މި މަސައްކަތުގައި ބޭނުން ކުރަނީ ހުއްޓުމެއް ނެތި 28 ގަޑިއިރު އުދުހެވޭ 300 ކިލޯމީޓަރު ދުރުން ވަގުތުން މައުލޫމާތު މައި މަރުކަޒަށް ފޯރުކޮށްދޭ ތުރުކީގެ އެންމެ އެޑްވާންސްއެއް ޑްރޯން ތަކެވެ.
ތުކުރީގެ ބައިރަކުތާރު މަރުކާގެ ދުނިޔޭގެ ޑްރޯން ޓެކްނޮލޮޖީގައި އެންމެ ކުރިއަރާފައިވާ ޑްރޯންތަކާއެކު ރާއްޖެގެ ސަރަހައްދު ބަލެހެއްޓުމުގެ މަސައްކަތް ފަށަން ދިވެހި ސިފައިން ތައްޔާރު ވެއްޖެ އެވެ.
"މި" ނޫހަށް އެނގިފައިވާ ގޮތުން ޑްރޯން ބޭނުންކޮށްގެން ރާއްޖޭގެ މަސް ކަނޑުތަކާއި ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓުމުގެ މަސައްކަތް އިފުތިތާހު ކުރުމަށް މާދަމާ ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ އެވެ. މި ރަސްމިއްޔާތު އޮންނާނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.
މި މަސައްކަތް ފަށަން ދިވެހި ސިފައިގެން ހާއްސަ ޑްރޯން ލަޝްކަރެއް ވަނީ ތުރުކީގައި ތަމްރީނު ތައް ފުރިހަމަކޮށްގެން ރާއްޖެ އައިސް މާފަރުގައި މަސައްކަތް ފަށާފަ އެވެ. އަދި އެކަމަށް ބޭނުންވާ ދެ ޑްރޯނެއް ވެސް ގެނެސްފައިވެ އެވެ.
ދިވެހި ސިފައިން ރާއްޖެ ސަރަހައްދު ބަލަހައްޓަން ބޭނުން ކުރާނީ ރަޝިއާ އިން ޔޫކްރެއިންގައި ކުރާ ހަނގުރާމާގައި ސާވޭލަންސް އަދި ހަމަލަ ދިނުމުގައި ވެސް ބޭނުން ކުރާ ތުކުރީގެ ބައިރަކުތާރު މަރުކާގެ ޑްރޯންތަކެކެވެ. ތުރުކީގެ ބައިރަކުތާރު ކުންފުނީގެ މި ޑްރޯންތައް 2015 އިން ފެށިގެން ދަނީ ތުރުކީގެ އަސްކަރިއްޔާގައި ބޭނުން ކުރަމުންނެވެ.
މި ޑްރޯންއަކީ ތަކެތި ހޯދުމާއި ޖާސޫސީ މަސައްކަތްތަކާއި ސުލްހެވެރި ބޭނުންތަކަށްވެސް ހާއްސަ އުޅަނދެކެވެ ހާއްސަކޮށް މިއީ ސާޗް މަސައްކަތުގައި ބޭނުން ކުރަން ފައްކާކޮށްފައިވާ ޑްރޯން އެކެވެ. އެކަމަކު ބޭނުންވެއްޖެ ހާލަތެއްގައި ހަތިޔާރު ވެސް ހަރުކުރެވޭނެ އެވެ. މިގޮތުން 95 ކިލޯގެ މިސައިލް ނުވަތަ ގޮވާ އެއްޗިހި ހަރުކޮށްގެން އުދުހުމުގެ ގާބިލްކަން މި އުޅަނދަށް ލިބިގެންވެ އެވެ. މި ޑްރޯންއަކީ މީޑިއަމް ލެޓިޑިއުޑް ލޯންގް އެންޑިއުރެންސް ޑްރޯން ތަކެވެ. މިއީ މީހުންނާ ނުލައި އުދުހޭ ޑްރޯން ތަކެކެވެ. މި އުޅަނދު އޮޕަރޭޓް ކުރާނީ ހާއްސަ ކޮންޓްރޯލް ސެންޓަަރަކުންނެވެ. މި ސެންޓަރަކީ ފަސޭހައިން އެއްތަނުން އަނެއްތަނަށް ގެންދެވޭ މޮބައިލް ތަނެކެވެ.
"މި" ނޫހަށް އެނގިފައިވާ ގޮތުގައި ދިވެހި ސިފައިން ދަނީ ރާއްޖޭގެ ފާހަގަކުރެވޭ ހާއްސަ ސަރަހައްދުތަކެއްގައި ޑްރޯން ބޭސްތަކެއް ހަދަން މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ނިމޭއިރު ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގެ ހުރިހާ ހަރަކާތެއް 24 ގަޑިއިރު ވަގުތުން ދިވެހި ސިފައިންނަށް ފެންނަން ހުންނާނެ އެވެ. މިކަމުގެ ސަބަބުން މިހާރު މަސްކަނޑު ބެލެހެއްޓުމުގެ މަސައްކަތުގައި ކުރަން ޖެހޭ ހަަރަދު ބޮޑުތަނުން ކުޑަ ވެގެންދާނެ އެވެ. އަދި ސާޗް އޮޕަރޭޝަންތަކުގައި ޑޯނިއާ މަތިންދާ ބޯޓް ބޭނުންކޮށްގެން ކުރަން ޖެހޭ ބޮޑު ހަރަދު ވެސް އެއްކޮށް ކެނޑިގެންދާނެ އެވެ.