"މެއި 10 ގެ ފަހުން ކުލަ ހެދުމުގައި ވެސް އިންޑިއާ ސިފައިން ނުތިބޭނެ"

"އެހެންވީމަ 10 މެއި އަށް ދާއިރު ރާއްޖޭގައި ނުތިބޭނެ އިންޑިއާ ސިފައިންނެއް. އެއީ ޔުނީފޯމްގަތޯ، ކުލަ ހެދުމުގަތޯ އެއް ނޫން. އެއްވެސް ކަހަލަ ހެދުމެއްގައެއް އިންޑިއާ ސިފައިންނެއް މި ރާއްޖެއަކު ނުތިބޭނެ . އެކަން ޔަގީންކަމާ އެކު ދަންނަވަން،"

ރައީސް ޑރ. މުހައްމަދު މުއިއްޒު: ކުލަ ހެދުމުގައި ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށް ވަނީ ވިދާޅުވެފައި --

އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ފަހުން އިންޑިއާ ސިފައިން ރާއްޖޭގައި ކުލަ ހެދުމުގައި ވެސް ނުތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން އިންޑިއާ އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އޭވިއޭޝަން ތިން ޕްލެޓްފޯމްގެ ތެރެއިން އެއް ޕްލެޓްފޯމް ގައި ތިބި އިންޑިއާ ސިފައިން މިމަހުގެ 10 ވަނަ ދުވަހު ގެންދިއުމަށް ވަނީ އެއްބަސްވެފަ އެވެ.

އެހެން ކަމުން، އައްޑޫ ސިޓީ ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލްކޮޕްޓަރު ދުއްވުމަށް ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ހެލްކޮޕްޓަރު އޮޕަރޭޓް ކުރުމަށް ސިވިލިއަން ކުރޫ އެއް ވަނީ ރާއްޖެ ގެނެސްފަ އެވެ. އިދިކޮޅު ފަރާތްތަކުން ދަނީ އެއީ ވެސް އިންޑިއާ ސިފައިން ކަމަށް ތުހުމަތު ކުރަމުންނެވެ.

ފަތުރަމުންދާ ވާހަކަތަކަށް ރައީސް ރައްދު ދެއްވީ ރޭ ބ. އޭދަފުށީގައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އިންޑިއާއާއެކު ޑިޕްލޮމެސީގެ ރީތި އުސޫލުގެ ތެރެއިން ރާއްޖެއިން ވެފައިވާ އެއްބަސްވުމުގެ ދަށުން، އެންމެ ލަސްވެގެން މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށެވެ. 

"ދެން މިކަން ވެސް އަޅުގަނޑުމެންނަށް ކުރެވޭތީ އަނެއްކާވެސް ދޮގު ހަދާ މީހުންނަށް އާދަވެފަ މިއޮންނަނީ ދޮގު ހަދަން. އެ މީހުން [އިންޑިއާ ސިފައިން] އެ ފައިބަނީއެއް ނޫނޭ، ޔުނީފޯމް ބަދަލުކޮށްލައިގެން ކުލަ ހެދުމުގައި އަންނަނީއޭ، މި ކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ހިތްތަކުގައި ޝައްކު އުފައްދައި ދޮގު ފެތުރުމަކީ އަޅުގަނޑުމެން ފުރުސަތު ދީގެން ވާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ކަންކަން އިއުލާނު ކުރާ ގޮތަށް އެކަމެއް ކުރަމުން ދާނެ ކަމަށެވެ. 


"އެހެންވީމަ 10 މެއި އަށް ދާއިރު ރާއްޖޭގައި ނުތިބޭނެ އިންޑިއާ ސިފައިންނެއް. އެއީ ޔުނީފޯމްގަތޯ، ކުލަ ހެދުމުގަތޯ އެއް ނޫން. އެއްވެސް ކަހަލަ ހެދުމެއްގައެއް އިންޑިއާ ސިފައިންނެއް މި ރާއްޖެއަކު ނުތިބޭނެ އިރާދަކުރެއްވިއްޔާ. އެކަން ޔަގީންކަމާ އެކު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު އެންމެ ގިނައިން ތަކުރާރު ކުރައްވާ -- އެންމެ ހަރުއަޑުން ވެވަޑައިގެންނެވި ވައުދުފުޅެވެ. އެ ވައުދުފުޅާއި އެއްގޮތަށް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންގޮސް ދިނުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިވަޑައިގެންފަ އެވެ. އަދި ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީގެ ބައްދަލްވުމަށް ފަހު ދެ ގައުމުގެ އިސްވެރީންގެ މެދުގައި މަޝްވަރާތައް ފެށުމާ އެކު ސިފައިން ގެންގޮސް ނިންމަން ތާރީހެއް ވެސް ކަނޑައެޅި އެވެ.

ސަރުކާރުން ހޯދާފައިވާ މައުލޫމާތުތަކަށް ބިނާކޮށް، ރައީސް އޮފީހުން ބުނީ އިންޑިއާ ސިފައިންގެ 88 މީހަކު ރާއްޖޭގައި އެެބަ ތިބި ކަމަށެވެ. އެއީ އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ހެލްކޮޕްޓަރާއި ޑޯނިއާގެ އޮޕަރޭޝަނަށް ރާއްޖޭގައި ގާއިމުވެ ތިބި 50 ސިފައިންނާއި އެ ނޫން އެކި ކަންކަމުގައި ރާއްޖޭގައި ތިބި ސިފައިންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.