އަމާޒަކީ މަސްވެރީންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ރޯދައިގެ ކުރީންދީ ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދޭން ފެށުން

"ރޯދަ މަސް އަންނަން ވާއިރަށް މިބަލަނީ ކޮންމެވެސް ކަހަލަ ފައިނޭންސިން މެކެނިޒަމެއް [ގާއިމު ކުރެވޭތޯ] އެކަން އެބަ ކުރަން މިހާރު،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުވާފަރު ގައި

އަމާޒަކީ މަސްވެރީންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ރޯދައިގެ ކުރީންދީ ކިރުވާ މަހަށް 48 ގަޑިއިރުތެރޭ ފައިސާ ދޭން ފެށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މަސްވެރި ކަމުގައި ފާހަގަ ކޮށްލެވޭ ރ. ދުވާފަރުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް މުއިއްޒު މިއަދު ވިދާޅުވީ އެެމަނިކުފާނުގެ ސަރުކާރު ވެރިކަމަށް އައި ފަހުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވިއިރު 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަސްވެރީންނަށް ނުދީ އޮތް ކަމަށާ އެ ފައިސާ ދައްކަމުންދާ ކަމަށެވެ. ނަމަވެސް އަދި ވެސް މަސްވެރީންނަށް ދޭން ޖެހޭ ފައިސާ އެބަހުރި ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރޯދައިގެ ކުރީން ހުރިހާ ފައިސާއެއް ދީ ނިންމުމަށް ކަމަށް ވިދާޅުވެ އެކަމަށް ކުރައްވާ މަސައްކަތް ވިދާޅުވެ ދެއްވި އެވެ.

"ރޯދަ މަސް އަންނަން ވާއިރަށް މިބަލަނީ ކޮންމެވެސް ކަހަލަ ފައިނޭންސިން މެކެނިޒަމެއް [ގާއިމު ކުރެވޭތޯ] އެކަން އެބަ ކުރަން މިހާރު. ފިޝަރީޒް މިނިސްޓްރީއާ ސަރުކާރުގެ ބޮޑު ކުންފުންޏަކާ އެކީގައި މަސައްކަތް ކޮށްގެން ހަމަޖެހިފައި އޮންނަ ގާނޫނީ އުސޫލުގެ ތެރެއިން އަޅުގަނޑު މި ބަލަނީ ފައިސާ ހަމަޖައްސާފައި -- ވައުދެއް ނޫން މިއަކީއެއް -- މަސައްކަތް އެބަ ކުރަން މަސްވެރީންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމޭތޯ،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުވާފަރު ގައި

ރައީސް ތަކުރާރު ކުރައްވާ ވިދާޅުވީ އެއީ ވައުދެއް ނޫން ކަމަށާ ނަމަވެސް އެކަން ކާމިޔާބު ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ ބެކްލޮގް ފިލުވާލުމަށް ފަހު ދެން އޮތީ ކިރާ މަހަށް އެންމެ ލަސް ވެގެން 48 ގަޑިއިރު ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވީ އެކަމަށް ކަމަށާ ވެވަޑައިގެންނެވި އެއްވެސް ވައުދުތަކާއި ހިލާފުވެވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު ކުރެއްވި ހުވާގެ ކޮންމެ އިބާރާތެއް މުހިންމު ކަމެއް ކަމަށާ އެގޮތުގައި ދެމި ހުންނަވާނެ ކަމަށެވެ.

"އެއްވެސް ކަމެއްގައި މިހާތަނަށާް ދޮގު ހަދާފައެއް ނުވާނެ. ކުރިއަށް އޮތްތާ ވެސް އެފަދަ ކަމެއް ނުކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު ވަނީ ދުވާފަރަށް ވެވަޑައިގެންފައިވާ ވައުދުތައް ތަކުރާރު ކުރައްވާ އެ ވައުދުތައް ފުއްދަވާނެ ކަމަށް ވިދާޅުވެފައެވެ.

  •  ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމުކޮށް ދިނުން
  •  ދާއިމީ ގޮތެއްގައި އަންހެނުންނާއި ކުޑަކުދީންގެ ހާއްސަ ޑޮކްޓަރެއް ބެހެއްޓުން
  •  ސްޕޯޓްސް ކޮމްޕެލްސްއެއް ގާއިމު ކުރުން
  •  ބެންކުގެ ބްރާންޗެއް ގާއިމު ކުރުން
  •  ސުކޫލް ބަހުގެ ހިދުމަތް ފެށުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުވާފަރު ގައި

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވެވަޑައިގެންނެވި މިންވަރަށް މިވަގުތު ކަންކަން ކޮށްދެއްވެން ނެތީ ދައުލަތުގެ މާލީ ހާލަތު އޮތް ގޮތުން ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރު ބަދަލުވީއިރު ހަމައެކަނި ދިވެހި ކުންފުނިތަކަށް ނުދީ ނުވަ ބިލިއަން ރުފިޔާ އޮތް ކަމަށެވެ.

އެއީ ކުންފުނިތައް ލައްވާ ރަށްރަށުގައި ހިންގަމުން ދިޔަ ނަރުދަމާ ގާއިމު ކުުރުމާއި ފެނުގެ ނިޒާމު ގާއިމު ކުުރުމާއި ވޮލީ ކޯޓާއި މިސްކިތްތައް މަރާމާތު ކުރުމާއި ސުކޫލު އިމާރާތް ކުރުން ފަދަ ކަންކަން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ސަރުކާރާއި ހަވާލުވުމަށް ފަހު އެ ފައިސާތައް ދައްކަން ފަށާފައިވާ ކަމަށެވެ. ސުކޫލު އިމާރާތް ކުރުމާއި ގުޅޭ ގިނަ މަސައްކަތްތަކެއް ހުއްޓިފައިވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެފަދަ ކުންފުނިތަކަށް 130 މިލިއަނަށް ވުރެ ގިނަ ފައިސާ އެޑިއުކޭޝަން މިނިސްޓްރީން ދައްކާފައިވާ ކަމަށެވެ.

"ކުދިކުދި ކުންފުނިތައް ވަނީ ބަނގުރޫޓް ކޮށްލާފައި. އެއީ ފެނަކަ އިން އެ ކުންްފުނިތައް ލައްވާ މަސައްކަތް ކުރުވާފައި ފައިސާ ނުދީ އޮތީ،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.