ފެނަކަ އޮތީ ރޭޕްކޮށްފައި، އެމްޑީ ކިޔައިިދިނީ ފިތްކަނޑައިގެންދާ ވަރުގެ ހިޔާނާތުގެ ވާހަކަތައް

"މީގެ ކުރީ ސަރުކާރުން [ރައީސް ސޯލިހްގެ ސަރުކާރުން] މި އޮތީ މި ފެނަކަ ކޯޕަރޭޝަން ރޭޕް ކޮށްފައި. ހަމަ ރޭޕް ކޮށްފައި މި އޮތީ،" ފެނަކަ މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ ވަރަށް ގިނަ ކަންކަން ތަފްސީލު ކޮށްދެއްވާ މުއާޒް ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދުގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަނީ
  •  4.3 ބިލިއަންގެ ދަރަނި އޮތް
  •  502 ޖެންސެޓުން 302 ޖެންސެޓް ވަނީ ހަލާކުވެފައި
  •  އެއްވެސް ވަރަކަށް މެއިންޓަނަސް ނުކުރޭ
  •  ދަތުރުފަތުރު ކުރުމަށް އަހަރަކު 100 މިލިއަން
  •  އޮފީސް އިމާރާތްތައް ކުރީ ދެ ގުނަ ބޮޑު އަގުގައި

ކުރީ ސަރުކާރުން އޮތީ ފެނަކަ ކޯޕަރޭޝަން "ރޭޕް" ކޮށްފައި ކަމަށް ސިފަކޮށް އެ ކުންފުނީގެ ތެރޭގައި ހިންގާފައިވާ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ތަފްސީލާ އެކު، އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު ވިދާޅުވެ ދެއްވައިފި އެވެ.

ރައީސް މުއިއްޒު ބ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ގައި ކެންދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެެއްވުމަށް މިއަދު ހަވީރު ބޭއްވި ޖަލްސާ ގައި ވާހަކަ ދައްކަވަމުން ފެނަަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވަނީ އެ ކުންފުނީގެ ހާލަތު ވަރަށް ތަފްސީލުކޮށް ވިދާޅުވެ ދެއްވާފައެވެ. އަދި އެ ކުންފުނީގެ ތެރޭގައި މިދިޔަ ސަރުކާރުން ހިންގާފައިވާ ހިޔާނާތުގެ އެތައް މައްސަލަތަކެއް ފާހަގަ ކުރެއްވި އެވެ.

މުއާޒު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ފެނަކަ އޮތީ 4.3 ބިލިއަން ރުފިޔާ އިން ދަރުވާލާ ފައެވެ. ކުންފުނީގެ ހާލަތަށް ބެލުމެއް ނެތި ހިތުހުރި އަދަދަކުން މުވައްޒިފުން ގެންދިޔައީ ނަގަމުންނެވެ. ކުންފުންޏަށް އާމްދަނީ ގޮތުގައި މަހަކު ލިބެނީ 120 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 86 މިލިއަން ރުފިޔާ ހޭދަ ކުރަމުން އައީ ކުންފުނީގައި ތިބި 8،000 ވުރެ މުވައްޒިފުންގެ މުސާރައަށް ކަމަށް މުއާޒް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ބަޔަކު ދުވަހަކު ވެސް މިފަދަ ގޮތަކަށް ކުންފުންޏެއް ނުހިންގާނެ ކަމަށެވެ.

"މީގެ ކުރީ ސަރުކާރުން [ރައީސް ސޯލިހްގެ ސަރުކާރުން] މި އޮތީ މި ފެނަކަ ކޯޕަރޭޝަން ރޭޕް ކޮށްފައި. ހަމަ ރޭޕް ކޮށްފައި މި އޮތީ،" މުއާޒް ވިދާޅުވި އެވެ.

ފެނަކަ އިން ހިންގި މަޝްރޫއު އެއްގެ ނިމުން ފާހަގަ ކުރުމުގެ ރަސްމިއްޔާތު ގައި ކުރީގެ ރައީސް ސޯލިހާއި ފެނަކައިގެ ކުރީގެ އެމްޑީ ސައީދު

މުއާޒް ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުގެ ވެރީންގެ އަމަލުތައް ހުރި ގޮތުން ފެނަކަ ކޯޕަރޭޝަން ގިނަ ބަޔަކަށް އެނގެނީ ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި އެވެ. މަގާމާއި ހަވާލުވެވަޑައިގެން ކަންކަން ހުރި ގޮތް ބެލުމުން އެއީ ހަގީގަތެއް ކަން އެނގިވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވި އެވެ. ހުރިހާ ކަމެއްހެން ކޮށްފައި ވަނީ ކޮރަޕްޝަނާއި ފަސާދައަށް ފުރުސަތު ފަހިކޮށްގެން ކަމަށް މުއާޒް ވިދާޅުވި އެވެ.

