ރަނގަޅު ވަގުތު އެމްޕީއެލް މި ހުޅުވަނީ ރަނުގެ ދޮރެއް

މި ވިޔަފާރިއަށް އެމްޕީއެލް ނުކުންނަން ދިމާކުރި މި ވަގުތަކީ އެއާ ފްރައިޓުގެ ޑިމާންޑް މަތިވަމުންދާ ވަގުތެވެ. ވައިގެ މަގުން މުދާ ގެންނަން ޔޫރަޕުން އާދޭސް ކުރަމުން ދާ ވަގުތެކެވެ.

ވައިގެ މަގުން އުފުލަން ތައްޔާރުކޮށްފައިވާ ކާގޯ ޝިޕްމަންޓްތަކެއް

ރަތްގަނޑުގެ ހާލަތު ގޯސްވުމާއެކު ދުނިޔޭގެ ކަނޑުމަގުގެ ދަތުރުފަތުރަށް ބުރޫ އަރައިފި އެވެ. އިޒްލޭރުން ގާޒާއަށް ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ހޫތީން ފެށި ހަމަލާތަކާއެކު ރަތްކަނޑުން ދަތުރުކުރާ ކޮންޓެއިނަރު ބޯޓުފަހަރުގެ ދަތުރު ވަނީ ދިގުވެފަ އެވެ. މި ހަމަލާތަކުގެ ސަބަބުން ޔަމަނުގެ އައްސޭރީގައި އޮންނަ ބާބުލްމަންދަބު ހުރަސްކޮށް އާއްމުކޮށް ދަތުރުކުރާ އާގު ބޯޓު ފަހަރުގެ ދަތުރު މިވަނީ ދިގު ވެގެން ގޮސްފަ އެވެ. މިކަންވެގެން ގޮސްފައިވަނީ ކަނޑުގެ މަގުން މުދާ އުފުލުމުގެ އަގު އުފުލި މި ވިޔަފާރި އަށް ބުރޫ އެރި ކަމަކަށެވެ. ހާއްސަކޮށް އޭޝިއާ އިން މުދާ ޔޫރަޕަށް މުދާ ގެންދާ އުޅަނދު ފަހަރުގެ މަގު ދިގުވެގެން ދިއުމާއެކު މި މުދާ އުފުލޭނެ އެހެން ގޮތެއް މިހާރު ވަނީ ހޯދަން ފަށާފަ އެވެ. މި ގޮތުން މިހާރު އެންމެ ބޮޑަށް ވަރުގަދަ ވެގެން ދަނީ ވައިގެ މަގުން މުދާ އުފުލުން ނުވަތަ ގްލޯބަލް އެެއާކާގޯ ހިދުމަތް ވަނީ ފުޅާވަމުންނެވެ. މިވަގުތު ރާއްޖޭން މިވަނީ މި ވިޔަފާރީގެ ތެރެއަށް ނުކުންނަން ފައިދަމާލާފަ އެވެ. މިކަމުގައި އިސްނެގީ ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ހިންގާ ކުންފުނި، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއެލް) އެވެ. އެ ކުންފުނީގެ އާ އެމްޑީ މުހައްމަދު ވަހީޖު އިބްރާހިމްގެ އިރުޝާދުގެ ދަށުން ސީ ޓުއެއާ ކާގޯ ފަށަން މިހާރު ވަނީ ޓްރަޔަލްއެއް ޖައްސާފަ އެވެ. މިކަން މި ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވަނީ ރަނގަޅު ފެށުމެއްގެ ގޮތުގަ އެވެ. 

"ރާއްޖެ އަށް ރަނގަޅު ކަމެއް މިއީ. މިވަގުތު ސަރުކާރު ކުންފުންޏަކުން ފަށަން ރަނގަޅު ވިޔަފާރިއެއް ކަމަށް ބެލެވޭ. ރާއްޖެ އަށް މިކަމުން އެޑްވާންޓޭޖްތަކެއް ނެގިދާނެ،" ރާއްޖެ އަށް އެއާ ކާގޯގެ ހިދުމަތްދޭ އޭސް އޭވިއޭޝަންގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވި އެވެ. 

