"މިދިޔަ 18 ދުވަސްތެރޭ 305.65 ޓަނުގެ ކުނި މާލެ ތެރެއިން ނެގުނު. މިއީ 25 ފޫޓުގެ 12.22 ކޮނޓޭނަރުގެ ކުނި،"
ވޭތުވެ ދިޔަ 18 ދުވަސް ތެރޭގައި މާލޭގެ މަގުތަކުން 305.65 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭ މަގުމަތީގައި ކުނި ޖަމާވެފައި ވަނީ ރޯދަ މަހާ ދިމާކޮށް ގޭބިސީތައް ސާފުކުރުމަށްފަހު މަގުމަތީގައި ކުނިތައް ބެހެއްޓުމުގެ ސަބަބުންނެވެ. މަގުތަކުގައި ބޮޑެތި ކުނި ޖަމާވެ، ހިނގުމަށާއި ދުއްވުމަށް ވެސް ވަނީ ދަތިވެފަ އެވެ.
އެ މައްސަލައަށް ހައްލެއް ގެނައުމަށް ސިޓީ ކައުންސިލްގެ މުވައްޒަފުން ދަނީ މަގުމަތީގައި ހުރި ކުނިތައް ނަގައި ސާފުކުރަމުންނެވެ. މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އިއްޔެ އެކަނި ވެސް 42.15 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ.
"މިދިޔަ 18 ދުވަސްތެރޭ 305.65 ޓަނުގެ ކުނި މާލެ ތެރެއިން ނެގުނު. މިއީ 25 ފޫޓުގެ 12.22 ކޮންޓޭނަރުގެ ކުނި،" އާޒިމް ވިދާޅުވި އެވެ.
މަގުމައްޗަށްކީ ކުނި އަޅާ ތަނަކަށް ނަހަދައި، ގެދޮރާއި ވެށި ސާފުތާހިރުކޮށް ބާއްވަން ވެސް އާޒިމް ވަނީ ގޮވާލައްވާފަ އެވެ.
"އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް. ދިރި އުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަަށް ވެގެން ދާނެކަމެއް. އަޅުގަނޑުމެން އެންމެންނަކީ ވަރަށް ބޮޑަށް ސާފުތާހިރުކަމަށް ލޯބިކުރާ ބައެއްކަމުގައި ލައްވާށި. އާމީން،" އާޒިމް ވިދާޅުވި އެވެ.
ކައުންސިލުން ދަނީ މަގުމައްޗަށް ކުނި އަޅާ މީހުން ދެނެގަނެ އެމީހުން ޖޫރިމަނާ ކުރަމުންނެވެ. އެގޮތުން މިދިޔަ މަހުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެފަދަ 100 މީހަކު ވަނީ ޖޫރިމަނާކޮށްފަ އެވެ. ކުނި އަޅާ ކޮންމެ މީހަކު 500 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ.