އިބްރާހިމް ރަޝީދު މޫސާގެ ލިޔުއްވުމެއް: ޞިހްޔޫނިއްޔަތާއި ނަސްލުހޭދު

މި އަނިޔާވެރިކަމުން ޣައްޒާގެ ދިރޭ އެއްޗަކަށް ވެސް، ގައުގަނޑަކަށް ވެސް، ގަހަކަށް ވެސް، މަހަކަށް ވެސް، ގެރިބަކަރިއަކަށްވެސް ރައްކައުތެރިކަމެއް ލިބިފައެއް ނުވެއެވެ. އެއީ ޣައްޒާގެ ނިކަމެތީންގެ މުޅި ޙަޔާތް ހަފުސްކޮށް ބަރުބާދުކުރަމުންދާ އަނިޔާވެރި ހަނގުރާމައެކެވެ.

މުސްލިމުންގެ ހިތްތަކަށް ލޮބުވެތި ބިމެއް ކަމުގައިވާ ފަލަސްޠީނުގެ ޣައްޒާގައި އިންސާނިއްޔަތުކަން ޤަތުލުކޮށް އިންސާނާއަށް ދަސްވެފައިވާ އޯގާވެރިކަމާއި ރަޙްމާއި ކުލުނުގެ އެންމެހައި މަލަތައް ނައްތައިލުމުގެ ޖަރީމާތައް އިސްރާއީލުން ހިންގަމުންދާއިރު ފުޓްބޯޅަ މެޗެއް ބަލަން ތިބޭ ގޮތަށް އެކަމަށް ހިތްވަރުދީ އަތްތިލަބަޑި ތަޅަން ބައެއް ޤައުމުތައް އޮންނާތީ ދެ ލޮލުން ކަރުނަ އޮހޮރެ އެވެ.

އަޅުގަނޑުމެން މި ތިބީ އިންސާނިއްޔަތުކަން އޮއްސިފައިވާ ޒަމާނެއް ގައި ހެއްޔެވެ؟ ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ ބަޔަކު ދުނިޔެ ޚަރާބު ކުރަމުންދާއިރު އަޅުގަނޑުމެން ތިބެންވީ ދެ އަތް އުރައިލައިގެން ހަނުހިމޭނުން ހެއްޔެވެ؟ 
 
އާދޭހެވެ! ހުޅަނގުގެ  ތަހްޒީބާއި ޙަޟާރަތް ދަޢުވާކުރާ އިންސާނިއްޔަތުކަން މަރުވެއްޖެ އެވެ. އެއީ ޙަޤީޤަތެއް ނެތް ފުލޯކު ވާހަކަތަކެއްކަން ކަށަވަރުވެއްޖެއެވެ. އެމީހުންގެ ރޭވުމުގައި ވެސް އެމީހުންގެ ޢިނާޔަތްތެރިކަމުގެ ދަށުގައި ވެސް އަނިޔާވެރިންނާ ދެކޮޅަށް ބަސްބުނުމުގެ ހިތްވަރެއްނެތެވެ. އެމީހުންގެ ޢަމަލުތަކުން [އަހުރެމެން ބަރީއަގެންވަމުއޭ ބުނުމުގެ ހިތްވަރެއް] ވެސް ނެތެވެ.

މިއީ އެކަމާމެދު އަޅުގަނޑުމެން ޙައިރާންވާންވީ ކަމެއްނޫނެވެ. ހުޅަނގުގެ ސިޔާސަތާއި ޞިހްޔޫނީ ފިކްރު ބިނާވެގެންވަނީ އިންސާނާ ރޫޅައިލައި އިންސާނާގެ ޚަޞާއިޞް ހަލާކުކޮށް އޭނާ މެޝިނަކަށް ހެދުމުގެ ވިސްނުމުގެ މަތީގައެވެ. ބައެއްފަހަރަށް އެއިން ފައިދާ ލިބިގަތުމަށް ޓަކައެވެ. އަނެއްބައިފަހަރަށް އެއިން އަރާމު ޙާޞިލްކުރުމަށް ޓަކައެވެ. އެމީހުންގެ މައްޗަށް  އަތްގަދަ ކުރުމަށް ޓަކައި ކުށެއްނެތް މަޢޫޞޫމު މީހުންގެ ބޮލަށް ބޮންއަޅައި އެމީހުން ނައްތައިލުމަކީ މަނާކަމެއް ނޫނެވެ. ހަދައިލި ދޮގު ތުހްމަތެއް އަޅުވައިގެން ޢިރާޤުގެ މިލިއަނެއްހާ މީހުން މަރައި ސުންނާފަތިކޮށްލިކޮށްލުމަކީ މަސްއަލައެއް ނޫނެވެ. އެމީހުންގެ ޝިޢާރަކީ މަޤްޞަދު ޙާޞިލުކުރުމަށް ޓަކައި ކޮންމެ ވަސީލަތެއް ބޭނުންކުރުން ވެސް ހެޔޮވާނެއެވެ.

