ގޯތި ދޫކުރީ އެޗްޑީސީގެ ލޭންޑް ޔޫސްޕްލޭންއާ އެއްގޮތަށް: އަކްރަމް

"ހައުސިން މިނިސްޓްރީއަކަށް ނޭގޭނެ ބިމު އަޑީގައި އެއްޗެއް ހުރި ކަމެއް ނުވަތަ ނެތް ކަމެއް އެޗްޑީސީން ވިދާޅުނުވަންނާ. ކަންތައްތައް އޮޅުވާލަން އުޅުއްވަންޏާ ހަމަ އަތަށް ގޮވަމުން ދާނީ"

ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ގޯއްޗާއި ފްލެޓް ދިނުމަށް އެކުލަވާލި ކޮމެޓީގެ ޗެއާ އަކްރަމް ކަަމާލުއްދީން

ހުޅުމާލެ އިން ގޯތި ދޫކޮށްފައި ވަނީ އެޗްޑީސީން ތައްޔާރުކޮށް ދިން ލޭންޑް ޔޫސް ޕްލޭންއާ އެއްގޮތަށް ކަމަށް ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ގޯއްޗާއި ފްލެޓް ދިނުމަށް އެކުލަވާލި ކޮމެޓީގެ ޗެއާ އަކްރަމް ކަަމާލުއްދީން އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އަކްރަމް މިހެން ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ހުޅުމާލެ އިން ދޫކުރި ގިނަ ގޯތިތަކެއް ފެނާއި ނަރުދަމާގެ ސާވިސް ލައިން އަރާ ގޮތަށް ދޫކޮށްފައިވާ ކަމަށް އެޗްޑީސީން މިއަދު ބުނުމާއި ގުޅިގެންނެވެ.

އެޗްޑީސީން މިއަދު އާންމުކޮށްފައިވާ ވީޑިއޯ މެސެޖެއް ގައި ވަނީ ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކޮށް އިން ވަކިކޮށް ދިނުމުގެ މަސައްކަތް ކުރަމުންދާ ގޮތުގެ ތަފްސީލް ހިއްސާކޮށްފައެވެ. އެޗްޑީސީން ބުނީ ގޯތި ލިބުނު މީހުންނަށް ހުޅުމާލެ އިން ބިން ދޫކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ގޯތިތަކުގެ އިންފާރު ރޭނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް އިންވަަކިކޮށް ބިން ހަވާލުކުރުމަށް ވަރަށް ބޮޑެތި ދަތިތަކާއި ހުރަސްތައް ކުރިމަތިވެފައިވާ ކަމަށް ބުންޏެވެ. އެއީ ފެނާއި ނަރުދަމާގެ ސާވިސް ލައިން އަރާ ގޮތަށް ވަރަށް ގިނަ ގޯތި ދޫކޮށްފައިވާތީ އެވެ.

"ކަރަންޓާ ފެނާ ނަރުދަމާގެ ނެޓްވޯކް އަރާ ގޮތަށް ގިނަ ގޯތިތަކެއް ކަނޑައަޅާފައިވޭ. މި ގޯތިތައް ދޫކުރުމުގެ ކުރީން އަޅުގަނޑުމެން އެބަ ޖެހޭ މި ނެޓްވޯކްތައް ގޯތިތަކަށް ނާރާނެ ގޮތަކަށް ރީ-ލޮކޭޓް ކުރަން،"

އެޗްޑީސީން ބުނީ އެ މަަސައްކަތް ކަރަންޓް ކުންފުނި -- ސްޓެލްކޯ އާއި ފެން ކުންފުނި -- އެމްޑަބްލިއުއެސްސީއާ މަޝްވަރާ ކޮށް ކުރަމުންދާ ކަމަށެވެ. އަދި ވަރަށް ރޭވުންތެރިކަމާ އެކު މަސައްކަތް ކޮށްގެން މެނުނީ އެ ގޯތިތައް ދޫކުރުމަކީ ވަރަށް ދަތިތަކެއް ކަމަށް ބުންޏެވެ. 

އަކްރަމް ވިދާޅުވި ގޮތުގައި އެއީ ރައްޔިތުންނަށް އޮޅުވާލުމުގެ މަގުސަދު ގައި އާންމުކޮށްފައިވާ މައުލޫމާތުތަކެއް ކަމަށެވެ. ބިންތައް ދޫކޮށްފައި ވަނީ އެޗްޑީސީ އިން ތައްޔާރުކޮށް ދިން ލޭންޑް ޔޫސް ޕްލޭންއާ އެއްގޮތަށް ކަމަށެވެ.

"ހައުސިން މިނިސްޓްރީއަކަށް ނޭގޭނެ ބިމު އަޑީގައި އެއްޗެއް ހުރި ކަމެއް ނުވަތަ ނެތް ކަމެއް އެޗްޑީސީން ވިދާޅުނުވަންނާ. ކަންތައްތައް އޮޅުވާލަން އުޅުއްވަންޏާ ހަމަ އަތަށް ގޮވަމުން ދާނީ. އަނެއްކާ ވެސް [ރައީސް] މުއިއްޒަށް ދަންނަވާލަން އޮތީ ރައްޔިތުން ގުނބޯ ނުހައްދަވާށޭ،" އަކްރަމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.