ރާއްޖެ އަންނަ ކޮންޓެއިނަރު ވައިގެ މަގުން ބޭރު ކުރުމުގެ އަގު ބޮޑު ވިޔަފާރިއަށް އެމްޕީއެލް

މި ވިޔަފާރި ފަށަން ޓާކިޝްއެއާލައިން އާއި އެމްޕީއެލްއިން ވަނީ މަޝްވަރާ ފަށާފަ އެވެ. މިވަގުތުވެސް 100 އެއްހާ ކޮންޓެއިނަރު ރާއްޖޭން ޔޫރަޕަށް ފޮނުވިދާނެ ކަމަށް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.

އެމްޕީއެލް ސީއީއޯ ވަޖީހު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ -- ޔާމީން މުހައްމަދު

ރާއްޖެ އަންނަ ކޮންޓެއިނަރުގަ ހުންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އުފުލުމަށްދޭ، ޓްރާންޝިޕްމަންޓް ކާގޯގެ ވިޔަފާރި އަށް އެމްޕީއެލް އިން ވަންނަން ތައްޔާރު ވެއްޖެ އެވެ. 

ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ބަލަހައްޓާ އެމްޕީއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ / އެމްޑީ މުހައްމަދު ވަހީޖު އިބްރާހިމް ވިދާޅުވި ގޮތުގައި އެ ކުންފުންޏަށް އާމްދަނީ އިތުރަށް ހޯދައިދީ ރާއްޖެ އަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން ފަށާ މި ވިޔަފާރިއަކީ ކަނޑުމަގުން އަންނަ ކޮންޓެއިނަރު ދުނިޔޭގެ އެކި ގައުމުތަކަށް ވައިގެ މަގުން ފޮނުވައި ދިނުމުގެ ވިޔަފާރި އެކެވެ. 

މި ވިޔަފާރި އަށް އެމްޕީއެލް ވަނުމުގެ ގޮތުން ކޮންޓެއިނަރު ގެންދިއުމުގެ ޓްރައިލްއެއް ވެސް އެ ކުންފުނިން މިހާރު ވަނީ ޖައްސާފަ އެވެ. މި ވިޔަފާރި އެ ކުންފުނިން ކުރާނީ އެމްޕީއެލްގެ ކޮންޓެއިނަރު އެއްގަމު މަގުން ނުވަތަ ބާޖެއްގައި ހުޅުލެއަށް ގެންގޮސްގެންނެވެ. 

ސީއީއޯ ވަޖީހު ވިދާޅުވީ މި ވިޔަފާރިއަށް އެ ކުންފުނިން ވަންނަން ނިންމީ މި ކަމަކީ ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން އެދެމުން އަންނަ ކަމަށްވާތީ އެކަމަށް ދިރާސާތައް ކުރުމަށްފަހު އެވެ. 

"އަޅުގަނޑުމެންނާ ޓާކިޝް އެއާލައިނުން ވެސް އެބައޮތް ވާހަކަ ދައްކާފަ. ޓްރާންޝިޕްމަންޓް މި ވިޔަފާރި ފަށަން. އެ ބޭފުޅުން މީގެ ކުރިން ވެސް އެމްޕީއެލްއާ ވާހަކަ ދެއްކި ކަމަށްވަނީ. އެކަމަށް އެކަމަށް މާބޮޑު އިޖާބައެއް ނުދިނުމުން އެކަން ނުވެ އޮތީ،" ވަޖީހު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ޓާކިޝް އެއާލައިނުން ބުނެފައިވާ ގޮތުގައި މިވަގުތުވެސް 100 އެއްހާ ކޮންޓެއިނަރު ރާއްޖޭން ޓްރާންޝިޕްމަންޓް ކުރަން ތައްޔާރަށް އެބަހުރި ކަމަށެވެ. 

"މިއީ ވަރަށް ގިނަ ޔޫއެސްޑީ (ޑޮލަރު) ރާއްޖެ އަށް ލިބޭނެ ވިޔަފާރިއެއްގެ ވާހަކަ. ވަރަށް އަވަހަށް އެކަން ވެސް ފެށިގެންދާނެ،" ވަޖީހު ވިދާޅުވި އެވެ. 

މިއީ ވަރަށް ގިނަ ޔޫއެސްޑީ (ޑޮލަރު) ރާއްޖެ އަށް ލިބޭނެ ވިޔަފާރިއެއްގެ ވާހަކަ. ވަރަށް އަވަހަށް އެކަން ވެސް ފެށިގެންދާނެ

ކިހިނެއް ހިނގާ ވިޔަފާރިއެއް ؟ - ސީ ޓު އެއާ ގާކޯ ޓްރާންޝިޕްމަންޓް ވިޔަފާރިއަކީ ކަނޑުމަގުން އަންނަ މުދާ ވައިގެ މަގުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮނުވުމުގެ ވިޔަފާރި އެވެ. މިކަމަކީ ކަނޑުމަގުން ޔޫރަޕަށް މުދާ ގެންދިއުމަށްވުރެ ބޮޑުތަކުން ހެޔޮ ފީސިބަލް އަދި އެއާލައިންތަކަށް ފައިދާވެސް ބޮޑު ކަމެކެވެ. ހާއްސަކޮށް ރާއްޖެފަދަ ގިނަ އެއާލައިންތަކެއް އަންނަ ގައުމުތަކަށް ކުރެވިދާނެ ވިޔަފާރިއެކެވެ. 

ރާއްޖެ އަންނަ އެއާލައިންތައް ރާއްޖޭން ދާއިރު ގެންދާނެ މުދާ ނުލިބުމަކީ އެއާލައިންތަކުން ކުރާ ޝަކުވާ އެކެވެ. މިހާރު އާއްމުި ގޮތެއްގައި ވައިގެ މަގުން ގެންދަނީ ރާއްޖޭން އެކްސްޕޯޓް ކުރާ މަސް އެކަންޏެވެ. ވައިގެ މަގުން ޓްރާންސިޕްމަންޓް ވިޔަފާރި ފުޅާ ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެކަން ކުރުމަށްޓަކައި ސަރުކާރުން ވަނީ ވީއައިއޭ ތަރަައްގީ ކުރުމުގެ ތިންވަނަ ފިޔަވައްސެއް ފައްޓަން ނިންމާފަ އެވެ. މި މަޝްރޫއުގެ އަމާޒަކީ ވައިގެ މަގުން މުދާ ގެންދާ ޓްރާންޝިޕްމަންޓް ބަނދަރަކަށް ރާއްޖެ ހެދުމެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.