ތާނައަށް ހުރުމަތް: "ދިވެހިރާއްޖެ" ތާނައިން ދިވެހި ޖައްވަށް

ދިވެހި އަސްކަރިއްޔާގެ ވައިގެބާރުގެ ޑްރޯން އުޅަނދުތަކުގައި ތާނައިން "ދިވެހިރާއްޖެ" ޖަހައި ޖައްވުގައި އުފުލައިދޭން ފެށުމުމަކީ ދިވެހި ދައުލަތުން ކުރި ބާރު ގަދަ އިއުލާނެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައިގެ ބާރުގެ ޑްރޯންގައި ތާނަ އަކުރުން "ދިވެހިރާއްޖެ" ޖަހާފައި އޮތްތަން ބައްލަވާލައްވަނީ

ދިވެހިރާއްޖޭގެ ގައުމީ ދިފާއީބާރު، ދިވެހި އަސްކަރިއްޔާއަށް އެއާ ކޯގެ ނަމުގައި ވައިގެ ބާރެއް އިތުރުކޮށް އަންމޭންޑް އޭރިއަލް ވެހިކަލްސް / ގެއަސްކަރީ ޑްރޯންތަތައް ދިވެހި ޖައްވަށް އަރައި އުދުހިގަތުމަކީ ދިވެހިރާއްޖެ ކުރިއަށް އެޅި ދިވެހިން އުފާވި ހާއްސަ ތާރީހީ ބޮޑު ފިޔަވަޅަކުން އުދުހި ގަތުމެކެވެ. އުފާ ބޮޑުވި އެހެން ސަބަބެއް ވެސް އެބައޮތެވެ. ވައިގެ ބާރުގެ ޑްރޯންތައް ދިވެހި ޖައްވުގައި އުދުހޭން ފެށީ ތާނަ އަކުރުން "ދިވެހިރާއްޖެ" ހިފައިގެނެވެ. 

ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވި ގޮތުގައި ދިވެހި ތާނަ ދިވެހީންގެ ސަލާމަތަށް ޓަކައި ދިވެހި ޖައްވުގައި އުދުހުމަށް ފުރުސަތު ފަހިކޮށް ދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ވަރަށް ދިވެހިވަންތަ ފަހުރުވެރި ނިންމުމެކެވެ. 

"ވަރަށް ދިވެހިވަންތަ ފަހުރުވެރި އަދި ނުހަނު ތާރީހީ ނިންމެވުމެއް ޝުކުރިއްޔާ ރައީސް" މިނިސްޓަރު އާދަމް ނަސީރު ވިދާޅުވި އެވެ. 

ޅެންވެރިޔާ / ލިޔުންތެރިޔާ ފަރެސް މުހައްމަދު އާމިރު ވިދާޅުވި ގޮތުގައި ގައުމުގެ ދިފާއީ ބާރުގެ ވައިގެ ބާރުން އުދުއްސައިލި ޑްރޯންތަކުގައި ދިވެހިބަހުން ތާނަ އަކުރުން "ދިވެހިރާއްޖެ" ލިޔެފައި އޮތުމުން ވަރަށް ހިތްހަމަޖެހުނެވެ. އަދި ގައުމާއި އަވަށްޓެރިންގެ ލޯތައް ހުއްޓިފައިވާ ދިމާގައި ދިވެހިބަހުން ތާނައަކުރުން ރާއްޖޭގެ ނަން ލިޔުމަކީ ކުރި އިއުލާނެކެވެ. 

"އުންމީދަކީ ދެން ހުރި ކަންކަން ވެސް، އެ ކަމަކަށް އެކަށޭނަ ވަގުތުގައި މި މަގަށް ސީދާވެގެން ދިއުމެވެ. ދިވެހިބަހާއި ތާނަ އަކުރަށް ޖާގަ ދޭންޖެހޭ ކިތަންމެ ހާލަތެއް އޮތް އިރު، ގައުމީ ދިފާއީ ބާރުގެ މި އިސްނެންގެވުމަށްޓަކައި ޝުކުރު ދަންނަވަން" އާމިރު ވިދާޅުވި އެވެ.