އެއް މިސާލެއްގެ ގޮތުން ފާހަގަ ކުރެއްވީ ރަށްރަށު ގައި ހުރި ޖެންސެޓްތައް މަރާމާތު ނުކޮށް ޖެންސެޓް ގަތުން ވިޔަފާރި އަކަށް ހަދާފައި އޮތް އޮތުމެވެ. މުއާޒް ވިދާޅުވީ ފެނަކައިގެ ބުރާންޗް ތަކުގައި 502 ޖެންސެޓް ބޭނުން ކުރާއިރު އޭގެ ތެރެއިން 302 ދެ ޖެންސެޓް ވަނީ ހަލާކުވެފައެވެ. ޖެންސެޓްގެ މެއިންޓެނަންސްއަށް އެއްވެސް މަސައްކަތެއް މިދިޔަ ފަސް އަހަރު ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އެކަމުގެ ބޭނުމަކީ އާ ޖެންސެޓް ގަނެ އެ ވިޔަފާރި ބަޔަކަށް ދީގެން ކޮރަޕްޝަންގެ ތެރެއިން ފައިސާ ހޯދުމެވެ. މުއާޒް ވިދާޅުވީ މެއިންޓެނަންސް އަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތަސް 100 މިލިއަން ރުފިޔާ މެއިންޓެނަންސްއަށް ހަރަދު ކުރާ ކަމަށް ލިޔެކިޔުންތަކުގައި ޖަހާ އެ ފައިސާ ހުރީ ނަގާފައި ކަމަށެވެ. އަދި ކުންފުނީގައި ހުރި ގިނަ ރޭޑިއޭޓަރުތައް ހުރީ ހަލާކުވެފައި ކަމަށް ވިދާޅުވި އެވެ.

"ފެނަކަ އިން އޮތީ މިކަން ބޮޑު ވިޔަފާރިއަކަށް ހަދާފައި. މިގޮތަށް ހަދާ އިންޖީނުތައް ހަލާކުކޮށްފައި އަނެއްކާ އާ އިންޖީނުތައް ގެނެސް ފައި ބޮޑު ވިޔަފާރިއެއްގެ ގޮތަށް ކޮށްފައި އޮތީ. ހިސާބުތަކުން ވަރަށް ސާފުކޮށް ފެންނަން އޮތް ކަންތައްތަކެއް މި ދެންނެވީ،"

ފެނަކައިގެ ހިދުމަތް 157 ރަށުގައި ދެމުންދާއިރު ކުންފުނީގެ ސާވިސް ސެންޓަރެއް ނެތް ކަމަށާ އެކަން ވެސް ނުކޮށް އޮތީ އެކި މީހުންނަށް ބޮޑު އަގުގަށް މަސައްކަތް ދީގެން ވަކި ބަޔަކަށް މަންފާ ހޯދާ ދިނުމަށް ކަމަށް ތުހުމަތު ކުރެެއްވި އެވެ. މުއާޒް ވިދާޅުވި ގޮތުގައި ފުލްފްލެޖް ސާވިސް ސެންޓަރެއް ހަދަން ހަރަދުވަނީ 60 މިލިއަން ރުފިޔާ އެވެ. ނަމަވެސް ކޮންމެ އަހަރަކު އޭގެ ދެ ގުނަ ފައިސާ ދިޔައީ ސާވިސް ކުރުމުގެ ނަމުގައި ހަރަދު ކުރަމުންނެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދުގެ ބައްދަލްވުމުގައި

މީގެ އިތުރުން ފެނަކައިގެ އެކި ބޭނުންތަކަށް ދަތުރުފަތުރު ކުރުމަށް މިދިޔަ އަހަރު އެކަނި ވެސް 117 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް މުއާޒް ވިދާޅުވި އެވެ.