ޞިހްޔޫނީ ފިކްރާއި ފަރުމާ

އިސްލާމީ މުފައްކިރެއްކަމުގައިވާ ޑރ. ޢަބްދުލްވައްހާބުލް މަސީރީ ވިދާޅުވިއެވެ. [ޞިހްޔޫނީ ހަރުކަށި ޢަމަލުތައް ތަފާތު ސިފަސިފައިގައި ވެއެވެ. މި ސިފަތައް ކިތަންމެ ތަފާތުވިޔަސް އެއީ ޞިހްޔޫނިއްޔަތުގެ ޡާހިރާ (ފިނޯމިނާ) ގެތެރޭގައި ހިމެނޭ ގުނަވަނެއްގެ ބައެކެވެ. އެއީ ހުޅަނގަށް ނިސްބަތްވާ، ނަސްލީ އިސްތިޢުމާރުގެ ޡާހިރާއެކެވެ. އެއީ ޔަހޫދިއްޔަތުގެ ޡާހިރާއެއްނޫނެވެ. 
ހަރުކަށިކަމަކީ ނަސްލީއިމްތިޔާޒާ ގުޅި ލާމެހިފައިވާ ކަމެކެވެ. އެއީ ހުޅަނގުގެ އިސްތިޢުމާރާ ވަކިކޮށް ނުލެވޭނެ، އޭގެ އަސްލީ ބައެކެވެ. އެ އިސްތިޢުމާރު ލިބިގަތްފައިވާ އެއްޗެއް ލިބިގަތްފައި ވަނީ ނިކަމެތި ޤައުމުތަކުގެ މުއްސަނދިކަން ދަވައިލައިގެންނެވެ. ފޭރިގަތްފައިވާ އެއްޗެއް ފޭރިގަތްފައި ވަނީ ވާހަކަދައްކައިގެނެއްނޫނެވެ. މަޑުމައިތިރި ބަސްތެރިކަމުގެ ތެރެއަކުންނެއް ވެސް ނޫނެވެ. އަދިކިއެއްތޯއެވެ. ނަފުސުހޭދުއިންނާއި ޢަސްކަރީ ހަންމުށީންނާއި ބިމަށް ވެރިވެ ވަޒަންވެރިވެގަތުމުގެ ވަސީލަތްތަކުންނެވެ.]

މިއީ އެކަމާމެދު ވިސްނައިލަންޖެހޭ ވަރަށް މުހިންމު ވާހަކަފުޅެކެވެ. އޭނާ މި އިޝާރާތް ކުރައްވަނީ ޞިހްޔޫނީ ފިކްރުގައި ހިމެނޭ މުހިއްމު ޢުންޞުރުތަކަކަށެވެ. ފަރުމާއަކަށެވެ. އެއީ ހަރުކަށި ޢުންޞުރީ ނަސްލުހޭދުގެ ފަރުމާއެކެވެ. މި ނަސްލުހޭދުގެ ފިކްރަށް ބިންގަލެއް ލިބިގެންވާކަން ދެއްކުމަށް ޓަކައި ޞިހްޔޫނީ ލިޔުންތެރިން ޔަހޫދީ ތާރީޚު އަލުން ފަރުމާކުރިއެވެ.

ރަޝިޔާގެ ޞިހްޔޫނީ މުފައްކިރެއް ކަމުގައިވާ މީޚާ ޖޯޒިފް ބަރޑޮވުޝްކީ (1865 – 1921) ސިފަކުރިގޮތުގައި ޔަހޫދީ އުންމަތް އުފެދުނީ ދީނެއްނެތް ހަނގުރާމަވެރި ޖަމާޢަތަކުންނެވެ. ޞިހްޔޫނީ ފިކްރުގެ ބޮޑެއްކަމުގައިވާ ވްލެޑިމީރު ގަބޮޓުންސްކީ (1880 – 1940) ބުނާގޮތުގައި [ތައުރާތާއި ކަނޑި އަހުރެމެންގެ މައްޗަށް އުޑުން ބާވައިލެއްވުނީ އެކުއެކުގައެވެ.]

