ވާހަކަ

ނޭނގި ޔާރު ވަކިވީ - އެޕިސޯޑް 9

ދަރިފުޅާ! ބައްޕަ ގާތު މީގެ ދުވަސްކޮޅެއް ކުރިން މަންމަ ބުނި.. ދަރިފުޅު މީހަކާ އިންނަ ވާހަކަ.. މަންމަގެ ވާހަކަތަކުން މަންމަ ބޭނުންވާ ކުއްޖެއް ހުރިކަން ބައްޕައަށް ވެސް އިޙްސާސް ވި.

- އެޕިސޯޑް 9 –

"ކިހިނެއްވީ ދަރިފުޅާ؟" ލަސްތަކެއް ނުވެ ޔޫސުފު އައިސް ގެއަށް ވަނެވެ. އަޔާޒްގެ މޫނު ފެނިފައި ޔޫސުފަށް ލިބުނީ ހައިރާން ކަމެކެވެ. ސިޓިންގރޫމްގައި އިން އަޔާޒްގެ މޫނުމަތިން ފެންނަނީ މާޔޫސް ކަމެވެ. ހާސް ކަމާއި ނުތަނަވަސް ކަމެވެ.

"ބައްޕާ!" އަޔާޒް ކޮޅަށް ތެދުވިއެވެ. އަދި ވެގެން ދިޔަ ގޮތަށް އަޔާޒް އޭނާގެ ބައްޕައަށް ކިޔާދިނެވެ. ވަގުތުން ޔޫސުފްގެ ބޮލަށް މިވެގެން އުޅޭ ގޮތް ރޭކައިލިއެވެ. ޔޫސުފް ގޮސް ޒީމާ އޮތް ކޮޓަރީގައި ދެތިން ފަހަރަކު ޓަކި ދިނެވެ. ޒީމާއަށް ގޮވަމުންނެވެ.

އެނދުގައި ބަންޑުން ރޯން އޮތް ޒީމާ ކުއްލިއަކަށް އެނދުން ތެދުވިއެވެ. އަދި ލޯގަނޑު ކުރިމައްޗަށް ހުއްޓި މޫނު ފުހެލައި، މޫނުގައި ފުށްކޮޅެއް ޖަހާލުމަށްފަހު، ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

"މަންމާ.." ޒީމާ ފެނުމާ އެކުގައި އެންމެ ފުރަތަމަ ވެސް ވާހަކަދައްކަން ފެށީ އަޔާޒެވެ. ޒީމާ އިސްޖަހާލިއެވެ. ޔޫސުފް ހުރީ ހަޤީޤަތުގައި ނިކަން ހިތްހަމަނުޖެހިފައެވެ. ޒީމާގެ ފަރާތުން ފެނިގެން އެދިޔައީ ޔޫސުފް އެެއްވެސް ވަރަކަށް ހިތްހަމަޖެހޭ ސިފައެއް ނޫނެވެ. ނަމަވެސް އެކަން ދައްކަން ޔޫސުފް ބޭނުން ނުވީ އަޔާޒަށް ވިސްނާފައެވެ. އަދި ޒީމާ އިތުރަށް ދެރަވާނެތީއެވެ.

"ޒީމާ.. އަހަރެން ބުނި ދުވަސް މިއޮތީ އައިސްފަ.. އަހަރެން ކުރިން ވެސް ބުނިން ދޯ މާ ބޮޑަށް އަޔާޒްގެ ޒަވާޖީ ޙަޔާތާ މެދުގަ ޒީމާ ހުވަފެން ތަކެއް ނުގެން ގުޅެން.." ޔޫސުފްގެ ވާހަކަައިން އަޔާޒަށް ބަލައިލެވުނީ އޭނާގެ ބައްޕަގެ މޫނަށެވެ. ހައިރާން ކަމާއެކުގައެވެ.

"ދަރިފުޅާ! ބައްޕަ ގާތު މީގެ ދުވަސްކޮޅެއް ކުރިން މަންމަ ބުނި.. ދަރިފުޅު މީހަކާ އިންނަ ވާހަކަ.. މަންމަގެ ވާހަކަތަކުން މަންމަ ބޭނުންވާ ކުއްޖެއް ހުރިކަން ބައްޕައަށް ވެސް އިޙްސާސް ވި. އެކަމު ބައްޕަ ބުނިން އެކަމުގެ ތެރެއަށް މައިންބަފައިން ނުވަންނަން.. ދަރިފުޅު ލޯބިވާ ރަނގަޅު ކުއްޖެއް ހުންނަ ޙާލަތުގަ.. ބައްޕައަށް ބެލެވެނީ މަންމައަށް ވީ ގޮތަކީ އެއީހެން.. ދޯ ޒީމާ؟" އަޔާޒްއަށް ބަލަހައްޓައިގެން ހުރެ ޔޫސުފް ވާހަކަދެއްކުމަށްފަހު، ދޯ ދިނީ ޒީމާއަށް ބަލައިލަމުންނެވެ.

