ހުސް ގޮނޑި ގުނާ ގޮތަށް ފަހުން ގެނައި އިސްލާހު ބާތިލު ކުރަން ހުށަހަޅައިފި

ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހުތައް ބާތިލުކުރުމަށްފަހު، މަޖިލީހުން ވަނީ އެ މާއްދާގައިވާ ކަންކަން 242 ވަނަ މާއްދާގައި ހިމަނާފަ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުން ގުނާ ގޮތް ބަދަލު ކުރަން މަޖިލީހުގެ ގަވާއިދުގެ 242 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހަޅައިފި އެވެ.

މަޖިލީހުން އެންމެ ފުރަތަމަ އިސްލާހު ގެނެސްފައި ވަނީ މަޖިލީސް ގަވާއިދުގެ 49 ވަނަ މާއްދާގެ ކ. އާއި އ. އަދި ވ. އަށެވެ. އެ އަކުރު ތަކުގައި ބުނަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާނީ އެވަގުތަކު މަޖިލީހުގައި ތިބި މެމްބަރުންގެ ޖުމްލަ އަދަދަށެވެ. 

ނަމަވެސް އެ މާއްދާތަކަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ހުކުމް ކޮށްފަ އެވެ. އެ މައްސައިގައި ހުކުމް ކުރުމުގެ ކުރިން އެ މާއްދާތައް ބާތިލު ކޮށްފައިވާތީ، ކޯޓުން އަޅައިދެވޭނެ ފިޔަވަޅެއް ނެތް ކަމަށް ވެސް ނިންމާފައިވެ އެވެ.
 
ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާހުތައް ބާތިލު ކުރުމަށްފަހު، މަޖިލީހުން ވަނީ އެ މާއްދާގައިވާ ކަންކަން 242 ވަނަ މާއްދާގައި ހިމަނާފަ އެވެ. އެ މާއްދާއަށް އިތުރު ކުރަން ކުރަން ފާސްކޮށްފައި ވަނީ، ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން، މެމްބަރުކަމުން ވަކިވުމުގެ ސަބަބުން މެމްބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެއަށްވުރެން ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި، ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ވަނީ ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކުރާ ކަންކަން ފާހަގަކުރައްވާފަ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ 242 ވަނަ މާއްދާއަށް ގެނެވުނު އިސްލާހުގެ މައިގަނޑު މަފްހޫމަކީ ވެސް 49 ވަނަ މާއްދާއަށް އިތުރު ކުރި ކަންކަން ކަމަށެވެ.

"މަޖިލީހުގެ ގަވާއިދުގެ 242 ގެ އެއް ވަނަ މާއްދާއަށް އަމަލުކުރެވެން ނެތް ކަމުގައި ދަންނަވަން. ސުޕްރީމް ކޯޓުން އެ މާއްދާ އުވާލާފައެއް ނުވޭ. މަޖިލީހުގެ ގަވާއިދުގައި އެ މާއްދާ އުވާލެވޭނީ މަޖިލީހުން ކަމަށްވާތީ މަޖިލީހުގެ ގަވާއިދުގެ 242 ގެ އެއް ވަނަ މާއްދާ އިތުރުކޮށްފައިވާ މާއްދާއަށް މި އިއްޒަތްތެރި މަޖިލީހުން ގޮތެއް ނިންމަވައި އުވާލަދިނުމުގެ މައްސަލަ މި މަޖިލީހަށް ގެންނަން،" އަސްލަމް ހުށަހެޅުއްވި އެވެ.

އާ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް ސަރުކާރަށް ނިސްބަތްވާ ހަތް މެމްބަރަކު މަޖިލީސް ގޮނޑި ދޫކޮށްލުމާއެކު، އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ރައީސް އަޒުލު ކުރެވޭ ގޮތް ފަސޭހަކޮށް ބޮޑެތި ބަދަލުތަކެއް ގެންނަން ފާސްކޮށްފަ އެވެ. ގަވާއިދަށް ގެނައި ބަދަލުގައި ވަނީ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ ދާއިރާއެއްގެ ގޮނޑި ދެން ނުގުނާ ގޮތަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.