"ގައުމަށް ލިބިފައިވާ ކުރިއެރުންތައް ނޭންގޭ ބޭފުޅުން ސިޔާސީ މައިދާނުން ދުރަށް ވަޑައިގަންނަވާ"

"ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް އިރު ގައުމު އޮތް ހާލަތާ، ވޭތުވެ ދިޔަ ތިން މަހެއްހާ ދުވަސް ތެރޭގައި މި ހޯދި ކުރިއެރުމާ އަޅާ ކިޔާލަން އެނގިވަޑައިގަންނަވަން ނޭންގެންޏާ ރަގަޅު ވާނީ ސިޔާސީ މައިދާނުން ދުރަށް ވަޑައިގަތިއްޔާ،"

ރައީސްގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ: އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ވަނީ ވިދާޅުވެފައި --

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ގައުމު އޮތް ހާލަތާއި މިހާރު އޮތް ހާލަތާ އަޅާ ކިޔާއިރު، ގައުމަށް ލިބިފައިވާ ކުރިއެރުންތައް ނޭންގޭ ސިޔާސީ ވެރިން މައިދާނުން ދުރަށް ވަޑައިގަތުމަށް ސްޕެޝަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.

މ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުފުޅުގެ ތެރެއިން މިއަދު މުލަކަށް ވަޑައިގެން ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންނަށް ކަން އޮތް ގޮތް އޮޅުވާލަން އިދިކޮޅު ފަރާތްތަކުން ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

އެބޭފުޅުން ކިތަންވެ ވަރަކަށް ރައީސް މުއިއްޒާ ދެކޮޅަށް ދޮގު ވާހަކަތައް ދެއްކިޔަސް ރައްޔިތުން ދެން ގަބޫލު ނުކުރާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ. ވޭތުވެދިޔަ ފަސް އަހަރު ގައުމަށް ޖެއްސި ހާލަތު ރައްޔިތުން ހަނދާން ނުނެތޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހިންގެ މިނިވަންކަން ނަގާލީ އަމިއްލަ ފައިދާއަށްޓަކައި. ވޭތުވެ ދިޔަ ސަރުކާރަށް ބޭނުން ވެދިން އެހީތަކުން ދިވެހިންނަށް ކުރި މަންފާއެއް ނެތް. ދިވެހިރާއްޖެއަށް ލިބުނު ކުރިއެރުމެއް ނެތް. ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމެއް ނެތް. އެފައިސާއަށް ވީ ގޮތެއް ނޭންގެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަރުކާރު ނިމުނުއިރު ދަރާފައި ނެތް ކުންފުންޏެއް އަދި މިނިސްޓްރީއެއް ނެތް ކަމަށެވެ. ޕްރޮޖެކްޓްތައް ހިންގަން ގައުމުތަކުން ދިން ފައިސާތަކަށް ވީ ގޮތެއް ނޭންގޭ ކަމަށެވެ. ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ނުކުރުމަށް ވެސް އަބްދުއްރަހީމް ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފަ އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތް އިރު ގައުމު އޮތް ހާލަތާ، ވޭތުވެ ދިޔަ ތިން މަހެއްހާ ދުވަސް ތެރޭގައި މި ހޯދި ކުރިއެރުމާ އަޅާ ކިޔާލަން އެނގިވަޑައިގަންނަވަން ނޭންގެންޏާ ރަގަޅު ވާނީ ސިޔާސީ މައިދާނުން ދުރަށް ވަޑައިގަތިއްޔާ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މުލަކަށް ވަޑައިގެން ރައްޔިތުންނާ ސަލާމް ކުރައްވަނީ --

އަދި، ރައީސް ކަންކަން ކޮށްދެއްވަން ފެއްޓެވުމުން އެޔާ ދެކޮޅަށް ވާހަކަދެއްކުމަކީ ރައްޔިތުންނާ ދެކޮޅުވުން ކަމަށް ވެސް ވިދާޅުވި އެވެ. އެއް މިސާލަކަށް ފާހަގަކުރެއްވީ އެއާ އެމަބިއުލާންސް ތައާރަފް ކުރުމާއެކު އިދިކޮޅު ފަރާތްތަކުން ދައްކަން ފެށި ވާހަކަތަކެވެ. އެގޮތުން، އެއާޕޯޓް ނެތް ރަށްރަށަށް ކިހިނެއްތޯ ވާނީ ސުވާލުކުރަމުންދާއިރު، ސީ އެމަބިއުލާންސް އޮންނަކަން އެބޭފުޅުންނަށް ނޭންގޭތޯ އަބްދުއްރަހީމް އެއްސެވި އެވެ.

"ދިވެހީންގެ ވެރިކަން ދިވެހިންނަށް ކޮށްދޭން ނުކުތީމަ، އެކަން ކުރާން ފެށީމާ އެޔާ ދެކޮޅަށް ވަކާލާތު ކުރަން، އެޔާ ދެކޮޅަށް ޖަދަލު ކުރަން، އެޔަށް ފާޑުކިޔަން ނުކުންނަ މީހާ ވާނީ ގައުމުގެ ދުޝްމަނަކަށް. ރައްޔިތުން ހާއިނަކަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރެއްވި ކޮންމެ ބޭފުޅަކުވެސް ކޮށްދެއްވި ރަގަޅު ކަންކަން ލޯތްބާއި އިހުތިރާމާއެކު ބަލައިގަންނަ ކަމަށެވެ. ނަމަވެސް، ހަގީގަތް ހާމަކުރަން ފެށުމުން އެކަންކަން އެ ބޭފުޅުން ވެސް ބަލައިގަންނަން ޖެހޭނެ ކަމަށެވެ. ހަގީގަތް ހާމަކުރަން ސަރުކާރުން ޖެހިލުން ނުވާ ކަމަށާއި، ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދިނުމަކީ ލިބޭ އުފަލެއްކަން ވެސް ފާހަގަކުރެއްވި އެވެ.

މިއަދު ރާއްޖޭގެ ވެރިޔަކީ ޑރ. މުއިއްޒުކަން އެބޭފުޅުން ގަބޫލުކުރައްވަން ޖެހޭނެ ކަމަށާއި އަބަދު ތިމާމެންގެ އަތުގައި ބާރު ނޯންނާނެކަން ވެސް ގަބޫލު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.