"ތެދެއް މަންމާ؟ މަންމަ ކީއްވެ ކުރިން ނުބުނީ؟" ޒީމާގެ ހިމޭންކަމުގެ ސަބަބުން، އަޔާޒް ވަރަށް ލޯބިން އައިސް ޒީމާގެ ކޮނޑުގައި އަތް ބާއްވާލަމުން އަހައިލިއެވެ.

"ދަރިފުޅާ! މަންމައަށް މާފު ކުރޭ! ދަރިފުޅު ތިވަރުގެ އުފާވެރި ޚަބަރެއް ދިނީމަ، މަންމަ އެ އުފަލުގަ ބައިވެރި ނުވެ، ކުރީ ހިތާމަ.. މަންމަ ދެރަވީ މަންމަ ވަރަށް..." ޒީމާގެ ލޮލުން އަނެއްކާ ވެސް ކަރުނަ ހިލެން ފެށުނެވެ.

"މަންމާ.. ނުރޮއި.. މަންމަ ވަރަށް ގަޔާވާނެ ކުއްޖެއް ޝަރާއަކީ.. ވަރަށް އަޙްލާޤު ރަނގަޅު.. ދީނަށް ލޯބި ކުރާ.. ވަރަށް މަޑުމައިިތިރި އަދި އަހަރެން ދެކެ ވަރަށް ލޯބިވާ ކުއްޖެއް އެއީ.." އަޔާޒް ކުރު ގޮތަކަށް ޝަރާ ސިފަކޮށްލަމުން ޒީމާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަދިނެވެ. ޒީމާ ގަދަކަމުން ހިނިތުންވެލަމުން ބަލައިލީ އަޔާޒްގެ މޫނަށެވެ. ދެން ނުރޯނެ ކަމަށް ބުނަމުންނެވެ.

"ދަރިފުޅު ދެން ލަސްނުކޮށް އަވަހަށްދޭ ޝަރާއާ ދިމާކުރަން.. މިހާރު ޝަރާ ހުންނާނެ ލަސްވެފަ.." ޔޫސުފް ހިނިތުންވުމަކާ އެކުގައި އެހެން ބުނުމުން އަޔާޒް ވަނީ އޭނާގެ ކޮޓަރިއަށެވެ. ފޯނު ބަލާލި އިރު، ޝަރާގެ 2 މިސްޑް ކޯލް އައިސްފައި އޮތެވެ. އަޔާޒް އަވަހަށް ގުޅާލީ ޝަރާއަށެވެ. މިދަނީއޭ ބުނެ އަޔާޒް ފޯނު ބޭއްވިއެވެ.

ގެއިން ނުކުމެގެން އަޔާޒް ކާރަށް އެރި އިރުވެސް އޭނާގެ ބޮލުގެ ތެރޭގައި ވަނީ މިރޭ ވެގެން ދިޔަ ކަންތަކެވެ. މަންމަ އަޔާޒްގެ ކައިވެންޏަށް މީހަކު ހޯދައި، އެކަން ޕްލޭން ކުރެވިގެން ދިޔަ އިރު އެއިން އެއްވެސް ކަމެއް އަޔާޒަށް ނޭނގުމުން އޭނާ މިއަދު އެކަމާ ވަަރަށް ހާސްވެއެވެ. އެންމެ ބޮޑަށް ޖެހިލުން ވަނީ އެކަމުން މަންމައަށް އަރައި ނުގަނެވިދާނެތީއެވެ. އެހެން އެކަން ވެއްޖެނަމަ އެކަމުގެ އުނދަގޫ ނުވަތަ ވޭން ޝަރާއަށް އުފުލަން ޖެހިދާނެބާއޭ އަޔާޒްގެ ހިތް އޭނާއަށް ސުވާލު ކުރިއެވެ.