މި ދާއިރާގެ ގިނަ އެކްސްޕާޓުން ގަބޫލު ކުރަނީ މި ވިޔަފާރިއަކީ ރާއްޖެ އަށް ވަންނަން ޖެހޭ ވިޔަފާރި އެކެވެ. މި ކަމަކީ ފަށައިފިގެން ރަނގަޅު ސްކޯޕެއްގައި ކުރި އަށް ގެންދެވިދާނެ ވިޔަފާރި އެކެވެ. ސަބަބަކީ މީގެ ކުރިން ވެސް މި ވިޔަފާރީގައި އުޅޭ ދުނިޔޭގެ ބޮޑެތި ގިނަ ކުންފުނި ތަކުން މިކަން ކުރަން ރާއްޖޭގައި އެދިފައިވުމެވެ. އެކަމަކު މިކަން އޭރު ނުފެށި އޮތީ ކަން ކުރާނެ ސިކުނޑިއަކާއި އެކަމަށް ވަށައި ޖެހޭ ގޮތަށް މުޅި ސަރުކާރުން މަސައްކަތް ކުރާނެ ވިސްނުމެއް ނެތުމެވެ. އެކަމަކު މިހާރު އެ މަސައްކަތް މިވަނީ ފުލް ސްކޭލްގައި ފަށަން އެމްޕީއެލް އިން ތައްޔާރުވެފަ އެވެ. 

މިކަމަކީ އެމްޕީއެލްއިން ފެށި ނަމަވެސް ހަމައެކަނި އެ ކުންފުނީގެ އޮޕަރޭޝަނެއް ނޫނެވެ. މި ވިޔަފާރީގެ ފައިދާ މައި އެއާޕޯޓް ބަލަހައްޓާ އެމްއޭސީއެލް އަށް ވެސް ލިބޭނެ އެވެ. މިއީ އެ ކުންފުނީގެ އާމްދަނީ އަށް ވެސް ހެޔޮ ފައިދާ ކުރާނެ ބޮޑު ވިޔަފާރި އަކަށް ވާނެ އެވެ. މި ވިޔަފާރިއަކީ ރާއްޖެއަށް ބޭރު ފައިސާ ވަންނަ މައި ދޮރަކަށް ހެދޭނެ އެވެ.  ސީޓު އެއާ ޓްރާންޝިޕްމަންޓް ވިޔަފާރި އަށް އެމްޕީއެލްއިން ނުކުނަން މުދާ ފޮނުވައިދޭނެ ޓެރިފް ނުވަތަ އަގުތަކެއް އެ ކުންފުނިން އަދި ހާމައެއް ނުކުރެ އެވެ.  

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް: ހިދުމަތް ކުރައްވާ ކާމިޔާބީއާ ހަމައަށް ވަޑައިގަތުމަށް ދިގު ދަތުރެއް ކުރެއްވެވި ހާއްސަަ ބޭފުޅެއް

ރާއްޖެ އަންނަ ކޮންޓެއިނަރުގައި ހުންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ފޮނުވުމުގެ ވިޔަފާރި އަށް ނުކުންނަަން ތައްޔާރުވާ އެމްޕީއެލްގެ އެމްޑީ / ސީއީއޯ ވަޖީހު ވިދާޅުވި ގޮތުގައި މީގެ ކުރިން ވެސް ޓާކިޝް އެއާލައިނުން ރާއްޖޭން މި ވިޔަފާރިއަށް ވަންނަން އެދުނު ކަމަށާ، ނަަމަވެސް އޭރު އެކަމާ ސަރުކާރުން އިޖާބަ ދީފައިނުވާ ކަމަށެވެ. 

"ކުރިން އިޖާބަ ނުދީގެން މިކަން ނުވެ އޮތީ. އެކަމަކު އަޅުގަނޑުމެން މިކަން މި ފަށަނީ،. މިއީ ޑޮލަރުން އާމްދަނީ ލިބޭނެ ރަނގަޅު ވިޔަފާރިއަކަށް ވާނެ،" ވަޖީހު ވިދާޅުވި އެވެ. 