އޭނާގެ ދަރިވަރު އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު މަނާޙިމު ބޭގިން (1913 – 1992) ބުނެފައިވެއެވެ. [ދުނިޔޭގެ ތާރީޚަށް ބަލާއިރު ތަރައްޤީގެ ބާރަކީ ޞުލްޙަމަސަލަސްކަމެއްނޫނެވެ. އެހެނެއް ކަމަކު ކަނޑިއެވެ.]

ޞިހްޔޫނިއްޔަތުގެ ބާނީ ތިޔެޑޯރ ހަރޓްޒެލް (1860- 1904)ގެ ލިޔުންތައް މި ކަނޑިން ފުރާލައިފައިވާ ތަން ފެނެއެވެ. އޭނާ މި ކަނޑިއަށް ތާރީފުކޮށްފައި ވެއެވެ.

މި ވާހަކަ ދައްކަން ވެއްޖެނަމަ މައުޟޫޢު ވަރަށް ދިގުވެގެން ހިނގައިދާނެއެވެ. މިތާނގައި މައުޟޫޢަކީ ޞިހްޔޫނީ ފިކްރާއި ވިސްނުމުގައި އަށަގަތްފައިވާ ހަރުކަށިކަމުގެ ވާހަކައަށް ބަލައިލުމެވެ. ފަލަސްޠީނުގެ ރައްޔިތުން މަރައި ހުސްކުރުމަކީ އެމީހުންގެ އަރުތެރެއަށް އެންމެ ފަސޭހައިން އެތެރެވާ ޙަލްވާއެވެ. ހަރުކަށިކަމާއި ޤަތުލުޢާންމާއި ނަސްލުހޭދުއަކީ ޞިހްޔޫނިއްޔަތު އޭގެ އަމާޒުފަތްގަނޑަށް ވާޞިލްވުމަށް ބޭނުންކުރާ އަދާތުތަކެކެވެ. އެމީހުން ދެކޭގޮތުގައި އެއީ އެމީހުން ދިރިތިބުމަށްޓަކައި ލިބިގެންވާ އަސާސީ ވަސީލަތެވެ. އަދި އެއީ ދިރިދެމިތިބުމަށް ބޭނުންވާ އެންމެ މުހިންމު ބަހާއެވެ.

ޣައްޒާ ބިމުގައި އެމީހުން މިއަދު ކުރަމުންދާ ލާއިންސާނީ ނިރުބަވެރި ހަނގުރާމައިގެ ސަބަބުން ޞިހްޔޫނިއްޔަތުގެ ވިހަގަދަ ބޯވާގެ ތަފާތު ފައިތައް އޭގެ ހަރުން ނުކުންނާނެތެވެ. އެކަމުގެ ސަބަބުން މުޅި އިންސާނިއްޔަތު ބިރުވެރި ފުން ވަޅުގަނޑަކަށް ވެއްޓިގެންދާނެތެވެ. އެކަމުގެ ސަބަބުން އަޚްލާޤާއި ސިޔާސީ އިޤްތިޞާދީ މާއްދީ ފިކްރަށް ގެއްލުން ލިބިގެންދާނެތެވެ.

ހަނގުރާމަކުރުމުގެ އުޞޫލުތައް

ހަނގުރާމަ އަކީ މެރުމާއި ފަނާކުރުން ހިމެނޭ މައިދާނެއް ކަމުގައި ވިޔަސް އިންސާނިއްޔަތު ދަންނަ އުޞޫލުތަކެއް ހަނގުރާމަ ކުރުމުގައި ވެސް ވެއެވެ. ހަނގުރާމަވެރިން ތަބާވާން ޖެހޭ ޤަވާޢިދުތަކަކާއި ޤާނޫނުތަކެއް ވެއެވެ. އެއީ އެއްވެސް ޙާލެއްގައި ޙަރާން ކަންތައްތައް ހުއްދަކުރާ ބިމެއް ނޫނެވެ. މިހެން ކަން އޮތްކަމުގައި ވިޔަސް ޞިހްޔޫނީ ޖަމާޢަތްތަކުން ކުރަމުންދާ ހަނގުރާމަތަކުގައި މި ޤަވާއިދުތަކެއް ނުދަނެއެވެ. މި ޤާނޫނުތަކަށް އިޙްތިރާމެއް ނުކުރެތެވެ.

