ވާހަކަ

ނޭނގި ޔާރު ވަކިވީ - އެޕިސޯޑް 10

ޔޫސުފް އެހެން ބުނެ ކޮޓަރިން ނުކުތީ ގެއިން ނުކުމެލަން ބޭނުން ވެގެންނެވެ. ފިނި ވައިކޮޅެއް ޖައްސާލާ، ބޮލުގެ ރިހުން ފިލާތޯއެވެ.

- އެޕިސޯޑް 10 –

ކޮޓަރި ތެރޭގައި ޒީމާ އިނީ ހަދާނެ ގޮތް ހުސްވެފައެވެ. ނަޒީރާއަށް ދައްކާނެ މޫނެއް، ކިޔާނެ އެއްޗެއް ނޭނގޭ ޙާލުގައި ޒީމާ އިނީ ހިތް ހަލާކު ވާން ގާތްވެފައެވެ. ކުރި ފޮނި އުއްމީދުތައް އެކީ އެކައްޗަކަށް ވެއްޏާ މޮޑެވިގެން ހިނގައްޖެއެވެ. ޒީމާގެ ހުރިހާ ވެސް އުއްމީދަކީ އަޔާޒްއެވެ. އަޔާޒްގެ ޙަޔާތަށް ޒީމާ އަބަދުވެސް ބޭނުން ވީ އޭނާ ރުހޭނެ މީހެއް ގެންނުވާށެވެ. ނަމަވެސް މިއަދު ހުރިހާ ކަމެއް ބަދަލު ވެއްޖެއެވެ. ލޯ ކުރިމައްޗަށް ފެންނާނެ ކަންތަކަށް ރުހިގެން އިނުން ނޫން، މިއަދު ޒީމާއަށް އޮތީ ކޮން ގޮތެއް ހެއްޔެވެ؟

ވަރަށް ބޮޑަށް ދެރަވެފައި އިނދެގެން ޒީމާ ނެގީ އޭނާގެ ފޯނެވެ. ވަރަށް އުނދަގުލުން ނަޒީރާއަށް މެސެޖެއް ލިޔެލިއެވެ. ބައްދަލުކޮށްލަން ބޭނުންވާ ވާހަކައެވެ. ޒީމާ ބޭނުން ވަނީ ނަޒީރާއަށް ހުރިހާ ވާހަކައެއް ކިޔާދޭށެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވިޔަސް، ނަޒީރާގެ އެހީތެރިކަމާއި ހިތްވަރު ޒީމާއަށް އަބަދުވެސް ލިބޭނެ ކަމުގައި އޭނާ ދެކެއެވެ.

***

ވަގުތުތައް ހޭދަ ވަމުން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އަޔާޒް އެނބުރި ގެޔަށް އައީ ޝަރާއާ އެކުގައި ވަރަށް ވެސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހުގައެވެ. ޝަރާ މާދަމާ ގެއަށް ގެނެސް މަންމަމެންނާ ބައްދަލު ކޮށްދޭނެ ވާހަކަ އަޔާޒް ބުނުމުން ޝަރާ ހުރީ އެކަމާ ނިކަން އުފާވެފައެވެ. އެއީ ޝަރާ އެންމެ ބޭނުންވާ އެއްކަންތަކެވެ. ކައިވެންޏަކަށް ދާއިރު އަޔާޒްގެ ޢާއިލާއާ ދިމާވެލަން ޝަރާ ވަރަށް ބޭނުން ވެއެވެ. އެއީ ކޮން ކަހަލަ ބައެއްތޯ އަމިއްލައަށް ވެސް ތަޖުރިބާކޮށްލާށެވެ.

"އަހަރެންނަށް މާފު ކުރޭ!"

ޒީމާ ބަލައިލީ ނަޒީރާގެ މޫނަށެވެ. ނަޒީރާއަށް ލިބުނީ ހައިރާން ކަމެކެވެ. ޒީމާގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. ވަރަށް ބޮޑަށް ޒީމާ އިނީ ދެރަވެފައިކަން އެ މޫނުމަތިން ދިޔައީ ހެކިކޮށްދެމުންނެވެ.

"ޒީމާ..."

ނަޒީރާ ވަރަށް އޯގާތެރިކަމާ އެކުގައި ހިފައިލީ ޒީމާގެ ދެއަތުގައެވެ. ނަޒީރާގެ މޫނުމަތީގައި ވަނީ ހުސް ސުވާލު މާރކުތަކެކެވެ. ނަޒިރާ ފުރަތަމަ ހީކުރީ ޒީމާ އާއި ޔޫސުފްއާ މައްސަލައެއް ޖެހުނީ ކަމަށެވެ.

"ކިހިނެއް ވީ ޒީމާ؟ ކިޔާ ދީބަލަ!" 

ނަޒީރާގެ ކެތްތެރިކަން ކޮޅުން ލަނީއެވެ. އެވަގުތު އެދެމީހުން ތިބީ ނަޒީރާގެ ގޭގެ ސިޓިންގރޫމްގައެވެ.