"ކޮންމެ އަހަރަކު އެވްރެޖްކޮށް 100 މިިލިއަން ރުފިޔާ ހޭދަކުރޭ ހަމައެކަނި ޓްރާސްޕޯޓަށް. އެކަމަކު ފެނަކައިގެ ނެތް ދޯންޏެއް. ފެނަކައިގެ ނެތް ލޭންޑިން ކްރާފްޓެއް. މިއީ ހާލަތު. ބޮޑު އަގުގައި ދެނީ، ނާޖައިޒުކޮށް ދެނީ މީހުންނަށް. ވިޔަފާރިތައް ދެނީ. އެހެން ގެންގޮސް މި ކުންފުންޏަށް މިވަނީ 4.3 ބިލިއަން ރުފިޔާގެ ދަރަނި މި އޮތީ އެޅިފައި،"

ފެނަކައިގެ ދަރަނި އެންމެ ބޮޑީ އެސްޓީއޯ އަށް ކަން ފާހަގަ ކުރައްވާ މުއާޒް ވިދާޅުވީ ދަރަނީގެ ތެރެއިން ދެ ބިލިއަން ރުފިޔާ އަކީ ޑީސަލްއަށް ދޭން ޖެހޭ ފައިސާ ކަމަށެވެ. މީގެ އިތުރުން ފެނަކައަށް ސަރުކާރުން ދޭ ފައިސާގެ ތެރެއިން އަހަރު ދުވަހަށް އެޑްވާންސްކޮށް ސަބްސިޑީސްގެ ފައިސާ ވެސް އޮތީ ނަގާފައި ކަމަށް ވިދާޅުވި އެވެ.

އޮފީސްތައް އެޅުމަށް ބޮޑު ހަރަދެއް، އެކަމުގައި ވެސް ކޮރަޕްޝަން

މުއާޒް ވިދާޅުވި ގޮތުގައި މިދިޔަ ފަސް އަހަރު ފެނަކަ ކޯޕަރޭޝަންގެ ތެރޭގައި ހިންގާފައި ވަނީ ވަރަށް ބޮޑު ޖަރީމާތަކެކެވެ. އިތުރު މިސާލެއްގެ ގޮތުން ފާހަގަ ކުރެއްވީ ރަށްރަށު ގައި ފެނަކަ އޮފީސް އިމާރާތް ކުރުމަށް ހިންގި މަޝްރޫއުތަކެވެ.

އޭގެ ތެރެއިން 60 ޕްރޮޖެކްޓް އޮތީ ހުއްޓިފައި ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ މަސައްކަތްތަކަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް މުއާޒް ވިދާޅުވި އެވެ. މިއީ މާކެޓް ރޭޓަށް ބަލާއިރު ވަރަށް ބޮޑު އަދަދެއް ކަން ފާހަގަ ކުރައްވާ މިއީ ވެސް ވަކި ބަޔަކަށް މަންފާ ހޯދަން ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމުގައި ވިދާޅުވި އެވެ.

"..23 މިލިއަން ރުފިޔާ ދާންވާ ތަނަކަށް މިހާރު ވެސް 55 މިލިއަން ރުފިޔާ އެތައް ތަނަކަށް ހިނގައްޖެ. މިއީ ހާލަތަކީ. 23 މިލިއަން ރުފިޔާ އިން މާކެޓްގައި ނިމޭ އޮފީސް އިމާރާތަކަށް 55 މިިލިއަން ރުފިޔާ ހަރަދުކުރި އިރުގައި 60 ޕަސެންޓް ނުނިމޭ،"

ފެނަކައިން ބައެއް މަސައްކަތް ކުރި އަގާއި މާކެޓުގައި އެކަން ކުރެވޭ އަގުތައް

ހިޔާނާތާއި ފަސާދައިގެ ސަބަބުން ހުރިހާ ދައްޗަކާއި ތުރާލެއް އޮތީ ރައްޔިތުންނަށް ކަމަށާ އެކަމުގެ ސަބަބުން އެތައް ކުންފުންޏެއް ބަނގުރޫޓް ވެފައިވާ ކަމަށް ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ ފެނަކަ ހެޑް އޮފީސް ހުޅުވާއިރު ކިއުގައި އެތައް ބަޔަކު ފައިސާ ހޯދަން އައިސް ތިބެ އެވެ. އެއީ ކުންފުނިތަކުގެ ވެރީންގެ މައްސަލައެއް ނޫން ކަމަށާ އެއީ ފެނަކައިން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ކަމަށް ވިދާޅުވި އެވެ. އަދި އަމާޒަކީ ފައިސާ ދެވޭނެ މިންވަރެއް ކަނޑައަޅާ ކުރިއަށް އޮތް ދެ އަހަރާއި ހަ މަސް ދުވަސް ތެރޭ ހުރިހާ ފައިސާއެއް ދީ ހަލާސް ކުރުން ކަމަށް ވިދާޅުވި އެވެ.

