ކޮމެޓީ އުވާލިއިރު 10 މީހަކަށް އެއް ބިލިއަނުގެ ބަދަލުދޭން އޮތީ ނިންމާފައި

ނަމަވެސް، އެ މައްސަލަތައް ރިވިއުކޮށް އަދި އޮޑިޓާ ޖެނެރަލްގެ އޮފީހުން ވެސް އެސެސްމެންޓެއް ހެދެންދެން އެ އެއްބަސްވުންތަކަށް އަމަލު ނުކުރަން ފިނޭންސް އަދި ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިހާރުގެ ބަންޑާރަ ނާއިބު އަހްމަދު އުޝާމް އަދި ކުރީގެ ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު: ސެޓްލްމެންޓް ކޮމެޓީ އުވާލިއިރު 10 މީހަކަށް އެއް ބިލިއަނުގެ ބަދަލުދޭން ނިންމާފައިވާ ކަމަށް ވަނީ ވިދާޅުވެފައި
  •  ބަދަލު ދޭން ނިންމާފައިވާ ފައިސާ އަދި ހަރުމުދަލުގެ އަގު އެއް ބިލިއަނަށް އަރާ
  •  އޭގެ ތެރެއިން ގިނައީ ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ދޫކުރަން ވެފައިވާ އެއްބަސްވުންތައް

ކުރީ ސަރުކާރުން އުފެއްދި ސެޓްލްމެންޓް ކޮމެޓީ މި ސަރުކާރުން އުވާލިއިރު، ބަދަލުދޭން ނިންމާފައިވާ 10 މީހެއްގެ މައްސަލަ އެ އޮފީހުން ރިވިއުކޮށް ނިމެންދެން ކުރިއަށް ނުގެންދަން އަންގައިފި އެވެ.

ސެޓްލްމަންޓް ކޮމިޓީއަކީ "ސަރުކާރާ އަމިއްލަ ފަރާތްކަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރުނާ ގޮތުގެ އުސޫލު" ގެ ދަށުން ކުރީ ސަރުކާރުން އުފެއްދި ކޮމެޓީއެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެ އުސޫލު ވަނީ އުވާލައްވާފަ އެވެ.

ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް އޭޖީ އޮފީހާއި ޑިފެންސް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބް އަހުމަދު އުޝާމް ވިދާޅުވީ، ސެޓްލްމެންޓް ކޮމެޓީ އުވާލުމަށްފަހު އެ ކޮމެޓީގެ އެންމެހާ ލިޔެކިޔުންތައް ރައީސް އޮފީހުން އެ އޮފީހާ ހަވާލުކޮށްފައިވާ ކަމަށެވެ.

ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އަދިވެސް އިތުރު 10 ފަރާތަކަށް ބަދަލު ދޭން ކުރީ ސަރުކާރުން އޮތީ ނިންމާފަ އެވެ. ނަމަވެސް، އެ މައްސަލަތައް ރިވިއުކޮށް އަދި އޮޑިޓާ ޖެނެރަލްގެ އޮފީހުން ވެސް އެސެސްމެންޓެއް ހެދެންދެން އެ އެއްބަސްވުންތަކަށް އަމަލު ނުކުރަން ފިނޭންސް އަދި ޓޫރިޒަމް މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ދޫކުރަން ވެފައިވާ އެއްބަސްވުންތައް ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.

މި 10 ފަރާތަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއް ބިލިއަން ރުފިޔާގެ ފައިސާ އަދި ހަރުމުދާ ދޭން އެއްބަސްވެފައިވާކަން ވެސް އުޝާމް ފާހަގަކުރެއްވި އެވެ.

"ޝަރީއަތުގަ ދައުލަތާ ދެކޮޅަށް ދައުވާކޮށްފަ ހުރި ފަރާތްތަކަށް، ވަރަށް ސާފުކޮށް ވިން ނުވާނެ ކަހަލަ މައްސަލަތައް ވެސް އެބަހުރި ސެޓްލްމެންޓް ކޮމެޓީން ސެޓްލް ކޮށްފަ. ބައެއް މައްސަލަތަކުގަ އެބަހުރި އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަކިގޮތަކަށް އަމަލު ކުރުމަށް ލަފާދީފަ، ނުވަތަ ވަކި ސެޓްލްމެންޓަކަށް ދާކަމަށް ވަނީނަމަ ވަކި މިންވަރެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ކަނޑައަޅާފަ ހުރި މައްސަލަތަކުގަ އެއަށްވުރެ ބޮޑެތި އަދަދުތަކުން ސެޓްލްކޮށްފަ ހުރި މައްސަލަތައް ވެސް އެބަހުރި،" އުޝާމް ވިދާޅުވި އެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި މިދިޔަ އަހަރު ފަސް އަހަރު ތެރޭގައި ދެ ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ދޫކޮށްފައިވާ ކަމަށް ސަރުކާރުގެ ފިޒިކަލް ހާލަތުގެ ބަޔާނުގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.