުގެ ނިޒާމު ހަރުދަނާކޮށް، ތައުލީމީ ނިޒާމަކީ ވަޒީފާގެ ބާޒާރާއި މުޖުތަމައުގެ އެހެން ބޭނުންތަކަށް މުހިންމު ނިޒާމެއްކަން ކަށަވަރުކުރަން ވެސް ލަފާ ދީފައިވެ އެވެ.

ކޮމެންޓް

1
450
ފުޅު
1 month ago

އެގި ތިބެ ސުކޫލުތައް ސިޔާސީކުރީމާ ތި ވިދާޅުވާ ޓާގެޓާ ހަމަޔަށް ނުދެވިގެން މިއުޅެނީ މިސްޓަރ ތިވިދާޅުވީ ވަރަށްބޮޑު ތެދެއް ސުކޫލުތައް ފަރުމާކުރާއިރު ޒަމާނީ ތަޢުލީމަށް ފައިހަމަވާ ގޮތަކަށްނޫން ސުކޫލުތައް ހަދާފަ ހުންނަނީ!!!!

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.