ވާހަކަ

ނޭނގި ޔާރު ވަކިވީ - އެޕިސޯޑް 8

"ދެން ކޮން އިރަކު އަހަރެން ތިގެއަށް ގެންދާނީ؟ ކިހާ ދުވަހެއް ވާނެ މިކޮޅުގަ؟" ޝަރާ އެސުވާލު ކޮށްލީ ސީރިއަސް ކަމާއެކުގައެވެ.

- އެޕިސޯޑް 8 –

"ވަރަށް އަވަހަށް ގެންދާނަން.. އަހަރެން މިއަދު ގެއަށް ގޮސް މަންމަ ގާތު ޝަރާގެ ވާހަކަ ދައްކާނަން.. އަހަރެން ބޭނުން ވަނީ ވީ އެންމެ އަވަހަކަށް މެރީ ކުރަން.." އަޔާޒްގެ ހަތަރު ކަޅި އަމާޒު ވެފައިވަނީ ޝަރާގެ ދެލޮލަށެވެ. އެދެމީހުން އެކި ވާހަކަދައްކަން ކޮޓަރީގައި ތިބުމަށްފަހު އަޔާޒް ކޮޓަރިން ނުކުތީ ޝަރާއަށް ސަޕްރައިޒެއް މިއަދު ދޭނެ ކަމަށް ބުނަމުންނެވެ.

އަޔާޒް އާއި ޝަރާގެ ދެމެދުގައި އެއްވެސް ލޯބީގެ މަސްތީ ގުޅުމެއް ހިނގާފައެއް ނެތެވެ. ދެމީހުން ވެސް ބޭނުން ވެފައި އޮތީ ކައިވެނީގެ އަގުުމާތް ގުޅުމުން ގުޅިގެން ތިބެ، ހަލާލު ގޮތުގައި އެކަން ކުރާށެވެ. އެއީ އެންމެ ފުރިހަމަ ގޮތުގައި އެކަމުގެ އަރާމާއި ލައްޒަތު ލިބޭނެ ހަމައެކަނި މަގަށް ވެސް ވުމާއެކުގައެވެ. ޝަރާ އަކީ ދީނަށް ލޯބި ކުރާ ކުއްޖެއް ކަމުން، ޝަރާގެ ނިންމުން ތަކަށް ވެސް އަޔާޒް ވަރަށް އިޙްތިރާމް ކުރެއެވެ.

އަޔާޒް ދިޔުމާއެކުގައި ޝަރާ ވަނީ ފާޚާނާއަށެވެ. ފެންވަރާ ރީތިވެލައިގެން ޝަރާ ގުޅައިލީ އައިމިނަތަށެވެ. އަޔާޒްއާ ދިމާވި ވާހަކައާއި އަޔާޒްގެ ހެޔޮ ވާހަކަތަކުން ޝަރާ އޭނާގެ މަންމަ ކަމުގައި ބަލާ އައިމިނަތު އުފަލުން ހެއްވާލިއެވެ. ފޯނު ބާއްވަމުން ޝަރާ އެދުނީ އައިމިނަތު ވެސް މަޑުމަޑުން ދަތުރަށް ތައްޔާރު ވުމަށެވެ. ވަރަށް އަވަހަށް ކައިވެނި ކުރާނެކަން ބުނެލަމުންނެވެ.

