މަސްވެރިންނަށް 600 މިލިއަން | އިތުރު 50 މިލިއަން ދޫކޮށް، ބާކީ 147 މިލިއަން

ފިޝަރީޒް މިނިސްޓްރީން ބުނީ ރޯދަ މަސް ފެށުމުގެ ކުރިން ވާރުތަވީ ބެކްލޮގް އެއްކޮށް ކްލިއަ ކޮށްލެވޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.

މިނިސްޓަރު އަހްމަދު ޝިޔާމް ކޫއްޑޫއަށް ވަޑައިގެން އިހުތިޖާޖުގެ ބައިވެރިންނާއި ބައްދަލު ކުރައްވަނީ

މަސްވެރިންނަށް މިހާތަނަށް އެންމެ ފަހުން ދޫކުރި 50 މިލިއަން ރުފިޔާއާއެކު މަސްވެރިންނަށް ދިން ފައިސާގެ އަދަދު 600 މިލިއަނަށް އަރައި، ވާރުތަވީ ބެކްލޮގް 147 މިލިއަނަށް ކުޑަކޮށްފި އެވެ.

މަސްވެރިކަމާ ކަނޑުގެ ދިރުންތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މިދިޔަ ފެބްރުއަރީގައި 105 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާއިރު، އެންމެފަހުން މިމަހުގެ ފަސް ވަނަ ދުވަހު 50 މިލިއަން ރުފިޔާ ދޫކުރަން ފަށާފައިވާ ކަމަށެވެ. މި ބަދަލާއެކު ސަރުކާރު އައިއިރު މަސްވެރިންނަށް ނުދީހުރި 250 މިލިއަން ރުފިޔާގެ ބެކްލޮގް 147 މިލިއަން ރުފިޔާއަށް ކުޑަ ވެގެން ގޮސްފައިވާ ކަމަށެވެ. މިހާތަނަށް ކްލިއަ ކުރެވިފައިވަނީ ފެބްރުއަރީ 25 ވަނަ ދުވަހާ ހަމައަށް ހުރި ފައިސާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ

"އަޅުގަނޑުމެންގެ ޓާގެޓަކީ ރޯދަ މަސް ފެށުމުގެ ކުރިން ނުދީހުރި ހުރިހާ ފައިސާއެއް އެއްކޮށް ދީ ނިންމާލުން. ފައިސާ ޑިސްޕާސް ކުރުމުގައި ލަސްތަކެއް ހުރިނަމަވެސް އިރާދުކުރެއްވިއްޔާ ނިންމާލެވޭނެ،" ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަސްވެރިންގެ ބެކްލޮކް ކްލިއަ ކުރަމުން ގެންދަނީ އިގްތިސޯދަށް ގެއްލުންވަމުން ދިޔަ ފައިސާ ޗާޕު ކުރުމުގެ މަސައްކަތް ސަރުކާރުން ހުއްޓާލުމަށްފަހު އެވެ. އެކަން ހުއްޓާލީ އެކަމަކީ އާއްމު ރައްޔިތުންނަށް ގެއްލުންވާނެ ކަމަށް ވާތީ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މަހުގެ ބެކްލޮގެއް އުފެދުނީ - މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބޮޑު ބެގްލޮގެއް މަސްވެރިކަން ރަނގަޅު ދުވަސްވަރު އުފެދިގެން ގޮސްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް މަހުގެ އަގު 25ރ. އަށް ބޮޑު ކުރުމުންނެވެ. މިކަން ކުރި ސަބަބެއްގެ ގޮތުގައި ބުނީ އީޔޫއީން މަހުގެ ޑިއުޓީ ކަނޑާލަން ތައްޔާރުވުމެވެ. އެކަމަކު މިއީ ބޮޑު ދޮގެއްކަމަަށް މިކަމުގައި އިސްކޮށް އުޅުއްވާ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ. މިކަމުގެ ސަބަބުން ސަރުކާރަށް ވަނީ މަސްވެރިންގެ ބެގްލޮގް ސާފު ކުރަން ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. އަދި ޕްރަވެޓް ސެކްޓަރު ކުންފުނިތަކުން ވަނީ ކިލޯއަކުން 12ރ. ޓަަނަކުން ހާހެއްހާ ޑޮލަރުގެ ބޮޑު ގެއްލުމެއްވާތީ މަސް ގަތުން ހުއްޓާލާފަ އެވެ. އަދި މުޅިރާއްޖޭގެ ޕްރެޝަރު މިފްކޯއަށް އައިސް ވަނީ ސަލާމަތް ނުވާވަރުވެފަ އެވެ. މިކަމުގެ ސަބަބުން ޕްރައިވެޓް ކުންފުނިތަކަށް ގެއްލުންވެ އެ ކުންފުނިތަކުން މަސް ގަތުން ހުއްޓާލަން ޖެހުނެވެ. އަދި މި ދުވަސްވަރަކީ މަސްވެރިކަމަށް ރަނގަޅު ދުވަސް ވަރަކަށްވުމާއެކު މަސްވެރިން ދިޔައީ މަސް ބާނަމުންނެވެ. ނަތީޖާއަކީ ބެކްލޮގެއް އޮއްވައި ގިނަ އަދަދެއްގެ ފައިސާ މިފްކޯއިން ދޭން ޖެހި އެ ކުންފުނީގެ މާލިއްޔާ އަށް ލޮޅުން އެރުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.