ދިވެހި ތަރިކަ ހިމާޔަތް ކުރަން މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއްގެ ރައީސް ތޯހާ އަބޫބަކުރު ވިދާޅުވި ގޮތުގައި ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލަށްޓަކައި އެންމެ އިސް އެއް ކަމަކީ އެ ގައުމެއްގެ ސަރަޙަައްދު ބެލެހެއްޓުމުގެ ގާބިލްކަން އެ ގައުމެއްގެ ކިބައިގައި ހުރުމެވެ. މީސްކޮޅު މަދު، ގައުމު ކުޑަ މި ރާއްޖޭގެ ތާރީހު ހެކިވަނީ އެކަމަކީ އަންޒަމާނުންސުރެ ދިވެހީން ކުރަމުން އައި ކަމެއްކަމެވެ. 

"ދިވެހި ޖައްވުގެ އެންމެ އުހުގައި ދިވެހިންގެ ފަހުރުވެރި ތާނަ އަކުރުން 'ދިވެހިރާއްޖެ' އޮންނަ ގޮތްވުމަކީ ދިވެއްސަކަށްވީތީ ފަހުރުވެރިވާ ކޮންމެ ދިވެއްސެއްގެ ވިންދު އަވަސްވެ ބަޔާންކުރާން ނޭނގޭފަދަ އުހައުވެރިކަމެއް ލިބޭނޭ ކަމެއްކަން ޔަގީނެވެ." ތޯހާ ވިދާޅުވި އެވެ

ވިލާ އިންޓަނޭޝަނަލް ހައި ސްކީލްގެ ޑެޕިއުޓީ ޕްރިންސިޕަލް އިސްމާއީލް ނަޝީދު ވިދާޅުވޮ ގޮތުގައި ދިވެހިންގެ ދިފާއީ ބާރުން ތައާރަފު ކުރި އުޅަނދު ގައި ތާނަ އަކުރުން ދިވެހިރާއްޖެ ފަވާލާފައި ވަނިކޮށް ފެނުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބއްޖެއެވެ.

"މިފަދައިން މިކަން ކުރުން މުހިއްމު ވިޔަތީ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަށާއި ދިފާއީ ވަޒީރަށް އަދި ދިވެހި އަސްކަރިއްޔާގެ ވެރިންނަށް ޝުކުރު ދަންނަވަމެވެ. ތިޔަ ބޭފުޅުން ކުޅަ މި ސާދާ އާމަލުން އާދެ، "ތާނަ" އަށް ދެއްވި ހުރުމަތުން ދިވެހިބަހުން ވާހަކަ ދައްކާ ލިޔެކިޔާ އުޅުމަށް ތާނަ ބޭނުން ކުރުމަށް ދިވެހިންނަށް ހިތްވަރަކަށް ވާނޭ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެއެވެ." އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިވެހި ބަހުން ވާހަކަ ދައްކާ އުޅުމާއި ތާނަ އަކުރުން ލިޔެ އުޅުމަށް ދަތިކަމަކަށް، ފޫހި ކަމަކަށް ދިވެހިންނަށް ވަމުންދާތާ އަހަރު ތަކެއް ވެއްޖެއެވެ. އެކަން ބޮޑަށް ދަތިވެފައި ވަނީ ޅަ ދަރީންނަށެވެ. މިފަދަ ހާލަތެއްގައި ވަނިކޮށް ފެނުނު މަންޒަރު ބޮޑުވީ އެވެ.

ޅެންވެރިޔާ ހަސަން ޝާކިރު މުހައްމަދު ވިދާޅުވި ގޮތުގައި ވައިގެ ބާރުގެ ޑްރޯންތަކުގައި "ދިވެހިރާއްޖެ" ދިވެހިން ތާނައަކުރުން އޮތުމުން ވަރަށް އުފާވި އެވެ. އެއީ ދިވެހި ގައުމުގެ މިނިވަން ކަމާއި ސަލާމަތާ ރައްކާތެރި ކަމަށް އެޅި މުހިންމު ފިޔވަޅެކެވެ.

"އެހެން ކަންކަމަށް ވެސް މި ބަދަލު އައުމަކީ ކުރެވޭ އުންމީދެކެވެ."  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.