މައުމޫންގެ ލިޔުއްވުމެއް؛ އޮނަތިރީސް - ތިރީސް

ހިސާބުތަކުން އެނގޭގޮތުގައި، މި ޝަޢުބާން މަސް ވެގެންދާނީ (މާތް ﷲ ގެ އިރާދަފުޅާއެކު) އޮނަތިރީސް ދުވަހުގެ މަހަކަށެވެ. އަދި ކުރިޔަށް އޮތް ރަމަޟާން މަހުގެ އެއްވަނަ ދުވަހަށް ވާނީ މި ހިނގާ މާރިޗު މަހުގެ 11 ވަނަ ދުވަހެވެ.

ހަނދުމަހަކީ، ދުނިޔޭގެ ވަށައިގެން ހަނދު ދައުރުކުރަމުންދާ ދިޔުމުގައި ބުރެއްޖެހުމަށް ހޭދަވާ މުއްދަތެވެ. އެއީ، އޮނަތިރީސް ދުވަހާއި ބައި ދުވަހެވެ. ބަރާބަރަށް ދަންނަވާނަމަ، އޮނަތިރީސް ދުވަހާއި، ބާރަ ގަޑިއިރާއި، ސާޅީސް ހަތަރު މިނެޓާއި، ދެ ސިކުންތެވެ. އެހެންކަމުން، އެއްހަނދުމަހެއްގައި ތިރީސް ދުވަސް ހަމަވެއްޖެނަމަ، ޖެހިގެން އަންނަ މަހުގައި ވާނީ އޮނަތިރީސް ދުވަހެވެ. އަދި އެއްމަހެއްގައި އޮނަތިރީސް ދުވަސް ވުމަށްފަހު ވިދިގެން އަންނަރޭ ހަނދު ނުފެނިއްޖެނަމަ، އެ މަހުގައި ވާނީ ތިރީސް ދުވަހެވެ.

މި ދެންނެވީ ޢާންމު ގޮތެއްގައި ކަންހިނގަމުން ދާނެ، ނުވަތަ ކަންހިނގަމުން ދާ އުޞޫލެވެ. މި އުޞޫލާ ޚިލާފަށް، މަދު ފަހަރެއްގައި ވިދިވިދިގެން ދެމަހެއްގައި އޮނަތިރީސް ދުވަސް ވެދާނެއެވެ. ނުވަތަ ތިރީސް ދުވަސް ވެދާނެއެވެ.

މި އަހަރުގެ ޝަޢުބާން މަހާއި ރަމަޟާން މަހަށް ބަލާއިރު، ފަލަކީ ހިސާބުން ދައްކާ ގޮތުގައި، މި ޝަޢުބާން މަސް ވާނީ އޮނަތިރީސް ދުވަހުގެ މަހަކަށެވެ. އަދި ކުރިޔަށް އޮތް ރަމަޟާން މަސް ވާނީ ތިރީސް ދުވަހުގެ މަހަކަށެވެ.

ތަންކޮޅެއް ތަފްސީލުކޮށް ދަންނަވާލާނަމެވެ. މިޝަޢުބާން މަހުގެ އޮނަތިރީސް ވަނަ ދުވަހަކީ، މި ހިނގާ މާރިޗު މަހުގެ 10 ވަނަ ދުވަހެވެ. އެދުވަހު މާލެއަށް އިރުއޮއްސޭ ގަޑިއަކީ 18:18 އެވެ. ހަނދު އޮއްސޭ ގަޑިއަކީ 18:26 އެވެ. ވީމާ، އިރުއޮއްސުމަށްފަހު ހަނދު ނޯއްސި އުދަރެހުގައި 8 މިނެޓު ހުންނާނެއެވެ. މައްކާއަށް ބަލާއިރު، އެދުވަހު އިރުއޮއްސެނީ 18:28 ގައެވެ. ހަނދު އޮއްސެނީ 18:41 ގައެވެ. މާނަޔަކީ، އިރުއޮއްސުމަށްފަހު، 13 މިނެޓު ހަނދު ނޯއްސި ހުންނާނެއެވެ. ޤާހިރާއަށް، އެދުވަހު އިރުއޮއްސެނީ 18:00 ގައެވެ. ހަނދު އޮއްސެނީ 18:14 ގައެވެ. ވީމާ، އިރުއޮއްސުމަށްފަހު ހަނދު ނޯއްސި 14 މިނެޓު ހުންނާނެއެވެ. އިންޑޮނީޝިޔާގެ ޖަކާޓާއަށް އެދުވަހު އިރުއޮއްސެނީ 18:07 ގައެވެ. ހަނދު އޮއްސެނީ 18:12 ގައެވެ. ތުރުކީ ވިލާތުގެ އިސްތަންބޫލަށް އިރުއޮއްސެނީ 19:05 ގައެވެ. އަދި ހަނދު އޮއްސެނީ 19:19 ގައެވެ. މޮރޮކޯގެ ރަބާޠަށް އިރުއޮއްސެނީ 18:31 ގައެވެ. ހަނދު އޮއްސެނީ 18:52 ގައެވެ. ސައުތު އެފްރިކާގެ ކޭޕްޓައުނަށް އިރުއޮއްސެނީ 19:10 ގައެވެ. ހަނދު އޮއްސެނީ 19:25 ގައެވެ. އާޖެންޓީނާގެ ބުއެނޮސް އެއާރީޒް އަށް އިރުއޮއްސެނީ 19:17 ގައެވެ. ހަނދު އޮއްސެނީ 19:39 ގައެވެ.

މިދެންނެވި ގަޑިތަކަކީ އަޅުގަނޑު އަމިއްލަޔަށް ހިސާބުކޮށްގެން ހޯދާފައިވާ ގަޑިތަކެއް ނޫނެވެ. އެއީ، ކަމާބެހޭ އިތުބާރުހުރި މަސްދަރުތަކުން އަޅުގަނޑު ހޯދާފައިވާ ގަޑިތަކެކެވެ. މިދެންނެވި ހިސާބުތަކުން އެނގޭގޮތުގައި، މި ޝަޢުބާން މަސް ވެގެންދާނީ (މާތް ﷲ ގެ އިރާދަފުޅާއެކު) އޮނަތިރީސް ދުވަހުގެ މަހަކަށެވެ. އަދި ކުރިޔަށް އޮތް ރަމަޟާން މަހުގެ އެއްވަނަ ދުވަހަށް ވާނީ މި ހިނގާ މާރިޗު މަހުގެ 11 ވަނަ ދުވަހެވެ.

އާދޭހެވެ! ފަލަކީ ހިސާބުން ދައްކާގޮތުގައި، އަންނަ ރަމަޟާން މަސް ވެގެން ދާނީ ތިރީސް ދުވަހުގެ މަހަކަށެވެ. މި ޝަޢުބާން މަހަކީ، އޮނަތިރީސް ދުވަހުގެ މަހަކަށްވާތީ، އެ މަހާ ވިދިގެން ތިރީސް ދުވަހުގެ މަހެއް އައުމަކީ އާދަވެގެން ކަން ހިނގާ އުޞޫލެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.