އީޔޫގެ ހިލޭ އެހީ ގިނައިން ދިނީ ހުޅުމާލެ ގެސްޓްހައުސްތަކަށް

އީޔޫގެ ހިލޭ އެހީގެ މި ފަންޑުން 65 ސަފާރީއަކާއި 341 ގެސްޓްހައުސްއަކަށް އެކި މިންވަރަށް ފައިސާ ދީފައި ވެއެވެ.

ހުޅުމާލޭގައި ހިންގަމުން ގެންދާ ގެސްޓްހައުސްއެއް

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދުގައި އެންމެ ހާލު ބޮޑުވީ މާލެއާ ދުރުގެ ވިޔަފާރިތަކެވެ. ހާއްސަކޮށް ގިނަ އަދަދެއްގެ އާއްމުން ހިއްސާވާ ގެސްޓްހައުސް ވިޔަފާރިއަށެވެ. އެހެންވެ އެ ސިނާއަތަށް އެހީވާން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިދިޔަ ސަރުކާރަށް ދެ މިލިއަން ޔޫރޯ ދިނެވެ. މިއީ ހިލޭ ބަހަން ދިން ފައިސާ އެކެވެ. މި ފައިސާ ސަރުކާރުން ބަހަން ނިންމީ ކޮވިޑް-19 އަށްފަހު އެންމެ ބޮޑަށް ބޭނުން ޖެހިފައި އޮތް ޓޫރިޒަމްގެ ކުދިމެދުފަންތީގެ ވިޔަފާރިތަކަށެވެ. 

މި ފަންޑު ބަހަން ސަރުކާރުން އޭރު ހަވާލުކުރީ އިކޮނޮމިކް މިނިސްޓްރީން ގޮތް ކިޔާ ސަރުކާރު ކުންފުނި މޯލްޑިވްސް ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އަށެވެ. "އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަ މޯލްޑިވްސް" ގެ ނަމުގައި މި ފަންޑު ލިބިފައި ވަނީ 2021 ވަނަ އަހަރު އެވެ. ނަމަވެސް މި ފަންޑުގެ ފައިސާ ކުދިމެދުފަންތީގެ ވިޔަފާރިތަކަށް ދީފައިވަނީ 2022 އަހަރު އެވެ. 

ސަރުކާރުގެ ރަސްމީ އިދާރާގެ އޮނިގަނޑުގެ ތެރޭން "މި" ނޫހަށް ލިބިފައިވާ މި ލިޔުންތައް ދައްކާ ގޮތުގައި އީޔޫގެ މި ހިލޭ އެހީ އެންމެ ގިނައިން ލިބިފައި ވަނީ ކޮވިޑް-19 ގެ ސަބަބުން އެންމެ އަވަހަށް ރިކަވާވި އަދި އެންމެ ގިނަ ކަރަންޓީން ޓޫރިސްޓުންގެ ސަބަބުން ގެއްލުމުން އަވަހަށް އަރައިގަތް މާލެ ސަރަހައްދުގެ ގެސްޓްހައުސް ތަކަށެވެ. 

އީޔޫ ހިލޭ އެހީ ގިނައިން ލިބުނު ރަށްތައް

  • ހުޅުމާލެ - 36 ގެސްޓްހައުސް
  • ކ. މާފުށި - 21 ގެސްޓްހައުސް
  • އއ. ތޮއްޑޫ - 19 ގެސްޓްހައުސް
  • ތުލުސްދޫ - 17 ގެސްޓްހައުސް
  • އއ. ރަސްދޫ - 14 ގެސްޓްހައުސް
  • ކ. ގުރައިދޫ - 14 ގެސްޓްހައުސް
  • ދިއްފުށި - 13 ގެސްޓްހައުސް
  • ފުލިދޫ - 11 ގެސްޓްހައުސް
  • ދިގުރަށް - 11 ގެސްޓްހައުސް
  • ކެޔޮދޫ - 9 ގެސްޓްހައުސް
  • ދަރަންވަންދޫ - 7 ގެސްޓްހައުސް
  • ކެލާ - 6 ގެސްޓްހައުސް

ބެހީ ކިހާ ވަރެއް ؟ ޔޫރަޕިއަން ޔޫނިއަންގެ އީޔޫ ސަޕޯޓް ފޯ އަ ރެޒީލިއަންޓް ރިކަވަރީ އޮފް އެސްއެމްއީ ޓޫރިޒަމް އިންޑަސްޓްރީ އިން ދަމޯލްޑިވްސް މި ފަންޑުގެ ދަށުން 32.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި ފައިސާގެ ތެރޭން ގެސްޓްހައުސްތަކާއި ސަފާރީތަކަށް 25 މިލިއަން ރުފިޔާ ދީފައިވެ އެވެ. މި އެހީ 65 ސަފާރީއަކާއި 341 ގެސްޓްހައުސްއަކަށް ލިބުނު ކަމަށް ދައްކަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.