ސުވާލަކީ ޓާކިޝް އެއާލައިން ފަދަ ދުނިޔޭގެ އެއާކާގޯގައި މަޝްހޫރު އެއާލައިން އަކުން މި ހިދުމަތަށް ރާއްޖޭގައި އެދުނު ސަބަބަކީ ކޮބައި ހެއްޔެވެ ؟ މިކަމުގައި ފޮރުވިފައި ކޮންމެ ވެސް ހަގީގަތް ތަކެއް ވާނެ އެވެ. މިކަން އެނގެނީ މި ސަރަހައްދުގެ ވިޔަފާރީގެ ރޫޓް ކުރެހިފައި އޮތް ގޮތަށް ބަލައިލުމުންނެވެ. މި ސަރަހައްދުގެ އެކްސްޕޯޓުގެ މައި ފެކްޓްރީތައް ހުރީ އަވަށްޓެރި އިންޑިއާ އާއި ބަންގްލަދޭޝްގަ އެވެ. ހާއްސަކޮށް ގަންގާޅަކީ އަންނައުނުގެ މައި ފެކްޓްރީ އެވެ. އެ ގައުމުން އަހަރަކު 25 ބިލިއަން ޑޮލަރުގެ މުދާ ޔޫރަޕަށް އެކްސްޕޯޓް ކުރެ އެވެ. ނަމަވެސް މިހާރު ރަތްކަނޑުގެ މަސްރަހު ގޯސްވުމާއެކު މި މުދާ ގެންދިއުމުގެ މަގު ދިގުވެ ވަނީ އަގު ބޮޑުވެފަ އެވެ. ކުރިން ކުރު މަގުން ގެންދެވޭ މުދާ މިހާރު ޔޫރަޕަށް އުފުލާނަމަ 10 ދުވަސް އިތުރުވެ އެވެ.  

އަނެއްކާ މި ރަތްކަނޑުގެ މައްސަލާގައި އެއާކާގޯގެ ވިޔަފާރީގައި އޮތް ޑިމާންޑުވެސް ދުނިޔޭގައި ވަނީ އުފުލެން ފަށާފަ އެވެ. ލޯބަލް އެއާ ކާގޯ މާކެޓުގެ މިހާރު ވަނީ ހައިރާން ކުރުވަނިވި ގޮތަކަަށް މި އަހަރު ކުރިއަރަން ފަށާފަ އެވެ. މިދިޔަ މަހަށް ބަލާއިރު ލޮޖިސްޓިކް އަޕްޑޭޓްސް އެފްރިކާގެ ސްޓެޓިސްޓިކްސްތައް ދައްކާ ގޮތުގައި މުދާ އުފުލުމުގެ ވިޔަފާރި ވަނީ ދެ އަކުރުގެ ކުރިއެރުމެއްގަ އެވެ. މިއާއެކު މުދާ އުފުލުމުގެ އަގުވެސް ޑިމާންޑާ އެއްވަރަށް މައްޗަށް ޖެހިލައި ކިލޯއަކަށް 2.29 ޑޮލަރަށް ވަނީ އުފުލިފަ އެވެ. 


މި ބަދަލާއެކު ޔޫރަޕަށް މުދާ ފޮނުވޭނެ އެހެން ގޮތް ތަކެއް ބޮޑެތި ކާގޯ އެއާލައިންތަކުން ދަނީ ބަލަމުންނެވެ. މިކަމުގެ ތެރެއަށް ވަނީ ދުނިޔޭގެ ބޮޑެތި އެއާލައިން ތަކުން ވަންނަން ފަށާފަ އެވެ. މި އެއާލައިން ތަކުން ވަނީ ދުނިޔޭގައި މުދާ މަޑުކުރާ މުހިންމު ލޮކޭޝަންތަކުން ރަނގަޅު ރޭޓާއި ހިދުމަތް ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. މި ސަރަހައްދަށް ބަލާއިރު ވިޔަފާރި މުދާ މަޑުކުރާ އެންމެ މުހިންމު އެއް ޕޮއިންޓަކީ ސްރީލަންކާ ޕޯޓެވެ. އެކަމަކު އެ ގައުމަށް އޮތް ޑިސްއެޑްވާންޓޭޖަކީ ކަނެކްޓިވިޓީ އެކަށީގެންްވާ ގޮތެއްގައި ނެތުމެވެ. އެ އެޑްވާންޑޭޖް އޮތި ރާއްޖެ އަށެވެ. އެހެންވެ ލަންކާ ޕޯޓަށް ބަންގާޅުން އަންނަ އެތައް ކޮންޓެއިނާއެއް މިހާރު ވެސް އެތަނުގައި ނުގެންދެވި އެބަ ހުއްޓެވެ. މި ފުރުސަތު ރާއްޖެއަށް ފަހިވަނީ މިހެންވެ އެވެ. ސަބަބަކީ ރާއްޖެއަކީ މި ސަރަހައްދުގައި އޮތް ޔޫރަޕަށް އެންމެ ގިނަ ކަނެކްޓިވިޓީ އޮތް މަންޒިލަށްވުމެވެ.  އެކަމަކު މިހާތަނަށް ރާއްޖޭގައި ނެތީ މިކަން ކުރެބޭނެ ވަސީލްތަކާއި އެކަން ކުރާނެ ވިސްނުމެކެވެ. 