ކޯޅި ބޮމާއި، ހުދު ފޮސްފޯރު ބޮމާއި، ނާޕާމް ބޮމާއި، ދެ ހާސް ރާތަލުގެ ބިޔަ ބޮންފަދަ ބައިނަލްއަޤްވާމީ ޤާނޫނު މަނާކުރާ ހަތިޔާރުތައް ދަނީ ބޭނުންކުރަމުންނެވެ. ބައިނަލްއަޤްވާމީ ޤާނޫނު ޙިމާޔަތްކޮށްދީފައިވާ ހަސްފަތާލުތަކާއި މަދަރުސާތަކާއި ޢާންމު ބޯހިޔާވަހިތަކަށް ޞިހްޔޫނީ ބާރުތަކުން ދަނީ ބޮންއަޅަމުންނެވެ. ރޮކެޓް ޙަމަލާތައް ދަނީ ދެމުންނެވެ. ބައިނަލްއަޤްވަމީ ޙިމާޔަތް ދީފައިވާ ކުޑަކުދިންނާއި، އަންހެނުންނާއި، މުސްކުޅިންނަށް ދަނީ ޙަމަލާދެމުންނެވެ. ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންނެވެ.

މުސްލިމުންގެ ހަނގުރާމަތައް ތަފާތު

އިސްލާމީ ފިޤްހު ބުނާ ގޮތުގައި ހަނގުރާމަވެރިޔާ އަކީ މިނިވަނެއް ނޫނެވެ. އޭނާ އެދޭ ކޮންމެ ކަމަކަށް އޭނާއަކަށް އަރައެއް ނުގަނެވޭނެއެވެ. އިސްލާމީ ފިޤްހުގައި އަސީރުންނާމެދު ޢަމަލުކުރަންޖެހޭ އުޞޫލުތައް އައިސްފައި ވެއެވެ. އެމީހުންނަށް ޙިމާޔަތް ލިބިގެންވެއެވެ. އެމީހުންނާމެދު މުޢާމަލާތު ކުރަންޖެހޭނީ އިންސާނީ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. އެމީހުންނަށް އެމީހުންގެ ޢަޤީދާއާއި ޝަރަފާއި ޢިއްޒަތް ރައްކައުތެރިކޮށްދީފައި ވެއެވެ. އެމީހުން އިސްލާމްދީނަށް ގަދަކަމުން ވައްދައިފައެއް ނުވެއެވެ.
އިސްލާމީ ތާރީޚަށް ބަލާއިރު ނަބަވީ ޢަޞްރުންނާއި ރާޝިދު ޚަލީފާއިންގެ ޒަމާނުންނާއި މުސްލިމުންގެ ތާރީޚުން އަޅުގަނޑުމެންނަށް ފެންނަނީ، މުސްލިމުންނަށް މަޖްބޫރުވެގެން ކޮށްފައިވާ އެންމެހައި ހަނގުރާމަތަކުގައި އިސްލާމީ މި އުޞޫލުތަކާއި ޤަވާޢިދުތައް ރިވެލިވެފައިވާ ތަނެވެ. މުސްލިމުން ކޮށްފައިވާ ހަނގުރާމަތަކަށްވުރެ އިންސާނީވަންތަކަން ބޮޑު ހަނގުރާމަތަކެއް އެހެން ބަޔަކު ކޮށްފައި ނުވާ ތަނެވެ.

އިސްލާމުދީނުގައި، ބަޔަކާ ދެކޮޅަށް ހަނގުރާމަ ކުރަން ޖެހޭނީ އެބަޔަކު މުސްލިމުންނާ ދެކޮޅަށް ހަނގުރާމަފެށިނަމައެވެ. މި އުޞޫލު ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿ وَقَٰتِلُوا۟ فِى سَبِيلِ ٱللَّهِ ٱلَّذِينَ يُقَٰتِلُونَكُمْ وَلَا تَعْتَدُوٓا۟ ۚ إِنَّ ٱللَّهَ لَا يُـحِبُّ ٱلْمُعْتَدِينَ ﴾ (البقرة : 190) މާނައީ: [ތިޔަބައިމީހުންނާ ހަނގުރާމަކުރާ މީހުންނާ ތިޔަބައިމީހުން الله ގެ މަގުގައި ހަނގުރާމަ ކުރާށެވެ! އަދި (އެކަމުގައި) ތިޔަބައިމީހުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން (އިސްވެ ހަނގުރާމަ ފެށުމުގެ ގޮތުން) ހައްދުފަހަނަޅައިދާ މީހުންދެކެ الله ލޯބިވެވޮޑިގެނެއްނުވެއެވެ.]

