ކައުންސިލުތަކަށް ނުފޫޒު ފޯރުވާ ބާރު ކަނޑުވާލުމަށް ދަނީ މަސައްކަތް ކުރަމުން: އެމްޑީޕީ

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ސަރުކާރަށް ގޮވާލަނީ 'އެޓޯލްސް' މިނިސްޓްރީ މެދުވެރިކޮށް ބިރު ދެއްކުން ހުއްޓާލާ އަދި 'އެޓޯލްސް' މިނިސްޓްރީ އުވާލުމަށެވެ،"

އެމްޑީޕީހގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާ -- | ޔާމިން މުހައްމަދު / މިނޫސް

ރައީސް ޑރ. މުއިއްޒު މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުތަކަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރައްވައިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމަނިކުފާނު ކެމްޕެއިން ކުރެއްވުމަށް ކުރައްވަމުން ގެންދާ ދަތުރުތަކެއް ކަމަށް ސިފަކޮށް ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއިން ނެރުނު ނޫސްބަޔާން އަނބުރާ ގެންދިއުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ އިން އެ ކައުންސިލަށް އެންގި އެންގުން އެމްޑީޕީން ކުށްވެރި ކޮށްފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކާ ބެހޭ ވުޒާރާއެއް އުފައްދަވާ ކަމަށް އިއުލާނުކުރުމާ ހިސާބުން ވެސް އެމްޑީޕީގެ ކަންބޮޑުވުން ފާޅުކުރީ އެ ނިންމެވުމަކީ ކައުންސިލްތަކަށް ނުފޫޒު ފޯރުވާ އެ ކައުންސިލްތަކަށް އެމްޑީޕީ ސަރުކާރުން ދިން ގާނޫނީ ބާރުވެރިކަން ކަނޑުވާލުމަށްޓަކައި ކުރެއްވި ކަމެއްގެ ގޮތުގައި ދެކޭތީ ކަމަށެވެ.

ކައުންސިލްތަކުން ނެރޭ ބަޔާންތައް އަނބުރާ ގެންދިއުމަށް އެންގުމާއި ކައުންސިލްތަކުން ނިންމާ ނިންމުންތަކާމެދު ބިރުދެއްކުމުގެ ނިޔަތުގައި ލޯކަލް ގަވަންމަންޓް އޮތޯރިޓީ މެދުވެރިކޮށް ސުވާލު ކުރުމަކީ އަލުން އަނެއްކާވެސް 2013 ގައި އުފެދުނު ޕީޕީއެމްގެ ވެރިކަމުގައި ކައުންސިލްތަކަށް ރައްޔިތުންގެ އިންތިހާބުކޮށްފައިވާ ކައުންސިލަރުންގެ މުސާރަ އުނިކޮށް ސަސްޕެންޑްކޮށް ކައުންސިލްތަކުގެ ބާރު އަނެއްކާވެސް ކަނޑުވާލުމުގެ ފިކުރު ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އެ ސިޔާސަތު އިއާދަކުރުމަށް ކުރަމުންދާ ކަމެއް ކަމަށް ދެކޭ ކަމަށް ވެސް ބުންޏެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ސަރުކާރަށް ގޮވާލަނީ 'އެޓޯލްސް' މިނިސްޓްރީ މެދުވެރިކޮށް ބިރު ދެއްކުން ހުއްޓާލާ އަދި 'އެޓޯލްސް' މިނިސްޓްރީ އުވާލުމަށެވެ،" މި ސަރުކާރުން އުފެއްދި ލޯކަލް ކައުންސިލް މިނިސްޓްރީން އުވާލަން ގޮވާލާ އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅުތަކާއި ގުޅޭގޮތުން ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިއްޔެ ވަނީ އަންގާފައެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސަށް އެޑްރެސްކޮށް އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައަކަށްވެފައި ކައުންސިލްތަކަށް ލިބިދީފައިވަނީ އާންމު ހިދުމަތްތައް ދިނުމާއި އެ ހިދުމަތްތައް ހިންގުމަށް ބޭނުންވާ ބާރުތައް ކަމަށްވާތީ އަދި ކައުންސިލްތަކުން ހިންގާ ހަރަކާތްތަކާއި ހިދުމަތްތައް ދޭން ވާނީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކަމަށެވެ.

އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި އަދި ނިންމަވާ ނިންމެވުންޔަކާއި ދެކޮޅަށް ކައުންސިލްތަކުން ނޫސްބަޔާން ނެރުމަކީ ކައުންސިލްތަކަށް ލިބިފައިވާ ގާނޫނީ ބާރެއް ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާތަކާއި މަސްއޫލިއްުޔަތުތައް އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލުތައް ބެހެއްޓުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާ ރައްޔިތުންގެ އަގުލަބިއްޔަތުން އިންތިހާބު ކޮށް ދައުލަތް ހިންގުމުގެ ޒިންމާ މަތިކޮށްފައިވާ އެ ޒިންމާ އަދާ ކުރުމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުގެ އެއްވެސް އިދާރާ އަކުން / ކައުންސިލަކުން ކަންކަން ކުރުމަކީ އެލްޖީއޭ އިން ކުށްވެރި ކުރާ ކަމެއް ކަމަށެވެ.

ކެނދިކުޅުދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެމަނިކުފާނުގެ އިސްތަށިފުޅުގައި ހަގީގަތާއި ހިލާފު އިލްޒާމް އަޅުއްވާ ނޫސްބަޔާން ނެރުމަކީ އެލްޖީއޭ އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ.

"ނޫސްބަޔާނުގައި ސޮއި ނެތުމާއި އަދި ކައުންސިލުން ނޫސްބަޔާނަށް ޒިންމާވާނެ ފަރާތެއްގެ ނަން ނެތުމަކީ ނޫސްބަޔާނުގެ ސައްހަ ކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމުގައި ދަންނަވަމެވެ،"

އެހެން ކަމުން ގާނޫނުގެ ހަމަތަކާއި ކައުންސިލްގެ ބާރާއި މަސްއޫލިއްޔަތުން ބޭރުން ކެނދިކުޅުދޫ ކައުންސިލުން ނެރެފައިވާ ނޫސްބަޔާން ބާތިލުކޮށް މާދަމާ މެންދުރު 2:00 ގެ ކުރީން އެކަން އެންގުމަށާއި އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އެލްޖީއޭ އިން ވަނީ އެ ކައުންސިލަށް އަންގާފައެވެ.

މާޗް ދެވަނަ ދުވަހުގެ ތާރީހު ގައި ކެނދިކުޅުދޫ ކައުންްސިލްގެ އިދާާރާގެ ލެޓަހެޑް ގައި "ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ހިފައި ރަސްމީ ދަތުރުފުޅުގެ ނަމުގައި ކެމްޕެއިން ހަރަކާތްތައް ހިންގުން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން" ކަމަށް ބުނެ ބަޔާނެއް ވަނީ އާންމުކޮށްފައެވެ. އެ ބަޔާނުގައި އެއްވެސް ކައުންސިލަރަކު ސޮއިކޮށްފައެއް ނުވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.