ޔޫރަޕަށް އޭޝިއާ އިން މުދާ އެކްސްޕޯޓް ކުރަން މިހާރު ދަތުރު ކުރަން ޖެހޭ ދިގު މަގު

އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވި ގޮތުގައި މި ވަގުތު ވެސް 100 ކޮންޓެއިނަރުގެ މުދާ ރާއްޖޭން ވައިގެ މަގުން ޓްރާންޝިޓް ކުރަން އެދިފައި އެބައޮތެވެ. އެކަން އެމްޕީއެލްއަށް ކުރެވޭނެ އެންމެ ރަނގަޅު ގޮތެއް ބަލަމުންދާ ކަމަށް ސީއީއޯ ވިދާޅުވި އެވެ. 

ރާއްޖެ އަށް ޔޫރަޕުން ގިނަ ކަކެންޓިވިޓީ ތަކެއް އޮތްއިރު ރާއްޖެ އަންނަ ގިނަ އެއާލައިންތަކަކީ ކާގޯގެ ވިޔަފާރީގައި ވެސް ދުނިޔޭގައި އެންމެ ފުންނާނުއުސް އެއާލައިން ތަކެވެ. ރާއްޖެ އަންނަ ބައެއް އެއާލައިން ތަކުން ހާއްސަކޮށް ކާގޯގެ ހިދުމަތައް ވަކިން ބޯޓު ބޭނުން ކުރެ އެވެ. މިފަދަ އެއް އެއާލައިންއަކީ ޓާކިޝް ކާގޯ އެވެ. 

ރާއްޖެ އަންނަ މަޝްހޫރު ކާގޯ އެއާލައިންތައް

  •  ގަތަރު އެއާވޭސް
  •  އެމިރޭޓްސް
  •  ޓާކިޝް އެއާލައިންސް
  •  ޗައިނާ ސަދަން އެއާލައިން
  •  ސިންގަޕޫރު އެއާލައިން
  •  ކޮރެއަން އެއާ

މި ނޫން ވެސް އެއާލައިންތައް ކަމަށްވާ ޑީއެޗްއެލް އާއި ޕެޑެރަލް އެކްސްޕްރެސް އަދި އެޓްރަލްސް އެއާ ފަދަ އެއާލައިންތަކަކީ މިފަދަ ވިޔަފާރިއެއް ފުޅާކޮށް ފިނަމަ ރާއްޖެ އަށް ގެނެވިދާނެ އެއާލައިންތަކެވެ. 

ވީއައިއޭގެ އާ ކާގޯ ޓާމިނަލް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭން އުފުލާނެ މުދާ ނުލިބުމަކީ އެއާލައިންތަކުގެ ޝަކުވާއެއް ކަމަށެވެ.

"ރާއްޖެ އަންނަ އެއާލައިންތަކަށް ގެންދާނެ މުދާ ލިބުމަކީ ރާއްޖޭގެ އިކޮނޮމީ އެހެން ހަރުފަތަކަށް ދާން ހުޅުވޭނެ ފުރުސަތެއް. ސަރުކާރުން ވީއައިއޭގެ ތިންވަނަ މަޝްރޫއެއް ފެށުމުގެ މަގުސަދަކީ ވެސް މިއީ،" ސައީދު ވިދާޅުވި އެވެ. 

ވީއައިއޭގެ އިންޓަނޭޝަނަލް އާ ކާގޯ ޓާމިނަލް ރަސްމީކޮށް ހުޅުވުން: ވައިގެ މަގުން އުފުލާ ކާގޯގެ ހިދުމަތް 50 ޕަސެންޓް ފުޅާ ވެގެންދާނެ