"ނަޒީރާ.. އަހަރެންގެ ހުރިހާ ހުވަފެންތަކެއް ބިލާހަކަށް ވެއްޖެ! ހުރިހާ އުއްމީދެއް ފުޑުފުޑު ވެއްޖެ.. ނަޒީރާ ވެސް އަހަންނަށް މާފެއް ނުކުރާނެ.. ސުހާ ވެސް..." ޒީމާގެ ވާހަކަ މިހާ ހިސާބަށް ދިޔައިރަށް ޒީމާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. 

ޒީމާގެ ޙާލު ފެނިފައި ނަޒީރާ އިންތިހާއަށް ދެރަވެއްޖެއެވެ.

"ޒީމާ.. ނުރޮއި.. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވިޔަސް، އަހަރެން ހުންނާނީ ޒީމާއާ އެކުގަ.. ޒީމާއަށް އަބަދުވެސް އަހަރެން އެހީވާނަން.. އަވަހަށް ބުނޭ! ކިހިނެއްވީ؟ އަޔާޒްގެ ވާހަކައެއްތަ؟" ނަޒީރާ އެހި ސުވާލާއެކުގައި ޒީމާ އާނއެކޭ ބުނާފަދަ ބީދައަކުން ބޯޖަހައިލިއެވެ.

"އަހަރެންގެ އަޔާޒް.. އަހަރެން ވަރަށް ދެރަވެއްޖެ!" 

ޒީމާ އޭނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ.

"ނަޒީރާ.. އަހަރެންނަށް މާފު ކުރޭ! އަޔާޒް މީހަކާ އިންނަނީ.. އެކަން އަހަރެންނަށް ވެސް އެނގުނީ ރޭގަ.. އަޔާޒް އަހަރެން ގާތުގަ ވެސް ކުރިން ނުބުނޭ!" ޒީމާ އިސްދަށަށް ޖަހާލަމުން ހިންދިރުވާލިއެވެ. ޒީމާގެ ވާހަަކައިން ނަޒީރާއަށް ހީވީ އޭނާގެ ބޮލުގައި ބަރު ހަތިޔާރަކުން މީހަކު ޖެހިހެންނެވެ. ނަޒީރާގެ ދެލޯ ވަގުތުން ފެންކަޅި ވެއްޖެއެވެ. ނަޒީރާ އެންމެ ދެރަވީ ސުހާއާ މެދުގައި ވިސްނާލެވުމުންނެވެ. ސުހާއަށް އަޔާޒްގެ ވާހަކަ ހިއްސާ ކުރެވިފައި އޮތުމުންނެވެ. ސުހާއާ މިވާހަކަދައްކާނެ ހިތްވަރެއް ނަޒީރާއަށް ނުލިބޭނެތީއެވެ.

"އަހަރެން ވަރަށް ދެރަ ވެއްޖެ! އަހަރެންގެ ދަރިފުޅަކީ ލޯބީގަ ވަރަށް ނާކާމިޔާބު ކުއްޖެއް.. ލޯބިވި މީހާ، ވީނުވީއެއް ނޫނގި އަހަރެން ދަރިފުޅު ދޫކޮށްލި ހިސާބުން އެފަކީރު އެ އޮންނަނީ ކޮޓަރީގަ.. އެއްވެސް ކަމެއް ކުރާހިތެއް ނުވޭ! ބޭރަކަށް ނުނިކުމޭ.. އެ ހުރިހާ ކަމެއް އެންމެ ގާތުން ފެންނަނީ އަހަންނަށް.. މަޔަކަށް ކިހާ އަސަރެއް ކުރާނެތަ އަޅެ؟" ނަޒީރާ އަށް ރޮވިއްޖެއެވެ.

"ނަޒީރާ.. އަހަންނަށް މާފު ކުރޭ! މީ އަހަރެންގެ ކުށް.. އަހަރެންނަށް މާބޮޑަށް ކަންކަމަށް ޔަޤީީން ކުރެވުނީ.. އަހަރެން ވަރަށް ދެރަވެއްޖެ." ޒީމާ އިނީ ހިތްރޫޅޭ ވަރުވެފައެވެ. ނަޒީރާ ރޯތަން ބަލަން ޒީމާއަށް ކެތްކުރަން ވީ ދަތި ކަމަށެވެ.

"އަހަރެން ޤަބޫލު ކުރަން މީ ޒީމާގެ ކުށެއް ނޫންކަން.. ކޮންމެ މަޔަކު ދަރިއަކާ މެދު ދެކޭ ފޮނި ހުވަފެން ހުދު އަހަންނަށް ވެސް އެނގޭ! ޒީމާ ވެސް ޒީމާގެ ދަރިއާ މެދުގަ އެތައް ހުވަފެނެއް ދެކޭނެ.. އަހަރެން ދެރަ ވަނީ ސުހާއާ މެދުގަ ވިސްނާލީމަ.. އަހަރެންނަށް ނެތް ހިތްވަރެއް އެފަކީރަށް މި ޚަބަރު ދޭކަށް.." ނަޒީރާގެ އަޑު ދިޔައީ ތުރުތުރު އަޅަމުންނެވެ.

"އެހަށް ސުހާ ގާތު ނުބުނޭ! އަހަރެން ގޮތެއް ހަދާނަން.." ޒީމާ އެހެން ބުނުމާއެކުގައި ނަޒީރާއަށް ސިހިފައި ބަލައިލެވުނީ ޒީމާގެ މޫނަށެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.