"މި ހުރިހާ ސަޕްލަޔަރުން، މި ހުރިހާ ކުދި ވިޔަފާރިވެރީން އަޅުގަނޑުމެން ފަހަތުން ދުވަނީ. އަޅުގަނޑުމެންގެ ކުންފުނީގައި ނެތް އެކީ އެއް ފަހަރާ މި ކުންފުނިތަކަށް ދޭނެ ފައިސާއެއް،"

ހިޔާނާތުގެ މައްސަލަތައް އޭސީސީއަށް

މުއާޒް މިއަދު ވިދާޅުވީ ފެނަކައިގެ ތެރޭގައި ކުރީ ސަރުކާރުގެ ވެރީން ހިންގާފައިވަނީ ދޫކޮށްނުލެވޭނެ މިންވަރުގެ ވަރަށް ބޮޑެތި ހިޔާނާތްތަކެއް ކަމަށެވެ. އެ މައްސަލަތައް މިހާރު ބަލަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި މައްސަލަތައް އޭސީސީއަށް ހުށައަޅާނެ ކަމަށް ވިދާޅުވި އެވެ.

އެހެން ވިދާޅުވުމުގެ ކުރީން ވެސް މުއާޒް ވަނީ ހިޔާނާތުގެ އިތުރު މައްސަލައެއް ތަފްސީލު ކޮށް ދެއްވާފައެވެ. އެ ގޮތުން މަޑަވެލި-ހޯނޑެއްދޫ ސީޕީއެސް އެޅުމަށް ހިންގި ޕްރޮޖެކްޓް ފާހަގަ ކުރެއްވި އެވެ. މުއާޒް ނިސްބަތް ވަނީ ވެސް މަޑެވެއްޔަށް ކަން ފާހަގަ ކުރައްވާ ވިދާޅުވީ މަޑަވެލި-ހޯނޑެއްދޫ ސީޕީއެސް އަޅަން 22 މިލިއަން ރުފިޔާ މިދިޔަ ސަރުކާރުން ހަރަދު ކުރި ކަމަށެވެ.

ނަމަވެސް ފެންނަން ހުރީ ހަމައެކަނި ކޮނެލާފައި ހުރި ވަޅުގަނޑެއް ކަމަށް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އަވަހަށް އިރާދަކުރެއްވިއްޔާ މި މައްސަލަތައް އޭސީސީއަށް އަޅުގަނޑުމެން ފޮނުވާނަން. މިއީ ރައްޔިތުންނަށް ވެފައިވާ ވަރަށް ބޮޑު ހިޔާނާތެއް،" 

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދުގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަނީ

ފެނަކަ ސަލާމަތް ކުރާނެ

ސަރުކާރު ބަދަލުވީއިރު އެންމެ ހާލަތު ގޯސްކޮށް އޮތީ ފެނަކައިގެ އެވެ. އެކަން ސަރުކާރުން ވަނީ އެކި ފަހަރު މަތީން ހާމަ ކޮށްފައެވެ. އެ ވާހަކަ ތަކުރާރު ކުރައްވާ މުއާޒް މިއަދު ވެސް ވިދާޅުވީ ފެނަކަ އޮތީ ކޮޅަށް ތެދުވެ ހިނގައިގަންނަން ލައްްކަ މަސައްކަތް ކުރަން ޖެހޭ ހާލަތު ގައި ކަމަށެވެ.

ނަމަވެސް އިތުބާރާ އެކު ވިދާޅުވީ ކުންފުނީގެ ހާލަތު ރަނގަޅު ކުރާނެ ކަމަށެވެ. އެކަމަށްޓަކައި ހަރަދު ކުޑަކޮށް ކޮރަޕްޝަނާއި ފަސާދައަށް ހުރި ހުރިހާ މަގެއް ބަންދު ކުރާނެ ކަމަށް ވިދާޅުވި އެވެ. ފެނަކަ ކޮޅަށް ޖެހުމަށް ރައީސް މުއިއްޒުގެ ފުރިހަމަ އިރުޝާދު ލިބިވަޑައިގަންނަވާ ކަަމަށް މުއާޒް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ކުންފުނި ސަލާމަތް ކުރާނަން،" މުއާޒް ވިދާޅުވި އެވެ.

ކޮމެންޓް

1
450
ބޮކަރުމާގެ ސަކީނާގެ ދަރި
1 month ago

'ރޭޕް' މި ބަސް މިހެން ބޭނުންކުރުމަކީ އޭގެ ހަގީގީ މާނައާއި މަފްހޫމް ގެއްލޭނެ ކަމެއް. ފެނަކައިގެ އާ އެމްޑީއެއް ކަމަކު، މިފަދައިން މި ބަސް ބޭނުންކުރުމަކީ ރަނގަޅު ކަމެއް ނޫން!

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.