ދުވާލުގެ ދަންފަޅި ނިމި ރޭގަނޑުގެ އަނދިރިކަމަށް ދުނިޔެ މަރުޙަބާ ކިޔައިފިއެވެ. ސިޓިންގރޫމްގައި ޒީމާ އިނީ ކެތްތެރިކަން ކޮޅުންލާން ގާތްވެފައެވެ. އަޔާޒްއާ ވާހަކަތައް ހިއްސާ ނުކުރެވި ހޭދަހާ ކޮންމެ ސިކުންތަކުން ޒީމާގެ ހިތަށް ދިޔައީ އުނދަގޫ އިޙްސާސްތަކެއް ވަމުންނެވެ. ޔޫސުފް ވެސް ގޭގައި ނޫޅޭ ވަގުތެއް ކަމުން މިއީ އެވާހަކަ ދައްކަން އެންމެ ރަނގަޅު ވަގުތު ކަމުގައި ޒީމާއަށް ވިސްނުނެވެ. ކުއްލިއަކަށް ސޯފާއިން ތެދުވެގެން ޒީމާ ގޮސް އަޔާޒްގެ ކޮޓަރީގެ ދޮރުގައި ޓަކި ދިނެވެ. އަޔާޒް ލަސްތަކެއް ނުވެ ދޮރު ހުޅުވާލިއެވެ.

އަޔާޒް ފެނުމާއެކުގައި ޒީމާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަޔާޒް ހުރީ ވަރަށް ބޮޑަށް ރީތިވެގެންނެވެ. ކޯޓެއް ލައިގެން ވަރަށް "އޮފިޝަލް" ގޮތަކަށެވެ. ޒީމާ މަޑުމަޑުން ކަޅި ހިންގާލީ ކޮޓަރިތެރެއަށެވެ. އެންމެ ފުރަތަމަ ވެސް ޒީމާގެ ލޮލުގައި އަޅައިގަތީ އެނދުމަތީގައި އޮތް ރަތް ފިނިފެންމަލުގެ މާ ބޮޑިއެކެވެ. މާބޮޑު ކައިރީގައި ކުޑަ ވަރެއްގެ ޕާރިސަލްއެއް އޮތެވެ.

"ތީ ކޮން ކަމެއް؟" ޒީމާ ހައިރާން ކަމާއެކުގައި އަހާލިއެވެ.

"މަންމަ ގާތުގަ މިވާހަކަ ދައްކަން މިއުޅެނީ.. ބައްޕަ އައީމަ ދައްކަން ކަމަށް މި މަޑުކޮށްލަނީ.." އަޔާޒްގެ މޫނުމަތިން ފެންނަނީ އިންތިހާއަށް އުފާވެރިކަމެވެ. ޒީމާގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. ދައްކަން އުޅެނީ ކޮން ވާހަކައެއް ކަން ޒީމާއަށް އެނގުން ފަދައެވެ.

"ކޮން ވާހަކައެއް؟" ވަރަށް އުނދަގުލުން ޒީމާއަށް އަހާލެވުނެވެ.

އަޔާޒް އޭނާގެ ދެއަތް ވައްޓާލީ ޒީމާގެ ކޮނޑަށެވެ. އެވަގުތު ވެސް އަޔާޒްގެ ތުންފަތުން ފެންނަމުން ދިޔައީ ފުޅާ ހިނިތުންވުމެކެވެ.

"މަންމަ ގާތު ބުނީމެއްނު؟ ކިޔެވުން ނިމިގެން އަންނަ ގޮތަށް މެރީ ކުރާނެ ވާހަކަ.. އެހެންވެ.. މަންމަމެން ވަރަށް ޤަބޫލު ވާނެ، ވަރަށް ލޯބި، ވަރަށް ރަނގަޅު ކުއްޖެއް އަހަރެން ހޯދައިފިން.. އަހަރެން ބޭނުން ވަނީ ވީ އެންމެ އަވަހަކަށް ޝަރާއާ މެރީ ކުރަން.." އަޔާޒްގެ ކޮންމެ ލަފުޒެއް ޒީމާއަށް ވީ ތޫނު ހަމަލާއަކަށެވެ. ޒީމާގެ ހަށިގަނޑު ކަފާލާފައި އެ ބަސްތައް އައިސް ތަތްލީ ސީދާ ޒީމާގެ ހިތުގެ އެންމެ ފުން މިނަށެވެ. ޒީމާއަކަށް އެވާހަކަތައް އަޑު އަހަން ފަސޭހައެއް ނުވިއެވެ.

