ސަރުކާރުން އިންޑިއާ ކުންފުންޏަކަށް ޖަމާކުރި 3.6 މިލިއަން ޑޮލަރު ގެއްލުނު މައްސަލައެއް

"އަޅުގަނޑު މިއުޅެނީ އަދި އަދަށްދާންދެން ވެސް އެ ކުންފުނި ހުރި ތަނެއް ވެސް، ވާހަކަ ދައްކަން ޖެހޭ މީހެއް ވެސް، އެކުންފުނީގެ ފަރާތުން މިދެންނެވި ޕޮލިސް ސްޓޭޝަންތައް އަޅަން ކުރިއަށް ދާން ޖެހޭ ގޮތް ވެސް އަދި ނުހޯދިގެން،"

އިންދިރާ ޕްރޮޖެކްޓްސް ޖޭވީއަށް މަޝްރޫއު ހަވާލު ކުރުމުގެ އެއްބަސްވުމުގައި ކުރީގެ ފުލުސް ކޮމިޝަނަރު ސޮއިކުރެއްވުމަށްފަހު އެއްބަސްވުން ބަދަލު ކުރަނީ -- ފުލުސް

ފުލުހުންގެ އުމްރާނީ ވަސީލަތް ގާއިމް ކުރަން މިދިޔަ ސަރުކާރުން ހަވާލުކުރި އިންޑިއާގެ އިންދިރާ ޕްރޮޖެކްޓް ޖޮއިންޓްވެންޗާ ކުންފުންޏަށް ޖަމާކުރި 3.6 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 55 މިލިއަން ރުފިޔާ) "ގެއްލުނު" މައްސަލައެއް ބަލަން ފަށައިފި އެވެ. 

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ކެޕްޓަން އަލީ އިހުސާން ވިދާޅުވީ ސަރުކާރާއެކު އެއްބަސްވުމެއް ހަދައިގެން 61 ރަށެއްގައި ފުލުސް އިމާރާތް އަޅަން ހަވާލުކުރި އިންދިރާ ޕްރޮޖެކްޓްސް ކުންފުންޏަށް ދިވެހި ސަރުކާރުން ޖަމާކުރި 3.6 މިލިއަން ޑޮލަރު ގެއްލުނު މައްސަލައެއް ބަލައިދޭން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. 

އިންދިރާ ޕްރޮޖެކްޓްސްއަށް މިދިޔަ ސަރުކާރުން 61 ޕޮލިސް ފެސިލިޓީއާއި އިމާރާތް ބިނާކުރަން 48 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

މިނިސްޓްރީގައި ހުރި ލިޔެކިތުންތަކާ ހަވާލާދީ އިހްސާން ވިދާޅުވީ އެ ޕްރޮޖެކްޓްގައި ސޮއިކޮށްފައި ވަނީ 85 ޕަސެންޓް އިންޑިއާގެ އެގްޒިމް ބޭންކުން އަދި އަނެއް 15 ޕަސެންޓް ދިވެހި ސަރުކާރުން ދައްކާ ގޮތަށް ކަމަށެވެ. ނަމަވެސް އެ ލޯނު ހަމަޖައްސައިދެވެން ނެތް ކަމަށް އެ ބޭންކުން އަންގާފައިވާއިރު، ސަރުކާރުން އެޑްވާސް ފައިސާ މާ ކުރިން ދައްކާފައިވާ ކަމަށެވެ.

"އެއްވެސް ފައިސާއެއް އިންޑިއާގެ އެގްޒިމް ބޭންކަމުން ދައުލަތަކަށް ނުލިބޭ އޭރަކުއެއް ވެސް. ނުލިބި އޮއްވާ 7 މާޗް 2023 ގައި ސަރުކާރުން ދައްކައިފި މިދެންނެވި ކުންފުންޏަށް 3.6 މިލިއަން ޔޫއެސް ޑޮލަރު. މި ކުންފުންޏަކީ ރާއްޖެއިން ބޭރުން ފައިސާގެނެސް ޕޮލިސް ސްޓޭޝަންތައް އަޅައިދޭ ނަމުގަ އައި ކުންފުންޏެއް. އެކަމަކު ކުންފުންޏަށް ފުރަތަމަ ފައިސާ މި ދައްކަނީ ސަރުކާރުން،" އިހްސާން ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ، އޮގަސްޓް 13، 2023 ގައި، އެ ޕޮލިސް ސްޓޭޝަންތައް އަޅަން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށެވެ. އެޑްވާންސަށް ދެއްކި 3.6 މިލިއަން ޑޮލަރަކީ އެ ފައިސާގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމަށް ހިމަނައިދިނުމަށް އޭރުގެ ފިނޭންސް މިނިސްޓްރީން އިންޑިއާ ސަރުކާރުގައި އެދިފައިވާ ކަމަށް ލިޔެކިޔުންތަކުން ފެންނަން ހުރި ކަމަށް ވެސް އިހްސާން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު މިއުޅެނީ އަދި އަދަށްދާންދެން ވެސް އެ ކުންފުނި ހުރި ތަނެއް ވެސް، ވާހަކަ ދައްކަން ޖެހޭ މީހެއް ވެސް، އެކުންފުނީގެ ފަރާތުން މިދެންނެވި ޕޮލިސް ސްޓޭޝަންތައް އަޅަން ކުރިއަށް ދާން ޖެހޭ ގޮތް ވެސް އަދި ނުހޯދިގެން،" އިހްސާން ވިދާޅުވި އެވެ.

ފުލުހުން ބުނީ އަންނަ އާދިއްތަ ދުވަހު ފުލުހުން މި މައްސަލައިގައި މިހާތަނަށް ހޯދިފައިވާ ހޯދުންތަކުގެ މައުލޫމާތު މީޑިއާ އަށް ހިއްސާ ކުރާނެ ކަމަށެވެ.

އިހްސާން ވިދާޅުވީ މި ޕޮލިސް ސްޓޭޝަންތައް އަޅައިދެއްވާނެ ކަމަށެވެ. ނަމަވެސް އެކަން ވާނެ ވަކި ދުވަހެއް ވިދާޅެއް ނުވެ އެވެ.

އިންދިރާ ޕްރޮޖެކްޓް ކޮން ބައެއް ؟ - އިންދިރާ ޕްރޮޖެކްޓްސް ކުންފުނި ރާއްޖޭގައި ޖޭވީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 2022 ވަނަ އަހަރު އެވެ. މި ކުންފުނި ޖޭވީ ޕާޓްނަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ އަޝޯކާ ބިލްޑްކޮމް ކުންފުންޏާއި އިންދިރާ ޕްރޮޖެކްޓް ޑިވްލޮޕްމަންޓް، ޑެމިލްނާޑޫ ކިޔާ ކުންފުންޏެވެ. މި އަޝޯކާ ކުންފުނީގެ ރާއްޖޭގެ ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި ހުރި ކަމަށް ދައްކަނީ ދަންފަޕާލް ބަލަގޯޕާލް ކިޔާ އިންޑިއާ މީހެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.