މިސްކިތްތަކުގެ އަޑު ގަދަވެގެން އެ ވާހަކަ ދައްކަނީ ލާދީނީ މީހުން: ޝެއިހް ނިޝާން

"އެފަދަ މީސް މީހުން ޖަގަހަ ތަކާއި ކަންމަތީ އެއްވުންތަކާއި ހަފްލާތަކާއި މުބާރާތްތައް ބާއްވާއިރު އަޑުގަދަކޮށް މިއުޒިކާއި ލަވަޖަހާ ހަޅޭއްފަޅޭއް ލަވާ އިރު އުނދަގޫ ވެގެން ޝަކުވާ ކުރާ ތަނެއް ނުފެންނާނެ،"

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް

މިސްކިތްތަކުން ގުރުއާން ކިޔަވާ އަޑާއި ދީނީ ދަރުސްތައް އިވިގެން ހާއްސަކޮށް ރަމަޟާން މަހު އުނދަގޫ ވެެގެން އުޅެނީ ރާއްޖޭގައި ތިބި ލާދީނީ މީހުން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް ވިދާޅުވެއްޖެ އެވެ.

ޝެެއިހް ނިޝާން މިހެން ވިދާޅުވީ ގެކައިރި ހުރި މިސްކިތުގައި ނަމާދު ކުރާއިރު ބޭރަށް އަޑު ދީފައި ހުރުމުން ގޭގައި ތިބެގެން ނަމާދު ކުރަން އުނދަގޫ ކަމަށް ބުނެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއީލް (އިބްރާ) ވަނީ ސޯޝަލް މީޑިއާ ގައި ކަންބޮޑުވުން ފާޅުކޮށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ޓެގް ކޮށް ޝަކުވާ ކޮށްފައި ވަނިކޮށެވެ. މިދިޔަ އަހަރު ވެސް އަދި އޭގެ ކުރީން ވެސް އިބްރާ މިފަދަ ޝަކުވާތައް ކޮށްފައިވެ އެވެ.

އެ ގެ ކައިރީ މިސްކިތުގައި އިމާމުގެ ނަމާދު ކުރާ މީހާގެ ކިޔެވުމަށް ވެސް އޭނާ ފާޑު ކިޔައެވެ. އަޑު ގަދަ ކަމުން ގޭގައި އިޝާ ނަމާދު ކުރެވެނީ ތަރީވީހް ނަމާދު ނިމުމުން ކަމަށް ވެސް ބުންޏެވެ. އެކްސް ގައި އެ ޝަކުވާ ލިޔެ މިނިސްޓަރު ޝަހީމަށް ޓެގް ވެސް ކުރި އެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން ކުރީ ސަރުކާރުން ދަރުސް ހުއްދަ ހިފެހެއްޓި ޝެއިހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝެއިހް ނިޝާން ވިދާޅުވި ގޮތުގައި މިސްކިތްތަކުން ގުރްއާން ކިޔަވާ އަޑާއި ދީނީ ދަރުސްތަކުގެ އަޑު އިވިގެން، ހާއްސަ ކޮށް ރޯދަ މަހު އުނދަގޫވެގެން އުޅެނީ މި ގައުމުގައި ތިބި ލާދީނީ މީހުންނެވެ. މުޖްތަމައުގެ ތެރެއިން ދީނީ އެއްވެސް ކުލައެއް އަސަރެއް ފެނުމަށް އެމީހުން ނުރުހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"އެފަދަ މީސް މީހުން ޖަގަހަ ތަކާއި ކަންމަތީ އެއްވުންތަކާއި ހަފްލާތަކާއި މުބާރާތްތައް ބާއްވާއިރު އަޑުގަދަކޮށް މިއުޒިކާއި ލަވަޖަހާ ހަޅޭއްފަޅޭއް ލަވާ އިރު އުނދަގޫ ވެގެން ޝަކުވާ ކުރާ ތަނެއް ނުފެންނާނެ،" ނިޝާން ވިދާޅުވި އެވެ.

އިބްރާގެ ޝަކުވާއާ ގުޅިގެން މިނިސްޓަރު ޝަހީމް ވިދާޅުވީ އެންމެ ރަނގަޅު ގޮތަކީ މިސްކިތުގެ ތެރެއަށް އަޑު އިވޭނެހެން ބެހެއްޓުން ކަމަށެވެ. މިނިސްޓަރުގެ އެ ވާހަކަފުޅު އޮޅުން އަރާ ގޮތަށް ބައެއް މީހުން ފަތުރަމުންދާތީ ފަހުން ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވީ ހުރިހައި މިސްކިތެއްގެ އަޑު ކަނޑާލާކަން ނުދަންނަވާ ކަމަށެވެ.

"ގޭތަކެއްގެ ބުޑުގައި ހުރި މިސްކިތަކުން ލޯޑް ސްޕީކަރ އާދަޔާ ހިލާފަށް ބާރުކޮށް ބޭރަށް އިވޭ ގޮތައް ނަމާދު ކުރަމުންދާތީވެ އެކަމާ ގުޅިގެން އެ މިސްކިތް ކައިރީ ގައި ދިރިއުޅޭ ގޭގައި ނަމާދުކުރާ އުޒުރުވެރިންނާއި އަންހެނުންނަށް ދަތިވާތީވެ އެ ހާލަތާ ގުޅިގެން އެއްޗެއް ދެންނެވީ. ފަހަރެއް ގައި ވެސް ހުރިހައި މިސްކިތެއްގެ ވާހަކަ އެއްނޫން،"

މިނިސްޓަރު ވިދާޅުވީ ހިއްސާ ކުރެއްވީ އާންމުންގެ ފަރާތުން އައި ޝަކުވާއެއް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ދެންނެވީ ގޭގެއާ އެހައި ގާތުގައި ހުންނަ ތަންތަނުން އެހާ ބާރަށް ބޭރަށް ނަމާދު ކުރާ އަޑު ބެހެެއްޓުމުގެ ބަދަލުގައި އެތެރެއަށް އަޑު ހުރުން ރަނގަޅު ކަމުގައެެވެ.

"ތަރާވީހް ނަމާދާއި ދަމު ނަމާދު ފަދަ އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގައި އެފަދަ މިސްކިތްތަކުގެ ކައިރީގައި އުޅޭ އުޒުރުވެރިންނާއި ނިދާ ކުޑަ ކުދިންގެ މަސްލަހަތު ރިއާޔަތްކުރުން ވެސް މުހިންމު. ވިސްނަންވީ ޝަރީއަތުގެ މަގުސަދުތަކަށް. ކޮންމެ ކަމެއްގައި ވެސް މެދުމިން ކަމުގެ އުސޫލު އޮންނާނެ،" ޝަހީމް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.