"ބަޔަކު ހިތްދަތި ވިޔަސް 10 އަހަރު ރައީސަށް ދޭން ޖެހޭ"

"އަޅުގަނޑުމެން އަމާޒު ހިފާފަ މިހިރީ ހިތްދަތިވާ ބަޔަކު ހިތްދަތި ވިޔަސް 10 އަހަރު ރައީސް މުއިއްޒަށް މިގައުމުގެ ވެރިކަން ކުރުމުގެ ފުރުސަތު ހޯދައިދޭން. ފަސް އަހަރު ދުވަހަކުން ރާއްޖެ ވެއްޓިފައި އޮތް ވަޅުގަނޑަކުން އަރައެއް ނުގަނެވޭނެ،"

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް، އަބްދުއްރަހީމް އަބްދުﷲ --

ކޮންމެ ބަޔަކު ހިތްދަތިވި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ތަންފީޒު ކުރަން 10 އަހަރު ވެރިކަން ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ހޯދައިދޭން ޖެހޭނެ ކަމަށް ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސްއާއެކު މިއަދު ކ. ގުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ސަރުކާރު އައިތާ ތިން މަސް ނުވަނީސް ސަރުކާރާ ދެކޮޅަށް ބަޔަކު ނުކުމެ ފިތުނަ އުފައްދަން ފަށާފައިވާ ކަމަށެވެ.

ސިޔާސީ ވުމުގެ ނަމުގައި އެމަނިކުފާނާ ޒާތީ ގޮތުން ބަޔަކު ޖެހިގަނެ، އަބުރު ކަތިލަމުންދާ ކަމަށް ތުހުމަތު ކުރެއްވި އެވެ. އަބްދުއްރަހީމް ނުސީދާކޮށް ބަހުގެ ހަމަލާތަކެއް އަމާޒު ކުރެއްްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ އެންމެ އަރިސް ޑރ. މުހައްމަދު ޖަމީލަށެވެ.

"ސިޔާސީ ގޮތުން ހިޔާލުތަފާތުވުމަކީ މީހުންގެ ޒާތަށް އަރައިގަނެ، މީހުންގެ އަބުރު ކަތިލާ، އެމީހެއްގެ ކޮނޑުގަ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކުރުމެއް ނެތި އިލްޒާމް އަޅުވަމުން ގެންދިއުމެއް ނޫން. އެކަން އެގޮތަށް ކުރަންޏާ އެމީހުންނަކީ ތަސައްރަފް ފުދިފަ ތިބި މީހުންނެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގައުމަށް ރަގަޅު ގޮތެއް ހޯދަން އުޅޭ ބަޔަކު މީހުންގެ ޒާތަށް ކުޑާމީސްވާ ގޮތަށް ބަސްތައް ރައްދު ނުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ދެކެފީމޭ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ އެއް ޓިކެޓެއްގަ ނައިބް ރައީސް ކަމަށް ހޮވިވަޑައިގަތް ބޭފުޅުން ވެރިކަމަށް ތިން ހަތަރު މަސް ދުވަސް ނުވެގެން އުޅެނިކޮށް ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ބަޣާވާތް ކުރަން އުޅުނު ދުވަސްވަރު އަޅުގަނޑުމެން ތަޖުރިބާ ކޮށްފިން. އަމިއްލައަށް ވީޕީސް އެމްޕީސް ގްރޫޕް ހަދައިގެން ރިސޯޓުތަކަށް ވަޑައިގެން ސައްލާކޮށް، މަސް ދަތުރަށް ގޮސް މަޖިލީސްކޮށް ހެދި މަންޒަރު އަޅުގަނޑުމެން މިތިބީ ތަޖުރިބާ ކޮށްފަ،" ޑރ. ޖަމީލަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭރު ރައީސުލްޖުމްހޫރިއްޔާގެ ގޮނޑި ފެނިގެން ރައީސް ޔާމީނާ ދެކޮޅަށް ނުކުމެ "ހާމާނަށް ހަދާ ގާރޫނަށް ހަދާ" އެމަނިކުފާނާ ދެކޮޅަށް ޖަމީލް ކިޔުއްވި އެއްޗެހި ހަނދާންނެތޭހާ ދުވަސް އަދި ނުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އެ ސަރުކާރު ބަދަލުވުމުން "ބޮޑުތަކުރުފާނު ޕޯޗުގީޒުންގެ މައްޗަށް ކުރިހޯދި ފަދަ ކާމިޔާބެއް" ހޯދިގެން އުޅުނުހެން އުޅުއްވި ކަމަށާއި ނަމަވެސް ދުވަސްކޮޅެއް ފަހުން އެ ސަރުކާރާ ދެކޮޅަށް ވެސް ނުކުންނެވި ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ސަރުކާރެއް އުފެދިގެން އަންނައިރު ތިމާމެން އެ ސަރުކާރެއްގެ ކެބިނެޓްގަ ނެތީވިއްޔާ އެ ސަރުކާރަކީ ކަމުދާ ސަރުކާރަކަށް ނުވާ ބޭބޭފުޅުން ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގަ މިހާރު ވެސް އެބަ ހަރަކާތްތެރިވޭ. އެބޭފުޅުން ކަރަށްނާރު އަރުވާފަ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން ކުރާ މަސައްކަތާ ދޭތެރޭގައި ދިވެހި ރައްޔިތުން ވިސްނާ ފިކުރު ހިންގަން ޖެހޭ ވަގުތު މިއޮތީ އައިސްފަ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާ ތަނަވަސް އަގުލަބިއްޔަތަކުން ރައީސް ވެރިކަމަށް ގެނައުމުން ވެސް ގްރޫޕް ހަދައިގެން ކުރާ ސައްލާއަށް ރައްޔިތުން އިޖާބަ ނުދޭނެ ކަމަށެވެ. މި ސަރުކާރުން އައީ ދިވެހީންގެ ރާއްޖެ ދިވެހިންނަށް ހޯދައިދޭން ކަމަށާއި، ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން އަރައިގަނެވޭނީ ރައީސަށް 10 އަހަރު ވެރިކަން ކުރުމުގެ ފުރުސަތު ދީގެން ކަމަށެވެ.

"އަޅުގަނޑުމެން އަމާޒު ހިފާފަ މިހިރީ ހިތްދަތިވާ ބަޔަކު ހިތްދަތި ވިޔަސް 10 އަހަރު ރައީސް މުއިއްޒަށް މިގައުމުގެ ވެރިކަން ކުރުމުގެ ފުރުސަތު ހޯދައިދޭން. ފަސް އަހަރު ދުވަހަކުން ރާއްޖެ ވެއްޓިފައި އޮތް ވަޅުގަނޑަކުން އަރައެއް ނުގަނެވޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު ރައީސް ޔާމީނާ މައްސަލަ ޖެހި ދެބޭފުޅުން ވަނީ ޕާޓީ ވަނީ ދެބައި ވެފަ އެވެ. ރައީސް ޔާމީން މިހާރު އުޅުއްވަނީ ވަކި ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ. އެމަނިކުފާނު ޕީޕީއެމްއާ ދުރަށް ވަޑައިގަތް ނަމަވެސް އޭރުގެ ލީޑާޝިޕް އޮތީ ރައީސް މުއިއްޒުގެ ފަހަތުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.