ޒީމާ ވަގުތުން އަޔާޒްއާ ފުރަގަސް ދިނެވެ. ޒީމާގެ ލޮލުން އޭނާގެ އިޚުތިޔާރަކާ ނުލާ ފޭބި ކަރުނަތައް އަޔާޒަށް ސިއްރު ކުރުމަށެވެ. ލޮލުން ހޯސްލާފައި ފޭބި ކަރުނައާ އެކުގައި ޒީމާ އެތަން ދޫކޮށް ހިނގަގަތެވެ. އަވަސް ހިނގުމެއް ޒިމާ ވަނީ އޭނާގެ ކޮޓަރިއަށެވެ.

"މަންމާ.." 

އަޔާޒަށް ލިބުނީ ބޮޑު މާޔޫސް ކަމެކެވެ. އަޔާޒް ދިން އުފާވެރި ޚަބަރުން މަންމައަށް ވީގޮތް އަޔާޒަކަށް ނުވިސްނުނެވެ. ދޮރުގައި ދެތިން ފަހަރު ޓަކި ދިނުމުން ވެސް ޒީމާގެ އެއްވެސް ޚަބަރެއް ނުލިބުނެވެ. އެނދުމައްޗަށް ޖެހިގަނެގެން އޮވެ ޒީމާ ފެށީ ގިސްލާ ރޯންށެވެ. އޭނާ ދުށް ހުވަފެންތައް ބިލާހަކަށް ވުމުންނެވެ. ހަދާނެ ގޮތް ޒީމާއަށް ހުސްވިއެވެ. ނަޒީރާގެ ކުރިމަތީގައި ދައްކާނީ ކޮން މޫނެއްކަން ޒީމާއަށް ނޭނގި އޭނާ ބޮޑު ލަދެއްގައި ބެދުނީއެވެ. މިކަމުގައި ޔޫސުފްގެ އެއްބާރުލުން ނުލިބޭނަކަން ޒީމާއަށް ޔަޤީންވާތީ އެ ހިތްދަތިކަންވެސް ޒީމާގެ އިންތިހާއަށް އިތުރުވިއެވެ. ދޮރު ކައިރީގައި ވާނުވާ ނޭނގި ހުއްޓިގެން ހުރި އަޔާޒްގެ ކަންފަތުގައި އޭނާގެ މަންމަގެ ވޭނީ ގިސްލުމުގެ އަޑު ކިތަންމެހާ ވެސް ރީއްޗަށް އިވެމުން ދިޔައެވެ.

"މަންމާ.. އަޅެ މި ދޮރު ހުޅުވާލަބަލަ! ކިހިނެއްތަ ވީ މަންމާ... ކީއްވެ ތި ރޮނީ؟" ދޮރުގައި ޓަކި ޖަހަމުން އަޔާޒް ގޮވަމުން ދިޔައެވެ. ޒީމާ އޭނާގެ މޫނުމަތީގައި ބާލިސް އެޅިއެވެ. ރުއިމުގެ އަޑު ބޭރަށް ނުދާނެ ގޮތް ހެދުމުގެ ނިޔަތުގައެވެ. ޒީމާއަށް ވަނީ ވަރަށް އަސަރުކޮށްފައެވެ.

"ހަލޯ ބައްޕާ.. ގެއަށް އާދެވިދާނެތަ؟ ވަރަށް އަވަހަށް.." އަޔާޒް އޭނާގެ ބައްޕައަށް ގުޅީ، އެއްވެސް ގޮތަކުން ދޮރު ހުޅުވޭނެ އުއްމީދެއް ނެތުމުންނެވެ.

"އާނ. މިދަނީ"އޭ ބުނެ ޔޫސުފް މިސްރާބު ޖެހީ ގެއާ ދިމާލަށެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން ޔޫސުފަށް ޔަޤީން ވިއެވެ. (ނުނިމޭ)

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.