ހަރަދު ހަމަޖައްސަން، ވިއްކަނީ 1.8 ބިލިއަން ރުފިޔާގެ ޓީބިލް

ކެމްޕޭންއާއެކު މި އަހަރަށް ފޯލްވި ބަޖެޓު ފޫބައްދަށް އިތުރަށް 16 ބިލިއަން ރުފިޔާ ބޭނުންވެ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު

ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ކުރަމުންދާ މަސައްކަތުގެ ދަށުން މިދިޔަ ހަފުތާގައި 1.8 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް ވިއްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއް ފަހަރު ހިންގާ ޓީބިލް ވިއްކުމުގެ އިއުލާނު ސިލްސިލާގެ އިއުލާނެއް މި ހަފުތާގައި ވިއްކަން ހުޅުވާލި ޓީބިލްގެ އަދަދު 1.8 ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ. 

ވިއްކަން ހުޅުވާލި ޓީބިލްގެ އަދަދުތައް

  • 28 ދުވަހުން ދައްކާ - 625 މިލިއަން ( 3.50 ޕަސެންޓް )
  • 99 ދުވަހުން ދައްކާ - 201 މިލިއަން (3.87 ޕަސެންޓް )
  • 182 ދުވަހުން ދައްކާ - 49 ބިލިއަން (4.23 ޕަސެންޓް )
  • 364 ދުވަހުން ދައްކާ - 985 ބިލިއަން (4.60 ޕަސެންޓް )

މިފަހަރު ވިއްކަން ހުޅުވާލި ޓީބިލްގައި އެންމެ ބޮޑު އަދަދެއް ހިމެނެނީ އެއް އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ 985 ރުފިޔާ އެވެ. 

ސަރުކާރުގެ ހަރަދުތައް މެނޭޖުކުރުމަށްޓަކައި ޓީބިލް ވިއްކުމަށް ހިންގާ އޮޕަރޭޝަންއަކީ ހަފުތާއަކު އެއް ފަހަރު ހިންގާ ހަރަކާތެވެ. މިގޮތަށް ވިއްކަން ހުޅުވާލުމުން ރާއްޖޭގެ އަމިއްލަ ބޮޑެތި ގިނަ ކުންފުނިތަކުން މި ޓީބިލް ގަނެވެ. ޓީބިލް ގަންނަ ފަރާތައް ލިބޭ ފައިދާއަކީ ވަކި މުއްދަތެއްގެ ތެރޭގައި މި އިންސްޓްރޫމަންޓް ގަތުމުން އަނބުދާ ދައްކާއިރު ރަނގަޅު ފައިދާއެއް ލިބުމެވެ. މިސާލަކަށް އެއް އަހަރު ދުވަހުގެ ޓީބިލް ގަންނަ ފަރާތްތަކަށް އެ ފައިސާ ލިބޭނީ މިހާރުގެ ގޮތުންނަމަ 4.60 ޕަސެންޓުގެ ފައިދާއަކާ އެކުގަ އެވެ.  ރާއްޖޭގައި މިފަހުގެ ތާރީހެއްގައި އެންމެ ގިނައިން ޓީބިލް ވިއްކާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މަސްވެރިން ބާނާ މަހުގެ އަގު ކުއްލިއަކަށް ބޮޑު ކުރުން ފަދަ ބަދަލުތައް ގެނައުމަށްފަހު އެ އަހަރު އަނބުރާ ދެއްކޭނެ ގޮތެއް ނެތުމުން މިދިޔަ ސަރުކާރުން އެއްފަހަރާ ފަސް ބިލިއަން ރުފިޔާގެ ޓީބިލް ވިއްކި އެވެ. 

މި ސަރުކާރުން ދާދިފަހުން ވަނީ މި އަހަރު ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ދަރަންޏަށް 550 މިލިއަން ޑޮލަރު (8.5 ބިލިއަން ރުފިޔާ) ދޭނޭ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ. ފިނޭންސުން އާއްމުކޮށް މިދިޔަ މި އަހަރުގެ ޖެނުއަރީ މަހު ކުރި އިއުލާނެއްގައި ބުނީ އެ ދަރަނި ސަރުކާރަށް ދޭނޭ މާލީ އެޖެންސީއެއް ހޯދަން އިއުލާން ކުރީ މި އަހަރު ބަޖެޓަށް ފައިސާ ހޯދަން ރާވާފައިވާ ސިޔާސަތުގެ ދަށުންނެވެ. މިއީ ރާއްޖޭގައި އަލަށް ކުރި ކަމެކެވެ. 

މި އަހަރު ބަޖެޓަށް 16 ބިލިއަން ބޭނުންވޭ

މި އަހަރު ބަޖެޓުގެ ހަރަދުތައް ހަމަޖެއްސުމަށް ސަރުކާރަށް  16.3 ބިލިއަން ރުފިޔާ ބޭނުންވެ އެވެ. މި ފައިސާގެ ތެރޭން އެތެރޭގެ ބާޒާރަށް ޓީބިލާއި އިސްލާމިކް އިންސްޓްރޫމަންޓް ވިއްކައިގެން ހޯދަން ކަނޑައަޅާފައިވަނީ 3.1 ބިލިއަން ރުފިޔާ އެވެ. އެތެރޭގެ ބާޒާރަށް ޓްރެޝަރީ ބޮންޑް ވިއްކައިގެން 800 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.  އަދި ބޭރުގެ ފަރާތްތަކުން ލޯނު ނަގައިގެން  4.7 ބިލިއަން ރުފިޔާ ހޯދާއިރު،  ބޭރުގެ ބަޖެޓް ސަޕޯޓް ލޯން ބޮންޑް އަދި ސްކޫކް 6.9 ބިލިއަން ރުފިޔާ ހޯދާނެ އެވެ. އަދި ގްރީން ނުވަތަ ބްލޫ ބޮންޑް ވިއްކައިގެން 771 މިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ. 

ޓީބިލް - ޓީބިލްއަކީ އާމްދަނީ ހޯދަން ނަގާ ދަރަންޏެކެވެ. ސަރުކާރުން ޓީބިލް ވިއްކުމުން ގަންނަނީ ބޭންކްތަކާއި ޕެންޝަލް ފަންޑު ފަދަ އިންސްޓިޓިއުޓްތަކުންނެވެ. މިދިޔަ އަހަރުގެ ނިޔަލަށް ޓީބިލް އާއި އިސްލާމިކް އިސްޓްރޫމަންޓްތަކުގެ ނުދައްކާ ހުރި އަދަދު 40.82 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.