ބަޔާން ބާތިލު ނުކުރަން ކެނދިކުޅުދޫ ކައުންސިލް ނިންމައިފި

އެ ކައުންސިލްގެ ރައީސް މިއަދު ވިދާޅުވީ ބަޔާން ބާތިލު ކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތުމުން ބަޔާން ބާތިލު ނުުކުރަން ނިންމާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު، ކެނދިކުޅުދޫ ކައުންސިލް މެންބަރުންނާ އެކު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅުތަކާއި ގުޅޭގޮތުން ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުމަށް ތަބާނުވާނެ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސަށް އެޑްރެސްކޮށް އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައަކަށްވެފައި ކައުންސިލްތަކަށް ލިބިދީފައިވަނީ އާންމު ހިދުމަތްތައް ދިނުމާއި އެ ހިދުމަތްތައް ހިންގުމަށް ބޭނުންވާ ބާރުތައް ކަމަށްވާތީ އަދި ކައުންސިލްތަކުން ހިންގާ ހަރަކާތްތަކާއި ހިދުމަތްތައް ދޭން ވާނީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކަމަށެވެ.

އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި އަދި ނިންމަވާ ނިންމެވުންޔަކާއި ދެކޮޅަށް ކައުންސިލްތަކުން ނޫސްބަޔާން ނެރުމަކީ ކައުންސިލްތަކަށް ލިބިފައިވާ ގާނޫނީ ބާރެއް ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާތަކާއި މަސްއޫލިއްުޔަތުތައް އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލުތައް ބެހެއްޓުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާ ރައްޔިތުންގެ އަގުލަބިއްޔަތުން އިންތިހާބު ކޮށް ދައުލަތް ހިންގުމުގެ ޒިންމާ މަތިކޮށްފައިވާ އެ ޒިންމާ އަދާ ކުރުމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުގެ އެއްވެސް އިދާރާ އަކުން / ކައުންސިލަކުން ކަންކަން ކުރުމަކީ އެލްޖީއޭ އިން ކުށްވެރި ކުރާ ކަމެއް ކަމަށެވެ.

ކެނދިކުޅުދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެމަނިކުފާނުގެ އިސްތަށިފުޅުގައި ހަގީގަތާއި ހިލާފު އިލްޒާމް އަޅުއްވާ ނޫސްބަޔާން ނެރުމަކީ އެލްޖީއޭ އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ.

"ނޫސްބަޔާނުގައި ސޮއި ނެތުމާއި އަދި ކައުންސިލުން ނޫސްބަޔާނަށް ޒިންމާވާނެ ފަރާތެއްގެ ނަން ނެތުމަކީ ނޫސްބަޔާނުގެ ސައްހަ ކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމުގައި ދަންނަވަމެވެ،"

އެހެން ކަމުން ގާނޫނުގެ ހަމަތަކާއި ކައުންސިލްގެ ބާރާއި މަސްއޫލިއްޔަތުން ބޭރުން ކެނދިކުޅުދޫ ކައުންސިލުން ނެރެފައިވާ ނޫސްބަޔާން ބާތިލުކޮށް މިއަދު މެންދުރު 2:00 ގެ ކުރީން އެކަން އެންގުމަށާއި އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އެލްޖީއޭ އިން ވަނީ އެ ކައުންސިލަށް އަންގާފައެވެ.

އެ ކައުންސިލްގެ ރައީސް މިއަދު ވިދާޅުވީ ބަޔާން ބާތިލު ކުރަން ޖެހޭ ގާނޫނީ ސަބަބެއް ނެތުމުން ބަޔާން ބާތިލު ނުުކުރަން ނިންމާފައިވާ ކަމަށެވެ. އޭގެ ބަދަލު ގައި ކައުންސިލަރުން ވަނީ އަނގަ މަތީ ޓޭޕް އަޅައިގެން ތިބެ އެލްޖީއޭގެ ނިންމުމާއި ދެކޮޅުކަން ހާމަކުރުމަށް ފޮޓޯ ނަގާ އާންމުކޮށްފައެވެ. އަނގަ މަަތީ އަޅާފައިވާ ޓޭޕް ގައި "އެލްޖީއޭ" ޖަހާފައިވެ އެވެ.

މާޗް ދެވަނަ ދުވަހުގެ ތާރީހު ގައި ކެނދިކުޅުދޫ ކައުންްސިލްގެ އިދާާރާގެ ލެޓަހެޑް ގައި "ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ހިފައި ރަސްމީ ދަތުރުފުޅުގެ ނަމުގައި ކެމްޕެއިން ހަރަކާތްތައް ހިންގުން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން" ކަމަށް ބުނެ ބަޔާނެއް ވަނީ އާންމުކޮށްފައެވެ. އެ ބަޔާނުގައި އެއްވެސް ކައުންސިލަރަކު ސޮއިކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.