ވެންޓިލޭޓަރު ހިޔާނާތުގެ 32 މިލިއަން ހޯދަން ދުބާއީ ކޯޓަކަށް

ވެންޓިލޭޓަރު މައްސަލައިގެ ތެރެއިން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ލިބުން ދުރު ނަމަވެސް، އެ ފައިސާ ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

ވެންޓިލޭޓަރު މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ދުބާއީގެ ކޯޓަކަށް ދިއުމުގެ ތައްޔާރީތައް ދަނީ ކުރަމުން --

ކޮވިޑް-19 ދުވަސްވަރު ކުރީ ސަރުކާރުން އޯޑަރު ކުރި ވެންޓިލޭޓަރުތަކުގެ ބަދަލުގެ ގޮތުގައި ދިވެހި ސަރުކާރަށް ލިބެންޖެހޭ 32 މިލިއަން ރުފިޔާ ހޯދަން ދުބާއީގެ ކޯޓަކަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ކޮވިޑް ތެރޭގައި ވެންޓިލޭޓަރުތަކެއް ހޯދަން ހަވާލު ކުރީ ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާ އެވެ. ވެންޓިލޭޓަރަށް އެޑްވާސް ފައިސާ ދެއްކި ނަަމަވެސް ވެންޓިލޭޓަރެއް ނުލިބުނެވެ. އަދި އެ ފައިސާ ހޯދޭނެ ގޮތެއް ވެސް ނުވި އެވެ. އެ ކުންފުންޏަށް ވެންޓިލޭޓަރު ގެނައުމަށް ހަވާލު ކުރުމުގައި ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

ކުރީ ސަރުކާރުން އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅި އެވެ. އަދި ދިވެހި ސަރުކާރާ އެއްކޮޅަށް މިދިޔަ މަހު އެ މައްސަލަ ވަނީ ނިމިފަ އެވެ.

އެކަމާ ގުޅިގެން މިއަދު އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އެ ކުންފުންޏަކީ ދުބާއީގެ ކުންފުންޏަކަށް ވީތީވެ، އެފައިސާ ހޯދަން މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުން ދަނީ ދުބާއީގެ ކޯޓަކަށް ކަމަށެވެ.

"އެ ކުންފުންޏަކީ ދުބާއީ ކުންފުންޏަކަށްވާތީ އެ އެންފޯސްމެންޓަށް ދުބާއީއަށް ދާން މިޖެހެނީ. އެހެންވީމަ އެންފޯސްމެންޓް މަސައްކަތް ކުރުމަށްޓަކައި ދުބާއީގެ ކޯޓްތަކަށް ހުށަހެޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު އެޓާނީ ޖެނެރަލްގެ އޮފީހުން ކުރިއަށް އެބަ ގެންދަން،" އުޝާމް ވިދާޅުވި އެވެ.

ވެންޓިލޭޓަރު މައްސަލައިގެ ތެރެއިން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ލިބުން ދުރު ނަމަވެސް، އެ ފައިސާ ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

އާބިޓްރޭޝަންގައި މައްސަލަ ކުރިއަށް ގެންދިއިރު ވެސް އެ ކުންފުނި ވީތަކެއް ނޭންގެ އެވެ. އުޝާމް ވިދާޅުވީ އެކުންފުނިން އެއްވެސް އަޑުއެހުމަކަށް ވެސް ހާޒިރުވެފައި ނުވާ ކަމަށެވެ. އަދި، ކުންފުނީގެ ފަރާތުން ޝަރީއަތުގައި ބަޔާނެއް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.

އާބިޓްރޭޝަނުން ނިންމާފައި ވަނީ ފޯރުކޮށްދީފައިނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ 1،888،750 ޑޮލަރު ދިވެހި ސަރުކާރަށް ދެއްކުމަށެވެ. އަދި މެއި 2، 2021 އިން ފެށިގެން މި ފައިސާ އެ ކުންފުނިން ސަރުކާރަށް ދެއްކުމާއި ހަމައަށް އިންޓްރެސްޓްގެ ގޮތުގައި އަހަރަކު ދެ ޕަސެންޓް ދައްކަން ޖެހޭނެ ކަމަށް ވެސް ވަނީ ކަނޑައަޅާފައިވެ އެވެ.

އަދި ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި 223،750 ޑޮލަރާއި އެވޯޑް ނެރޭ ތާރީހުން ފެށިގެން ލިކުއިޑޭޓެޑް ޑެމޭޖަސް ދިވެހި ސަރުކާރަށް ދެއްކުމާއި ހަމައަށް އިންޓްރެސްޓްގެ ގޮތުގައި އަހަރަކު ދެ ޕަސެންޓް ދައްކަން ވެސް ވަނީ ކަނޑައަޅާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.