ރައީސް އެދިވަޑައިގަތީ ކައުންސިލުތަކަށް ފިޔަވަޅު އަޅާ ހުރަސްތައް ކުރިމަތި ނުކުރަން

"އެއްވެސް ގޮތަކަށް ކައުންސިލްތަކަށް ފިޔަވަޅު އަޅާ ކައުންސިލްތަކަށް ހުރަސް ކުރިމަތިކޮށް ދަތި ކުރުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީދޫ ގައި ވާހަކަފުޅު ދައްކަވަނީ

ކައުންސިލުތަކަށް ފިޔަވަޅު އަޅާ ހުރަސްތައް ކުރިމަތި ނުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރައީސް މިކަމަށް އެދިވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅުތަކާއި ގުޅޭގޮތުން ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގުމާއި ގުޅިގެންނެވެ.

ދ. މީދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކައުންސިލްތައް ބާރުވެރި ކުރުވުން ކަމަށެވެ. ކައުންސިލްތަކަށް ފުރިހަމަ މިނިވަން ކަަމާއި ހައިސިއްޔަތު ދެއްވާނެ ކަމަށާ އެ ފުރުސަތު ހުރިހާ އިދާރާ އަކުން ވެސް ދޭން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވާ ކައުންސިލް އިމާރާތްތައް ހަދައިދީ މަސައްކަތް ކުރެވޭނެ ފަހި މާހައުލެއް ގާއިމު ކޮށް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ކައުންސިލްތައް ބާރުވެރި ކުރުވުމުގެ ބޭނުމުގައި ކުރާ މަސައްކަތްތަކެއް ކަމަށެވެ.

"އެއްވެސް ގޮތަކަށް ކައުންސިލްތަކަށް ފިޔަވަޅު އަޅާ ކައުންސިލްތަކަށް ހުރަސް ކުރިމަތިކޮށް ދަތި ކުރުމަކީ އަޅުގަނޑުގެ ސިޔާސަތެއް ނޫން. އެހެން ކަމުން އެފަދަ އެއްވެސް ކަމެއް ލޯކަލް ގަވާމަންޓް އޮތޯރިޓީން ވެސް ކުރުމަކީ އަޅުގަނޑު ތާއީދު ކުރާނެ ކަމެއް ނޫން،"

ރައީސް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސަށް އެޑްރެސްކޮށް އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައަކަށްވެފައި ކައުންސިލްތަކަށް ލިބިދީފައިވަނީ އާންމު ހިދުމަތްތައް ދިނުމާއި އެ ހިދުމަތްތައް ހިންގުމަށް ބޭނުންވާ ބާރުތައް ކަމަށްވާތީ އަދި ކައުންސިލްތަކުން ހިންގާ ހަރަކާތްތަކާއި ހިދުމަތްތައް ދޭން ވާނީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކަމަށެވެ.

އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި އަދި ނިންމަވާ ނިންމެވުންޔަކާއި ދެކޮޅަށް ކައުންސިލްތަކުން ނޫސްބަޔާން ނެރުމަކީ ކައުންސިލްތަކަށް ލިބިފައިވާ ގާނޫނީ ބާރެއް ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާތަކާއި މަސްއޫލިއްުޔަތުތައް އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލުތައް ބެހެއްޓުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާ ރައްޔިތުންގެ އަގުލަބިއްޔަތުން އިންތިހާބު ކޮށް ދައުލަތް ހިންގުމުގެ ޒިންމާ މަތިކޮށްފައިވާ އެ ޒިންމާ އަދާ ކުރުމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުގެ އެއްވެސް އިދާރާ އަކުން / ކައުންސިލަކުން ކަންކަން ކުރުމަކީ އެލްޖީއޭ އިން ކުށްވެރި ކުރާ ކަމެއް ކަމަށެވެ.

ކެނދިކުޅުދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެމަނިކުފާނުގެ އިސްތަށިފުޅުގައި ހަގީގަތާއި ހިލާފު އިލްޒާމް އަޅުއްވާ ނޫސްބަޔާން ނެރުމަކީ އެލްޖީއޭ އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ. އަދި އިއްޔެގެ ނިޔަލަށް ކައުންސިލް ބަޔާން ބާތިލުކޮށް އެކަން އަންގަން ވެސް އެދިފައިވެ އެވެ.

އެ ކައުންސިލްގެ ރައީސް އިއްޔެ ވިދާޅުވީ ބަޔާން ބާތިލު ކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތުމުން ބަޔާން ބާތިލު ނުުކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ބަދަލު ގައި ކައުންސިލަރުން ވަނީ އަނގަ މަތީ ޓޭޕް އަޅައިގެން ތިބެ އެލްޖީއޭގެ ނިންމުމާއި ދެކޮޅުކަން ހާމަކުރުމަށް ފޮޓޯ ނަގާ އާންމުކޮށްފައެވެ. އަނގަ މަަތީ އަޅާފައިވާ ޓޭޕް ގައި "އެލްޖީއޭ" ޖަހާފައިވެ އެވެ.

މާޗް ދެވަނަ ދުވަހުގެ ތާރީހު ގައި ކެނދިކުޅުދޫ ކައުންްސިލްގެ އިދާާރާގެ ލެޓަހެޑް ގައި "ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ހިފައި ރަސްމީ ދަތުރުފުޅުގެ ނަމުގައި ކެމްޕެއިން ހަރަކާތްތައް ހިންގުން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން" ކަމަށް ބުނެ ބަޔާނެއް ވަނީ އާންމުކޮށްފައެވެ. އެ ބަޔާނުގައި އެއްވެސް ކައުންސިލަރަކު ސޮއިކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.