އައްޑޫގައި ތިބި އިންޑިއާ ސިފައިން ގެންގޮސްފި

ޑިފެންސް މިނިސްޓްރީން ބުނީ ކަނޑައެޅި ތާރީހަށް އައްޑޫ ގައި ތިބި އިންޑިއާ ސިފައިން ފުރާފައިވާ ކަމަށެވެ. ހެލްކޮޕްޓަރު އޮޕަރޭޝަންގައި ދެން ތިބޭނީ އިންޑިއާގެ މަދަނީންގެ 26 މީހެއް ކަމަށެވެ.

އިންޑިއާ ސިފައިން އޮޕަރޭޓް ކުރާ ހެލްކޮޕްޓަރު: ދެން އޮޕަރޭޝަން ހިންގާނީ އިންޑިއާގެ މަދަނީން

އައްޑޫ ގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އެ ގައުމަށް އަނބުރާ ގެންގޮސްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އޭވިއޭޝަން ތިން ޕްލެޓްފޯމްގެ ތެރެއިން އެއް ޕްލެޓްފޯމް ގައި ތިބި އިންޑިއާ ސިފައިން މާޗް 10 ވަނަ ދުވަހު ގެންދިއުމަށް އޮތީ އެއްބަސް ވެފައެވެ. އެ އެއްބަސްވުމާއި އެއްގޮތަށް އައްޑޫ ސިޓީ ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލްކޮޕްޓަރު ދުއްވުމަށް ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލްކޮޕްޓަރު އޮޕަރޭޓް ކުރުމަށް އެ ގައުމުގެ ސިވިލިއަން ކުރޫއެއް މިދިޔަ މަހު ވަނީ ރާއްޖެ އައިސް ފައެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ކަނޑައެޅި ތާރީހަށް އައްޑޫ ގައި ތިބި އިންޑިއާ ސިފައިން ފުރާފައިވާ ކަމަށެވެ. އަދި ހެލްކޮޕްޓަރު އޮޕަރޭޝަންގައި ދެން ތިބޭނީ އިންޑިއާގެ މަދަނީންގެ 26 މީހެއް ކަމަށެވެ.

އައްޑޫގެ އިތުރުން ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ސްޓޭޝަން ކޮށްފައިވާ ދެ ޕްލެޓްފޯމް ގައި ތިބި އިންޑިއާގެ ސިފައިން 10 މެއިގެ ކުރީން ފޮނުވާލުމުގެ ކަންކަން އޮމާންކަމާ އެކު ފުރިހަމަކޮށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރިޔާސީ އިންތިހާބު ގައި ރައީސް މުއިއްޒު އެންމެ ގިނައިން ތަކުރާރު ކުރައްވާ -- އެންމެ ހަރުއަޑުން ވެވަޑައިގެންނެވި ވައުދުފުޅެވެ. އެ ވައުދުފުޅާއި އެއްގޮތަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަަމަ ދުވަހު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ދިނުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފައެވެ. އަދި ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ބައްދަލްވުމަށް ފަހު ދެ ގައުމުގެ އިސްވެރީންގެ މެދުގައި މަޝްވަރާތައް ފެށުމާ އެކު ސިފައިން ގެންގޮސް ނިންމަން ތާރީހެއް ވެސް ކަނޑައެޅި އެވެ.

ދިވެހި ސަރުކާރުން އެދިފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަހުގެ ކުރީން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ނިންމުމަށެވެ. ސަރުކާރުން ހޯދާފައިވާ މައުލޫމާތުތަކަށް ބިނާ ކޮށް ރައީސް އޮފީހުން ބުނީ އިންޑިއާ ސިފައިންގެ 88 މީހަކު ރާއްޖޭގައި އެެބަ ތިބި ކަމަށެވެ. އެއީ އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮޕަރޭޝަނަށް ރާއްޖޭގައި ގާއިމުވެ ތިބި 50 ސިފައިންނާއި އެ ނޫން އެކި ކަންކަމުގައި ރާއްޖޭގައި ތިބި ސިފައިންނެވެ.

އިންޑިއާގެ ހުރިހާ ނޫސްތަކެއް ގައި ހެން މިހާރު ބުނަނީ ރާއްޖޭގައި ތިބީ އެ ގައުމުގެ 80 ސިފައިން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.