ރާއްޖެ ޓްރާންޝިޕްމަންޓް ކާގޯގެ ހިދުމަތަށް ފުރުސަތު ފަހި ވެގެން ގޮސްފައި މިވަނީ އަލަށް ހުޅުވި ކާގޯ ޓާމިނަލްގެ ސަބަބުނެވެ. ވީއައިއޭގައި ދާދިފަހުން ހުޅުވި އިންޓަނޭޝަނަލް އާ ކާގޯ ޓާމިނަލްއާއެކު ކާގޯ ހޭންޑިލް ކެޕޭސިޓީ މިވަނީ 50 ޕަސެންޓް އިތުރުވެފަ އެވެ. މިހާރުގެ ކާގޯ ޓާމިނަލަށް ވުރެ ގިނަ ވަސީލަތްތައް ވެސް ހުންނާނެ އެވެ. އެ ސަރަހައްދުގެ ފަޅުން ބޮޑު ބައެއް ހިއްކައި އެ ސަރަހައްދުގައި އޮޓަމެޓިކް ކެރޭނު ތަކެއް ވެސް ބަހައްޓާނެ އެވެ. ކާގޯ ޓާމިނަލް މަސައްކަތް ކުރަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) ކުންފުނިން 373 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.7 ބިލިއަން ރުފިޔާ) އަށެވެ.

އިންޓަނޭޝަނަލް އާ ކާގޯ ޓާމިނަލް

  •  ޓާމިނަލްގެ ބިންގާ އެޅީ 2018 ވަނަ އަހަރު
  •  މަސައްކަތުގެ އަގަކީ 373 މިލިއަން ޑޮލަރު
  •  މިހާރަށް ވުރެ ހިދުމަތް 50 ގުނަ އިތުރުވާނެ
  •  އެއްފަހަރާ 12،0000 މެޓްރިކް ޓަނުގެ ކާގޯ ރައްކާ ކުރެވޭނެ
  •  ކުރިއަށް އޮތް 10 އަހަރަށްވާ ކެޕޭސިޓީ
  •  މުޅިން އާ ގިނަ އިކްއިމްޕަމްޓްތަކެއް ހުންނާނެ
  •  ތިމާވެއްޓާ ރަހުމަތްތެރި ފީޗާތަކެއް
  •  ހަތަރު އޮޓަމެޓިކް ކްރޭން ހުންނާނެ
  •  އާ ޓާމިނަލްގައި ފަސް އެކްސްރޭ މެޝިން ހުންނާނެ

މިއާއެކު ސަރުކާރުން ވަނީ ޓްރާންޝިޕްމަންޓް ކާގޯ އާއި އިތުރު ހިދުމަތްތަކަށް ހާއްސަކޮށް އެއާޕޯޓް ތިންވަނަ މަޝްރޫއު ފަށަން ނިންމާފަ އެވެ. ވީއައިއޭ ތަރައްގީ ކުރުމަށް މިހާރު ކުރިއަށްދާ މަޝްރޫއު 2025 ގައި ނިމޭނެ ކަމަށް ބެލެވިފައިވާއިރު، އެއާޕޯޓް ތަރައްގީ ކުރުމުގެ އާ މަޝްރޫއެއް ސަރުކާރުން ވަނީ އިއުލާނު ކޮށްފަ އެވެ. މި މަޝްރޫއުގެ މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ ވީއައިއޭ ތަރައްގީ ކުރުމުގެ އާ މަޝްރޫއު ވެގެންދާނީ ކުރިއަށް އޮތް 20 އަހަރު ދުވަހަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އަށް ތަރައްގީ ކުރާ ތަނެއްގެ ގޮތުގައި ކަމަށެވެ. މިތަނުގައި ކާގޯ ޓާމިނަލް 100،000 މެޓްރިކްޓަނުން 300،000 މަތިވާނެ އެވެ. 

މިކަމަށް މަގު ކޮށެމުންދާ ވަގުތެއްގައި ވަގުތުގެ ފައިދާ ނަގައި އެމްޕީއެލްއިން މިވަނި އާ ދޮރެއް ހުޅުވަން ތައްޔާރުވެފަ އެވެ. އެކަމަކު މިކަމަކީ ރަނގަޅު ވިސްނުމާއި އިހުލާސްތެރި ނިޔަތެއްގައި ކޮށްފިނަމަ ކިތަންމެހާވެސް ރާއްޖެއަށް ފައިދާހުރި ވިޔަފާރިއަކަށްވާނެ އެވެ. މިކަމުގެ ސަބަބުން އާ އެތައް ވަޒީފާއެއް އުފެދިގެންދާނެ އެވެ. ރާއްޖެއަށް ބޭރު ފައިސާ ވަންނާނެ އާދޮރެއް ހުޅުވިގެންދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.