މިއާޔަތުން ނެގިފައިވާ އަސާސީ އުޞޫލުގެ ސަބަބުން މުސްލިމު ހަނގުރާމަވެރިޔާ ޢަދާވާތްތެރިވެގަތުމުން ދުރުކޮށް ޢަދުލު އިންޞާފުގެ އިންތަކުގެ ތެރޭގައި ހިފަހައްޓައިދެއެވެ. މިއާޔަތާ ޖެނީވާގެ އެއްބަސްވުންތަކުގެ މާއްދާތަކާ އަޅައިބަލާއިރު 1949 ވަނަ އަހަރުގެ ޖެނީވާ އެއްބަސްވުންތަކުގެ ފުރަތަމަ ޕްރޮޓޮކޯލްގެ 35 ވަނަ މާއްދާއާ މިއާޔަތުގައި ވާރިދުވެފައިވާ އުޞޫލު އެއްގޮތްކަން ފާހަގަ ކުރެވެއެވެ. މިމާއްދާގެ ފުރަތަމަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ފަދައިން ހަނގުރާމައިގެ ބައިވެރީންނަށް، ހަނގުރާމައިގެ ވަސީލަތްތަކާއި އުސްލޫބުތައް އިޚްތިޔާރުކުރުމަށް ލިބިފައިވާ ޙައްޤަކީ ތަންމިނަށް ހުޅުވައިލެވިފައިވާ ޙައްޤެއް ނޫނެވެ. ހަމަ އެފަދައިން، އިސްލާމީ އިންސާނީ ޤާނޫނުގެ ނަޒަރުގައި ހަނގުރާމަ ކުރަންޖެހުނަސް، ހަނގުރާމައިގެ އެންމެ ފަހުގެ ލަނޑުދަނޑިއަކަށް ވާންޖެހޭނީ ޞުލްޙައާއި ސަލާމެވެ.

އިސްލާމްދީން ގެނެސްދީފައިވާ މަތިވެރި އުޞޫލުތަކުގެ ތެރޭގައި އިންސާނީ ކަރާމަތަށް އިޙްތިރާމުކުރުން ވެއެވެ. މައްޔިތާގެ ހަށިގަނޑަށް އިހާނެތިކޮށް ހިތުމަކީ ކީރިތި ރަސޫލާ ނަހީކުރައްވައިފައިވާ ކަމެކެވެ. މިއަދު ޞިހްޔޫނީން ޣައްޒާގައި ކުރަމުންދާ ހަނގުރާމަތަކުގައި އިންސާނިއްޔަތާ ޚިލާފު ޤަތުލު ޢާންމުތައް ދަނީ ހިންގަމުންނެވެ. އަންހެނުންނާއި ކުޑަކުދިންނާއި މުސްލިމުން މަރައި ހުސްކުރަމުންދާއިރު އެބައިމީހުންގެ ގޮވަތިގެދޮރު ދަނީ ތަޅައި ބިމާހަމަކުރަމުންނެވެ. އެމީހުންގެ މުޤައްދަސާތުތަކާއި، މިސްކިތްތަކާއި، ހަސްފަތާލުތަކާއި، މަދަރުސާތަކާއި، ބިނާރުތައް ދަނީ ޚަރާބުކޮށް ނައްތައިލަމުންނެވެ. އެމީހުންގެ މި އަނިޔާވެރިކަމުން ޣައްޒާގެ ދިރޭ އެއްޗަކަށް ވެސް، ގައުގަނޑަކަށް ވެސް، ގަހަކަށް ވެސް، މަހަކަށް ވެސް، ގެރިބަކަރިއަކަށްވެސް ރައްކައުތެރިކަމެއް ލިބިފައެއް ނުވެއެވެ. އެއީ ޣައްޒާގެ ނިކަމެތީންގެ މުޅި ޙަޔާތް ހަފުސްކޮށް ބަރުބާދުކުރަމުންދާ އަނިޔާވެރި ހަނގުރާމައެކެވެ. 

ކޮމެންޓް

1
450
މީރިލް އަނގޮޅިތީމީ
1 month ago

ޔާﷲ! އިބަ ﷲ އީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ މާތްﷲ. ޔާﷲ ފަލަސްތީނުގެ ނިކަމެތި މުސްލިމުންނަށް ނަޞްރުދެއްވާދޭނވެ. އަދި އެބައިމީހުންނަށް ކެތްތެރިކަމާއި، ސާބިތުކަން ދެއްވާ، އެބައިމީހުންނަށް ފަސޭހަކަމާއި ހިތްހަމަޖެހުން ދެއްވާނދޭވެ. ޔާﷲ! ފަލަސްތީނުގެ މުޖާހިދުންނަށް ނަޞްރުދެއްވާ، އެބައިމީހުންގެ ހަމަލާތައް ސީދާކުރައްވާ، އެބައިމީހުންނަށް ގަދަކަން ދެއްވާދޭނވެ. ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ސަލާމަތްކަމާއި އަމާންކަން ދެއްވާނދޭވެ. އާމީން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.