"ނޫން ނޫން.. އަހަރެންގެ މަންމަ އަހަރެންގެ އުފަލަކަށް ހުރަހެއް ނާޅާނެ." އަމިއްލަ ޟަމީރަށް ޖަވާބު ދެމުން އަޔާޒް ކާރަށް އަރާ، ޝަރާ ހުންނަ ގެޔާ ދިމާލަށް ދިޔުމަށްޓަކާ ދުއްވާލިއެވެ.

***

"އެއީ ކާކު؟" ޔޫސުފް ބަލައިލީ ޒީމާގެ ސީދާ ދެލޮލަށެވެ. އެވަގުތު އެދެމީހުން ތިބީ އެމީހުންގެ ކޮޓަރީގައެވެ. ޒީމާ ޖެހިލުން ވިއެވެ. ނަމަވެސް އެއްވެސް ކަމެއް އިތުރަށް ސިއްރު ކުރަން ޒީމާ ބޭނުން ނުވީއެވެ.

"ސުހާ.. ނަޒީރާގެ ދަރިފުޅު.." ޒިމާ އިސްދަށަށް ޖަހައިގެން އިނދެ ބުނެލިއެވެ.

"އަހަންނަށް ހީވެއްޖޭ އޭރުވެސް! އަޅެ ބުނެލި ނަމަ ދޯ އަހަރެން ގާތު! އޭރުން އަހަރެން ތިހިސާބަށް ނުދަނީސް ތިކަމަށް ރަނގަޅު ފިޔަވަޅެއް ވެސް އެޅުނީސް ކަންނޭނގެ.. އަނެއްކާ ސުހާއަށް އިނގޭތަ؟" ޔޫސުފް ގެންދިޔައީ އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތައް ޒީމާއާ ކުރިމަތި ކުރަމުންނެވެ. ޒީމާ ޖަވާބު ދިނުމުގެ ގޮތުން ބޯޖަހައިލުމަށްފަހު ވާހަކަދެއްކިއެވެ.

"އާނ! އިނގޭނެ! ސުހާ ޤަބޫލު ކަމަށް ނަޒީރާ ބުނި.. ޤަބޫލު ވީމަތާ ސުހާ ވެސް އަންނާނީ މިގެއަށް.." ޒީމާ ވާހަކަދެއްކީ މަޑުމަޑުންނެވެ.

ޒީމާގެ ޖަވާބުން ޔޫސުފް އޭނާގެ ބޮލުގައި އެއްއަތުން ޖަހާލިއެވެ.

"ސުބުޙާނަﷲ.. ކީކޭ ދެން ބުނާނީ؟ ސުހާއަށް ދެން ވާނީ ކިހިނެއް؟ ނަޒީރާ ގާތު ބުނާނީ ވަކި ކީކޭ؟ ކިތަންމެ ބުންޏަސް ނަޒީރާގެ ފިރިމީހާ އަކީ އަހަރެންގެ ބިޒިނަސް ޕާޓްނާރ.. އަނެއްކާ ނަޒީރާ ފިރިމީހާއަށް މިކަން އިނގޭތަ؟" ޔޫސުފް ފުލުފުލުގައި ސުވާލުތައް އޮއްސާލިއެވެ.

"ނޫން ނޭނގޭނެ.. މިކަން އިނގޭނީ ނަޒީރާއަށް އެކަނި.. މީ އަހަރެންނާ ނަޒީރާގެ އެދުމެއް.. ދެމީހުން ބޮޑަށް ބޭނުން ވެގެން ކުރަން އުޅުން ކަމެއް.." ޒީމާ ގެންދިޔައީ ތެދު ބަހުން ޖަވާބު ދެމުންނެވެ.

"ހަނދާން ކުރާތި! ޝަރާއަށް އެއްވެސް ހިތްބުރަ ކަމެއް ނުގެން ގުޅޭތި.. ތީ ޒީމާ އަމިއްލައަށް ހޭވި ހަޑިއެއް.. ޒީމާ ވާނެ ތި ހަޑި ސާފު ކުރަން.. ނަޒީރާއާ ވާހަކަދައްކައިގެން.." ޔޫސުފް އެހެން ބުނެ ކޮޓަރިން ނުކުތީ ގެއިން ނުކުމެލަން ބޭނުން ވެގެންނެވެ. ފިނި ވައިކޮޅެއް ޖައްސާލާ، ބޮލުގެ ރިހުން ފިލާތޯއެވެ. (ނުނިމޭ)



ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.